ރަމަޟާން މަހުގެ ފައިދާ ލިބިގަންނަން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-

ރަމަޟާން މަސް އައުމުން ކޮންމެ ދުވަހަކުވެސް ނިދީން ހޭލައި ފުރަތަމަކަމަކަށް އަހުރެން ހަނދާންކުރަނީ މިއާޔަތެވެ. ޚާއްޞަކޮށް މިއާޔަތުގެފެށުމެވެ. "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ…" އޮތް ބަސްފުޅެވެ.

މިބަސްފުޅުން އެނގިގެންދަނީ ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރުކަމެވެ. ވީމާ އެއީ ޤުރްއާނަށް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ މައްސަރެވެ. ޤުރްއާނަށް ސަމާލުކަން ދިނުމަކީ އެފޮތް ވީހައި ގިނައިން ކިޔެވުމެވެ. މާނަވެސް ކިޔުމެވެ. އެނގެނި ޢަމަލުކުރަންވެސް މަސައްކަތްކުރުމެވެ.

އަހުރެން ޤަބޫލުކުރާ ގޮތުގައި އެކަން ނުކުރެވޭނަމަ އެމީހަކަށް ރަމަޟާންމަހުގެ ފައިދާ ޙާޞިލެއް ނުކުރެވޭނެއެވެ. ޙައްޖަށް ދިއަ ނަމަވެސް ޙައްޖުގެ އަޅުކަން ފުރިހަމަކުރެވޭނީ ޙައްޖުގައި އަދާކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ. ހަމަ އެފަދައިން ރަމަޟާން މަސް އެމީހަކާއި ބައްދަލުކުރުމުން އެމަހުގެ ފައިދާ ޙާޞިލުކުރަން ކުރަންޖެހޭ ކަންކަން ޙާޞިލް ނުކުރެވޭނަމަ އެމަހުގެ ފައިދާ ޙާޞިލެއް ނުކުރެވޭނެއެވެ.

މިދެއްކީ އަބަދުހެން އަޑުއަހާނެ ވާހަކައެއްކަންވެސް އެނގެއެވެ. ނަމަވެސް އަހަރެމެންނަށް އޮތީ ހަނދުމަކޮށްދިނުމެވެ. އިންސާނުންނަކީ ވަރަށް ގިނައިން ހަނދާން ނެތޭ ބައެކެވެ. އެހެންކަމުން ކުރަންޖެހޭ ކަންކަން ހަނދާންވާނީ ހަނދާންކުރަން އެމީހަކު އަމިއްލައަށް މަސައްކަތްކުރިވަރަކުންނެވެ.

"رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ." (އަލްބަޤަރާ: 185)

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

"މިއަދު" ނޫހުން ނަގާފައި

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *