ދިވެހިރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ބިމުގައި އެންމެ 1 އިންސައްތަ ލިބިފައި އޮތް ބިމުގެ ތަނަވަސްކަން ކުޑަ ޤައުމެކެވެ. ކުދިކުދި ގާމަތީ ރަށްތަކެއްގެ ގޮތުގައި ހުރިހާ ރަށެއް އުފެދިފައި ވާއިރު ދަނޑުވެރިކަން ކުރުމަށް އެކަށޭނެ ބިމެއް ލިބިފައިވާ ގައުމެއް ނޫނެވެ. ދަނޑުގޮވާން ކުރުމަށް ޗަސްބިންތައް ނެތުމާއި، ވެލިގަނޑުގައި އެކަށީގެންވާރަށް ކާނާ އުފެދިފައި ނުވުމުުގެ ސަބަބުންނާއި ހޫނުގަދަ ގައުމަކަށްވާތީއާއި އަދި ވައިގައި ލޮނުގެ އަސަރު ހުރުމުގެ ސަބަބުން ދަނޑުވެރިކަން ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރި ގައުމެކެވެ.
މި ބަޔާން ކުރެވުނު ހުރިހާ ގޮންޖެހުންތަކާއި އެކުގައިވެސް ރާއްޖޭގެ ރަށްރަށުގައި ދަނޑުވެރިކަން ކުރަމުން އެބަދެއެވެ. ގަސްކާނާ ރާއްޖެއިން އެތެރެކުރެވޭ ޒަމާނަކަށް ވުމުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވަޞީލަތްތައް ބޭނުންކޮށްގެން ރާއްޖެއަށް ބޭނުންވާ ކާނާ ކޮންމެވެސް ވަރަކަށް އެބަ ހޯދެއެވެ. ޚާއްޞަކޮށް ރަމަޟާންމަހު ރާއްޖޭގެ ދަނޑުވެރިންގެ މުރާލި މަސައްކަތްތައް މާލޭގެ ދަތުރުވެރިންގެ މާރުކޭޓުން ފެނިގެންދެއެވެ.
މި ރިޕޯޓްގައި ބޮޑަށް މި ބަލާލަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ވާހަކައެއް ނޫނެެވެ. ނަމަވެސް ދުވަހުން ދުވަހަށް ބޭނުންވާ ކާނާގެ ބާވަތްތައް ގޯތިތެރޭގައި ހެއްދުމުގެ އާދަ ގެންގުޅުމާއި ގުޅޭގޮތުންނެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ގޯތިތެރޭގައި ހުސްޖާގަ އޮވެއެވެ. އެ ޖާގައިގާ ގެއަށް ބޭނުންވާ ތަރުކާރީ އާއި މޭވާ ހެއްދިދާނެއެވެ. މިކަންކަން ކުރުމަށް މާބޮޑު ޖާގައެއްވެސް ބޭނުމެއް ނުވާނެއެވެ. ބިމުގައި ހެއްދޭ ބާވަތްތަކުގެ ގަސްގަހާގެހި ގޯތިތެރޭގައި ވަކި ތަރުތީބަކުން ހެއްދިދާނެއެވެ. މިގޮތުން އަނބުގަސް، ޖަނބުރޯލުގަސް، ފޭރުގަސް، އެވަކާޑޯގަސް، ލުނބޯގަސް، ފަޅޯގަސް އަދި ކުންނާރުގަސް ހެއްދިދާނެއެވެ. ގޯތިތެރޭގެ ވަކި ހިސާބެއްގައި ކައްޓަލައާއި، ބަރަބޯ އަދި ކަރާ ހެއްދިދާނެއެވެ. ވެޔޮވެލުގައި ހެއްދޭ ގަސްތަކަށް ވަކި ޚާއްޞަ ޖާގައެއްދީ ދިގުމުއްދަތަކަށް ގަސްހެއްދިދާނެ ގޮތަކަށް ވެޔޮގަނޑު އަރުވާނެ އަށި ހެދުން ބުއްދިވެރިއެވެ. އެގޮތުން ފެޝަންފުރުޓާއި، ކިއުކަންބާއާއި އަދި ތޮރާފަދަ އެކިވައްތަރުގެ ތޮޅި ހެއްދިދާނެއެވެ. މިރުހާ، ޓޮމާޓޯއާއި، ކޮޕީފަތްފަދަ ތަކެއްޗަށް ވަކި ޚާއްސަ ބައެއް ތައްޔާރު ކުރެވިދާނެއެވެ. ގޯތިތެރެއަށް ވަދެގެން އަންނައިރު މޫނުޖެހޭ ސަރަހައްދުގައި ރީތިވެގެން ވާހާ މާގަސް އިންދިދާނެއެވެ.
މިފަދަ ގޮތަކަށް ގޯތިތެރޭގެ ހުސްޖާގަ ބަހާލާ ވަކިތަރުތީބަކުން ގަސްއިންދުމުން ގޯތިތެރެއިން ޤުދުރަތީ ހިތްގައިމުކަން ފެނިގެން ދާނެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ ތިމާގެ އަތުން ކާނާ ގަތުމަށް ކުރާހޭދަ މަދުވުމެވެ. އަމިއްލަ އަތުން ހައްދާ ތަރުކާރީ އާއި މޭވާއަކީ ތިމާގެ ސިއްޙަތަށްވެސް ނުހަނު ފައިދާވާނެ އޯގަނިކް ތަކެތި ކަމުގައި ވާނެއެވެ. އާއްމުކޮށް ރާއްޖޭގެ މާރުކޭޓުން ލިބެންހުންނަ މިފަދަ ކާނާއަކީ ތަފާތު ބޭސްތަކާއި ކެމިކަލް ބޭނުންކޮށްގެން ހައްދާފައިވާ ތަކެއްޗެވެ. މިކަން ކުރަންބޭނުންވަނީ މުރާލިކަމާއި ހިތްވަރެވެ. މިކަމުގައި ދެމިހުރުމުން ތިމާއަށް އިޤްތިޞާދީގޮތުންނާއި ޞިއްޙީގޮތުންވެސް އެތައް ފައިދާއެއް ލިބިގެން ދާނެއެވެ.
