ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ޙަރާމްކަމެކެވެ. މާތް الله އެ ކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތަކެވެ. ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއްނުކުރައްވައެވެ. އާމްދަނީ ހޯދުމަށް ޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތަކެވެ.
އިސްލާމް ދީނުގައި ޖުވާ ޙަރާމްކުރެއްވީ، އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު ޢަމަލަކަށް ވާތީއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. (يَأْيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَصَابُ وَالْأَزْلَمُ رِجْسُ مِنْ عَمَلِ الشَّيْطَانِ فَأَجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذَكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنتُم مُنتَهُونَ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށް ޓަކައެވެ. ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި الله ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެ ކަންތައްތައް ހުއްޓައިލާންހެއްޔެވެ؟ (އެބަހީ: ހުއްޓައިލާށެވެ!)"
ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެހެނީ އެ ފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّهُ لَا يَدْخُلُ الْـجَنَّةَ لَـحْمٌ نَبَتَ مِنْ سُحْتٍ، اَلنَّارُ أَوْلَى بِهِ) މާނައީ: "ހަމަކަށަވަރުން ޙަރާމް އެއްޗެއް ކައިގެން ގައިގައި މަސްޖަހައިފައިވާ މީހާ ސުވަރުގެ ނުވަންނަހުށްޓެވެ. އޭނާއަށް އައުލާކަން ބޮޑީ ނަރަކައެވެ."
ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވާށެވެ! އެހެނީ އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަޙްރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން އިސްވެދިޔަ ޙަދީޘުން ޞަރީޙަކޮށް އެނގެއެވެ.
ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.
ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެކެވެ. ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށެވެ. ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީއެވެ. ފައިދާވާ މީހާއަށް އެ ލިބެނީ ޙަރާމް މުދަލެއްކަމުގައި ވާތީއެވެ. އޭނާއާއި އޭނާގެ އަނބިދަރީންނަށް އެ ކާންދެވެނީ ޙަރާމްތަކެތިކަމުގައި ވާތީއެވެ. ގެއްލުންވާ މީހުން ބަނގުރޫޓުވާތީއެވެ. ޖުވާކުޅޭ މީހުންގެ މެދުގައި އުފެދޭ ޢަދާވާތްތެރިކަމުގެ ސަބަބުން ހިނގާ މާރާމާރީތަކުގައި، މުދަލާއި، ގެދޮރާއި، ފުރާނައަށް، ގެއްލުން ލިބޭތީއެވެ. މުޅި މުޖުތަމަޢު ފަސާދަވެ، އޭގެ ގެއްލުން ޢާންމުވާތީއެވެ. ފާފަވެރިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭތީއެވެ. މިއީ މުޅީން ވެސް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ކަންކަމެވެ. އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމަށެވެ. ޖުވާގެ ސަބަބުން މި މަޤްޞަދުތައް ގެއްލެއެވެ.
އިސްލާމް ދީން އަމުރުކުރަނީ، ރަނގަޅު ހެއު ތަކެތި ކެއުމަށާއި، ހެއު ޢަމަލުކުރުމަށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މަނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ﷲ تَعَالَىއީ ހުރިހައި ރަނގަޅުކަމެއް މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ރަނގަޅުކަމެއް މެނުވީ އެކަލާނގެ ޤަބޫލެއް ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ ރަސޫލުންނަށް އަމުރުކުރެއްވި ކަންތައް މުއުމިނުންނަށް ވެސް އަމުރުކުރެއްވިއެވެ." އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތީން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ! އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. "މީހާ ދިގު ދަތުރު ކޮށް، އިސްތަށިގަނޑު ހޭވި ހިރަފުސްބުރައިފައިވާ ޙާލު، ދެ އަތް އުފުލައި މާތްރަސްކަލާކޯއެވެ! މާތްރަސްކަލާކޯއެވެ! ކިޔައި ދުޢާކުރެއެވެ. އޭރު އޭނާގެ ކެއުމަކީ ޙަރާމް ތަކެއްޗެވެ. އޭނާގެ ބުއިމަކީ ޙަރާމް ތަކެއްޗެވެ. އޭނާ ލައިއުޅެނީ ޙަރާމް ފޭރާމެވެ. އޭނާއަށް ލިބެނީ ޙަރާމް ޣިޛާއެވެ. ފަހެ އެ ފަދަ މީހާގެ ދުޢާ އިޖާބަކުރައްވާނީ ކޮންފަދައަކުންހެއްޔެވެ!" މި ޙަދީޘުން ދޭހަވާ ގޮތުގައި، ކެއިންބުއިމާއި، ފޭރާންލުމާއި، ހަށިގަނޑަށް ލިބޭ ހަކަތައާއި ޣިޛާއަކީ ޙަލާލު އާމްދަނީކަމުގައި ވުމީ، ދުޢާ އިޖާބަކުރެއްވުން އަވަސްވާނޭކަމެއްކަން އެނގެއެވެ.
ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވަބާއެކެވެ. މީގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލާން ޖެހިފައި ވެއެވެ. އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަތިއްބެވެ. މި ކަން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެކެވެ. މި ކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމެވެ. ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މި ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުމެވެ. އަލްމައުސޫޢަތުލްފިޤްހިއްޔާގައި ބުނެފައިވާ ގޮތުގައި، ޖުވާ ކުޅޭ މީހާ އެ ހޯދަނީ ޙަރާމް ފައިސާއެވެ. އޭނާ އެ ކަމުން މިންޖުވާން އެދޭ ނަމަ އޮތް ގޮތަކީ އޭނާއަށް ނުޙައްޤުން އެ ފައިސާ ލިބުނީ ކޮން ބަޔެއްގެ އަތުންކަން އެނގޭ ނަމަ އެ ބަޔަކަށް އެ ފައިސާ ރައްދުކުރުމެވެ. އެ ގޮތަށް އެ ފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތް ނަމަ އެ މީހުންގެ ނަމުގައި ފަޤީރުންނަށް އެ ފައިސާ ދިނުމެވެ.
- މިއަދުގެ ހުކުރު ޚުޠުބާއިން..