އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޖޫން 22ވަނަ ދުވަހު އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި އެ މަރުކަޒުތަކުގެ ބިމު އަޑީގައި، ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާކަން ހާމަވެއްޖެއެވެ. މި ކަން ހާމަވެފައި ވަނީ، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ޖާސޫސީ ގޮފި، ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ)ން އެއްކޮށްފައިވާ ޖާސޫސީ މަޢުލޫމާތުންނެވެ. ޑީއައިއޭގެ ޖާސޫސީ ރިޕޯޓުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް އެމެރިކާގެ ޙަމަލާތަކުން ސަލާމަތްވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ.
އީރާނަށް އެމެރިކާއިން ދީފައިވާ ޙަމަލާތައް ތިން ނިއުކްލިޔަރ މަރުކަޒަކަށް އަމާޒުކޮށްފައިވެއެވެ. އެއީ، ނަޠާންޛާއި، އިޞްފަހާން އަދި ފޫރްދޫ ނިއުކްލިޔަރ މަރުކަޒުތަކެވެ. ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓު ބޭނުން ކޮށްގެން އެ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދީފައި ވަނީ ބާރުގަދަ، އަދި ފަނާކުރަނިވި ހަތިޔާރެއް ކަމުގައިވާ ޖީބީޔޫ-57 މަރުކާގެ ބޮން ބޭނުން ކޮށްގެންނެވެ. އެމެރިކާއިން ބުނާ ގޮތުގައި އެއީ ބިމު އަޑީގައި، ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތައް ސުންފާތި ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ފަނާކުރަނިވި ހަތިޔާރެއް ކަމުގައެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ. ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ޖާސޫސީ މަޢުލޫމާތުން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. ނަމަވެސް، ގެއްލުންތައް ވަޒަން ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު މަޢުލޫމާތުގެ ޢަލީގައި ޖާސޫސީ އިދާރާގެ ރިޕޯޓަށް ބަދަލު ގެނައުން އެކަށީގެންވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.