ރަށުގެ ތިލަފަޅުގައި މާދުރަށް ދެމިފައި އޮތް ހިމަ ހިމަ ތުނޑީގެ ކޮންމެ ތަނަކީ ނުހަނު ހިތްގައިމު ތަންތަނެވެ. މާދުރުން ފެންނަންއޮތް ހިކިފައިހުރި ކުރެދިގަހުގައި ދެކާޅު ތުންގުޅުވައިގެން އިނީ އަހަރެންނާއި ރަމްޝާގެ ލޯބީގެ މިސާލެއްހެންނެވެ. ސާފު ގޮނޑުދޮށްތަކުގައި ބޮސްދެމުންދިޔަ ކޮންމެ ރާޅެއްގެވެސް އަޑަކީ އަހަރެމެންގެ ލޯތްބަށް މަރުހަބާކީ ރާގުތަކެވެ. ޅަފުރާގެ ލޯބިން އަހަރެންގެ ހިތް ރަމްޝާއަށް ވެދުންކުރިދުވަހު ރަމްޝާގެ މައިންބަފައިން އަބަދުގެ އަބަދަށް އަހަރެންނާއި ރަމްޝާއާއި ހިބަކުރީ އަބަދުވެސް އިރުވައިމޫސުމުގެ ހިތްގައިމުކަން އަހަރެމެންގެ ކައިވެނީގެ ހަޔާތުގައި ލެހެއްޓެވުމަށް އެދެމުންނެވެ.
ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އަހަރެމެން އުޅުނީ ނުހަނު އުފަލުންނެވެ. ލޯބި ލޯބި އަންހެންކުއްޖެއް އަހަރެންގެ އުނގަށް އައިއިރު ރަމްޝާ ދިޔައީ މޮޅުމީހަކަށް ވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުންނެވެ. ރަމްޝާ ނިންމާ ކޮންމެ ނިންމުމެއްގައި ހަމައެކަނި އޭނާއާއި އެއްކޮޅަށް ހިފީކީނޫނެވެ. ކޮންމެ ކަމެއްގައި އެހީތެރިވެސް ވެދިނީމެވެ. އިނގިރޭސި ބަހުގެ މުދައްރިސްކަމުގެ ޑިގުރީކޯސް ނިންމާ ސުކޫލެއްގެ މުދައްރިސަކަށް އޭނާ ވީއިރު އަހަރެން ހުރީ އޮފީހެއްގެ ވެރިއަކަށެވެ. ރަމްޝާއަކީ މާލޭގައި ގެދޮރު ހުރި މީހަކަށްވެފައި އަހަރެންނަކީ ރާއްޖެތެރޭ އާދައިގެ އާއިލާއަކުން އައި މީހެއް ނަމަވެސް ދެމީހުންގެ އުފަލާ ދެމީހުންގެ ހުވަފެންތަކަކީ އެކައްޗެކެވެ. މާތް ﷲގެ ހެޔޮރަހުމަތުން އަހަރެންގެ ދިރިއުޅުން ފާގަތިކަމުން ފުރާލަމުން ދިޔައިރު ރަމްޝާވެސް ވިސްނަމުން ދަނީ މިނިޢުމަތް އިތުރަށް ތަރައްގީވެ ދެމިހުންނާނެގޮތެކެވެ.
"ލޯނެއް ނަގައިގެން ގެ ހަދަންވީނު" އެއްދުވަހަކު މެންދުރު ކާންއިދެފައި ރަމްޝާ ބުންޏެވެ.
ރަމްޝާގެ އެނިންމުމަށް އަހަރެން އިޖާބަދިނީމެވެ. އަހަރެން ބެންކުން ލޯނު ނަގައިގެން އެގެ ހަދަމުން ދިޔައީމެވެ. އޮފީހުގައި މަސައްކަތް ކޮށްފައި ލިބޭ މުސާރައިން ލޯނު ދައްކަމުން ދިޔައީމެވެ. އަށް ބުރިއަށް ގެ ހަދާ ގޭގެ ބައެއް ބައިތައް ކުއްޔަށްދީ ދިރިއުޅުން އިތުރަށް ފާގަތި ވަމުން ދިޔައެވެ. ދެވަނަ ކުއްޖެއް ނެތުމުގެ ފަޅުކަން އަހަރެންނަށް އުނދަގޫ ކުރުވަމުން ދިޔައެވެ. ނަމަވެސް ރަމްޝާގެ ކުރިއެރުމަށް ލިބިދާނެ ހުރަހަކަށްޓަކައި އެޚިޔާލު އިތުރަށް ނުކުރުމަށް އޭނާ ބުނަމުން ދިޔައެވެ.
ވަޒީފާގެ ކުރިއެރުން އަހަރެންނަށް ލިބުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކާމިޔާބާއި ކުރިއެރުން ހިސާބެއްނެތްވަރަށް ލިބެމުން ދާތީ ރަޙުމަތްތެރިންގެ ތައުރީފް ބަންޑުން ވަމުންދިޔައެވެ. އޮފީހުގެ ވެރިއަކަށް ވުމުން ބޮލުގައި އެޅިފައިވާ ޒިންމާތައް ބޮލުގެ އިސްތައްޓަށްވުރެވެސް ގިނަވެފައިވާތީ ގޭގައި ހޭދަކުރެވެނީ މަދު ވަގުތެއްގައެވެ. ގޭގެ ކަންތައްތައް ކުރުމުގައި އަހަރެން ތަންކޮޅެއް މަޑުޖެހިލާފައިވާކަން ގަބޫލުކުރެވެއެވެ.
"ގޭގެ ސިންކުން ފެންނުދާތާ ކިތައް ދުވަސް. މޫނުބަލާ ލޯގަނޑުވެސް އެހުރީ އަދިވެސް ރަނގަޅު ނުކުރެވި. ފައިވާން އަޅާ ހަރުގަނޑެއް ގަންނަން ދާންހިނގާށޭ ބުނާތާވެސް ދެހަފްތާވީ." ރަމްޝާގެ ފޯނުކޯލުން އޭނާގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.
"ވަރަށް އަވަހަށް މާޒިން އެބަފޮނުވަން." އަންހެނުން ގެ ޝަކުވާތައް ގިނަވެފައިވުމުން އެކަން ހައްލު ކޮށްދިނުމަށް ވީހާވެސް އަވަހަކަށް ބޭނުމެވެ. މާޒިންއަކީ އަހަރެންގެ ގޭގެ ކޮންމެ ކަމެއް ރަނގަޅުކޮށްދޭ ކަނާއަތް ކަހަލަ ހެޔޮލަފާ މީހެކެވެ.
އޮފީސް ދަތުރެއްގައި ލާމު އަތޮޅަށް ހަފްތާއަކަށް ފުރައިގެން ދާންޖެހުނީ ނުގޮސް ފަރު ނުޖެހޭނޭ ކުއްލި ދަތުރެއްގައެވެ. ރޯދަމަސް އައިސް ޖެހިފައިވާތީ ގޭގެ ބަދިގޭގެ ކަބަޑުތައް ހަދަން މާޒިންއާއި ހަވާލުކޮށްފައެވެ. ހަފްތާއެއްފަހުން އަހަރެން އައިއިރު ގޭގެ ބަދިގެ ކަބަޑުތައް ހުރީ ވަރަށް ފުރިހަމަޔަށް ޖަހާފައެވެ. ގޭގެ މަރާމާތުކުރަން ޖެހޭ ހުރިހާތަނެއް މަރާމާތު ކުރެވިފައެވެ.
ރަމްޝާ ހުރީ ނުހަނު އުފަލުންނެވެ. އޭނާގެ ޝަކުވާތަކަށް ހައްލެއް ލިބުމުން އައި ބަދަލެއްކަމުގައި އަހަރެން ދުށީމެވެ. އިހުނަށްވުރެ މުރާލިވެފައި ސާފުތާހިރު ވެއްޖެއެވެ. ފާޚާނާއިގައި ގިނައިރުވުމާއި ލޯގަނޑުކައިރީގައި އެތައް އިރެއް ވާންފަށައިފިއެވެ. ދަންވަރު ގަޑީގައި ފޯނަށް އަންނަ ވައިބަރ މެސެޖްތައް ގިނަވުމުން ދުވަހަކުވެސް ހީވެސް ނުކުރާ ފަދަ ކޮޅިގަނޑެއް ފެށެން އުޅެނީކަމުގެ ސިގްނަލް އަހަރެންގެ ހިތުގައި ޖަހަމުން ދިޔައެވެ. ފަރުދާގެ ފުރަގަހުގެ ކުޅެވެމުން ދިޔަ މަންޒަރަކީ އަހަރެންގެ ލަނގޮޑި ފުންމައިގެން ދާފަދަ ހިތާމަވެރިކަމަކަށް ނުވާނެކަމަށް ދުޢާކުރަމެވެ.
ވިދާލި ވިދުވަރާއެކު ކަންފަތް ފަޅައިގެން ދާވަރަށް ޖަހާލި ގުގުރީގެ ބާރުކަމުން އަހަރެންނަށް ހޭލެވުނެވެ. ބޮކި ދިއްލާލުމަށްފަހު ކޮޓަރިތެރެއަށް ބަލާލެވުނީ ރަމްޝާ ރަނގަޅުތޯއެވެ. ރަމްޝާގެ އެއްވެސް ހިލަމެއް ނެތުމުން ސިޓިންރޫމަށް ދިއުމަށްޓަކައި ސިޑިން ފައިބަމުން ދިޔައީމެވެ. ރަމްޝާ ހުރީ ފޯނެއްގައެވެ. މަޑުމަޑުން ގޭގެ މައިދޮރާއި ދިމާއަށް ފޯނުގައި ހުރެގެން ހިނގަމުން ދެއެވެ. ނިދާހެދުމުގައި ހުރެގެން ފޯނަށް ޖަވާބުދެމުން ދާއިރު އެލައްވާ ބަނޑިތަކުން އެއީ އާދައިގެ ފޯނުކޯލެއް ނޫންކަން ދޭހަވެއެވެ. އަހަރެން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ރަމްޝާ ހުޅުވާލި ދޮރުގެ ކުރިމަތީގައި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ މާޒިން ފެނުމުންނެވެ. އޭނާ ގެނައި މާ ބޮނޑީގައި ރަމްޝާ ހިފިއިރު އުޅުނު ލަދުރަކި ގޮތުންނެވެ.
"މާޒިން… ކަލޭގެ އެއްވެސް ގޮތެއް ފޮތެއްވެސް ނެތީތަ؟" އަހަރެންނަށް ލިބުނު ހިތާމައިން ހަޅޭއްލަވައި ގަނެވުނެވެ.
"ނާހިލްއަށް ކެތްނުވަންޏާ މިގެއިން ނިކުމެގެން ދޭ. އެކަމަކު ދަރިފުޅު މިގެއަކުން ނުގެންދެވޭނެ." ރަމްޝާ މާބޮނޑީގައި ވަސްބަލާލާފައި ސޯފައިގައި އިށީންނަމުން ބުންޏެވެ. އޭނާގެ އެއްވެސް ހާސްކަމެއް ނެތެވެ.
"ރަމްޝާ އަމިއްލަ އެދުން ތިހާމައްޗަށް ދިޔައީ ކޮންއިރަކު. އަހަރެން ރަމްޝާއަށް ނުކޮށްދެނީ ކޮންކަމެއް. މިއަދުވެސް ބެންކުގައި ލޯނު އެއޮތީ އަހަރެންގެ ނަންމަތީ. ލޯނު ދައްކާ ޚަލާސް މިކުރަނީ އަހަރެން. ޖިފުޓިގަނޑަކަށް ވެފައި ހުރި ގެ ނަގާ ކޮޅަށް ޖެހީ އަހަރެންނެއް ނޫންތަ؟ މީހާ ކިޔަވާ މޮޅުވެފައި ތިހުރީ އަމިއްލައަކަށް ނޫން."
"ނާހިލް. ނާހިލް ކަމެއް ނުކޮށްދެއެކޭ ނުބުނަން. ނާހިލްގެ އިހުމާލުން އަހަރެން ވަރަށް ބޮޑަށް ބަދަލުވެއްޖެ. މި ނިންމުން މި ނިންމަނީ އަހަރެން އެއިން އެއްވެސް ކަންބޮޑުވުމެއް ފަހުން ނަގަން ނުޖެހޭނެކަންވެސް ޔަގީން ކުރަމުން. އަހަރެން ނާހިލްއަކަށް ދެރަގޮތެއް ވާކަށް ނޭދެން. ނާހިލް ބޭނުންނަމަ މިގޭގެ އެޕާޓްމަންޓެއްގައި އުޅެވިދާނެ. އެކަމަކު އަހަރެން ހަޔާތުގެ ދެން އޮތް ދުވަސްތައް ބޭނުންވަނީ މާޒިންއާއެކު އުޅެން."
"ރަމްޝާ.." އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ފޮށްޓަށް އެއްޗިހިއަޅާ ބަންދުކުރަން އެއްހަފްތާވެސް ރަމްޝާއަށް ލަސްވެފައި ވާކަހަލައެވެ. ހަތަރު އުދަރެސް ބެދިފައިވާ ހާލު ގޮތް ހުސްވެފައިވާ އަހަރެން އެގެއިން ނިކުތީއެވެ. އަމިއްލައަތުން އިމާރާތްކުރި ބިނާ ނިމުމާއެކު އޭގެ ފޮނިކަން ލިބުނީ އެހެން މީހަކަށެވެ. ގޮތްހުސްވެފައިވާ ނިކަމެތި ދިރިއުޅުން އާރާސްތު ކޮށްދިން މީހާ ނިކުންނަން ޖެހުނީ ދެކުނު ހުވަފެންތަކުގައި ކުލަޖައްސަން އެހެންމީހަކަށް ދީފައެވެ.
އިރުވައި މޫސުމުގައި އަންނަ އިރުވާހުދެއް ފަދައިން ރަމްޝާ އަހަރެން ހަޔާތުގައި އުޅެލުމަށްފަހު ވަކިވީއެވެ. އެމޫސުމުގެ މިނިވަން ކޮކާތައް ފަދައިން ޖައްވުގައި އުދުހުމަށްފަހު އެހެން ކޮކާލަކާއެކު ރަމްޝާގެ މިސްރާބު ބަދަލުކޮށްލީއެވެ. ދެމީހުން އެކުގައި ދާންއޮތް މަންޒިލް ފުރިހަމަކޮށްފައި ކުލަލާ މީރުވަސް ދުވަން ގާތްވެފައި ވަނިކޮށް މަންޒިލްގެ މިސްރާބު ބަދަލުކޮށްލީއެވެ.
އަހަރެންގެ ހިތް ކުދިކުދި ވިއެވެ. އެހެން ކޮކާލަކާއި އެކު އާމިސްރާބަކަށް ދަތުރުކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ރަމްޝާއާއި އެކު އުޅެވުނު ދުވަސްތައްވީ ހަނދާން ނައްތާނުލެވުނު ދުވަސްތަކަކަށެވެ. ލިބުނު ލޯބި ލޯބި ދަރިފުޅު ގޮވައިގެން ރަށަށްދާން ފުރީ އެންމެ ފުރަތަމަ ދުވަހު މާލެ އައި ހާލަތުގައެވެ. އަތުގައި ލޯލާރިއެއްވެސް ނެތިއެވެ. ވަޒީފާއެއްވެސް ނެތިއެވެ. އެމީހަކަށްޓަކައި އެންމެ އިތުބާރުކުރި މީހާ މަހުޖަނަކަށް ހަދާދީފައި ކުޑަދަރިފުޅު ގޮވައިގެން މުސްކުޅި މަންމަ ގާތަށް ފަގީރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
"އިރުވައި މޫސުމުގައި އަންނަ އިރުވާހުދެއް ފަދައިން ރަމްޝާ އަހަރެން ހަޔާތުގައި އުޅެލުމަށްފަހު ވަކިވީއެވެ." ރަމްޝާއަކީ، ކޮންކަހަލަ ކުއްޖެއްކަން ކިހާ ހިތްގައިމު ގޮތަކަށް މިއޮތީ ގެނެސްދީފާ. ވަރަށް ރީތި
ވަރަށް ވަރަށް ރީތި ވާހަކައެއް