ކޮންމެ ދެމަފިރިއަކީ އެއްގޮތަކަށް އުޅޭނެ ބައެއް ނޫނެވެ. އެހެނީ ކޮންމެ މީހަކީވެސް މުޅިން ތަފާތު މިޒާޖެއްގެ މީހެކެވެ. އަޚްލާޤް ރަނގަޅު މީހުން ތިބޭ ފަދައިން އަޚްލާޤް ނުބައި މީހުންވެސް ތިބޭނެ ކަމަށް ޤަބޫލުކުރަންވާނެއެވެ. ރުޅި ކޮންޓްރޯލް ކުރެވޭ މީހުންނާއި ނުކުރެވޭ މީހުންވެސް ތިބޭނެ ކަމަށް ވެސް ޤަބޫލުކުރަންވާނެއެވެ.
ވީމާ ރަމަޟާން މަސް ފެށިގެންދާއިރު ޝައިޚް މާޒިންގެ މި ދަރުސުން ކޮންމެ ދެމަފިރިއަކުވެސް ޢިބްރަތް ޙާޞިލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ދަރުސް:
މީހަކު އޭނާގެ އަނބިމީހާގެ ގައިގާ ޖެހި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ. އަދި ފުލުހުން އެ މައްސަލަ ކޯޓަށް ހުށަހަޅައި ފަނޑިޔާރުގެ ކުރިމައްޗަށް ގެންދިއައެވެ. ޖެހި ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ބުނީ ކެތްތެރިކަން ކޮޅުންލުމުން ޖެހުނީ ކަމަށެވެ. ކެތްތެރިކަން ކޮޅުންލީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ކިޔައިދޭން ފެށިއެވެ.
"ރޭގަނޑު މަސައްކަތް ނިންމާފައި ގެއަށް ދިއަ އިރަށް އަނބިމީހާ ޝަކުވާކުރަން ފެށީއެވެ. މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެގެން ކަމަށާއި ކާނެ އެއްޗެއް ދިނުމަށް އެދުމުން އެކަމަށްވެސް ސަމާލުކަން ނުދީ ހަމަ ޝަކުވާ ކުރަނީއެވެ. ދެން ނުކައި ނިދަން އޮށޯތުމުން ވެސް ހަމަ ޝަކުވާ ކުރަނީއެވެ. ތަންކޮޅެއް ބާރަށް ބަހެއް ބުނުމުން ހުއްޓާލާފައި އަނެއްކާވެސް ކޮންމެވެސް ކަމަކާއިމެދު ޝަކުވާކުރަން ފަށަނީއެވެ."
ފަނޑިޔާރު ސުވާލުކުރިއެވެ. ދެންވީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. އަނެއްކާވެސް ދެންވީ ކިހިނެއްތޯ ސުވާލުކުރުމުން އަނެއްކާވެސް ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. ފަނޑިޔާރު ދެފަހަރަކު އިތުރަށް ސުވާލުކުރުމަށްފަހު ތަންކޮޅެއް ރުންކުރު ގޮތަކަށް ބުންޏެވެ. "އަދިވެސް ޖެހި ސަބަބު ބުނެއެއް ނުދެމެއް ނޫންހެއްޔެވެ؟"
ޖަވާބުގައި އެމީހާ ބުންޏެވެ. "ދެންވީގޮތް ތިއަ އެނގެނީ ނޫން ހެއްޔެވެ؟ 2، 3 ފަހަރު އަހަރެން ޖަވާބެއް ދޭއިރަށް ފަނޑިޔާރު މިހާރު ތިއައިނީ ރުންކުރުވެ ރަތަށް އަރައިފައެވެ. އަދި މިވީ އެންމެ 5 ވަރަކަށް މިނިޓެއްހައި އިރެވެ. އަހަރެން ކުރިކަމެއް ކުރީ މުޅި ރޭގަނޑު ހަތަރުދަމު އަނބިމީހާގެ ޝަކުވާތައް އަޑުއަހަން އޮތުމަށްފަހުގައެވެ. ވަރުބަލިވެ ނިދިއައުމުން ނިދަންވެސް ފުރުޞަތު ދިނުމުންނެވެ."
މިއީ ވިސްނައިލުން ރަނގަޅު ހާދިސާއެކެވެ.
މީސްތަކުންނޭވެ. ވިސްނައިލުން ރަނގަޅުވާނެއެވެ. ކިތަންމެ ގިނައިން ޝަކުވާކުރި ނަމަވެސް އަނބިންގެ ގައިގައި ނުޖަހާށެވެ. އަންހެނުން އުފައްދަވާފައިވަނީ ވަރަށް ބަލިކަށި ބައެއްގެ ގޮތުގައެވެ. ވީމާ ބާރުގަދަ މީހުން އެމީހުންނަށްވުރެ ބަލިކަށި ބައަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ހަމަ އެފަދައިން އަނބިންނަކީވެސް ފިރިންގެ ބޮލުގައި ކާޅުކޮށާހެން ކޮށައި ކާޅު އަބަދު "ކާންކާން" ގޮވާހެން އަޑުލައްވާ ބައަކަށް ވެގެންނުވާނެއެވެ. ޝަކުވާކުރަން ހުރިނަމަ އެކަން ވެސް ކުރަންވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައެވެ. ނޫން ނަމަ ގިނަ ފަހަރު ދިމާވާނެ ގޮތަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވުމެވެ.
އަނބިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ފިރިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ދެމީހުންވެސް އަނެކާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. މަޞްލަޙަތު ހިފެހެއްޓޭނީ އެއިރުންނެވެ.
ފިރިހެނުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް އެބައޮތެވެ. އެއީ ކިތަންމެ ކިތަންމެ ބޮޑުއަގުގައި ގަތް ފޮތެއް ނަމަވެސް ލައިބްރަރީގެ ހަރުގަނޑުގައި ބެހެއްޓުމުން އެންމެން ކިޔާނެކަން ޤަބޫލުކުރަންވާނެއެވެ. އެންމެން ފޮތް ގެންގުޅޭނީ އެއްވަރަކަށް އިޙްތިރާމްކޮށްގެނެއް ނޫނެވެ. ގަނޑެއް އިރުނު ނަމަވެސް ކަންބޮޑުނުވެ ފޮތުން އެމީހާ ހިފަން ބޭނުން ހިފާނެ މީހުން ތިބޭނެއެވެ. ވީމާ އެކަމާ ފަހުން ރުޅި އައިނަމަވެސް ކުރާނެ ކަމެއް ނުއޮންނާނެއެވެ. ފޮތުގެ ބޭރުން ކަވަރުލައި ރައްކާތެރިކުރަނީ އެ ސަބަބަށްޓަކައެވެ.
އިސްލާމް ދީނުގައި އަނބިންނަކީ ކަވަރުލައި ރައްކައުތެރިކޮށްގެން ގެންގުޅެން ޖެހޭ ބައެކެވެ. އަނބިންނަކީ ލައިބްރަރީގައި އެންމެން ކިޔަން ބަހައްޓާ ފޮތަކަށް ނުހަދާށެވެ. އެއީ މުޖުތަމައުތެރެއަށް ނެރެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަން ޖެހޭ ބައެއް ނޫނެވެ. ރައްކައުތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް އެކަނި ނުފޮނުވާށެވެ. ވަޒީފާ އަދާކުރަން ނަމަވެސްމެއެވެ.
– އިމާމް މާޒިން ޢާދިލްގެ ދަރުސަކުން
"މިއަދު" ނޫހުން ނަގާފައި
