ޑރ. ޢަލީ ޢަބްދުﷲ ލަޠީފް

ޕީސީއާރް ޓެސްޓު ހެދި ދެ ޑޮކްޓަރުންނަށް ދައުވާކުރަން މީރާއިން ފޮނުވައިފި

ކޯވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏަކަށާއި، އެ ކުންފުނިތަކުގެ އިސް ދެ ޑޮކްޓަރަކަށް ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން، އެ ކުންފުނިތަކުގެ ޑިރެކްޓަރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދެ ކުންފުނިން 2020 އިން 2022 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ޕައިނިއަރ މޯލްޑިވްސް އިން 102.7 މިލިޔަން ރުފިޔާ އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 31.9 މިލިޔަން ރުފިޔާގެ އާމްދަނީ މީރާއަށް ހުށަހެޅި މާލީ ހިސާބުތަކުގައި ހިމަނާފައި ނުވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ. މީގެ އިތުރުން "ޕާލް މެޑިކަލް ސެންޓަރ" މެދުވެރިކޮށް ލިބުނު އާމްދަނީވެސް ފުރިހަމައަށް ރިޕޯޓުކޮށްފައި ނުވާކަމަށް މީރާއިން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޑިޓްތަކަށްފަހު، ދެ ކުންފުނިން އިތުރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދުވެސް މީރާއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕައިނިއަރ މޯލްޑިވްސް އިން 23.7 މިލިޔަން ރުފިޔާ އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 4.3 މިލިޔަން ރުފިޔާ ޓެކުހުގެ ގޮތުގައި ދެއްކުމަށް ވަނީ އަންގާފައެވެ. މި މައްސަލައިގައި ދެން ހިމެނެނީ އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމަނައިގެން މާލީ ހިސާބުތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތު ކުރެވޭ ޢަލީ ފަޔާޟް އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މީރާއިން ފާހަގަކުރި ގޮތުގައި، މިއީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޕީސީއާރް ޓެސްޓު ހެދުމުގެ ޚިދުމަތަށް އޮތް ބޮޑު ޑިމާންޑުގެ ބޭނުން ހިފައި، އާމްދަނީ އޮޅުވާލައިގެން ހިންގާފައިވާ އަމަލެކެވެ. މިފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމުގެ މަގްސަދަކީ ޓެކްސްގެ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމާއި، ޤާނޫނާ އެއްގޮތަށް ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *