އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ލަތާ މަންގޭޝްކަރު އުމުރުން 92 އަހަރުގައި މަރުވެއްޖެ އެވެ. ފެބްރުއަރީ 6 ގައި ލަތާ މަރުވީ ކޮވިޑާ އެކު، ނިއުމޯނިއާ ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ.
ލަތާ މަޝްހޫރުވެފައި ވަނީ "އިންޑިއާގެ ރަން އަޑުގެ ވެރިޔާގެ" ނަމުގައެވެ. ލަތާގެ ރެކޯޑް ކުރެވިފައިވާ ލަވަތަކުގެ އަދަދު ވެސް 36000 އަށް ވުރެ ގިނަ ކަމަށް ވެއެވެ. އޭނާ އަކީ ބޮލީވުޑްގެ އެތައް ސަތޭކަ ފިލްމަކަށް ލަވަ ކިޔާފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާ ލަވަކިޔާފައިވާ ބަސްތަކުގެ އަދަދު ވެސް 30 އަށް ވުރެ ގިނައެވެ.
ބޮލީވުޑްގެ އެތައް ޖީލަކަށް ލަވަތައް ކިޔައިދީފައިވާ ލަތާ އަކީ، މުޅި ދުނިޔެ ވެސް ދަންނަ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ، އިންޑިއާގައި އެންމެ އިހުތިރާމް ލިބިފައިވާ ލަވަކިޔުންތެރިޔާ ވެސް މެ އެވެ.
އެ ފަންނާކަކަށްޓަކައި މުޅި އިންޑިއާ ފަޚުރުވެރިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ.
ލަތާގެ އާއިލާ އަކީ މިއުޒިކީ އާއިލާއެކެވެ. އާޝާ ބޯސްލޭ، އޫޝާ މަންގޭޝްކަރު އަދި ހިރްނޭނަތު މަންގޭޝްކަރު އަކީ ލަތާގެ ކޮއްކޮ މެންނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިން ތިބޭއިރު، އެންމެ ދޮށީ ލަތާ އެވެ.
ލަވަކިޔުމުގެ ދާއިރާ އަށް ލަތާ ނިކުތީ އޭނާގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. އެންމެ ފުރަތަމަ ލަވައެއް ރިކޯޑްކުރީ 1942 ގައެވެ. ބައްޕަ ދީނާނަތު މަންގޭޝްކަރު ގާތުން ލަވަކިޔަން ދަސްކޮށް، އެންމެ ފުރަތަމަ އޭނާ ލަވަކިޔާ އުޅުނީ ވެސް ބައްޕަ ހަދާ މިއުޒިކަލް ޕްލޭތަކުގަ އެވެ.
ލަތާ، އެންމެ ފުރަތަމަ މަޝްހޫރުވި އޭނާގެ ލަވަ އަކީ 1948 ގައި ނިކުތް ފިލްމު "މަޖްބޫރު" އަށް އޭނާ ކިޔާފައިވާ ލަވަ "ދިލް މެރާ ތޯޑާ، މުޖޭ ކަހީ ކާ ނަ ޗޯރާ" އެވެ.
އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ހޯޓޯ މެއި އެއިސީ ބާތު"،"އެކް ޕިޔާރް ކަ ނަގްމާ ހޭ"،"އަޖީބް ދާސްތާ ހެ ޔޭ"،"ތުޖެ ދޭކާ ތޯ ޔެ ޖާނާ"، "އާޖް ފިރް ޖީނޭ ކާ ތަމަންނާ"، "ޕިޔާ ތޫސޭ"، "ކޯރާ ކާގަޒް ތަ ޔޭ މަން މޭރާ"، "އާޕް ކޭ ނަޒުރޯނެ ސަމްޖާ"، "މޭރާ ސާޔާ ސާތު ހޯންގާ"، "ހަމޭ އޯރް ޖީނޭކީ"، "ޖިޔާ ޖަލޭ" އަދި "ކަބީ ހުށީ ކަބީ ޣަމް" ވެސް ހިމެނެ އެވެ.
އިންޑިއާގެ ސަރުކާރުން ދޭ ގައުމީ އެވޯޑުތައް ގިނަ އަދަދަކަށް ލަތާއަށް ވަނީ ލިބިފައިވެއެވެ. އެގޮތުން އިންޑިއާ ސަރުކާރުން އާންމުންނަށް ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ ޕަދުމާ ބުޝަން 1969 ގައި ލަތާއަށްވަނީ ލިބިފައެވެ. އިންޑިއާ ސަރުކާރުން އާންމުންނަށް ދޭ ދެ ވަނަ އަށް އެންމެ ޝަރަފުވެރި އެވޯޑް، ޕަދުމާ ވިބުޝަން 1999ލަތާއަށް ލިބިފައިވަނީ 1999 ވަނަ އަހަރު އެވެ. އިންޑިއާގެ ސަރުކާރުން އާންމުނަށް ދޭ އެންމެ މަތީ ޝަރަފުގެ އެވޯޑް، ބާރަތު ރަތުނާ 2001 ގައި ލަތާއަސް ވަނީ ލިބިފައެވެ. މީގެ އިތުރުން ފްރާންސްގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފުގެ އެވޯޑް ކަމަށް، އޮފިސާ އޮފް ދި ލީޖަން އޮފް އޮނާގެ އެވޯޑް ވެސް 2009 ގައި ލަތާ އަށް ލިބުނެވެ.
މިޔުޒިކީ ދާއިރާއިން ލަތާއަށްވަނީ ވަރަށް ގިނަ އަދަދަކަށް އެވޯޑް ލިބި ފައެވެ. އެގޮތުން އިންޑިއާގެ ނޭޝަނަލް ފިލްމު އެވޯޑުގައި ތިން އެވޯޑެއް ލިބިފައިވާއިރު ބެންގަލް ފިލްމް ޖާނަލިސްޓްސް އެސޯސިއޭޝަންގެ އެވޯޑުގައި 15 އެވޯޑެއް ވަނީ ލަތާއަށް ލިބިފައެވެ.
ފިލްމުފެއާގައި ހަތަރު ފަހަރެއްގެ އެންމެ މަތިން އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑް ލިބުނުއިރު ފިލްމުފެއާގެ ހާއްސަ އެވޯޑެއް ދެ ފަހަރެއްގެ މަތިން ވެސް ލަތާއަށް ވަނީ ލިބިފައެވެ. އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލަތަވަނީ ހާޞިލް ކޮށްފައެވެ.
