އަހަރެމެން ކެއުމުގައި ބަރަބޯ ބޭނުންކުރަމެވެ. ދިވެހިން ބަރަބޯ އެންމެ ގިނައިން ބޭނުން ކުރަނީ ރިހަކެއްކުމަށެވެ. ނަމަވެސް ބަރަބޯ އޮށް އަހަރެމެންގެ ކާނާގައި އެއްގޮތަކަށްވެސް ބޭނުން ކުރާތަނެއް ނުފެނެއެވެ. ނަމަވެސް ބަރަބޯ އޮށަކީ އެއްގޮތަކަށްވެސް ނުކައި ދޫކޮށްލަން ޖެހޭ އެއްޗެއް ނޫނެވެ.
ބަރަބޯ އޮށަކީ ސިއްހަތަށް ފައިދާހުރި ތެލާއި މެގްނީޒިއަމް އަދި އެހެނިހެން މާއްދާތަކުގެ ސަބަބުން ހިތާއި ކަށިތަކާއި އެހެނިހެން ގުނަވަންތަކުގެ މަސައްކަތްތަކަށް ދުޅަހެޔޮކަން އިތުރުކޮށްދޭ ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން ބަރަބޯ އޮށަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމް، މެގްނީޒިއަމް، އަދި ކެލްސިއަމް ފޯރުކޮށްދޭ ވަސީލަތެކެވެ.
ބަރަބޯ އޮށަކީ މީހާގެ ހަށިގަނޑުގައި ކަށި އުފެދުމަށް މުހިއްމު މެގްނީޒިއަމް ފޯރުކޮށްދޭ އެއްޗެކެވެ. މެގްނީޒިއަމް ގިނައިން ކެއުމަކީ ކަށީގެ ބޮޑުވުމާ ގުޅުން ހުރި ކަމެއްގެ އިތުރުން އަންހެނުންނަށް ކަށިފީވުމުގެބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ބަރަބޯ އޮށުގައި ހުންނަ ނިއުޓްރިއެންޓްސް އިން ޓައިޕް 2 ހަކުރުބަލީން ރައްކާތެރިވުމަށް އެހީތެރިޗވެދެވިދާނެއެވެ. ހަކުރުބަލި ޖެހުމުގައި ރިއެކްޓިވް އޮކްސިޖަން ސްޕީޝީސް (އާރުއޯއެސް) ގެ ދައުރެއް އަދާކުރާއިރު، ބަރަބޯ އޮށުން މި ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދެވިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު މެގްނީޒިއަމް ބޭނުންކުރާ ކޮންމެ 100 މިލިގްރާމް އިތުރުވުމުން ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް 15 ޕަސެންޓް ދަށްވެއެވެ. 100ގްރާމް ބަރަބޯ އޮށުގައި 90 މިލިގްރާމަށް ވުރެ ގިނަ މެގްނީޒިއަމް ހުންނަކަމަށް ފާހަގަކުރެވެއެވެ.
މި އޮށުގައި ސިއްހަތަށް ފައިދާހުރި ތެޔޮ އެކުލެވިގެންވާތީ ހިތާއި ފުރަމޭ އަދި ކާޑިއޯ ވެސްކިއުލަރ ސިސްޓަމަށް ފައިދާ ކުރެއެވެ. ބަރަބޯ އޮށުގައި އޮމެގާ 3 އަދި އޮމެގާ 6 ފެޓީ އެސިޑް، އެންޓިއޮކްސިޑެންޓްސް، އަދި ފައިބަރ ހިމެނެއެވެ. މި ކޮމްބިނޭޝަންގެ ސަބަބުން ހިތާއި ފުރަމޭއަށް ވެސް ފައިދާތަކެއް ލިބިގެންދެއެވެ. ބަރބޯ އޮށުގައި ހިމެނޭ ފައިބަރުގެ ސަބަބުން ލޭގައި ހުންނަ ޖުމްލަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
އޮމެގާ-3 ގެ ސަބަބުން ހާޓް އެޓޭކާއި ސްޓްރޯކާއި ކުއްލިއަކަށް ހިތްހުއްޓި މަރުވުން ފަދަ ކަންކަމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި ލޭހޮޅިތަކުގައި ސަރުބީ ޖަމާވާ މިންވަރު މަދުކޮށްދެއެވެ. ބަރަބޯއޮށުގައި ބަރުދަން ލުއިވުމާއި ހަޖަމުކުރުމަށް އެހީތެރިވެދިނުމާއި ދިފާއީ ނިޒާމަށްވެސް ފައިދާތަކެއް ވެއެވެ.
މީގެ އިތުރުން ނިދި ނުލިބުމުން ރައްކާތެރިކޮށްދިނުމަށް ބަރަބޯ އޮށް ބޭނުންކުރެވިދާނެއެވެ. ނިދުމުގެ ކުރިން ބަރަނޯ އޮށްކޮޅެއް ބޭނުންވާ މޭވާ ކޮޅަކާއިއެކު ކެއުމުން ނިދީގެ މައްސަލައަށް ހައްލެއް ލިބޭކަމަށްވެއެވެ. އަދި މާބަނޑުމީހުންވެސް މި ބަރަބޯއޮށް ކެއުމަކީ ރަނގަޅު ކަމެކެވެ.
