(4 އެޕްރީލް 2024 ގެ ނޫހާއި ގުޅޭ)
ދީޕަށް ގެއަށް އާދެވުނުއިރު އޭނާއަށް ފެނުނީ އޭނާގެ މަންމަ އަޅުކަންކުރާ ކޮޓަރީގައި އަޅުކަމާއިގެން މަޝްޣޫލުވެގެން އިންދައެވެ.
“ކިހިނެއްވީ މަންމާ…؟”
“އަދު މަންމަ ހާދަ އުފާވެރިކޮށް ދައްކައޭ.”
“ދަރިފުޅާ…” އޭނާގެ މަންމަ ގީތާ އުފާވެލައިފައި ބުންޏެވެ.
“އެއްކަލަ ދުވަހު ކަލޭ ބުނި ޖޯތަޝީ މަހާރާޖާ އަދު އަހަންނާ ބައްދަލުވެއްޖެ ދަރިފުޅާ.”
‘އޭނ…!”
އޭނާ ކުއްލިއަކަށް އިންތަނުން ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ އަށް ދީޕަށް މިވީ ގޮތް ނޭނގި އިނދެ އުފަލުން ބުންޏެވެ.
“އަދި ދަރިފުޅާ އޭނާ ބުނި އަހަރެންގެ ފިރިމީހާ އެކޮއިގެ ބައްޕަ ގަދަވެ އެބަ ހުންނެވި ކަމަށް. އަދި ވަރަށް އަވަހަށް އަހަރެމެންނާ ބައްދަލުވެސް ވެދާނެކަމަށް.”
“އެހެންތަ….؟” ދީޕު ހިސާބަކަށް ހާސްވެލައިފައި ބުންޏެވެ.”ތިޔަ ޖޯތަޝީ މަހާރާޖާއެއް ވީ ކޮންތާކު؟”
“މިހިރަ ތާނގައި ދަރިފުޅާ.” އޭނާގެ މަންމަ އުފާވެލައިފައި ބުންޏެވެ. “އޭނާ މިތާނގައި އެބައިން. އެއީ އަހަރެމެންގެ މެހުމާނެއް. އޭނާ އަހަރެން އަޅުކަންކުރާ ކޮޓަރީގައި އެބައިން.”
“ވެރީގުޑް- މަންމާ.” އޭނާ ކުއްލިއަކަށް އުފާވެފައި އެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
“އެއީ ވަރަށް ބޮޑު އާލިމެއް ދަރިފުޅާ.”
“ތިޔަ ގޮތް ދެން އެނގިދާނެ.” އޭނާ މޮޔައެއް ހެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ފަހަތުން އޭނާގެ މަންމަ ވެސް ދީވާނާވެގެން ދުއްވައިގަތެވެ.
“ފައިގައި ބޮސްދީ ދަރިފުޅާ ޖޯތަޝީ މަހާރާޖުގެ.”
“މިބޮސްދެނީ މަންމާ.”
މިހެން ބުނެފައި އެނާ ޖީބުން ބިޑިއެއް ނަގައިފައި ޖޯތަޝީ މަހާރާޖުގެ އަތުގައި އަޅައިފިއެވެ. މިތަން ފެނިފައި އޭނާގެ މަންމަ ހައިރާންވެ ފިކުރުބޮޑުވެއްޖެއެވެ. އޭނާ ނުހަނު ބާރަށް ހަޅޭއްލަވައިގަތެވެ.
“ތިޔަ ކުރަނީ ކީއް؟”
އޭނާ އޭނާގެ ދަރިފުޅާ ހިފައިގަތެވެ. އަދި ދަރިފުޅުގެ ގައިގައި ތަޅަން ފަށައިފިއެވެ.
“ބަލަ މިއޮއް މޮޔަޔާ. ތިޔައީ ސާދޫ މަހާރާޖާ އާލިމް. ތިޔަ ގޯސް ހަދަނީ ކީއްވެ؟”
“އޭނާއަށް ނޭނގިގެން.” ސާދޫ މަހާރާޖު ބުންޏެވެ. “ތެދާއި ދޮގު އޭނާއަށް އެ އުޅެނީ ވަކި ނުވެގެން….”
“ތެދާއި ދޮގު ވަރަށް އަވަހަށް ކަލެއަށް ވަކިވެދާނެ.” ދެން އޭނާގެ މަންމައާ އެކު ފަހަތަށް ޖެހެމުން ބުންޏެވެ.
“މަންމާ. މިއީ ތީޖް ސިންގު ޑާކޫ.”
މިހެން ބުނީމާ ސާދޫ މަހާރާޖް ވަރަށް ބާރަށް ކަކަކަކަ އަޅައިފައި ހޭން ފެށިއެވެ.
“މަޑުން އިނދޭ ނުލަފާ….”
ދީޕު އޭނާގެ މޫނުމަތީގައި ވަރަށް ބާރަށް އެތިފަހަރެއް ޖެއްސެވެ.
“އެއްފަހަރު ކެހިދީފައި ދެވަނަ ފަހަރަށް އަހަންނަކަށް ކެއްސެއް ނުދެވޭނެ.”
“ކުއްޖާފުޅާ…!” ސާދޫ މަހާރާޖު ބުންޏެވެ. “ކަލެއަށް ތިޔޮއްގެން ކެހި ލިބެނީ.”
“ގޯސް ނުގޮވާ.”
“ދެން އެހެންވީއިރު ތިޔަ ކުރަނީ ކީއް ދަރިފުޅާ.”
ގީތާ ދީޕުގެ މަގަށް ހުރަސް އެޅިއެވެ. އޭނާ އުޅުނީ ސާދޫ މަހާރާޖު ދަމަމުން ބޭރަށް ނެރޭށެވެ.
“ތިޔައީ ތީޖް ސިންގެއް ނޫން. ތިޔައީ ޖޯތަޝީ މަހާރާޖް. ތިޔައީ އެއްކަލަ ދުވަހު އޭނާ ހޯދަންވެގެން އަހަރެން ދުވެފައި ދިޔަ މީހާ.”
“އާނ މަންމާ.” ދީޕު ބުންޏެވެ.
“މިއީ އެމީހާ. މިއީ ވަރަށް ނުލަފާ މީހެއް. އަހަރެންގެ ލޯވެސް އޭނާ ދެކެފައި އެދުވަހު ބޮނޑިބުއި. މިއީ ޑާކޫ ތީޖް ސިންގު ނޫން އެހެން އެއްވެސް މީހެއް ނޫން. މަންމާ މިހާރު ޕޮލިސް އިސްޓޭޝަނަށް ގެންގޮސްފައި އޭނާގެ އަސްލު ސޫރާގައި އަހަރެން ގެންނާނަން.”
އޭނާގެ މަންމަ ހަޅޭލަވަލަވާ ހުރީއެވެ. އޭނާ މިހެން ބުނެފައި ސާދޫ މަހާރާޖު ދަމާ ބޭރަށް ނެރެފިއެވެ.
“މަންމާ އެވެ. ގޭގައި އިންދާ އެކަލާނގެ އަހަންނަށް މި ފަޚުރު ދެއްވީއެވެ. ގޭގައި އިންދާ އަހަންނަށް މިވަރު ޑާކޫއެއް މިއޮއް ހައްޔަރު ވެވުނީއެވެ. އެކަމަށް ޓަކައި އަހަރެން މަންމައަށް ވެސް ޝުކުރުވެރިވަމެވެ.
ޕޮލިސް އިސްޓޭޝަން އަށް، ދީޕު ތީޖް ސިންގު ޑާކޫ ހައްޔަރުކޮށްފިއޭ ބުނާއަޑު އިވިގެން މީހުންގަނޑު ބޮނޑިވެގެންފިއެވެ.
ޕޮލިސް އިސްޓޭޝަންގައި ނުހަނު ގިނަ މީސްތަކުން އޮތެވެ. ކޮންމެ މީހަކުމެ ހުރީ ތީޖް ސިންގު ޑާކޫ ދުށުމަށް ކެތްމަދުވެ ބޭގަރާރުވެފައެވެ.
“މާތްކަލާކޯ ތިޔައީ ތީޖް ސިންގޭ…؟ އައި.ޖީ ސާހަބު އަހައިލިއެވެ.
“ޔޭސް ސަރ.” ދީޕު ބުންޏެވެ. “އޭނާ ސާދޫ މަހާރާޖުގެ މޭކަޕު ކޮށްގެން އުޅެނީ.”
“ކޮންތާކުން ކަލެއަށް ހިފުނީ މީނާ؟”
“ސަރ…!” ދީޕު ބުންޏެވެ. “މީނާ އިނީ އަޅުގަނޑުމެންގެ ގޭގައި. އަޅުގަނޑުގެ މަންމައަށް މަންމައާ ބެހޭ ވާހަކަތައް ކިޔައިދެނީ.”
“ކަލެއަށް ތިއުޅެނީ އޮޅިގެން ދީޕު.” އައި.ޖީ. ސާހަބް ހީނލިއެވެ.”މިއަކީ ތީޖް ސިންގެއް ނޫން.”
“ކަލާ ކީކޭތޯ ތިޔަ ބުނުއްވަނީ ސަރ…!”
“ޔެސް ސަރ” އައި.ޖީ. ސާހަބު ބުންޏެވެ.”އަހަރެން އޭނާ ރަނގަޅަށް ދަންނަން. މިއީ ސާދޫ ހަރްޕްރަޝާދުޖީ. ނުޖޫމް އިލްމަށް ވަރަށް ކުޅަދާނަ މާހިރެއް.”
ދެން އައި.ޖީ. ސާހަބް ދީޕަށް އެއީ ޑާކޫ ތީޖް ސިންގު ނޫންކަމާއި މުޅިން އޮޅިގެން ސާދޫ ހަރްޕްރަޝާދުޖީ ހައްޔަރު ކުރެވުނީކަން ފިލުވައިދީ ހަމަޖައްސައިދިނެވެ. ދީޕު ވީ ދެރައިން މޫނުމަތިން ކުލަ އޮއްސިއްޖެއެވެ.
އޭނާ ހަރްޕަރްޝާދުޖީގެ ކިބައިން މައާފަށް އެދުނެވެ. އޭނާގެ އަތްފައިގައި ބޮސްދިނެވެ. ޚުދު އައި.ޖީ. ސާހަބް ސާދޫގެ ކިބައިން މައާފަށް އެދުނެވެ. އަދި މުޅި ޕޮލިސް މަހުކަމާގެ ފަރާތުން ވެސް އޭނާގެ ކިބައިން މައާފަށް އެދުނެވެ. އޭނާ މިހުރިހާ ކަމަކަށް ހިތުގެ އަޑިން މައާފު ކުރިއެވެ. އޭނާ ބުންޏެވެ.
“އޭނާ އެއީ ކުޑަކުއްޖެއް.”
ދެން އޭނާ ހީނލައިފައި ހިނގައްޖެއެވެ.
ދީޕު ވީދެރަ އާއި ގަތް ލަދުން އޭނާގެ ދަލަށް ގެނބިއްޖެއެވެ.
އޭނާ ހަގީގަތުގައި އެހައްޔަރު ކުރި މީހާއަކީ، ތީޖް ސިންގެއް ނޫނެވެ. އެއީ ހަގީގަތުގައި ވެސް ހަރްޕްރަޝާދުޖީ އެވެ.
ނުޖޫމް އިލްމުގެ ވަރަށް ބޮޑު މާހިރެކެވެ. ޑާކޫ ތީޖް ސިންގު އެދުވަހު ހުރީ އޭނާގެ މޭކަޕު ކޮށްގެންނެވެ. ދީޕަށް އެހާ ވަރަށް އޮޅުނީ އެހެންވެއެވެ.
ތީޖް ސިންގު ވަރަށް ބާރަށް ކަކަކަކަ އަޅައިފައި ހީނގަތެވެ.
