ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ." (އައްޝުޢަރާ: 88،89)
އެމީހާގެ ހިތް ޠާހިރުނަމަ، އަތްފައިން އަދި ދުލުން ނުވަތަ އެހެންވެސް ގުނަވަނަކުން ﷲ ތަޢާލާއަށް އުރެދޭ އެއްވެސް ކަމެއް ނުކުރާނެއެވެ! އަދާކުރާނީ ކިޔަމަންތެރިކަމެވެ. "ހިތް ޠަހިރު ވެއްޖެ ނަމަ އެމީހާގެ އެހެން ހުރިހާ ކަންކަން ޠާހިރުވާނެ" ކަމަށް ބުނެވެނީ އެހެންވެގެންނެވެ. އަދި ހިތް ރަނގަޅު ނަމަ އެހެން ހުރިހާ ގުނަވަންތައް ރަނގަޅުވާނެކަމަށް ޙަދީޘްފުޅުގައި އައިސްފައި އެވަނީ ހިތް ރަނގަޅުނަމަ އެހެން ގުނަވަންތަކުން ނުބައި ޢަމަލުތައް ނުކުރާނެތީއެވެ!
މިހުރިހާ ކަމަކުން އެނގިގެން މިދަނީ ކިތަންމެ ބުރަ މަސައްކަތުން ނަމަވެސް ތިމާގެ ހިތް ﷲ ތަޢާލާ އަންގަވާފަދައިން ޠާހިރުކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ލިބިގެންދާނެ ކަމެވެ. އަދި ނަރަކައިން މިންޖުވެވޭނެ ކަމެވެ! އިން ޝާ ﷲ
ވީމާ ސަމާލުކަން ދޭންވީ ބައިވެރިޔާއަށް، މުދަލަށް ނުވަތަ ދަރިންނަކަށްވެސް ނޫނެވެ! ހިތް ޠާހިރުކުރަންވީ ﷲ ތަޢާލާގެ މަގުގައެވެ. އެއިރުން އެހެން އެންމެންނަށް އެ ހިތް ވާނީ ޠާހިރު ހިތަކަށެވެ!
"އާޚިރަތް އެދޭ މީހާއަށް އޮތީ އެމީހާގެ ހިތް ޠާހިރުކުރުމެވެ!" ބުނެވޭ ބަހުގެ ޙަޤީޤީ މާނައަށް ވިސްނައިލަނީ މަދު މީހެކެވެ! އެކަން އެނގެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި ކަންކަން ކުރުމަށްފަހުގައިވެސް "އަހަރެންގެ ހިތް ޠާހިރެވެ!" ބުނާ މީހުން ގިނަވާތީއެވެ! އަދި އެކަންކަން ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ނޫކޮށްލައިގެން ހުރެފައިވެސް "އަހަރެންގެ ހިތް ﷲ ދެނެވޮޑިގެންވާނެ" ކަމަށް ބުނާތީއެވެ.
ހިތް ޠާހިރު ކުރުމަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ! ﷲ ތައާލާ އަށް އުރެދުމެއްވާ އެއްވެސް ކަމެއް ނުކުރުމެވެ. އެކަން އެނގިގެންދަނީ އަންނަނިވި 2 އާޔަތުންނެވެ!
–އިސްލާމީ ތިލަފަތުގެ ދަރުސަކުން