ވާހަކަ: އީރަމް (7)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ބޮޑު އޮޕްރޭޝަނެއް ކޮށްފައިވާ ރަނާއަކަށް އަތެއްފައެއް ހަރަކާތެއް ނުކުރެވުނެވެ. ބަނޑުގައި ރިއްސާތީ ފައި ހަލުވާލާކަށް ނުކެރުނެވެ. މައްޔިތެއްހެން މަޑުމަޑުން އަޑިއަށް ދާންފެށިއެވެ. ކުއްލިއަކަށް އަތުގައި ޖެހުނު އިނާޒުގެ ކޮނޑުގައި ހިފާ އޮޅުލައިގަތެވެ. އިނާޒު ރަނާގެ އަތުގައި ހިފިއެވެ.

"ކޮނޑަށް އަތްލާ. ދޫނުކުރާތި." އިނާޒު ހަޅޭއްލަވައިގަތެވެ.

"ކޮބާ ދަރިފުޅު." ރަނާ ރޮމުން ދެއެވެ. އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އަނގައަށް ލޮނުގަނޑު ވައްދާލައެވެ.

"ދަރިފުޅު މޫދަށް ވެއްޓުނުތަނެއް ނުދެކެން. އެކަމަކު ދުއްވަން އިންމީހާ އޮޔާ ދަނިކޮށް ފެނުނު." ރަނާއަތުގައި ހިފާ އޭނާއަށް ފަތަން ފަސޭހަވާ ގޮތަށް ފަހިކޮށްލިއެވެ.

"ދަރިފުޅު ސަލާމަތް ކޮށްދީ." ރަނާ އިނާޒު ކޮނޑުން ދޫކޮށްލިއެވެ. އެދެމެދަށް އަނިޔާވެރި ކަނޑުގެ ބާނިތައް ވަންނަމުން ދިޔައެވެ.

"ނޫން. އަތުގައި ހިފާ. ދަރިފުޅު ވީހިސާބެއް ނޭނގޭ." އިނާޒު ފަތަމުން ދިޔައެވެ. ރަނާ އޭނާއާއި މާދުރަށް އޮޔާ ގެންދަނީއެވެ. ރަނާ އަޑިއަށް ދާން ފެށިއެވެ. އަނެއްކާވެސް ބޯ ހިއްލާލިއެވެ.

"ދޭ. ދަރިފުޅު ހޯދަންދޭ." ރަނާއަށް ބުނެވުނީ އެވަރަށެވެ. ކައިރިން އުފުލާލި ބޮޑު ރާޅެއް އޭނާއާއި އިނާޒު ދެމެދަށްވަދެ އެކަކު އަނެކަކަށް ގެއްލިއްޖެއެވެ. އިނާޒު ރަނާއަށް ގޮވަމުން ދިޔައެވެ. ހަޅޭއްލަވާ ފަތަމުން ދިޔައެވެ. އޭނާއަކަށް ރަނާއެއް ނުފެނުނެވެ. ގައިން ހަކަތަ ހުސްވާން ފެށިއެވެ. ހަށިގަނޑަށް ވަރުބަލިކަން ވެރިވާން ފެށިއެވެ. ކުއްލިއަކަށް އަތުގައި ޖެހުނު ފުޅިމަދު ފޮށިގަނޑެއްގެ މަތިގަނޑުގައި ހިފާލާ ހަރަކާތް މަޑުކޮށްލިއެވެ.

ހަމައެވަގުތު ދުރުން ފެނުނު ލައިފްޖެކެޓާއި ދިމާއަށް އިނާޒު ފަތަން ފެށިއެވެ. ނަސީބު ރަނގަޅުކަމުން ގަޔާދިމާއަށް އައި ލައިފް ޖެކެޓްގައި އޭނާ ހިފާލިއެވެ. އަވަސް އަވަހަށް ގަޔަށް ލާ ހެޔޮވަރު ކޮށްލިއެވެ. ވަރުބަލިވެފައިވާ ހަށިގަނޑަށް ލޮޑުކަން ވެރިވެގެން ދިޔައެވެ. ފިނި ވާރޭއިންނާއި ގަދަވައިން ކެތްނުކުރެވޭ ވަރަށް ހީކަރުވަމުން ދިޔައެވެ. އިރުއޮއްސި އަނދިރިވާކަން އެނގެއެވެ. ދެން ވީގޮތެއް އިނާޒަކަށް ނޭނގުނެވެ.

 

މަރޮށީގެ އިތުރަށް މުޅި ރާއްޖޭގައިވެސް ލޯންޗު ނުފެނުނު ވާހަކަ ދެކެވެން ފަށައިފިއެވެ. ސިފައިން މުޅި ސަރަހައްދު ބެލުމުގެ މަސައްކަތް ފަށައިފިއެވެ. ވަހީދާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާ ހެޔަށް ގޮތްވިއެވެ. އިރުކޮޅަކު ފަރުވާ ދެވުމުން ވަހީދާއަށް ހަމަބުއްދި ލިބުނެވެ. މިވާހަކަ ހަމްޒާގާތު ނުބުނަން މީހުން ދިން ނަސޭހަތް ގަބޫލުކޮށް އެ ލޯންޗް ފެނޭތޯ ދުއާ ކުރަން ފެށިއެވެ. ރަށު މީހުންގެ ފަރާތުން އޭނާ އަށް ލިބުނީ ހިތުންނުފިލާ ވަރުގެ އޯގާތެރިކަމެކެވެ.

ދެދުވަސްވެއްޖެއެވެ. ވަހީދާއަކަށް އެލޯންޗާބެހޭ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. އޭނާގެ އުންމީދުގެ ހުޅުކޮޅު ނިވެން ފަށައިފިއެވެ. ހިތްވަރު ކުރުމަށް ކުރި މަސައްކަތް ބޭކާރު ވެއްޖެއެވެ. ކެތްތެރިކަން ކޮޅުން ލައިފިއެވެ. މަޑުމަޑުން ހަމްޒާގެ ކޮޓަރިއަށް ވަދެލިއެވެ. ފިރިމީހާގެ އެނދުކައިރީގައި ތަޅުންގަނޑުގައި އިށީނދެލިއެވެ.

"އަޅުގަނޑުމެންނަށް މިހާބޮޑު އިމްތިހާނެއް ކުރިމަތި މިވީ ކީއްވެ؟ އެހާދުވަހުން ލިބުނު ދަރިފުޅު ކިޔަވަން ފޮނުވީމާ އައީ މީހަކަށް މޫނު ދައްކާލަން ނުކެރޭވަރުގެ ބޮޑު ކުށެއް ކޮށްގެން. އޭނާއާއި އިންނަން ލިބުނީ ގޭގައި މަސައްކަތް ކުރަން އުޅުނު ފަގީރު އިނާޒު. މާމަދަރިފުޅު ލިބޭތީ ކުރި އުފާ މިހާ ހިތި ގޮތަކަށް ނިމުނީ ކީއްވެ؟ އަޅުގަނޑަކަށް ދެނެއް ކެތެއް ނުކުރެވޭނެ." ވަހީދާ ރޮމުން ދިޔައެވެ. ވާނުވާއެއްނޭނގޭ ހަމްޒާއަށް މިހާރު ވަހީދާ ދައްކަމުން ދާ ވާހަކަ އެނގެނީހެން ހީވެއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ވާހަކައެއް ބުނުމަށްޓަކައި އަނގަ ހަރަކާތް ކުރެއެވެ. ނަމަވެސް އާދަޔާ ޚިލާފު ހިތާމަވެރި އަޑެއް މެނުވީ ނުނިކުމެއެވެ.

"ކީކޭތޯ. ބުނުއްވާ." ވަހީދާއަށް އޭނާގެ ލޯބިވާ ފިރިމީހާގެ މިޒާޖަށް އައިބަދަލު ދެނެގަނެވުނެވެ. ނަމަވެސް އޭނާއަކަށް އެއްޗެއް ނުބުނެވުނެވެ. އެތައް މަސައްކަތެއް ކޮށްގެންވެސް އޭނާކުރި މަސައްކަތަކަށް ކާމިޔާބެއް ނުލިބުނެވެ. އެންމެ ފަހުން ވަހީދާ ބޭރަށް ނިކުތީއެވެ. މިއީ މަންޒަރު ބަލަން ހުރުމަށްވުރެ މާހިތްދަތި ކަމެކެވެ.

 

ރޭގަނޑުގެ ހިމޭންކަމުގެތެރޭގައި ވަހީދާ މަޑުމަޑުން ތެދުވިއެވެ. އޭނާއަކަށް މިރެއަކު ނުނިދުނެވެ. އެނދުގައި އިށީނދެލިއެވެ. ބަލިވިފަހުން އާއްމުކޮށް ރޭގަނޑު ގިނަވަގުތު ހޭލާ އޮންނަ ހަމްޒާ މިރޭ އޮތީ ގަދަ ނިދީގައެވެ. ހަމްޒާގެ އެއްވެސް ހަރަކާތެއް ނެތުމުން ވަހީދާ ހައިރާންވިއެވެ. އޭނާ ލޯބިވާ ފިރިމީހާގެ އަތުގައި ހިފާލިއެވެ. އެއްއަތް އެނދުން ބޭރުގައި އެލިފައިވާތީ މަޑުމަޑުން ހިފާލީ އެނދަށް ލުމަށްޓަކައެވެ. ވަހީދާގެ މުޅިޝައުގުވެރިކަން ކުއްލިއަކަށް ހުއްޓުނީ އެއަތް މާބޮޑަށް ފިނި ވީމައެވެ. އަނގަ ހުޅުވި އެއްފަރާތުން ފޮނުއައިސްފައި ހުރީމައެވެ.

އޭނާގެ މުޅިހަށިގަނޑަށް ކަރަންޓު އައިކަހަލައެވެ. ދެއަތުން ހަމްޒާގެ މޫނުގެ ދެފަރާތުގައި ތަޅާ އަޑުގެނެތްތަނަށް ގޮވަން ފަށައިފިއެވެ. ހަމްޒާގެ އެއްވެސް ޚަބަރެއް ނުވިއެވެ. އޭނާއަށް ގޮވުނު އަދަދެއްވެސް ނޭނގެއެވެ. ހަމްޒާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ. އިސާހިތަކު މީހުން އެއްވެއްޖެއެވެ. ހަމްޒާއާއި ވަހީދާ ދުރުކުރެވުނެވެ. އޯގާތެރި އަވައްޓެރިންތަކެއް ވަހީދާއަށް ހިތްވަރު ދެމުން ދިޔައެވެ.

މި ޚަބަރުން ރީނާޒްގެ އަވަސް ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ރަނާއާއި އިނާޒު އަންނަން ވާއިރަށް އޭނާ އުޅުނީ ކިހިނެއް ހެއްޔެވެ؟ ރަނާ ވިހައިގެން އަންނަންވާއިރަށް ކޮޓަރި ސާފުކޮށްހެދިއެވެ. ކުލަލާ ޒީނަތްތެރި ކުރިއެވެ. ރަނާއަށް ހޭހަންކޮށްދިނުމަށްޓަކައި އަޒުމް ކަނޑައެޅިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ އެންމެގާތް ދެ ރަހްމަތްތެރިން މި ދުނިޔެއާއި އަލްވަދާއު ކީއެވެ. މާފަށް އެދިލާނެ ފުރުސަތެއްވެސް އެމީހުން ނުދީއެވެ. މިހާއަވަހަށް މިދެމަފިރިން ދުނިޔެއާއި އަލްވަދާއު ކިޔާނެކަން ގަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟

 

އިނާޒާއި ރީނާޒްގެ ހަޔާތުގެ ހާދިސާތައް ހަނދާންވުމުން ރީނާޒަށް ރޮވެނީއެވެ. ހިތްވަރުގަދަ އިނާޒުވަނީ ހިތްދަތިކަމާއި ކެކުޅުމަށް ފަރިތަވެފައެވެ. އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރެއް ފާޅެއް ނުވެއެވެ. ނަމަވެސް ކުލަ ފަނޑުވެފައިވާ ނަޒަރަކުން ރީނާޒަށް ބަލާލިއެވެ.

"އެދުވަހު އަހަރެން ހާދަ ތައްޔާރެއްވީމޭ. ރަނާގެ ދެމައިންނަށް މަރުހަބާ ކިޔުމަށްޓަކައި ހިތާއި ފުރާނައިން ތައްޔާރުވީން." ރީނާޒް ކަރުނަ ފޮހެލިއެވެ.

"ހީކުރޭ ރީނާޒާއި ބައްދަލުވާން ހުރީތީ ސަލާމަތްވީކަމަށް."

"ދެން އިނާޒަށްވީ ކިހިނެއް؟ މިހުރިހާ ދުވަހު……"

"ދެން އެވާހަކަ އިހަށް ބާއްވާ. ރަށުމީހުން ބުނީ ރީނާޒް މާލެއަށް އައިފަހުން ޚަބަރެއް ނުވެޔޯ. މީހަކުބުނި ރީނާޒު މަރުވެފައި ވާކަމަށް. ރީނާޒަށް ތިހުރީ ކޮންހާލެއް ޖެހިފައި. ތި ރީތި މޫނަށް……." އިނާޒު އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ރީނާޒްގެ ސިއްރުން ފުރިގެންވާ ދިރިއުޅުން އޮޅުން ފިލުވާށެވެ.

"މިވާހަކަ ކިޔައިދޭނެ ވަގުތެއްނެތް. އަހަރެންނަށް މިހާރުވެސް މާލަސްވެއްޖެ." ރީނާޒުގެ ދެލޯ ފެންކަޅިވިއެވެ.

"ދެން ނުދޭ. ރީނާޒް އުޅެންޖެހޭނީ މިގޭގައި." އިނާޒު މަޑުމައިތިރި މިޒާޖު، ހަރުކަށި މިޒާޖަކަށް ބަދަލުވެއްޖެއެވެ. އޭނާ ރުޅި އަތުވެއްޖެއެވެ.

"ނޫން. އެއީ ވަރަށް ނުރައްކާ ބައެއް." ރީނާޒު ވިސްނައި ދެވޭތޯ އުޅުނެވެ.

"ކީއްކުރެވޭނީ. އެއްކަމެއްވެސް ނުކުރެވޭނެ. ރީނާޒް ދެން ދާނެކަމެއް ނެތް." އިނާޒު ރުޅިއައެވެ. ރީނާޒުގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

"ނޫން އިނާޒު. ނުރައްކާގެ މާނައަކީ ވަރަށްވެސް ނުރައްކާ." ރީނާޒް ސީރިއަސްވިއެވެ. އޭނާގެ ދެ ތުންފަތް ތުރުތުރު އަޅައެވެ. ވާހަކަދައްކަން ދަތިވިއެވެ. އޭނާ މަޑުމަޑުން އިނާޒުގެ އަތް ދުރުކޮށްލިއެވެ. ބާރަށް ދުވެފައި އެގެއިން ނިކުތެވެ.

 

ރީނާޒު ދިޔަފަހުން ހަފްތާއެއް ވެއްޖެއެވެ. އޭނާގެ ޚަބަރެއް ނުވެއެވެ. އެތައް އިރަކު ކުޑަދޮރު ކައިރީގައި ހުންނައިރުވެސް ރީނާޒެއް ނުފެނެއެވެ. ޖެހިގެން ހުރިގޭގައި އުޅުނަކަސް އެދެމެދުގައި ވަނީ މޭލެއްގެ ދުރުމިންކަން އިނާޒަށް އިހުސާސްވިއެވެ. އިނާޒުވަނީ ނިދިން މަހުރޫމްވެފައެވެ. އޭނާއަށް އެންމެ އޯގާތެރިވީ ރީނާޒްވަނީ މުސީބާތެއްގައިކަން އޭނާއަށް އެނގެއެވެ. ވީއިރު އޭނާއަށް ނިދޭނީ ކިހިނެއް ހެއްޔެވެ؟ ބާރަޖަހަން ދިޔައިރު މީހަކު ދޮރުގައި ޓަކިޖަހާލިއެވެ.

"ސަރ. އެއްކަލަ އަންހެންކުއްޖާ އައިސް އެބައިން. މިވަގުތު ބައްދަލު ނުކުރެވޭނޭ ބުނީމާވެސް…." އައިމަން ބިރުން ހުރެ ބުންޏެވެ.

"އޭނާ އަވަހަށް ވައްދާ." އިނާޒު ފުންމައިގެން ތެދުވިއެވެ.

ރީނާޒްހުރީ  މޫނުބުރުގާ އަޅައިގެންނެވެ. އެ ކޮޓަރިއަށް ވަދެވުމާއެކު އޭނާގެ ޖިލްބާބު ބޭލިއެވެ. ފިހިފައިވާ ލަކުނު ވަރަށް ރީތިކޮށް ހާމައަށް ފެންނަން ހުއްޓެވެ. ބޭރަށް ނިކުމެފައިވާ ކަނާތު ލޯ ފެންނަނީ ބިރުވެރި ސިފައެއްގައެވެ.

"އިނާޒު. އަހަރެން މިއައީ ފިލައިގެން." ރީނާޒަށް ރޮވެން ފެށިއެވެ. އެ މޫނުމަތީގައި ވަނީ ހިތާމައިގެ އަސަރުތަކެވެ.

"ރީނާޒް. މަ އޭރުވެސް ބުނިން ދާނެކަމެއް ނެތޭ. ރީނާޒަށް ކީއްވެތަ ތިބުނާ ނުރައްކާތެރި ތަނުގައި ހައްޔަރުވީ." އިނާޒު އޮޅުން ފިލުވަން ބޭނުންވިއެވެ.

ރީނާޒް އޭނާގެ މާޒީގެ ތެރެއަށް ސޮއްސާލިއެވެ.

ޅަދަރި ފުރަހަންޏަށް ވާގޮތަށް އެންމެން ދުވެފައި އޮޑި ހަރުގެއާއި ދިމާއަށް އަންނަނީއެވެ. "އަލިފާނޯތް" ގޮވަމުން ދާއިރު ފިރިހެންވެރިން ހޭބޯ ނާރާ އަލިފާން ނިއްވޭތޯ މަސައްކަތް ކުރަނީއެވެ. ދަރިން ކިހިލި ޖަހައިގެން ދަރިން ހަމަކުރާ މައިންގެ މޫނުމަތިން ފެންނަނީ މައިވަންތަކަމެވެ. އެއްބައެއްގެ ގޮތުގައި އަވަހަށް މި މުސީބާތުން ސަލާމަތްވޭތޯ ރައްޔިތުން އަވަދިނެތި އުޅޭއިރު އެންމެންގެ މޫނު މަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

"މީހަކު އެބައުޅޭ. އެހެރީ." އަތުގެ އިޝާރާތުން އެ ޒުވާނާ ދައްކަމުން ދިޔައީ ހަރުގެއިން ނުނިކުމެވިގެން އުޅޭ އަންހެނަކަށެވެ. ހުޅުހިފާފައިވާ ފިލާދޮރެއް ކައިރިއަށް ދުވެފައި ދާ އަންހެން މީހާ ރޯއަޑު އިވެމުންދެއެވެ. ކުއްލިއަކަށް އަންހެންވެރީން ރޯއަޑު ގަދަވެގެން ދިޔައެވެ. ޖެހިލުން ކުޑަ ދެ ޒުވާނަކު ދުވެފައި ގޮސް ފައިން ޖަހާ ދޮރު ވައްޓާލިއެވެ. އެއީ ފައިބަރު ދޯންޏެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެކެވެ. ވަގުންގެ އުނދަގޫ ބޮޑުކަމުން ޓިނުންނާއި ދަގަނޑު ހޮޅިން ހަދާފައިވާ މިތަން ހުރީ ވަރަށް ރަނގަޅަށް ބަންދުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައެވެ.

ނައީމާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހި ފޮޅުނަގާފައިވެއެވެ. އިސްނަގައިގެން އުޅޭމީހުން އަވަސްހަރަކާތާއެކު ކުއްލި ފަރުވާދެނީއެވެ. ނަމަވެސް ނޭވާ ދޮޅިއަށް އަރާ ފަހުގެ ނޭވާތައް ލާންފަށައިފިއެވެ. ދުނިޔެއިން ވަކިވުމުގެ އެންމެ ފަހުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ.

"ރީނާޒް…….މަގޭ …ރީނާޒް…އެގޮއްޔަ ކޮބާ؟"

"މަންމާ." ބާރަށް ރޮމުންދާ ރީނާޒް ހަޅޭއްލަވައިގަތެވެ. ދުވެފައި އައިސް މަންމަ ގައިގާ އޮޅުލައިގަތެވެ.

"އެގޮއްޔަ ނެތީތަ؟ އަހަރެން……ދިޔައީ ރީނާޒް އެތަނުގައޭ…ބަޔަކު ބުނާއަޑު…." އެންމެ ފަހުގެ ނޭވާޔާ އެކު ނައީމާގެ ހަށިގަނޑުން ފުރާނަ ހިގައްޖެއެވެ.

"މަންމާ." ރީނާޒްގެ  ބުއްދި ފިލާ ދިޔަ ކަހަލައެވެ. އުމުރުން ސޯޅައަހަރުގެ ރީނާޒް ހަޅޭއްލަވަމުން ދިޔައެވެ. އުފަންވީއްސުރެ އޭނާގެ ހުރި ހަމައެކަނި މީހަކީ މަންމައެވެ. އެއްވެފައި ތިބިމީހުން އޭނާ ނުހިފެއްޓިނަމަ އަނދަމުންދާ އަލިފާންގަޑަށް އޭނާ ފުންމާލީހެވެ. އެއްގެއިން އަނެއްގެއިން މަސައްކަތް ކޮށްގެން ފަގީރު ދިރިއުޅުން ހަމަޖައްސަމުން ދިޔަ މަންމަ ނެތުމުން އޭނާ ދިރިއުޅޭނެ ގޮތެއް ނޭނގެއެވެ. ދެތިން ދުވަހެއް ވާންދެން އަވައްޓެރިންގެ އަޅާލުމާއި އޯގާތެރިކަން ލިބުނެވެ. ދުނިޔޭގެ އާދަތައް ބަދަލުނުވާނެ ބީދައިން ހަފްތާއެއް ވީއިރު ރީނާޒުގެ ހަޔާތް ބަރުބާދުވި ހާދިސާގެ މަތީން އެންމެން ހަނދާން ނެތިއްޖެއެވެ. ނިކަމެތި ރީނާޒް އޮތީ މަރުވެފައިތޯވެސް ބަލާލާނެ ލޮލެއް ނެތެވެ. ކާނެ އެއްޗެއް ދިއްކޮށްލާނެ ދީލަތި އަތެއްނެތެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *