(25 މެއި 2025 ގެ ނޫހާއި ގުޅޭ)
ޝުޢައިބު އަށް ވާހަކަ އިތުރަށް ކުރިޔަށް ނުގެންދެވި ވާހަކަ މެދު މެދު ކަނޑާލިއެވެ. މިކަމުގެ ސަބަބުން އޭނާގެ ހިތަށް މިއަދު ވަރަށް އަސަރު ކޮށްފިއެވެ. އަދި ސުރައްޔާ އަށް އެހާ ބޮޑެތި ބަދަލު ތަކެއް އަތުވެދާނޭ ކަމުގައި އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ.
ޝުޢައިބު އާއި ސުރައްޔާގެ މިވާހަކަތައް އިވޭ ހިސާބުގައި އަޑުއަހަން ޒޭނާ ހުއްޓެވެ އަދި އެވާހަތައް އިވުމުން އެކަމާއި ޒޭނާވެސް ވަރަށް ދެރަވިއެވެ. ޒޭނާގެ ހިތަށް އެރިއެވެ. ޝުޢައިބުގެ ހިތުގައި ސުރައްޔާއި މެދު އަދިވެސް ހަރުދަނާ ލޯތްބެއް އެބަ އޮތެވެ. ސުރައްޔާ އޭނާއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި ވިޔަސް އެހިތުން ސުރައްޔާގެ ހަނދާންތައް ހިނދުކޮޅަކަށް ވެސް ފިލާނުދެއެވެ. ސުރައްޔާ އަށް އައިސްފައި އެވާ ހެޔޮ ބަދަލު ފެނި ޒޭނާގެ ހިތުގައި ސުރައްޔާ އާއި މެދު ހަމްދަރުދީ އުފެދުނެވެ. ޒޭނާ އެދެމީހުންގެ ގާތަށް ގޮސް އެތަނުގައި ހުރި ގޮނޑި އެއްގައި ސުރައްޔާ ބޭންދިއެވެ. އަދި ސުރައްޔާގެ ގާތުގައި ޒޭނާ ބުންޏެވެ.
" ސުރައްޔާ، ޝުޢައިބު ކަލޭގެ ގާތުގައި އެދުނު ފަދައިން އަޅުގަނޑު ވެސް ކަލޭގެ ގާތުގައި އެދޭ ވަރަށް ބޮޑު އެދުމެއް އެބަ އޮތް. ސާރާ ދޫކޮށްލާފައި އެނބުރި ނުގޮސް އަޅުގަނޑުމެންނާއި އެކު މިތަނުގައި މަޑުކޮށްދިނުން. ސާރާ އަށް މިއަދު ކަލޭގެ ލޯބި ވަރަށް ބޭނުން ވާނެ. އޭނާ ނުފެންނަ ހިސާބަށް މިވަގުތު ދިޔުމަކީ އޭނާގެ ހިތަށް ވަރަށް އަސަރު ކުރާނެ ކަމެއް. ސާރާ އަޅުގަނޑުމެންނާއި އެކު މިގަނޑުވަރުގައި އުޅުނު ކަމުގައި ވިޔަސް އޭނާ ސުރައްޔާ ދެކެ ވަރަށް ލޯބިވޭ. ސުރައްޔާ އެނބުރި ދިޔުމުން ސާރާ މަންމަ ނެތް ކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ކުރާނެ. "
" ސުރައްޔާ، މަންމަ އެއްގެ ލޯބިން ދަރިޔަކު މަހުރޫމު ވުމުން ކުރާނޭ އަސަރު އެންމެ ބޮޑަށް އިހުސާސު ކުރި އެކަކަށް ވާނެ މީހެއް އަޅުގަނޑަކީވެސް. މަންމަ އަކާއި ނުލާ މިހާތަނަށް އުޅެމުން ގެންދިއުމުން މަންމައެއްގެ ލޯބިން މަހުރޫމުވި މީހަކަށްވެ އެކަމުގެ ފަޅުކަން އިހުސާސް ކުރިން. އަޅުގަނޑުގެ ފަރާތުން ސާރާ އަށް އެއްވެސް ކަމެއް އުނި ވިޔަ ނުދީ މަންމައެއްގެ ފުރިހަމަ ލޯބި ދެވޭތޯ ބަލަން. އެކަމަކު ސާރާ އަށް އެނގޭނެ އޭނާގެ އުފަން މަންމަ އަކީ އަޅުގަނޑު ނޫންކަން. އޭނާގެ މަންމަ އަކީ ސުރައްޔާ ކަން އެނގޭނެ. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑު މަންމަ އެއްގެ ލޯބިން މަހުރޫމުވީ ގޮތަށް އެދަރީންނަށް އެފަދަ ދުވަހެއް ފެންނާކަށް. ވީމާ ސުރައްޔާ އެނބުރި ނުގޮސް މިތަނުގައި މަޑުކޮށްދީ! "
ޒޭނާ ވަރަށް އަސަރާއި އެކު ޝުޢައިބުގެ ގާތުގައި ބުންޏެވެ.
" ޝުޢައިބު، އަޅުގަނޑަށް އެނގޭ ކަލޭވެސް ސުރައްޔާ ދެކެ އިންތިހާއަށް ލޯބިވާ ކަން. އަދިވެސް ތިޔަ ހިތުގައި އޭނާއަށް ވަރަށް ޚާއްސަ މަގާމެއް އެބަ އޮތް. "
" ސުރައްޔާ މިއަދު އެވަނީ އޭނާގެ ކުށްތައް ގަބޫލުކޮށް ހެޔޮ މަގަށް ރުޖޫއަވެ ތައުބާ ވެފައި. އިންސާނަކު ކިތަންމެ ގިނަ ފާފަ ތަކެއް ކޮށްފައި ވީ ކަމުގައި ވީނަމަވެސް، އެމީހަކަށް ވިސްނި ހެޔޮ މަގަށް ރުޖޫއަ ވެއްޖެ ކަމުގައި ވާނަމަ އެމީހެއްގެ ހުރިހާ ފާފަ ތަކެއް ފޮހެވިގެންދޭ. އަދި އެފަދަ މީހަކު ތައުބާ ވުމުން މުޅި އުމުރުގައި އޭގެ ސަޒާ ލިބޭކަށް ނުޖެހޭނެ. ދިރި އުޅުމަށް އިތުރު ފުރުސަތެއް ފަހިވެ، ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން އެމީހެއްގެ ރާސްތާ އުޖާލާ ވެގެންދާނެ. "
" ޝުޢައިބު، " ސާރާ އަޅުގަނޑުމެންނާއި އެކު ހުރިހާ ދުވަހަކު ސުރައްޔާ އަޅުގަނޑުމެންގެ މިދިރިއުޅުމުން ބޭރެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ ޝުޢައިބު އޭނާއަށް މައާފުކޮށް އަލުން ފުރުސަތު ދިނުމަށް. ވެދިޔަތަން ހަނދާން ނައްތާލާ ދިރިއުޅުމުގެ އާ ޞަފުހާއެއް ހުޅުވުން. މިއީ މިއަދު ހަމަ ހިތުން ރުހުމުން ތިޔަ ލޯބިވާ ފިރިމީހާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް. ސުރައްޔާ ރުހޭ ކަމުގައި ވާނަމަ ޝުޢައިބުގެ އަނތްބެއްގެ ގޮތުގައި އޭނާ ހަދައިދީ. މިކަމަށް އިންކާރު ނުކުރޭ! "
އެވަގުތު ޒޭނާގެ އެވާކަތައް ހުއްޓުވުމަށް ޝުޢައިބު މަސައްކަތް ކުރިއެވެ.
" ޒޭނާ! "
ޝުޢައިބުގެ ވާހަކަ ދެއްކިޔަނުދީ ހުއްޓުވުމަށް ފަހު ޒޭނާ ބުންޏެވެ.
" ނޫން ޝުޢައިބު، އަޅުގަނޑު މިކަން ކުރުމަށް ބޭނުންވާތީ ހަމަ ހިތުން ރުހުމުން މިކަމަކަށް މިއެދެނީ. އެއީ މި ހިތުގައި ކަލެޔާއި މެދު މިވާ ސާފު ލޯތްބަށް ގަދަރު ކުރުމުގެ ގޮތުން. ސުރައްޔާ ކަލޭގެ ދެވަނަ އަތްބެއްގެ މަގާމަށް ގެނެސްފި ނަމަ އެއީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. އަދި އެހާމެ ބޮޑު ޝަރަފެއް ކަމުގައިވެސް ދެކޭނަން. އަދި އަޅުގަނޑުމެން ދެމީހުންގެ ފުށުން ލިބިގެންދާ ދަރީންގެ ސަބަބުން ކަލޭގެ ހައިބަތު އިތުރުވެ، ހަސަބާއި ނަސަބުގެ ގޮތުންވެސް ޝުޢައިބު ވެގެންދާނީ ހަރުދަނާ ޝަޚުޞިއްޔަތަކަށް. އަޅުގަނޑުގެ މި އެދުމަށް ފުރަގަސް ނުދީ ޝުޢައިބު. "
ޒޭނާ ޝުޢައިބުގެ ގާތުގައި މިގޮތަށް އެދުމަށްފަހު، ސުރައްޔާގެ ގާތުގައި ސާރާ އަށްޓަކައި މިކަށް ކުރުމަށް އެއްބަސް ވުމަށް އެދުނެވެ. ޒޭނާގެ ވާހަކަތައް މިގޮތަށް އިވުމުން ބުނާނީ ވަކި ކީކޭކަމެއް، ހެދޭނީ ވަކި ކޮން ގޮތެއްކަން ނުވިސްނި ސުރައްޔާއަށް ހަނު ހުރެވުނީއެވެ.
އެވަގުތު ޝުޢައިބު ޒޭނާގެ ގާތުގައި ބުންޏެވެ.
" ޒޭނާ، މިކައިވެނި ކުރިފަހުން މިވަގުތާ ހަމަޔަށް ދުވަހަކުވެސް، ޒޭނާ ފިޔަވައި އިތުރު އެއްވެސް މީހަކު ޒޭނާގެ މަގާމަށް ގެންނާކަށް ނުވިސްނަން. އަދި އެންމެ ފަހު ނޭވާވެސް ދޫކުރަން ބޭނުންވީ ހަމަ އެކަނި ޒޭނާގެ ފިރިޔެއްގެ ގޮތުގައި ހުރެގެން. ނަމަވެސް ޒޭނާ މިއަދު ތިޔަ އެދެނީ އަޅުގަނޑު ސުރައްޔާ އާއި ކައިވެނި ކުރުމަށް. "
" އެކަމަކު އެނގޭ، ޒޭނާ ދުވަހެއްގައިވެސް އަޅުގަނޑަށް ގެއްލުމެއް ވާނޭ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމާނެ ކަން. އަދި ކޮންމެ ކަމެއް ކުރާނީ އެކަމަކުން ފައިދާ ވާނޭ ގޮތަށް ކަންވެސް ގަބޫލު ކުރަން. ވީމާ ޒޭނާގެ ތިޔަ އެދުމަށް ފުރަގަސް ދޭކަށް ބޭނުމެއް ނޫން. ސުރައްޔާ މިކައިވެންޏަށް ރުހޭ ކަމުގައި ވާނަމަ އޭނާ އާއި ކައިވެނި ކުރާނަން. މިއީ އަޅުގަނޑު ބޭނުން ވެގެން ނިންމި ނިންމުމެއް ނޫން ޒޭނާ. މިއީ ޒޭނާގެ އެދުމަށް ނިންމި ނިންމުމެއް. ޒޭނާގެ އުފަލަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނަން. ތިޔައީ އަޅުގަނޑުގެ މުޅި ދިރިއުޅުން. ޒޭނާ އަބަދުވެސް މިކަން ހަނދާނުގައި ބަހައްޓަންވާނެ. "
ޒޭނާ ބޭނުންވާ ފަދަ ޖަވާބެއް ޝުޢައިބުގެ ފަރާތުން ލިބުމުން އެކަމާއި ވަރަށް އުފާ ކުރިއެވެ. އަދި ސުރައްޔާ އެކައިވެންޏަށް އެއްބަސް ކުރުވިއެވެ.
އޭގެ ހަފުތާއެއްގެ ފަހުން ޝުޢައިބު އާއި ސުރައްޔާ ކައިވެނި ކުރެވިގެން ދިޔައެވެ. ކައިވެނި ކުރުމަށް ފަހު އެދެމީހުންގެ ދަރިފުޅު ސާރާއަށް ދީނީ ޢިލްމު މަތީ ފެންވަރުގައި އުނގަންނައި ދިނުމަށް ސުރައްޔާ ޝުޢައިބުއާއި ވާހަކަ ދެއްކިއެވެ. އަދި ޝުޢައިބުވެސް އެކަމާއި ގަބޫލުވެ އެއީ ރަނގަޅު ކަމެއްކަމުގައި ސުރައްޔާ ގާތުގައި ބުންޏެވެ. އަދި މިކަމާއި ގުޅޭގޮތުން ޒޭނާއާއިވެސް އިތުރަށް މަޝްވަރާ ކުރަން ޖެހޭނޭ ކަމުގައި ބުނެދިނެވެ. ސުރައްޔާ މިކަމާއި ގުޅޭގޮތުން ޒޭނާ އާއި ވާހަކަ ދެއްކިއެވެ. ސާރާއަށް ދީނީ ޢިލްމު އުނގަންނައި ދިނުމަކީ މީގެ ކުރިން ޒޭނާވެސް ނިންމާފައިވާ ނިންމުމެއް ކަމުގައި ސުރައްޔާގެ ގާތުގައި ބުންޏެވެ.
އެންމެންގެ ރުހުމާއި އެކު، ރަސްގެފާނު ދުނިޔޭގައި ހުންނަވާ ޝުރެއިމްގެ ނަމުން ނަންދީ ބިނާކޮށްފައިވާ މަކުތަބަށް ސާރާ ކިޔެވުމަށް ބަދަލު ކުރެވިއްޖެއެވެ. މިގޮތުގައި ކިޔެވުމުގައި އަވަދި ނެތި ސާރާ އުޅެމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްތަކެއް ނުވެ ޤުރުއާން ހިތުން ދަސްކޮށް ނިންމާ ދީނީގޮތުން އުނގެނެން ޖެހޭ އިތުރު ޢިލްމު ތައްވެސް ސާރާ ދިޔައީ އުނގެނެމުންނެވެ. ޅަ އުމުރުގައި ސާރާ ދީނީ ޢިލްމު އުނގެނެމުން ގެންދާތަން ފެނި މިކަމާއި ޝުޢައިބު މިއަދު އެހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އަދި ހިތުގެ އަޑީން ﷲ އަށް ޝުކުރު ކުރިއެވެ.
ޝުޢައިބު ވަޒީރާއި އެކު ކޮންމެވެސް ކަމެއްގައި މަޝްވަރާ ކުރުމަށް ހުރި ވަގުތެކެވެ. ސާރާ މަކުތަބުން ނިމިގެން ޒޭނާއާއި އެކު ވަދެގެން ދިޔަ މަންޒަރު ޝުޢައިބުއަށް ފެނުނެވެ. އެވަގުތު ދަރިފުޅާ ސާރާ ބައްޕަގެ ގާތަށް އައިސްބަލާށޭ ބުންޏެވެ. ސާރާ ޝުޢައިބުގެ ގާތަށް ދިޔުމުން ޝުޢައިބު ސުވާލު ކުރިއެވެ.
" ދަރިފުޅާ! ކިޔެވުމުގެ ކަންކަން ކިހިނެއް ދަނީ؟ ކިޔެވުމާއި މެދު ދަރިފުޅު ހިތްހަމަ ޖެހޭތަ؟ "
" ބައްޕާ! ކިޔެވުމާއި ދޭތެރޭ އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. އަދި އެންމެ ހިތްހަމަ ޖެހޭ ކަމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޤުރުއާން ހިތުން ދަސް ކުރެވުނީމަ. އަލްޙަމްދު ލިﷲ. ސާރާ ބޭނުން ވަނީ ދީނީ ޢިލްމު އުނގެނި ބޮޑުވެގެން އެހެން މީހުނަށް މި ޢިލްމު އުނގަންނައި ދޭން. "
" ބައްޕަ އަށް އެނގޭތަ. މަންމަ އަޅުގަނޑުގެ ގާތުގައި ވަރަށް ގިނައިން ބުނާނެ ބައްޕަ އެންމެ އުފާވާނީ އަޅުގަނޑު މި ޢިލްމު އުނގެނުމުންނޭ. އެހެންވެ އަބަދުވެސް ވަރަށް ބޭނުން މިކަން ކާމިޔާބު ކުރަން. ބައްޕާ! "
މިހެން ބުނުމަށް ފަހު ސާރާ އިސްދަށަށް ޖަހާލިއެވެ. އަދި އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ. ޝުޢައިބުއަށް މި މަންޒަރު ފެނުމުން ވަރަށް ކަންބޮޑުވިއެވެ. ހަމަ ވަގުތުން ސާރާއާއި ސުވާލުކުރިއެވެ.
" ދަރިފުޅާ ސާރާ! އަނެއްކާ ކިހިނެއްވީ؟ ބައްޕަގެ ގާތުގައި ބުނެ ދީބަލަ ވެގެން އުޅޭ ގޮތެއް. "
" ބައްޕާ! މިއަދު ކާފަގެ މަތީން އަޅުގަނޑު ވަރަށް ބޮޑަށް ހަނދާންވޭ. ކާފަ އަބަދުވެސް އަޅުގަނޑުގެ ގާތުގައި ބުނެދީ ހަދާނެ ކިޔަވައިގެން ވަރަށް މޮޅު ކުއްޖަކަށް ވުމަށް. ސާރާ ޤުރުއާން ހިތުން ދަސްކުރުމަކީ ކާފަ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމުގައި ވަރަށް ގިނައިން ބުނެދީ ހަދާނެ. ބައްޕައަށް އެނގޭތަ؟ ކާފަގެ އެންމެ ބޮޑު ހުވަފެނަކީ ބައްޕަ ނަމޫނާ އަކަށް ބަލައިގެން އަޅުގަނޑު ކިޔަވައިގެން އެހެން މީހުންނަށް ޢިލްމު އުނގަންނައި ދިނުން. ސާރާ އަބަދުވެސް ނަމޫނާ އަކަށް ބަލަމުން މިއަންނަނީ ކާފައާއި ބައްޕަ. އަޅުގަނޑު އަބަދުވެސް ބޭނުންވޭ ކާފައާއި ބައްޕަ ވަރަށް ފަޚުރު ވެރިވާފަދަ ދަރިޔަކަށް ވާން. އަޅުގަނޑު ކިޔަވާ މޮޅު ކުއްޖަކަށް ވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ކާފަ އުފާ ކޮށްދިނުން. އެކަމަކު މިޔަދު ކާފައެއް އަޅުގަނޑުގެ ގާތުގައި ނެތް. އެކަމަކު….."
ސާރާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ޒޭނާގެ ގައިގައި ބައްދާލުމަށް ފަހު އެދަރިފުޅު ރޮމުން ގެންދިޔައެވެ. މިކަމާއި ޒޭނާވެސް ނުހަނު ކަންބޮޑުވެ ސާރާއަށް އެކި ގޮތްގޮތަށް ނަސޭހަތް ދީހެދިއެވެ.
" ދަރިފުޅާ ސާރާ! މިއަދު ކިޔެވުމުގައި ހިތްވަރާއިއެކު މިއްނެތް މަސައްކަތް ކުރަމުން ތިޔަ ގެންދާ ދިޔުމަކީ ދަރިފުޅު ކާފަ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމުގެ ފުރިހަމަ ހެއްކެއް. ކާފަ މިހާރު ދަރިފުޅުމެންނާއި އެކު މިތަނުގައި ނެތް ކަމުގައި ވިޔަސް ސާރާ ކާފަގެ އުންމީދު ހާސިލު ކޮށް ދެމުން ގެންދާ ކަމުގެ އިހުސާސު ކާފައަށް ކުރެވެމުން ދާނެ. "
" ދަރިފުޅާ! ތިޔައީ މިމަންމަގެ ބަސް ގަބޫލުކުރާ ވަރަށް ކިޔަމަންތެރި ދަރިޔެއްނު ދޯ؟ އެހެންވީމަ ސާރާ ވާނެ ތިޔަ ގޮތުގައި ކިޔަވާ ނިންމާ ކާފަ ސާރާގެ ގާތުގައި އެދުނު ގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރަން. އަދި ކާފަ އެދިފައި ވާފަދައިން އަބަދުވެސް ބައްޕަ ނަމޫނާ އަކަށް ބަލަން ވާނެ. ބައްޕަ އާއި މަންމަމެން އަދި ކޮއްކޮވެސް ދަރިފުޅު ދެކެ ކިހާ ލޯބިވޭ ދޯ؟ "
" ދަރިފުޅާ ސާރާ! ކާފަ މިޔަދު އެދިޔައީ ދުވަހަކުވެސް އެނބުރި އައުމެއްނުވާހާ ދުރަށް. ދަރިފުޅުމެން އަބަދުވެސް ޖެހޭނެ ކާފައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރަން. ސުވަރުގޭގައި ކާފަ ލެއްވުން އެދި ދުޢާ ކުރޭ ދަރިފުޅާ. އިރާދަ ކުރެއްވިއްޔާ ސުވަރުގެއިން އަހަރެމެނާއި ކާފަ އާއި ބައްދަލު ވާނެ. "
ސާރާ ޒޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަދި ލޯ މަރާލައިގެން އޮވެ ކިޔާލިއެވެ.
" އަންނާނެ ނަމަ އެދުވަސް އަނބުރާ، ކުޑަ ވަގުތު ކޮޅަކަށް ވިޔަސް. ޅައިރު ދިންހާ ލޯބި އާލާ ވަމުންދޭ ހިތުތެރޭ. "
" ސާރާގެ ލޯބިވާ ކާފާ! އަދި އެއްފަހަރު ސާރާގެ ގާތަށް އާދޭ! "
ސާރާއަށް ކޮށްފައިވާ އަސަރު ފެނި ޒޭނާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ވަރަށް އަސަރާއި އެކު ވާހަކަ ދައްކާ ސާރާއަށް ނަސޭހަތް ދީ ހަމަޔަކަށް އެޅުވިއެވެ. ސާރާގެ މައްޗަށް ޒޭނާގެ ހިތުގައިވާ ލޯބި ކިތަންމެހާވެސް ރަނގަޅަށް މިއަދު ހާމަ ވެގެން ހިނގައްޖެއެވެ. ޒޭނާ އަކީ މިއަދު ޝުޢައިބުގެ ނަސީބެވެ. އޭނާގެ މުޅި ދުނިޔެ އެވެ. މިކަމާއި ޝުޢައިބު އުފާކޮށް ހިތުގެ އަޑީން ޝުކުރު ކުރިއެވެ. އަދި ޝުކުރުން ފުރިގެންވާ ބެލުމަކުން ޒޭނާއަށް ބަލާލިއެވެ.
ދުވަސްތައް ފާއިތުވެގެން ގޮސް ޝުޢައިބު ރަސްގެފާނުގެ ރަސްކަމުގައި މުޅި އެކަރަ ވެގެން ދިޔައީ މުޅި އަރަބި ދުނިޔޭގައި ނަން ވިދާލާފައިވާ މުއްސަނދި ކަރަޔައެއްގެ ގޮތުގައެވެ. ސުރައްޔާއަށް ފަކުރު މަސައްކަތެއްގެ ގޮތުގައިވީ ފަތްޕިލާވެލީގެ ބޭސްވެރިކަން، ފަކުރު ފޮނި ހަކުރަށްވެ މުޅި ދުނިޔޭގައި ނަން ވިދާލީ އެވެ. ބޭސްވެރިކަމާއި ތަޢުލީމުގައި މިއީ މުޅި ދުނިޔޭގެ އެއްވަނައެވެ. ނަތީޖާ ކިހާ ފޮނި ހެއްޔެވެ. މިއީ ޝުޢައިބު ހިތްވަރާއި ކެތްތެރި ކަމުގެ އިތުރުން ނުގުޑާ ފަދަ އަޒުމެއްގައި ކަންކަމާއި ކުރިމަތި ލުމުގެ ފޮނި މޭވާއެވެ.
(ނިމުނީ)