އެއީ ވަރަށް ފިނިރެއެކެވެ. އަހަރެންގެ ކާރު ކުއްލިއަކަށް ހުއްޓުނީއެވެ. އެހެންދިޔަހާ މީހެއްގެ ގާތުގައި އެހީތެރިކަމަށް އެދުނީމެވެ. އެއްވެސް މީހަކު އަޅައިވެސް ނުލުމުން ވަރަށް ދެރަވެފައި ހުއްޓާ އެތަނަށް އައި ޒުވާނަކު އަހަރެންނަށް އެހީތެރިވިއެވެ. އަދި އެތައް އިރަކު މަސައްކަތްކޮށްގެން ކާރު ސްޓާޓްކޮށްދިނެވެ.
އެކުވެރިންގެ ގާތުގައި އޭނާގެ ވާހަކަދެއްކީމެވެ. އަދި އެއީ ކާކުކަންވެސް އޮޅުން ނުފިލުވުނީތީ ދެރަވި ކަމަށާއި ފެންނަފެނުމަށް އެއީ އަޚްލާޤް ރަނގަޅު އަދި ތަނަވަސް މީހެއްކަމަށާއި ގުޅެން ރަނގަޅު ރީތި ޒުވާނެއްކަމަށްވެސް ބުނީމެވެ.
އެއިގެ ދުވަސްކޮޅެއްފަހުން އެކުވެރިންކޮޅަކާއިއެކު ކާންދެވުނު ރެސްޓޯރަންޓަކުން އޭނާ އާއި ބައްދަލުވެވުނެވެ. އޭނާއަކީ އެތަނުގެ ވެއިޓަރެކެވެ. އެހެންވެ އޭނާ އާއި ވާހަކަވެސް ނުދައްކަމެވެ. އެހައި ދަށް މަސައްކަތެއްކުރާ މީހަކަށްވުމުން ނަފްރަތުކުރެވުނީއެވެ.
އެއިގެ ދުވަސްކޮޅެއްފަހުން ގެއަށް ދެވުނުއިރު މަންމަ އިނީ ރޯށެވެ. ބައްޕަ އެކްސިޑެންޓެއްވެގެން ހޮސްޕިޓަލަށް ގެންގޮސްގެންނެވެ. އަވަހަށް ދެމައިން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރު ބުނީ ބައްޕަގެ ފުރާނަ ސަލާމަތްކުރެވުނީ މަންޒަރު ފެނުނު ޒުވާނަކު ވަރަށް ހަރަކާތްތެރިވެ ހޮސްޕިޓަލަށް ގެނެސްދިނީތީ ކަމަށެވެ. އަދި ބައްޕައަށް އަޅަންޖެހުނީ މަދުކަމުން ބްލަޑްބޭންކުގައި ސްޓޮކްވެސް ނެތް ލެއަކަށްވުމުން ކަންބޮޑުވިވަގުތު އޭނާ ލޭވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.
އެޒުވާނާ ލޭދިނުމަށްފަހު ޢާއިލާގެ މީހުން އަންނަންދެން ބައްޕަގެ ޙާލު ބަލަން މަޑުކޮށްގެން އެބައިން ކަމަށްބުނުމުން ދެމައިން އަވަސްއަވަހަށް ގޮސް އޭނާ އާއި ބައްދަލުކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. މަންމަ ފައިސާގެ ހަދިޔާއެއް ދިނުމުން ބޭނުމެއް ނުކުރިއެވެ. އޭނާ ބުނީ އެހެން މީހުންނަށް އެހީތެރިވުމަކީ އޭނާ އަގަށްކުރާ ކަމެއް ނޫންކަމަށާއި އެކަމަށް އަޖުރު ދެއްވަވާނީ ﷲ ކަމަށެވެ.
އެހެން ބުނުމުން އޭނާގެ މޫނަށް ރަނގަޅަށް ބަލައިލިއިރު އޭނާއަކީ އަހަރެންގެ ކާރު ހުއްޓުނު ރޭ ވެސް އެހީތެރިވި ޒުވާނާއެވެ. ކުރިން ބައްދަލުވި ވެއިޓަރެވެ. އޭނާ އާއިމެދު ކުރިން ޢަމަލުކުރެވުނު ގޮތުން ވީދެރައާއި ގަތްލަދެއް ބުނަންވެސް ނުއެނގުނެވެ.
އޭނާއަށް ބުނީމެވެ. "އަހަރެންނަށާއި އަހަރެންގެ ބައްޕައަށް ތިއަކޮށްދިން ޚިދުމަތްތަކަށްޓަކައި ޝުކުރުވެރިވާން ބުނާނެ އިބާރާތެއްވެސް ނުއެނގެއެވެ. އަދި ރެސްޓޯރަންޓުން ބައްދަލުވިރޭ ކަންތައް ކުރެވުނު ގޮތާއިމެދު މާފަށް އެދެން ބުނާނެ ޢިބާރާތެއްވެސް ނުއެނގެއެވެ. ކޮންމެއަކަސް އެކަންވަނީވެ ނިމިފައެވެ. މިއީ އެހެން ދުވަހެކެވެ. މުޅިން އައު ދުވަހެކެވެ. ތިއައީ އަހަރެމެންގެ ޢާއިލީ މީހެއްގެ ގޮތުގައި އުމުރަށްވެސް ދެކޭނަމެވެ. އަދި ހޮސްޕިޓަލަށް ބައްޕަގެނެސްދިން ގޮތަށް ގެއަށް ބައްޕަ ގެންގޮސްދޭންވާނީ ހަމަ ކަލެއެވެ."
އޭނާ ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަށް އައުދެއެވެ. އަހަރެމެންނާއިއެކު ވަގުތު ހޭދަކުރެއެވެ. އެގޮތަށް އުޅެމުން އައިސް ބައްޕަ ގެއަށް ދޫކޮށްލުމުން އަހަރެން ފުރަތަމަވެސް ގުޅީ އޭނާއަށެވެ. އައިސްދިނުމަށް އެދުމުން ޑިޔުޓީގައި ހުރެފައިވެސް ވަގުތުން އައިސްދިނެވެ. އަދި އަހަރެމެންނާއިއެކު ގެއަށް ގޮސްދިނެވެ.
ގެއަށް ދިއުމަށްފަހު ބުނީމެވެ. "ޑިޔުޓީ ތިއަދޫކޮށްލިގޮތަށް ވަޒީފާވެސް ދޫކޮށްލާށެވެ. ވަޒީފާއަކީ މިގޭގައި އަހަރެމެންނާއިއެކު އުޅުން ކަމަށް ހަދާށެވެ. ބައްޕަ "ނޯމަލް" ވީމާ ކައިވެނިވެސް ކުރާނީއެވެ.
އޭނާ އެކަން ޤަބޫލުކުރުމުން އަހަރެމެން ކައިވެނިކުރީއެވެ. ކައިވެންޏަށް މިހާރު 13 އަހަރުވެއްޖެއެވެ. 4 ކުދިން ލިބިއްޖެއެވެ. ﷲ އިރާދަފުޅުން މިއުޅެވެނީ ހަމަ އުފަލުގައެވެ. ބައްޕަގެ ވިޔަފާރިތައް ބަލަހައްޓާ އިސްމީހަކީ އަހަރެންގެ ފިރިމީހާއެވެ. ފިރިމީހާގެ މަސައްކަތުން ވިޔަފާރިތައް ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. އިން ޝާ ﷲ
– ފަރީޝާ /