ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ތަށި އިންޑިއާއިން ހޯދި 9 ވަނަ ފަހަރެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ޗެމްޕިއަންކަން އިންޑިއާއިން ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން، ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުވެއިތުންނެވެ. ޝަބައިބް އަލްހަލްދީ މި ލަނޑު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި އަރިމަތިން ފަހަތަށް ކުޅުނު އަބްދުﷲ އަލްބްލޫޝީ ނަގައިދިން ހުރަހަކުންނެވެ. އިންޑިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 38 ވަނަ މިނެޓުގައި ސުނިލް ޗެތުރީ، ދިން ޕާހަކުން ޗަންގްޓޭ އެވެ. މި މެޗްގައި އިންޑިއާ އަދި ކުވެއިތުންވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗް އެއްވަރުވެގެން 15 މިނިޓްގެ 2 ހާފް ކުޅެގެންވެސް ވީ އެއްވަރެވެ.
މި މެޗުގެ ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޝޫޓްއައުޓުގައި ދެ ޓީމަށްވެސް ވަނީ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ނާކާމިޔާބުވެފައެވެ. އިންޑިއާގެ ޕެނަލްޓީ އުދަންތަ ސިންގް ދިފާއުކުރިއިރު، ކުވެއިތުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ފަސް ޕެނަލްޓީ ހަމަވެގެން ހަވަނަ ޕެނަލްޓީ އިންޑީއާގެ މަހޭޝް ސިންހް ކާމިޔާބުކުރިއިރު، ކުވެއިތުގެ ކެޕްޓަން ޚާލިދް ހާޖިއާ ޖެހި ޕެނަލްޓީ ގޯލްކީޕަރު ގުރްޕްރީތް ސިންގް ވަނީ ދިފާއުކޮށްފައެވެ.
މި މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. އަދި އޭނާވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވިފައެވެ. އޭނާ ވަނީ މި މުބާރާތުގައި ހަ ލަނޑު ޖަހާފައެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ، ބަންގްލަދޭޝްގެ އަނީސު ރަހްމާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ނޭޕާލެވެ.
މިއަހަރުގެ މުބާރާތުގައި ސާފް ސަރަޙައްދުގެ ހަ ޤައުމުގެ އިތުރުން ސަރަޙައްދުން ބޭރު ދެ ޤައުމަށް ފުރުސަތު ދީފައިވެއެވެ. އެއީ، ކުވެއިތުގެ އިތުރުން ލުބުނާނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް ސަރަޙައްދުން ބޭރު ދެ ޓީމަކަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
