ސައުދީ ޕްރޯ ލީގުގައި އަލް ރައީދާ ދެކޮޅަށް ރޭ ކުޅުނު މެޗުން 3-1 އިން އަލް ނަސްރު މޮޅުވެއްޖެ އެވެ.
މިހާތަނަށް ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދައިގެން އަލް ނަސްރު މިހާރު އޮތީ ފަސް ވަނައިގައެވެ. ލީގުގައި އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން އަލް ނަސްރު ވީ ބައްޔެވެ. އެކަމަކު ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އަލް ނަސްރުން ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ ބަޔާން މިއުނިކް ދޫކޮށް އަލް ނަސްރަށް ބަދަލުވި މާނޭ އެ ކުލަބަށް ޖަހައިދިން ހަ ވަނަ ލަނޑެވެ.
ދެ ވަނަ ހާފު ކުރީކޮޅުގައި އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ޓަލިސްކާ އެވެ. އޭގެ ފަހުން 78 ވަނަ މިނެޓުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން އަދި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ އަލް ނަސްރުގައި ޖާޒީގައި ޖެހި 27 ވަނަ ލަނޑެވެ. އަލް ނަސްރުން ތިން ލަނޑު ޖެހި ފަހުން އަލް ރައީދުން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ފައުޒައިރް އެވެ.
