އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވެއްޖެއެވެ. ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ބަލިކުރީ 2-0 ންނެވެ.
ރާއްޖެއިން އެންމެފުރަތަމަ ލަނޑުޖެހީ މެޗްގެ 6 ވަނަ މިނެޓުގައެވެ. ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ރާއްޖެއަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕުއަށް ބޫޓާންގެ ޓެންޒިން ޑޯޖީ ކުރި ފައުލަކާ ގުޅިގެންނެވެ.
އެ ގޯލަށްފަހު ރާއްޖޭގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. އެއާ ޚިލާފަށް ބޫޓާންގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ބޫޓާނުން ކުރިއަށް ޖެހި، ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ވަނީ ފޮނުވާލައިފައެވެ.
ބޫޓާނަށް ހުސް ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 22 ވަނަ މިނެޓުގައެވެ، ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ކެޕްޓަން ކަރްމާ ޝެޑްރުޕް ޝެރިން ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބޫޓާންގެ ޔެޝީ ޑޯޖީ ފޮނުވާލި ހަމަލާ ވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ. އޭގެ ދިހަ މިނެޓު ފަހުން ބޫޓާނަށް އިތުރު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލުށް ނުފެނުން ނަމަވެސް ރާއްޖެއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ. ދެވަނަ ހާފު ފަށައިގެން ރާއްޖޭގެ ފޯވާޑު ލައިން އެއްކޮން ވަނީ ބަދަލުކޮށްފައެވެ. ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރުމަށް މަސައްކަތް ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ނުރައްކާކޮށް ފެނުނީ ބޫޓާނެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ބޫޓާންގެ ނުރައްކަލެއް ފެނިގެނދްދިޔައެވެ. ބޫޓާންގެ އެންމެ ނުރައްކާތެރި ހަމަލާއެއް ދެން ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ.
މެޗުގެ 80 މިނެޓުގައި ރާއްޖެއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހަސަން ނާއިޒް (ދާދު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ، ބޫޓާންގެ ނިމާ ޝެރިންގް ވަނީ ބްލޮކްކޮށްފައެވެ.
ރާއްޖޭގެ ދެވަނަ ލަނޑު މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ޖަހާދިނީ ދެވަނަ ހާފުގައި ކުޅުމާއި ގުޅުނު ނާއިޒްއެވެ. އަލީ ފާސިރް ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 90 ވަނަ މިނެޓުގައެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރާއްޖޭގެ ހަންނަ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ.
ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާއި ދެކޮޅަށެވެ. ބަންގްލަދެޝް ވަނީ ފުރަތަމަ މެޗުން ލުބަނާން އަތުން 0-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.
