އެމެރިކާގެ ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ޖޭ"ގެ މެޗުގައި އަލްޖީރިއާގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ އެޓޭކިން ކުޅުމަކާއެކު ކުޅެމުންދިޔަ އާޖެންޓީނާ ކެޕްޓަން މެސީ ވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ، އަލްޖީރިއާ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލައިފައެވެ. ނަމަވެސް ލައުޓާރޯ މާޓިނޭޒްގެ ބޯޅަ ލިބުނު އިރު، މެސީ ހުރީ އޮފްސައިޑް މަގާމެއްގައެވެ.
މެޗުގެ އަށްވަނަ މިނެޓުގައި އަލްޖީރިއާ އިން ވެސް ވަނީ އާޖެންޓީނާ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލައިފައެވެ. ނަމަވެސް ފަރެސް ޝެއިބީއަށް ބޯޅަ ލިބުނު އިރު، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ނިންމީ އެއީ ވެސް އޮފްސައިޑެއް ކަމަށެވެ.
މެޗުގެ 17 ވަނަ މިނެޓުގައި މެސީ ވަނީ ހިތްގައިމު ގޯލެއް ޖަހައި ލީޑު ހޯދައިދީފައެވެ. ރޮޑްރިގޯ ޑި ޕޯލް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާ އަމާޒުވީ އަލްޖީރިއާ ގޯލުގެ މަތީ ކަނަކަށެވެ. މިއީ ވޯލްޑް ކަޕްގައި މެސީ ޖެހި 14 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި އަލްޖީރިއާއަށް ވަނީ އާޖެންޓީނާގެ ކުޅުން ހުއްޓުވުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގިނަ ވަގުތު އަލްޖީރިއާއިން މަސައްކަތްކުރަން ޖެހުނީ ބޯޅަ ހިފަހައްޓައިގެން އާޖެންޓީނާއިން ކުޅެމުންދިޔަ ކުޅުން ހުއްޓުވުމަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އާޖެންޓީނާއިން އުފެއްދި ފުރަތަމަ ހަމަލާއަކީ ވެސް މެސީ ފޮނުވާލި ހަމަލާއެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، އަލްޖީރިއާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި އާޖެންޓީނާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލައުޓާރޯ މާޓިނޭޒް ފޮނުވާލި އެ ހަމަލާ، އަލްޖީރިއާ ކީޕަރު ޒިދާން ވަނީ މަތަކޮށްފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ގޯލެއް ޖަހައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން މެކެލިސްޓާ ފޮނުވާލި ހަމަލާ، ކީޕަރު ޒިދާން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ގޯލުގައި ކީޕަރު ޒިދާންގެ ގޯސް ފާހަގަކޮށްލެވެއެވެ. މެސީގެ އެ ގޯލާއެކު އޭނާ ވެފައިވަނީ، 15 ގޯލާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
އޭގެ ފަސް މިނެޓު ފަހުން މެސީއަށް ވަނީ ހެޓްރިކް ފުރިހަމަކުރުމަށް ވެސް ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި އެ ހަމަލާ، އަލްޖީރިއާ ކީޕަރު ޒިދާން ވަނީ މަތަކޮށްފައެވެ.
ކުޅުން ރަނގަޅުކުރުމަށް މަސައްކަތްތަކެއްކޮށް، މެޗުގެ 69 ވަނަ މިނެޓުގައި އަލްޖީރިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހުސެމް އައޫރް ފޮނުވާލި ހަމަލާ ދިޔައީ އާޖެންޓީނާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 76 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ އަލްޖީރިއާ ގޯލުގެ ތިރީ ކަނަކަށެވެ. އެ ހެޓްރިކަކީ ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ ފުރިހަމަކުރި ފުރަތަމަ ހެޓްރިކެވެ. އަދި އެ ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. މެސީ ވަނީ ވޯލްޑް ކަޕް 16 ގޯލު ޖަހައިފައެވެ.
މެސީގެ ހެޓްރިކާއެކު މެޗުގެ 79 ވަނަ މިނެޓުގައި އޭނާ ވަނީ ބާލައިފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރުާފައިވަނީ ޒުވާން ތަރި ނިކޯ ޕާޒް އެވެ.
މި ގްރޫޕުގައި އާޖެންޓީނާ އާއި އަލްޖީރިއާއާއެކު ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާއެވެ. ޖޯޑަން އާއި އޮސްޓްރިއާގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު ހެނދުނު 9:00 ގައެވެ.
