އާޖެންޓީނާ އިން ވޯލްޑްކަޕް ޗެމްޕިއަންކަން 3 ވަނަ ފަހަރަށް ހޯދައިފި

ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފިއެވެ.
ޤަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުރިއަށް ދިޔަ ވޯލްޑްކަޕްގެ ފައިނަލް މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައިވުމުން ޕެނެލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ 4-2 އިންނެވެ.

މި މެޗު ފަށައިގެން 21 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީީޑު ނަގާފައެވެ. ޑިމާރިއާ އަށް ޑެމްބެލޭ ކުރި ފައުލަކާއި ގުޅިގެން އާޖެންޓީނާއަށް ވަނީ ޕެނެލްޓީ އެއް ލިބިފައެވެ. އާޖެންޓީނާއަށް މި ޕެނެލްޓީ ކާމިޔާބު ކޮށްދީ މެޗުގެ ލީޑް ނަގައިދިނީ އާޖެންޓީނާގެ އުންމީދު، އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީއެވެ. މި ގޯލާއެކު މެސީ މި މުބާރާތުގައި ޖެހި ގޯލުގެ އަދަދު މި ވަނީ 6 އަކަށް އަރާފައެވެ.
މި ލަނޑާއެކު މެސީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖާއި ދެވަނަ ބުރާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލުގެ އިތުރުން ފައިނަލްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އަލެކްސިސް މެކަލިސްޓާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ޖަހާދިނީ ޑި މާރިއާއެވެ.


މި މެޗުގެ ދެވަނަ ހާފުގައި ފްރާންސް ޓީމުން ކުޅުން ރަނގަޅު ކުރި ނަމަވެސް ހަމަލާއެއް އުފެއްދޭ ވަރުވީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ކީލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ.

މި މެޗުގައި ފްރާންސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. ޕެނަލްޓީ ޖެހިތާ މިނެޓެއް ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ފްރާންސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު މެސީ ވަނީ ލަނޑު ޖަހާ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މި ހާފު ނިމުމުގެ ކުރިން އެމްބާޕޭ ވަނީ ލިބުނު ޕެނަލްޓީއަކުން އަލުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކެއް ފެނުނު ފުރަތަމަ ފަހަރެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސްގެ ކިލިޔަން އެމްބާޕޭ ކާމިޔާބު ކުރި އެވެ. ފްރާންސްގެ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއު ކުރި އެވެ. އައުރޭލިއަން ޗުއަމެނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ކޯލޯ މުއާނީ ޖެހި ޕެނަލްޓީ މާޓީނޭޒް ހުއްޓުވި އެވެ.

އާޖެންޓީނާގެ ހުރިހާ ޕެނަލްޓީއެއް އެ ޓީމުން ކާމިޔާބު ކުރި އެވެ. މެސީ އާއި ޕައުލޯ ޑިބާލާ އަދި ލިއަންޑްރޯ ޕަރެޑޭސްގެ ޕެނަލްޓީ ވެސް ވައްދާލި އެވެ. އާޖެންޓީނާ މެޗުން މޮޅުކޮށް ދިން ޕެނަލްޓީ ވައްދާލީ ގޮންޒާލޯ މޮންޓިއެލް އެވެ.މި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ކިލިޔަން އެމްބާޕޭ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒްއެވެ.

އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖެންޓީނާގެ ތަރި މެސީއެވެ.

މީގެ ކުރިން 2006 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ އަތުންވެސް ފްރާންސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއީ އާޖެންޓީނާއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން 1986 ވަނަ އަހަރާއި 1978 ވަނަ އަހަރު އާޖެންޓީނާއިން ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އަނެއްކޮޅުން 2014 ވަނަ އަހަރުގެ ފައިނަލަށްފަހު އާޖެންޓީނާއިން މި މުބާރާތުގެ ފައިނަލުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *