ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރަސާއޯ އަތުން ފަސޭހަކަމާއެކު ޖަރުމަން މޮޅުވެއްޖެއެވެ. އެމެރިކާގެ ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ރޭ ކުޅުނު "ގްރޫޕު އީ" މެޗުގައި ކިއުރަސާއޯގެ މައްޗަށް ޖަރުމަނުން ކުރި ހޯދީ 7-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ޖަރުމަން ނުކުތީ ރިޓަޔާމަންޓް އިއުލާންކުރުމަށްފަހު އެނބުރީ ޓީމާ ގުޅުނު ތަޖުރިބާކާރު ގޯލްކީޕަރު މެނުއެލް ނޯޔާއާ އެކުއެވެ. ވޯލްޑް ކަޕްގެ ކުރިން އޭނާއަށް އަނިޔާއަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އުމުރުން 40 އަހަރުގެ ނޯޔާއަށް މިއީ އޭނާގެ ފަސްވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ނޯޔާ ވަނީ ޖަރުމަނާއެކު ވޯލްޑް ކަޕް 2014 ކާމިޔާބުކޮށްފައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ޖަރުމަނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ، ރީތިކޮށް ކިއުރަސާއޯގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަރުމަނަށް ލީޑު ހޯދައިދިނީ ފީލިކްސް މެޗާ އެވެ. އޭގެ ދެ މިނެޓުފަހުން ވެސް އޭނާގެ ހަމަލާއެއް ފެނިގެންދިޔަ އިރު، އެ ހަމަލާ ކިއުރަސާއޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ޖަރުމަނުން ކުރިއަށްޖެހި ނުރައްކާކުރުމަށް މަސައްކަތްކުރަމުން ދިޔަ އިރު، ކިއުރަސާއޯއިން ޑިފެންސަށް މަސައްކަތްކުރަމުންދިޔައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ވެސް ޖަރުމަންގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލެރޯއީ ސާނޭ ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން މެޗާ ފޮނުވާލި ހަމަލާގައި ބާރެއް ނެތެވެ.
އޭގެ ހަތަރު މިނެޓުފަހުން ވެސް ޖަރުމަންގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބޯޅަ ހިފައިގެން އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފްލޯރިއަން ވާޓްޒް ފޮނުވާލި ހަމަލާ ދިޔައީ ކިއުރަސާއޯ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ކިއުރަސާއޯގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ކިއުރަސާއޯގެ ކެޕްޓަން ލިއާންޑްރޯ ބަކޫނާ ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ކިއުރަސާއޯއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަންގެ ޑިފެންސަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅަ، ޖަރުމަން ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ކިއުރަސާއޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލިވާނޯ ކޮމެނެންސިއާއެވެ. މިއީ 1.5 ލައްކަ މީހުންގެ އާބާދީއެއް ހިމެނޭ ކިއުރަސާއޯގެ ފުރަތަމަ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ޖަރުމަނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނެތެނިއަލް ބްރައުން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނިކޯ ޝްލޮޓަބެކް ބޮލުން ފޮނުވާލި ހަމަލާ، ކިއުރަސާއޯގެ ކީޕަރު އެލޯއީ ރޫމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ޕެނަލްޓީ އޭރިއާ ބޭރުން އެލެކްސެންޑާ ޕަވްލޮވިޗް ފޮނުވާލި ހަމަލާ ވެސް ވަނީ ބްލޮކްވެފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ވެސް ޖަރުމަނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީތި ބޯޅައަކުން ސާނޭ ފޮނުވާލި ހަމަލާ، ކިއުރަސާއޯ ޑިފެންޑަރު ޑެވެރޮން ފޮންވިލް ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ބްރައުން ނަގައިދިން ކޯނަރަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި ބޮލުން ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޝްލޮޓަބެކްއެވެ. ކޮންމެ ކޯނަރެއްގައި ވެސް ޝްލޮޓަބެކް ފެނުނީ ނުރައްކާކޮށެވެ.
މެޗުގެ 44 ވަނަ މިނެޓުގައި ޖަރުމަނަށް ވަނީ ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންގޮސްފައެވެ. ބްރައުން ފޮނުވާލި ހަމަލާ އަދި ޕަވްލޮވިޗް ފޮނުވާލި ހަމަލާ ވެސް ކިއުރަސާއޯގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން މުސިލިއާލާއަށް ކިއުރަސާއޯ ޑިފެންޑަރު ރީޗެޑްލީ ބަޒޮއާ ކުރި ފައުލަކާ ގުޅިގެން ޖަރުމަނަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. ކިއުރަސާއޯގެ ގޯލުގެ ތިރީ ކަނަށް ޕެނަލްޓީ އަމާޒުކޮށްލައިގެން ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ކައި ހަވާޓްޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ޖަރުމަނުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ކިމިޗް ދިން ބޯޅައަކުން ޕެނަަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި ކިއުރަސާއޯ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުސިއާލާއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ވެސް ކައިރިކައިރީގައި ޖަރުމަންގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ވާޓްޒް އަދި ޕެނަލްޓީ އޭރިއާ ބޭރުން ޕަވްލޮވިޗް ފޮނުވާލި ހަމަލާ ވެސް ވަނީ ބްލޮކްވެފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ކިއުރަސާއޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޖެރެމީ އެންޓޮނީސާ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ލިއާންޑްރޯ ބަކޫނާ ފޮނުވާލި ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ މިނެޓެއް ފަހުން ޖަރުމަނަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސާނޭ ފޮނުވާލި އެ ހަމަލާ، ކިއުރަސާއޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ޑެނިސް އުންޑާވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރީތިކޮށް ކިއުރަސާއޯގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރައުންއެވެ. މިއީ ޖަރުމަން ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ކިއުރަސާއޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔާލް މާގަރީތާ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ މިނެޓެއް ފަހުން ޖަރުމަނުން ވަނީ އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކިިއުރަސާއޯގެ ކީޕަރު އެލޯއީ ރޫމް ކުރިއަށް ނުކުތުމާއެކު، ޖަރުމަން ކެޕްޓަން ޖޯޝުއާ ކިމިކް ދިން ބޯޅައަކުން ވަރަށް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އުންޑާވްއެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޖަރުމަނުން ވަނީ އެޓީމުގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކިއުރަސާއޯ ކީޕަރު ރޫމްގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ހަވާޓްޒްއެވެ.
