ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އެގައުމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ، މި ޓްރާންސްފާ ބާޒާރުގައި ވިއްކާލަން އެ ކްލަބުން ނިންމައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީން މިގޮތަށް ނިންމާފައި ވަނީ އަންނަ ސީޒަނުގައި ރިއަލް މެޑުރިޑަށް ކުޅުމަށް އެއްބަސްވެފައި ވާތީއެވެ. އެހެން ނަމަވެސް އަދި އެއްވެސް ކުލަބަކުން ރަސްމީ ގޮތެއްގައި މިކަން އިއުލާނުކޮށްފައި ނުވެއެވެ.
އެމްބާޕޭ، ވިއްކާލަން ނިންމައި، ޕީއެސްޖީ އިން ވަނީ، އާ ކޯޗު ލުއިސް އެންރީކޭ އާއެކު އެ ކްލަބުން ޖަޕާނުގައި ކުރިއަށް ގެންދާ ޕްރީ ސީޒަން ޓުއާ އިން ވެސް އެމްބާޕޭ ބާކީ ކޮށްފަ އެވެ.
ނިމި ދިޔަ ސީޒަނަށް ވެސް އެމްބާޕޭ ރިއަލް މެޑުރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަށް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް ޕީއެސްޖީން އެމްބާޕޭގެ މުސާރަ ބޮޑު ކުރުމާއި އެކު ޓީމުގެ ކެޕްޓަންކަން ދިނުމުން ވަނީ ޓީމުގައި މަޑުކޮށްފައެވެ.
ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް އާ ނުކުރާނެކަން އެމްބާޕޭ ވަނީ މިދިޔަ މަހު އެ ކްލަބަށް އެންގުމުން އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާގައި އޭނާ އަށް އެހެން ކްލަބަކަށް ބަދަލު ވުމުގެ ފުރުސަތު ލިބޭނެ އެވެ. މިއާ އެކު އެ ކްލަބްގެ ރައީސް ވަނީ އޭނާ ކޮންޓްރެކްޓް އާ ނުކުރާ ނަމަ މި ޓްރާންސްފާ ބާޒާރުގެ ނިމުމުގެ ކުރިން އޭނާ ވިއްކާލާނެ ކަން ހާމަ ކޮށްފަ އެވެ.
ޕީއެސްޖީ އިން އެމްބާޕޭ ގަތީ 2018 ވަނަ އަހަރު މޮނާކޯ އަށ180 މިލިއަން ޔޫރޯގެ ފީއެއް ދައްކައިފަ އެވެ. ޕީއެސްޖީ އިން ވަނީ އަންނަ ސީޒަނުގެ ނިޔަލަށް އެމްބާޕޭ އެ ކްލަބުގައި ބަހައްޓަން، ހަފްތާއަކު 800،000 ޕައުންޑްގެ މުސާރައަކަށް މިދިޔަ އަހަރުގެ މެއި މަހު ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެ ކުރިން އެމްބާޕޭ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އެ ކްލަބާ އެކު މަޝްވަރާތައް ވެސް ކޮށްފަ އެވެ. ރެއާލް މެޑްރީޑާ ވާދައަށް އިންގްލެންޑުގެ ލިވަޕޫލުން ވަނީ އެމްބާޕޭ ހޯދަން 200 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފަ އެވެ. އަދި މި އަގުން ނުވެއްޖެ ނަމަ 300 މިލިއަން ޔޫރޯ ވެސް ޚަރަދު ކުރަން ލިވަޕޫލުން ތިބީ ތައްޔާރަށެވެ.
2018 ވަނަ އަހަރު ފުރާންސްގެ ޕީއެސްޖީއާއި ގުޅުނު، އުމުރުން 24ގެ އެމްބާޕޭއަކީ މިހާރު ފުރާންސްގެ ގައުމީ ޓީމުގެ ކެޕްޓަނެވެ. ޕީއެސްޖީގައި މިހާތަނަށް 149 މެޗު ކުޅުނު އިރު، 135 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. ގައުމީ ޓީމަށް ކުޅެދިން 70 މެޗުން ވަނީ 40 ގޯލު ކާމިޔާބުކޮށްފައެވެ.
