ބައެއް މީހުން ދެކެނީ އެމީހަކަށް ކައިވެނި ނުކުރެވި ހުރިނަމަ ނުވަތަ ދަރިން ނުލިބޭނަމަ އެއީ ލަދުވެތި ކަމެއް ކަމަށެވެ. ނުވަތަ ނިކަމެތި ކަމެއް ކަމަށެވެ. އަދި ފަޤީރު ޙާލުގައި ދިރިއުޅެން ޖެހުމާއި ނުކުޅެދޭ ޙާލެއްގައި އުޅެން ޖެހުމަކީވެސް ދެރަ، ނިކަމެތި އަދި ލަދުވެތި ކަމެއް ކަމަށެވެ. މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ތިބާ ހުރި ހާލަތު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ!
ލަދުވެތިވާންވީ މިފަދަ އެއްވެސް ހާލަތަކަށް ނޫނެވެ. ލަދުވެތިވާންވީ ތިމާ އުފައްދަވައި އަދި ތިމާއަށް އެތައް ބައިވަރު ނިޢްމަތްތަކެއް ދެއްވެވި ﷲ ތަޢާލާ އަށް ކިޔަމަންތެރި ނުވެވޭނަމައެވެ. ފަރުޟު 5 ނަމާދު ކުރުމާއި ދެން ވެސް ކުރަން ހުރި އަޅުކަންތައް ނުކުރެވޭ ނަމައެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރެވޭ ނަމައެވެ.
ބައެއް މީހުން ކައިވެނިކުރަން ބޭނުންވާ މީހާ އާއި ކައިވެނި ނުކުރެވުމަކީވެސް ވަރަށް ބޮޑު ބަދު ނަޞީބެއްގެ ގޮތުގައި އެބަ ދެކެއެވެ. އެއީވެސް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އެމީހަކާއި ކައިވެނި ނުކުރެވުން އެއީ ތިމާއަށް ދެއްވެވި ވަރަށް ބޮޑު ނިޢްމަތަކަށްވެސް ވެދާނެއެވެ. ބޮޑު ތަކުލީފަކުން ސަލާމަތް ކުރެއްވެވުން ކަމަށްވެސް ވެދާނެއެވެ.
މިސާލެއްވެސް ބުނެފާނަމެވެ. ލެބަނަނުގެ ފިރިހެނަކު ބުނީ އޭނާ ކައިވެނިކުރަން ބޭނުންވި މީހާ އާއި ކައިވެނި ނުކުރެވުމުން ވަރަށް މާޔޫސްވި ކަމަށެވެ. އަދި އެ އަންހެން މީހާ އޭނާ އާއި ކައިވެނި ނުކޮށް އެހެން ފިރިހެނަކާއި ކައިވެނިކުރީ ޤަޞްދުގައި އޭނާ ދެރަކުރަން ކަމަށެވެ.
އެއަންހެންމީހާގެ ކައިވެންޏަށް 5 ދަރިން ލިބުނު ފަހުން އޭނާއަށް ވަނީ ވަރަށް ބޮޑު ނަފްސާނީ ބައްޔެއް ޖެހިފައެވެ. އޭނާގެ ޙަޔާތުގެ ހުރިހާ އުފާވެރިކަމެއްހެން ވަނީ ގެއްލި ނިމިފައެވެ. އޭނާގެ ފިރިމީހާއަށް އޭނާ ބެލެހެއްޓުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށްވެފައެވެ. އެހެންކަމުން ދެން އެހެން ގޮތެއް ނެތިގެން ފިރިމީހާ މިހާރު ވަނީ ދެވަނަ ކައިވެންޏެއްވެސް ކޮށްފައެވެ. ދެވަނަ އަނބިމީހާ ގެންގުޅެނީވެސް ހަމަ އެއް ގެއެއްގައެވެ.
ނިކަން ބުނެބަލާށެވެ! ދެރަ ލިބުނީ ކާކަށް ހެއްޔެވެ؟ މޮޅު ލިބުނީ ކާކަށް ހެއްޔެވެ؟ މިބުނީ ފިރިހެނަކު ބުނި ވާހަކައެކެވެ. ފިރިހެނުންގެ ފަރާތުން މިފަދަ ގޮތްތައް މެދުވެރިވި ކިތައް އަންހެނުން ދުނިޔޭގައި ދުނިޔޭގައި ތިބޭނެ ހެއްޔެވެ؟ ވީމާ އެއްވެސް ކަމެއް ތިމާ ބޭނުންވި ގޮތަށް ޙާޞިލު ނުކުރެވުމަކީ ދެރަ ނިކަމެތި ކަމެއް ކަމުގައި ނުދެކޭށެވެ! އެއީ ވެސް ދެއްވެވި މަތިވެރި ނިޢްމަތެއް ކަމުގައި ދެކޭށެވެ!
ލޯބިވެރިޔާ ދެރަކޮށްލުމުގެ ނިޔަތުގައި ބާކީކޮށް އެއްލައި ނުލާށެވެ! އެކަމުގެ ފައިދާ ބާކީކުރެވުނު މީހާއަށް ކުރުމަކީ ވަރަށް ގިނައިން މެދުވެރިވާ ވަރަށް ޢާންމު ކަމެކެވެ.
–އިސްލާމީ ތިލަފަތުގެ ދަރުސަކުން