ސައުދީ އަރަބިއާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއިން ހޯދައިފިއެވެ.
ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި މުބާރާތުގައި ވާދަކުރި ސިޓީ ޗެމްޕިއަންކަން ހޯދީ ޖިއްދާގައި ކުޅުނު ފައިނަލްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ކަމުގައިވާ ބްރެޒިލްގެ ފުލުމިނެންސޭ އާ ވާދަކޮށް ހަތަރު ލަނޑު ސުން ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިގޮތުން މެޗްގެ ލީޑް ނެގީ މެޗް ފެށިތާ 40 ވަނަ ސިކުންތުގައި ސިޓީއިން ނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުނަރުވެރި ފޯވަޑް ހޫލިއަން އަލްވަރޭޒްއެވެ. އަދި މެޗްގެ 27 ވަނަ މިނެޓްގައި ސިޓީއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ފުލުމިނެންސޭގެ ނީނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޝްގެ 3 ވަނަ ލަނޑުވެސް ކާމިޔާބުކުރީ ސިޓީއިންނެވެ. މެޗްގެ 72 ވަނަ މިނެޓްގެ ތެރޭގައި މި ލަނޑު ޖެހީ ފިލް ފޯޑެން އެވެ. މެޗް ގެ ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓްގައި ޖަހައިދިނީ އަލްވޭޒް އެވެ. އެއީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ކުޅުންތެރިޔާއެވެ.
މި މެޗްގައި އެންމެ މޮޅަށް ކުޅުނީވެސް މެންޗެސްޓާ ސިޓީއިންނެވެ. ފުލުމިނެންސޭއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ސިޓީއިން ވަނީ މިއަހަރު 5 މުބާރާތެއް ކާމިޔާބުކޮށް ތަށި އުފުލާލާފައެވެ. އެއީ އިންގްލިޝް ޕްރިމިއާ ލީގާއި އިނގިރޭސި އެފް އޭ ކަޕް އާއި ޔުއޭފާ ޗެމްޕިއަންސް ލީގާއި ޔުއޭފާ ސުޕާ ކަޕް އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް ހޯދީ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބްރޯންޒް ބޯލް ހޯދީ ފްލުމިނެންސޭ އަށް ކުޅޭ ކޮލަމްބިއާގެ ވިންގާ، ޖޯން އޭރިސް އެވެ. ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ސިލްވާ ބޯލް ހޯދީ ސިޓީގެ ކެޕްޓަން ކައިލް ވޯކާ އެވެ.
