ފިޓްނަސް އަށް ލޯބިކުރާ ނުވަތަ ކަސްރަތު ކުރުމުގެ އުސޫލު ރަނގަޅު ކުރަން ބޭނުން ނަމަ ފަތާލުމަކީ ލިބޭނެ އެންމެ ރަނގަޅު އެއް ކަސްރަތެވެ. އެއީ ހަމައެކަނި ފެނާއި އަމިއްލަ ހަށިގަނޑުގެ ބަރުދަން ބޭނުންކޮށްގެން މުޅި ހަށިގަނޑު ވަރކް އައުޓް ކުރާ އެއްޗެކެވެ. ފަތާލުމަކީ ފައި، އަތް، އަދި ހަށިގަނޑުގެ މަސްތައް ޝާމިލްވާ ކަމެކެވެ. ޕޫލުގައި އެންމެ 20 މިނެޓް ހޭދަކުރުމުން 250 އަށް ވުރެ ގިނަ ކެލޮރީ އަންދާލަ އެވެ.
ފަތާ އުޅުމަކީ ހުޅުތަކަށް ރަނގަޅު ކަމެކެވެ.
ހުޅުތަކުގެ މައްސަލަތަކެއް ހުރިނަމަ ނުވަތަ އަނިޔާއެއް ލިބިފައިވާނަމަ ކަސްރަތު ކުރުމަކީ ވަރަށް ގޮންޖެހުން ބޮޑު ކަމެކެވެ. ހުޅުތަކަށް ސަމާލުކަން ނުދީފިނަމަ މައްސަލަތައް އިތުރަށް ގޯސްވެދާނެ އެވެ. ފަތާލުމަކީ ފެނުގެ ބަރުދަނުގެ ސަބަބުން އިންސާނާ އަށް މާބޮޑު ބަރުކަމެއް އުފުލަން ނުޖެހޭ ފައިދާ ބޮޑު ކަސްރަތެކެވެ. އާތުރައިޓިސް ހުންނަ މީހުންނަށް ގިނައިން ލަފާދެނީ ހައިޑްރޯތެރަޕީ (ފެނު ތެރަޕީ) ދިނުމެވެ. ފެނުގައި ކަސްރަތު ކުރުމަކީ ހަށިގަނޑު ބެލެންސް ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ޕޫލްގެ ސަބަބުން ހުޅުތައް ދުޅަވުން ވެސް ކުޑަކުރެވޭނެ އެވެ
ފުއްޕާމޭގެ ބަލިތައް ޖެހިފައިވާ މީހުންނަށް ފެތުން ރަނގަޅެވެ.
ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ބައެއް ނަމަވެސް ނޭވާހިއްލާމީހުންނަށް އުނދަގޫ ކަމެކެވެ. ކަސްރަތުގެ ސަބަބުން ނޭވާހިއްލުމަކީ ހަގީގީ މައްސަލައެކެވެ. ފަތާލުމަކީ މި ހާލަތު ގޯސްނުވާ މަދު ކަސްރަތުތަކުގެ ތެރެއިން އެއް ކަސްރަތެވެ. ފެތުމަށް ވެސް ނޭވާ ކޮންޓްރޯލް ކުރަން ޖެހޭއިރު، މިއީ މީހާގެ ފުއްޕާމޭ ވަރުގަދަކޮށް، ނޭވާލުމުގެ ރަނގަޅު އުސޫލުތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ފެތުމަކީ ހިތުގެ ސިއްހަތަށް ވަރަށް ރަނގަޅު ކަމެކެވެ.
ފަތާ އުޅުމަކީ އެރޮބިކް ހަރަކާތެއް ކަމަށްވާއިރު އެހެން ގޮތަކަށް މިއަށް ކިޔަނީ “ކާޑިއޯ” އެވެ. އެރޮބިކް ކަސްރަތު ކުރާއިރު ބޮޑެތި މަސްތައް ވަކި މުއްދަތަކަށް މެދުނުކެނޑި ހަރަކާތްތެރިވާއިރު ހިތުގެ ދުވެލި އިތުރުވެއެވެ. މި ބާވަތުގެ ކަސްރަތުގެ ފައިދާތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި ހަކުރުބަލި ފަދަ މައްސަލަތައް ދިމާވުމުގެ ނުރައްކާ ކުޑަވުން ހިމެނެއެވެ. ފަތާލުމުގައި ނޭވާ ކޮންޓްރޯލް ކުރުމުގެ ގިނަ ކަންތައްތަކެއް ހުރުމުން، މަސްތައް މާ ބުރަކޮށް މަސައްކަތްކޮށް، އެ ހިތުގެ ދުވެލީގެ އަމާޒުތަކަށް ވާސިލްވެވޭނީ އެހެން އެރޮބިކް ކަސްރަތުތަކަށް ވުރެ އަވަހަށެވެ.
ފަތާލުމަކީ ފުއްޕާމޭ ވަރުގަދަކޮށްދޭ ކަމެކެވެ.
ފުން ނޭވާއެއް ދޫކޮށްލާފައި ފެންގަނޑު ދަށުގައި ފަތާއިރު، ކޮންމެ ނޭވާއަކާއެކު ހަށިގަނޑަށް އިތުރު އޮކްސިޖަން ލިބި، ނޭވާ ދޫކުރާއިރު ކާބަން ޑައިއޮކްސައިޑް ބޭރުވެގެންދެއެވެ. މިކަމުގެ ސަބަބުން އާދައިގެ، ލުއި ނޭވާލާއިރު ފުއްޕާމޭގެ ތެރެއަށް ވައި ވަދެ ނުކުމެ އުޅޭ މިންވަރަށްވުރެ އިތުރުވެއެވެ.
ފަތާ އުޅުމުގެ ސަބަބުން ސިކުނޑީގެ ސިއްހަތު ރަނގަޅުވެއެވެ.
ފަތާލުމަކީ ހިތަށް އެހާ ރަނގަޅު އަދި ލޭ ރަނގަޅަށް ޕަމްޕް ކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ، ސިކުނޑިއަށް ވެސް ރަނގަޅު ކަމެކެވެ. ސިކުނޑިއަށް ލޭ ރަނގަޅަށް ދައުރުވުމުން ހަނދާނާއި، ނަފްސާނީ ދުޅަހެޔޮކަމާއި އަދި ފޯކަސް ރަނގަޅުވެއެވެ. ޖާނަލް އޮފް ފިޒިއޮލޮޖީގެ ދިރާސާއަކުން ދައްކާ ގޮތުގައި ފިރިހެނުންގެ ލޭ ދައުރުވުން %14 އިތުރުވެފައިވަނީ ފެތުމުންނެވެ. މިއީ މޭމަތީގެ ހޮޅިއަށް ފެނުގެ ޕްރެޝަރުގެ ކުރުމުގެ ސަބަބުން ސިކުނޑިއަށް އިތުރު ލޭ ފޯރުކޮށްދިނުމަށް ހިތްވަރު ލިބޭތީ ކަމަށް ވެދާނެ އެވެ.
ފަތާ އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ ކަމެކެވެ.
ހުރިހާ ބާވަތެއްގެ ކަސްރަތަކީ މީހެއްގެ ނަފްސާނީ ސިއްހަތަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ. ޚާއްޞަކޮށް ފަތާ އުޅުމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ހަރަކާތުގެ ސަބަބުން ޑިޕްރެޝަން އަދި ހާސްކަމުގެ އަލާމާތްތައް ކުޑަވެގެންދެއެވެ.
