މާ ގިނައިން ފަޅޯ ކެއުމުން ހަަށިގަނޑަށް ގެއްލުންވޭ

ކޮންމެ އެއްޗެއްވެސް މާގިނައިން ބޭނުންކުރުމުން ބައެއް ގެއްލުންތައް ވާފަދައިން، ފަޅޯވެސް މާގިނައިން ކެއުމަކީ ހަށިގަނޑަށް ބައެއް ގެއްލުންތައް ލިބިދާނެ ކަމެކެވެ. ނަމަވެސް ފަޅޮލަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލު މޭވާއެކެވެ. ހަމަޔަގީނުންވެސް ފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާ ކުރުވަނިވި މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ.

ފަޅޯ ކެއުމުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި، ގިނަ ދުވަހު ޒުވާން ކަންމަތީ ހުރުމަށް އެހީތެރިވުމާއި، ހަށިގަނޑުގެ ބަރުމިން ލުއިކޮށްދިނުމަށް އެހީތެރިވުމާއި، ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލްއެއް ވަރެއްގައި ހިފަހައްޓައިދިނުމުގެ އިތުރުން، ބަނޑު ހަރުވެ ބޮޑުކަމު ނުދެވުމުން ވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން ފަޅޮލަކީ މިނަރަލްގެ މާއްދާއިން ވެސް މުއްސަނދިވެފައިވާ މޭވާއެކެވެ.

ފަޅޯ ކެއުމުން ހަށިގަނޑަށް ކިތަންމެ ގިނަ ފައިދާތަކެއް ލިބުނު ނަމަވެސް މާގިނައިން ފަޅޯ ކެއުމުން ހަަށިގަނޑަށް ގިނަ ގެއްލުންތަކެއް ވެއެވެ.  ގިނައިން ފަޅޯ ކެއުމުން، ލޭގައި ހުންނަ ހަކުރުގެ ބައި ދަށަށް ދިއުމަށް މަގުފަހިވެއެވެ. އެހެން ކަމުން، ހަކުރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މީހުން ފަޅޯ ކެއުމުގެ ކުރިން، ސިއްހީ ތަޖްރިބާކާރެއްގެ ލަފާ ހޯދުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. ހަކުރު ބަލީގެ އިތުރުން އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ދިގު މުއްދަތަށް ބޭސް ކާ މީހުންވެސް ގިނައިން ފަޅޯ ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ފަޅޮލުގައި އެކުލެވޭ ބައެއް މާއްދާތައް ލެޔާއި އެއްވެ އުފެދޭ ބައެއް ރިއެކްޝަންތަކުގެ ސަބަބުން ބޭހުން ހަށިގަނޑަށް ގެއްލުން ވެދާނެތީއެވެ.

ސިއްހީ ބައެއް މައްސަލަތަކުން ހަށިގަނޑު ރައްކާތެރިކުރުމަށްޓަކައި، ވަކި މިންވަރަކަށް ވުރެ ގިނައިން ފަޅޯ ކެއުމާއި ދުރުވުމަކީ މުހިންމު ކަމެކެވެ. ގިނައިން ފަޅޯ ކެއުމުން ބަނޑުގައި ރިއްސުމާއި ޑައިޖެސްޓް ކުރުމުގައި ވެސް ބައެއް މައްސަލަތައް ދިމާވެއެވެ. މީގެ އިތުރުން ފަޅޮލުގައި ހިމެނޭ އެންޒައިމްގެ ބާވަތެއް ކަމަށްވާ ޕަޕައިންގެ ސަބަބުން، އަސްތަމާ ފަދަ ބަލިތައް ޖެހުމަށް މެދުވެރިވެ، ނޭވާލާ ނިޒާމުގައި ވެސް ބައެއް މައްސަލަތައް ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *