ޔަޝްފާގެ "ޔުކްތާ" ވާހަކަ އަށް "ކަނބުލޮ" ލޯންޗްކޮށްފި

މަޝްހޫރު ވާހަކަލިޔުންތެރިޔާ ޔަޝްފާ ޢަބްދުލް ޣަނީގެ "ޔުކްތާ" ވާހަކަ އަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ "ކަނބުލޮ" ކިޑް ޕްރޮޑަކްޝަން އިން ލޯންޗް ކޮށްފިއެވެ.

"ޔުކްތާ" އަކީ ޔަޝްފާ ޢަބްދުލް ޣަނީ ލިޔެފައިވާ ވަރަށް އަސަރުގަދަ ވާހަކައެކެވެ. މި ވާހަކަ އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު ވާހަކައެވެ.

މި ފިލްމަކީ، ދިވެހި މުޖުތަމައުގައި ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ފިލްމެކެވެ. މިފިލްމުގައި ފެނިގެންދާނީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ މީހުންގެ ފަރާތުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރު ކުރުވާ މަންޒަރެވެ.

މުޖުތަމައުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކާއި، އެކުދިންނަށް ކުޑައިރު އެ ލިބުނު އަނިޔާތަކުގެ ސަބަބުން އެކުދިންގެ ޒަވާޖީ ހަޔާތަށް ކުރާ އަސަރުތަކެވެ. ނުފޫޒުގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތްގަދަކުރާގޮތާއި ނިކަމެތި ކުދިންނަށް ކުރި ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށް އިންސާފު ހޯދަން އަނިޔާ ލިބުނު ކުއްޖާ ކުރި މިންނެތް މަސައްކަތެވެ.

މިފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯއިންނެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި "ކަމަނާ" ފިލްމުގެ ޕްރޮޑިއުސަރު، އަލީ ޝާނިޒް މުހައްމަދު އާއި ހުސެން މުނައްވަރެވެ. ފިލްމުގެ ކާސްޓުންނަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މީގެ އިތުރުން ފިލުތަކުގެ މަންމަ ބައި ކުޅުމަށް ކުޅަދާނަ މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. މީގެއިތުރުން، 2024 ވަނަ އަހަރު ނެރުނު ކަމަނާގެ ޑައިރެކްޓަރަކީ ވެސް ހުސެން މުނައްވަރެވެ.

މިއީ އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ ތަފާތު އެތައް ޖަޒުބާތުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި މުޖުތަމައުގެ ކޮންމެ މަންމައަކާއި ބައްޕައެއް ވެސް ބަލާލަން ރަނގަޅު ފިލްމެކެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *