ތިއީ ރަނގަޅު މަންމައެއް ނޫންކަމަށް އިހުސާސްވޭތަ؟

ތިބާގެ އަމާޒަކީ ހުރިހާ ވަގުތުތަކެއްގައިވެސް އުފާވެރި މަންމައަކަށްވުން ކަމުގައިވާނަމަ ތިބާގެ އަމާޒަކީ އެއީ ޙަޤީޤަތާއި ޚިލާފު އަމާޒެކެވެ. އެއްވެސް މީހަކު ނުވަތަ އެއްވެސް މަންމައަކު 100 އިންސައްތަ ހުރިހާ ވަގުތެއްގައި އުފަލެއް ނުވެއެވެ.

ކިތަންމެ ދުޅަހެޔޮ އާދަތަކާއި ނިޒާމުތަކެއް ގާއިމް ކުރިޔަސް ކޮންމެ ދުވަހަކުވެސް ކުދިކުދި މާޔޫސްކަމާއި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެ އެވެ. ކުދިންގެ ކަންކަމުގައި ބައެއްފަހަރު ކަމެއް ހަނދާންނެތިދާނެއެވެ. މިސާލަކަށް، ދަރިފުޅު ނަގަން ސްކޫލުދޮށަށް ގައިޑިއަށްދާން ހަނދާން ނެތުމަކީ ކޮންމެހެން ކަންބޮޑުވާންވީ ކަމެއްނޫނެވެ. ގޭތެރެ ސާފުކުރާއިރުވެސް ގޭތެރޭގެ ތަރުތީބު ކުދިން ގެއްލުވާލާފާނެއެވެ. ކުޅޭއެއްޗިހިތައް އަޅާލާ ގެ ހަޑިކޮށްލަފާނެއެވެ. އެކަމާ ރުޅިގަދަވެގެން ކުދިންނަށް އަޑުލާ ހެދިދާނެއެވެ. ފަހުން އެކަމާ ވަރަށް ދެރަވެދާނެއެވެ. ނަމަވެސް އެފަދަ ވަގުތެއްގައި އެއީ ގަސްތުގައި ވީކަމެއް ނޫންކަން ސިކުނޑިއަށް ވިސްނައިދީ ތިމާގެ ނަފުސު ހަމައަކަށް އަޅުވާށެވެ. ތިމާގެ ނަފުސު ހަމައަކަށް އެޅުވުމުގައި ކަންކުރެވިދާނެ ގޮތެއް ތިރީގައި މިވަނީއެވެ.

ތިމާއަށް އިހުސާސް ކުރެވޭ ގޮތް ބަޔާންކުރާނެ ގޮތް ދެނެގަންނާށެވެ. ތިއީ ވަރަށް އަވަދިނެތި އުޅޭ މަންމައެއް ހެއްޔެވެ؟ އަވަސް އަވަހަށް ރުޅިއާދެވެނީ ހެއްޔެވެ؟ ކުދިންނާ ދިމާއަށް އެއްޗެއް ބުނެވެނީހެއްޔެވެ؟ އަދި ފަހުން އެކަމާ ދެރަވަނީހެއްޔެވެ؟ ކަންބޮޑު ނުވާށެވެ. ތިމާއަށް އިހުސާސް ކުރެވޭ ގޮތް ބަޔާންކުރުމަށް އެކެއް ނުވަތަ ދެ ބަހެއް ބޭނުންކުރާށެވެ. މާބޮޑަށް ރުޅިއައުމުން ނުވަތަ ދެރަވުމުންވެސް ތިމާގެ އިހުސާސްތައް އަމިއްލަ ނަފުސަށް ބުނެދެވޭތޯ މަސައްކަތް ކުރާށެވެ.

މިސާލަކަށް، “އަހަރެންނަށް އިހުސާސް ކުރެވެނީ…” ނުވަތަ “އަހަރެންނަށް މާޔޫސްކަން އިހުސާސް ކުރެވެނީ” ނުވަތަ “އަހަރެން ރުޅި އަންނަ ކަމުގެ އިހުސާސް ކުރެވެއެވެ. ދެން އަމިއްލަ ނަފުސަށް އަރާމުކޮށްލަން ވަގުތުކޮޅެއް ދޭށެވެ. ހުރިހާ ވަގުތަކު ކޮންމެހެން މާބޮޑަށް އުސޫލުތަކުގައި ހިފަހައްޓާކަށް ނުޖެހެއެވެ. ކުދިންނާއި ވާހަކަ ދައްކާއިރުވެސް މިފަދަ އިބާރާތް ތަކުން ވާހަކަދެއްކުމުން އެކުދިންނަށްވެސް މަންމަގެ ހާލަތު ދެނެގަންނަން ފަސޭހަވާނެއެވެ.

ތިމާ މާބޮޑަށް ކުދިންގެ ކަންކަމުގައި ނުވިސްނާށެވެ. ކުދިން ތަރުބިއްޔަތު ކުރާއިރު ރުޅިވެސް އާދެވޭނެއެވެ. އެއީ ބުރަ މަސައްކަތެކެވެ. ކުދިން ޅައުމުރުގައި ގިނަ މަންމައިން ދެރަވެ، ރުޅިގަދަވެ އަދި ވަރުބަލިވެސް ވެއެވެ. އެއީ ތިމާއަށް އެކަނި ވާކަމެއް ނޫނެވެ. މާބޮޑަށް ކަންބޮޑުވުމުން ސިކުނޑިއަށް ބާރުބޮޑުވެގެން ދެއެވެ. ވީމާ ތިމާ ހަމަޖެހިލާ ހިތާމަވެރިވާ ނުވަތަ ދެރަވާ ސަބަބު ސިކުނޑިއަށް ބުނެދޭށެވެ. ކޮންމެ ދުވަހަކު ދިމާވާ އެންމެ ކުޑަކުޑަ އުނދަގޫތައް ވެސް ސިކުނޑި މާނަކުރަނީ އެއީ ތިމާގެ ދިރިހުރުމަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. އެކަމަކު މަދު ބަސްކޮޅަކުން ތިމާގެ ޖަޒުބާތުތައް ބޭރުކުރަން އެނގުމަކީ  ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. އިހުސާސްތަކުގެ ލަފުޒުތައް ބޭނުން ކުރުމުން ތިމާ ތަޖުރިބާ ކުރަމުންދާ ޖަޒުބާތާއި އަމިއްލަ ނަފްސުގެ އިހުސާސް ވަކިކުރުމަށް އެހީތެރިވެދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *