ކުކުޅުބިހަކީ ހިތުގެ ބަލިހުންނަ މީހުންނަށް ނުރައްކާތެރި އެއްޗެއް ކަމަށް ބައެއް މީހުން އަދިވެސް ގަބޫލުކުރެއެވެ. އަދި ބިހަކީ ޒަމާނުއްސުރެ ދިވެހިން ކެއުމުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ފައިދާހުރި އެއްޗެކެވެ. އަހަރެމެންގެ މެނޫތަކާއި ކެއުންތަކުގައި ބިސްހިމެނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ތިރީގައި މިވަނީ ބިހުން ލިބޭ ފައިދާތަކެވެ.
ފެނުކެއްކި ބިހާއި އަދި ބިސްގަނޑުން ޕްރޮޓީން، ކެލްސިއަމް އަދި ބައެއް ވިޓަމިންތަކާއި ނިއުޓްރިއެންޓްސް އިންސާނާގެ ހަށިގަނޑަށް އެތެރެ ކޮށްދެއެވެ.
ފެނުކެއްކި ބިހުން ލިބޭ ފައިދާތަކުގެ ތެރޭގައި
ވިޓަމިން އޭ، ބީ5، ބީ12، ޑީ، އީ، ކޭ، ބީ6 ހިމެނެއެވެ. ފޮސްފަރަސް، ކެލްސިއަމް، ޒިންކް އަދި ހަ ގްރާމްގެ ޕްރޮޓީން ހިމެނެއެވެ. އަދި ބިހެއްގައި ފަސް ގްރާމްގެ ސިއްހަތަށް ފައިދާހުރި ފެޓްސް ހިމެނެއެވެ.
އެމެރިކާގެ ކެކް މެޑިސިންގެ އިންޓަރނަލް މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ކަރޓް ހޮންގް ފާހަގަ ކުރާގޮތުގައި ބިހުގެ ގޮބޮޅިން ޕްރޮޓީން ލިބޭއިރު އެއީ ހިތަށް ފައިދާހުރި އަންސެޗުރޭޓެޑް ފެޓްސް ވެސް ހިމެނޭ މުހިއްމު ކެއުމެކެވެ.
ލޮލުގެ ފެނުން ދެމެހެއްޓުމަށް ބިސް އެހީތެރިވެދެއެވެ.
އުމުރުން ދުވަސްވާވަރަކަށް ލޮލަށް ރަނގަޅަށް ފަރުވާތެރިވާން ޖެހެއެވެ. ބިހުގެ ގޮބޮޅީގައި ގިނަ އަދަދަކަށް ލޫޓީން އާއި ޒީއެކްސަންތިން ހިމެނޭއިރު، މިއީ ލޮލަށް ޖެހޭ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްތަކެކެވެ. އަދި ބިހުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުންނައިރު، މިއީ ލޮލުގެ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ.
ބިހަކީ ހިތަށް ގެއްލުންދޭ އެއްޗެއްނޫނެވެ.
ކުރީ އަހަރުތަކުގައި ގަބޫލުކުރެވުނު ކަންތައްތަކެއް ހުރި ނަމަވެސް، ހަގީގަތުގައި ބިސް ކެއުމާއި ހިތުގެ ބަލިތަކާއި ނުވަތަ ސްޓްރޯކާއި ސީދާ ގުޅުމެއް ނެތެވެ. އެކަމަކު ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރުބަލި ހުންނަ މީހުންނަށް ބިހުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ކާބޯހައިޑްރޭޓް މަދު ކާނާއަށް ތަބާވެ، ބިސް ކާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.
ބިހުން ސިކުނޑިއަށް ފައިދާކުރެއެވެ.
ބިހަކީ ސެލް މެމްބަރޭންސް ބިނާކުރުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި ސިކުނޑީގެ މޮލިކިއުލްތައް އުފެއްދުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. ފެނުކެއްކި ބިހެއްގައި ގާތްގަނޑަކަށް 147 މިލިގްރާމްގެ ކޮލިން ހުންނަކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ބުނެއެވެ. ކޮލިން އަކީ ފެނުގައި ރައްކާކުރެވޭ ވިޓަމިން އެއް ކަމަށާއި، މިއީ ގިނަ ފަހަރަށް ވިޓަމިން ބީ އާއި އެކު ގްރޫޕް ކުރެވޭ އެއްޗެކެވެ.