“ހަރްޕްރަޝާދު ފަކީރު މަގޭ މަޅީގައި ބެދުނީއުތަ.” ދެން އޭނާ ކުއްލިއަކަށް ވިސްނުންތެރިވެލައިފިއެވެ.” އެހެން ނަމަވެސް މި ދީޕު މިހާރު އަހަރެމެންނަށް ނުރައްކާ ބިރަކަށް ވެއްޖެކަން ޔަގީން.”
އޭނާ ނުހަނު ބާރަށް ގުގުރައިގަތެވެ.
“ޔެސްބޮސް….”
“އަހަރެން ކަލޭ ގާތުގައި އިއްޔެ އައިސް އެ އުޅުނު ޗޯކުރާ އޭނާގެ މަގުން އެއްކިބާ ކޮށްލަން އެ އަމުރު ކުރެވުނީ ހަމަ ހެޔޮކޮށް.”
“ޔެސް ބޮސް….” އޭނާ ކަނދުރާ ތިރިކޮށްލައިފައި ބުންޏެވެ.
“ފުލުހުންނަށް އަހަރެމެންނާ ބެހޭ ގޮތުން މިހުރިހާ މައުލޫމާތެއް ފިލުވައިދެނީ ކާކުކަން ކަލޭމެންނަށް މިހާރު އެނގިއްޖެތަ؟”
ދެން އޭނާ ރަންބީރު ސިންގާ މުޚާތަބު ކުރިއެވެ.
“ރަންބީރު ސިންގު….”
“ޔެސް ބޮސް…”
ރަންބީރު ސިންގު އޭނާ އިން ތަނުން ފުންމައިގެން ތެދުވެއްޖެއެވެ.
“ފުލުހުންނަށް އަހަރެމެންގެ ބޯރީވަލީގެ ސިއްރު އަންގައިދިނީ ކާކުކަން ކަލޭ ދެނަހުރީމުތަ؟”
“އަޅުގަނޑު އޮޅުންފިލުވާނަން ބޮސް.”
ކަލޭ އަދި އޮޅުން ފިލުވާނީތާ. އަހަރެން އޮޅުން ފިލުވައިފިން.”
ތީޖް ސިންގު ނުހަނު ބާރަށް ހަޅޭއްލަވައިގަތެވެ.
“ޝަޝީ އަހަރެންގެ ކުރިމައްޗަށް ގެނޭ…”
ޝަޝީ އެވަގުތު ތީޖް ސިންގު ކުރިމައްޗަށް ގެނެސްފިއެވެ. އޭނާ ފެނުމާއެކު، ބާރަށް ގުގުރައިގަތެވެ.
“ބަލަ! އަހަރެން ކަލޭ ބޮޑުކުރީ ކަލޭ ބޮޑުވެގެން އަހަރެންގެ ގަޔަށް ވިހަލާނެ ހަރުފައަކަށް ވެގެން، އަހަރެންގެ ގަޔަށް ވިހަލާންތަ؟ ކަލޭ އަމިއްލަ އެދުމުގެ ކުރިމަތީގައި، ކަލޭ މިއޮއް ބޮޑު ޖަމާއަތުގެ މައްޗަކުން އެއްގޮތަކަށް ވެސް ހަނދާނެއް ނުވޭ އުތަ؟ ކަލޭ ގެންގުޅޭ ބޮޑުކޮށްފައި ތިޔަހުރީ ކަލޭގެ އަތުން އަހަރެމެން އެންމެން ދަންޖައްސާ މަޅިގަނޑާ ދިމާއަށް ދަމާ ކޫއްތާފައި ގެންދާ ދުވަހަކަށްތަ…؟” ޝަޝީ ބުދެއްހެން ހަމަހިމޭނުން ހުއްޓާ އޭނާ ބުންޏެވެ.
“ޣައްދާރީންގެ އަދަބަކީ މަރު. އަހަރެން ކަލެއަށް ކަލޭ ތިޔައީ ސަރުދާރު ސޫރްގަޕާސީބާޝީ ޖަގްދޭޝް ސިންގުގެ އަންހެންދަރިފުޅު ނޫން ނަމަ އޭގެ ރާހަތް ވެސް ލައްވާލައިފީމުސް.” އޭނާ ޝަޝީގެ ކައިރިއަށް އަތުވެއްޖެއެވެ.
“އަހަރެން ކަލޭ ދަރިއެއްހެން ގެންގުޅެ ބޮޑުކުރީ މިދުވަހަށް ޓަކައި އުތަ؟ ބުނެބަލަ؟ ޖަވާބުދީބަލަ!”
އޭނާ ޝަޝީގެ ކޮލުގައި އެތިފަހަރެއް ޖެއްސެވެ. އޭނާ ބުދެއް ހެން ކޮޅަށް ހުއްޓެވެ. އެހެން ހުއްޓާމެ އޭނާގެ ލޮލުން ކަރުނަތައް އުފެދިގެން އަތުވެއްޖެއެވެ. އޭނާ ބުންޏެވެ.
‘ހޫނ…!” ތީޖް ސިންގު ތުންފަތުގައި ދަތް އަޅައިލައިފައި ބުންޏެވެ.
“މީނާ ގެންދޭ އަހަރެންގެ ކުރިމަތިން. ގެންގޮސް ކަޅުކޮޓަރީގައި ހައްޔަރުކުރޭ! މިހާރު އޭނާއަށް ދޭން ފެންނަ އަދަބަކީ އެއީ….” ސަރުދާރުގެ ކިބައިން މިއަޑު އަހައިފައި ރަންބީރު ސިންގު ކުރިޔަށް ޖެހިލިއެވެ. އަދި އޭނާ ޝަޝީއަށް އޭނާއާ އެކު ހިނގުމަށް އިޝާރާތް ކުރިއެވެ. އޭނާ ނުލާހިކު ހަމަހިމޭން ކަމާ އެކު އޭނާއާ އެކުގައި ހިނގައްޖެއެވެ.
އޭނާ ދިއުމަށްފަހު ތީޖް ސިންގު ބުންޏެވެ.
“ދިލޭރް ސިންގު…!”
“ޔެސް ބޮސް!”
“ކަލޭ ވެސް އެ އަންހެންކުއްޖާގެ މައްޗަށް ވަރަށް ރަނގަޅަށް ބަލާތި.”
“ޔެސް ބޮސް!”
“އޭނާއާ މެދު އެއްވެސް ބާވަތެއްގެ އޯގާވެރިކަމެއް ބެހެއްޓުމަކީ، ކަލެއާ މެދުގައްޔާއި އަދި މިއޮތް ބޮޑު ޖަމާއަތާ މެދު ކަލެއަށް ފާޅުގައި ކުރެވޭ ވަރަށް ބޮޑު ޣައްދާރީއެއް. އެނގިއްޖެތަ؟”
“ޔެސް ބޮސް.”
“އެ އަންހެންކުއްޖާގެ މޮޔަކަމާ ހުރެ ފުލުހުންނަށް އަހަރެމެންގެ އެތައް ތަނެއްގެ ކާމިޔާބު އެޑްރެސް އެނގިއްޖެ. އެހެންނު….”
“ޔެސް ބޮސް.”
“އެތަން ތަނުން އަހަރެމެންގެ އެއްވެސް ނިޝާނެއް ފެނުނަ ދީގެން ނުވާނެ.”
“ފެނުނަކަ ނުދޭނަން ބޮސް.”
“އަހަރެން އެ އަންހެންކުއްޖާ ދިރިހުއްޓާ ހަންދަމާލާނަން. އެކަމަކު އަހަރެން ކުރާނެ ކަމެއް ނެތް. އެއީ ހަމައެކަނި އަހަރެން އޭނާ އަމިއްލަ ދަރިއެއްހެން ގެންގުޅެ ބޮޑުކުރީތީ. އަދި އަހަރެމެންގެ ސަރުދާރުގެ އެންމެ ފަހު ނިޝާން ކަމަށްވާތީ. އެއީ އޭނާ ދުނިޔެއޭ ހީކުރާ އަންހެންކުއްޖާ ކަމަށްވާތީ. މަރުވަމުން މަރުވަމުން އޭނާއަށް ހުރިހާ ގޮތަކުން އަރާމުދީ ފަސޭހަ ދިނުމަށް އަހަރެން އޭނާއަށް ވައުދުވެސް ވެފައި އޮތީތީ.”
“ޔެސް ބޮސް.”
“ފަތިސްވުމުގެ ކުރިން އެ ކާނިވަލުގެ ހުރިހާ އެއްޗެއް އަޅީގެ ފުނިވަރަކަށް ބަދަލުކޮށްލަން ޖެހޭނެ. ޕެޓްރޯލު އުކައިފައި އަވަހަށް އަލިފާންޖަހާ. އެތަން އަނދާ އަޅިއަށް ނުވާހާ އިރަކު އެތާ ހުރެގެން އެ އަނދަމުން ދާތަން ބަލަން ހުރޭ. މީހަކު އަލިފާން ނިއްވަން އަތުވެއްޖިއްޔާ އެމީހަކުގެ ބޯ ބަޑިން އުދުއްސާލާ…!”
“ބުނުއްވި ގޮތެއް ބޮސް.” ދެން އެރޭ އެ ކާނިވަލުގެ ފުލުހުންނަށް ފެނިފައި ހުރިހާ ތަނެއްގައި އަލިފާން ޖަހައިފިއެވެ. ފުލުހުންނަށް އެ އެއްޗެއްގެ އެހީއިން އެއްވެސް ބާވަތެއްގެ އާދައިގެ އެއްޗަކާ މެދުވެސް ފަސޭހައިން އޮޅުން ފިލުވުމަށް ޝައްކުވާވަރުގެ އެއްޗެއްވެސް، ނިޝާނެއް ވެސް ސައްހަ ސަލާމަތުން ދޫކޮށެއް ނުލިއެވެ.
މިހުރިހާ ކަމެއްގެ ޚަބަރު ތީޖް ސިންގަށް ލިބުނީމާ އޭނާގެ ހިތްހަމަޖެހިއްޖެއެވެ. އަދި އޭނާ ހިތްހަމަޖެހުމުގެ ފުންނޭވާއެއްލިއެވެ. ދެން އޭނާ މެންދަމު ގޮވާލައިފައި ދިލޭރު ސިންގު ގާތުގައި ބުންޏެވެ.
“މާދަމާ ކޮންމެ ގޮތަކުން ވެސް ދިރިހުއްޓާ ނުވަތަ މަރާލައިގެންވެސް އިއްޔެގެ އެ ޗުކުރާ ދީޕު އަހަރެންގެ ކުރިމައްޗަށް ގެނޭ.” އޭނާ ތުންތަޅުވަން ފަށައިފިއެވެ.
“އޭނާ ދޫކޮށް ބަހައްޓައިގެން މިއަށްވުރެ ގިނަ ދުވަހު އަހަރެމެން ބިރުގަންނަން ތިބެގެންނެއް ދެން ދެކޮޅެއް ނުޖެހޭނެ.” ނޯތޭޖު އޭނާގެ ހަލާކުވެފައިވާ ބަހާރާއި އޭނާގެ ގެއްލުނު ދުނިޔެ ހޯދުމުގައި ވަނީ މޮޔަވެފައެވެ. ދީޕު، ތީޖް ސިންގު ހޯދުމުގައި ރެޔާއި ދުވާލު އެތަން މިތާނގައި ވީރާނާތަކުގައި ހިނގާ ބިނގާ ވަނީއެވެ. ގީތާ ވަނީ، ރެއާއި ދުވާލު މި ޚިޔާލުތަކާއި ނުތަނަވަސް ކަމުގައެވެ. އޭނާގެ ގެއްލިފައިވާ ފިރިމީހާ، އެންމެ ފަހަރަކު އޭނާގެ ބިރުވެރި ދަޅަދައްކާލުމަށް ފަހު ވަނީ ޣައިބު ވެފައެވެ. އޭނާ ވަނީ ކޮން ތަނެއްގައި ކަމެއް ވެސް ނޭނގެއެވެ. އޭނާ ހޯދާނީ ވެސް ކޮން ތާކުން ބާވައެވެ؟
މި ތިން މީހުން ވަނީ، އެ މީސްމީހުންގެ މި ޚިޔާލުތަކުގައެވެ. ގުދުރަތު ހިތާހިތުން އެ ތިންމީހުންގެ މައްޗަށް މަލާމާތް ކުރަނީއެވެ.
ދީޕަށް އެންމެ ފިކުރުބޮޑުވެފައިވާ އެންމެ ހިތްދަތިވެފައިވާ ކަމަކަށްވީ އެއްކަލަ ދުވަހަށް ފަހު ޝަޝީއާ އޭނާއާ ބައްދަލު ނުވެވުނީތީއެވެ. އޭނާ ވަނީ ޝަޝީ ހޯދުމުގައި ދީވާނާ ވެފައެވެ. އޭނާ ހޯދުމުގައި އެކިއެކި ތަންތަނާއި ކަންކޮޅުތަކަށް ދަންދެން ހޯދިއެވެ. އޭނާއަށް ކައިރި އާއި ދުރުގެ އެއްވެސް ތާކުން، ޝަޝީއެއް ނުފެނުނެވެ.
ޝަޝީގެ އިސްޓޭޝަނާއި އޭނާގެ ކާނިވަލު ހަމަ އޭނާގެ ލޮލުން ވީރާނާވެ އަޅިގަނޑަކަށް ވެފައި ވަނިކޮށް ދުށްޓެވެ.
އަދި އޭނާ މި ހުރިހާ ކަމެއް ވެގެން މި އުޅެނީ ކިހިނެއްތޯ ކޮން ގޮތަކުންތޯ ފިލުވުމަށް، އެކަންކަން ބަލަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މި ކާނިވަލު އަންދާލީ ކާކުތޯ އާއި ކީއްވެގެންތޯ އާ ފިލުވަން އުޅުނެވެ. ނަމަވެސް އެއާ ބެހޭ އާދައިގެ ހެއްކެއް ވެސް އޭނާއަކަށް ނުލިބުނެވެ. އޭނާ ޝަޝީގެ ހަނދާނުގައި ވަނީ މުޅިން އޮޅިފައެވެ.
ހަގީގަތުގައި އޭނާ މިހާރު ޝަޝީ އެ ހޯދަނީ އޭނާގެ ޒަރިއްޔާ އިން އޭނާއަށް ތީޖް ސިންގާ ބެހޭ ގޮތުން މައުލޫމާތު ހޯދާކަށް ނޫނެވެ. ކީއްހޭ އޭނާ ޝަޝީ މިހާރު އެ ހޯދަނީ އޭނާ ދެކެ ވާ ލޯބިންނެވެ. އަދި އޭނާގެ އެއްވެސް ނުސާފުކަމެއް ނެތް މައުސޫމު ލޯބީގެ މޫތައް އޭނާގެ ހިތުގައި ދުރުދުރަށް ދަންދަން ވަނީ ފެތުރިފައެވެ. އޭނާއަށް އޭނާގެ ހަޔާތާއި މި ދުނިޔެ ޝަޝީ އާ ނުލައި ވަނީ ފޫހި ވީރާނާއެއް ކަމުގައެވެ.
ޚުދު އޭނާގެ ހިތުގެ މިކުއްލި ބަދަލުގެ މައްޗަށް ވަނީ ފިކުރު ބޮޑުވެ ހައިރާން ވެފައެވެ. ޝަޝީގެ ކުއްލި ވަކިވުން އޭނާ މިހާވަރަށް މޮޔަކޮށް އޭނާގެ ލޯބީގައި މިވަރަށް ހައްޔަރުވެ ފިކުރުބޮޑުވާނެ ކަމުގެ އިހުސާސެއްވެސް މީގެ ކުރިއަކުން ޚުދު އޭނާއަކަށް ވެފައެއް ނެތެވެ.
(ނުނިމޭ)
