(25 އެޕްރީލް 2024 ގެ ނޫހާއި ގުޅޭ)
ދީޕު މީގެ ދެ ދުވަހުއްސުރެ ވަނީ ވީތަނެއް ނޭނގިފައެވެ. ގީތާ ގަންނާ ކުރައްވާ ބިރުން ވަނީ ވަރަށް ކަންބޮޑުވެފައެވެ. އެދިޔަ ދެރޭން އެންމެ ރެއަކު ވެސް އޭނާގެ ދަރިފުޅަށް ޓަކައި ރޭގަނޑަކު އެންމެ ލޮލު ފިޔައެއްވެސް ނުޖެހެއެވެ. އަދި މުޅި ދުވާލު ދަރިފުޅުވީ ކޮންތަނެއްގައި، ކޮން ހާލެއްގައި ކަން ނޭނގިގެން އެކަމުގެ ފިކުރުގައި އިނދެ ވޭތިކޮށްލައެވެ. އޭނާ ފުލުހުންނަށް އުނދަގޫ ކޮށްކޮށް އެ މީހުން ވެސް ތިބީ ހާސްކޮށްލައިފައެވެ. ވީގޮތަކަށް އޭނާގެ ދަރިފުޅު ހޯދައިދިނުން އެދި އަބަދުމެ އާދޭސް ކޮށްކޮށެވެ.
ޚުދު ޕޮލިސް ވެސް ވަނީ ދީޕުގެ މި ކުއްލި ގެއްލުމުގެ މައްޗަށް ކޮޅެއްވެސް ނެތްހާ ބޮޑަށް ފިކުރުބޮޑުވެފައެވެ. މުޅި މަހުކަމާ ރެޔާއި ދުވާލު ގެންދަނީ ދީޕު ހޯދުމުގައެވެ.
ގީތާއާ ޚުދު ޕޮލިސް ވެސް އަނެއްކާ ދީޕު، ތީޖް ސިންގު ޝިކާރަ ކުރީ ނޫންބާވައޭ ހީކޮށް ވަނީ މިކަމުގެ ބިރުގައެވެ. އެ އެންމެންނަށް އެހާ ބޮޑަށް ފިކުރު ބޮޑުވާންޖެހުނީ މި ސަބަބަށް ޓަކައެވެ.
ގީތާ ދެ ދުވަހުއްސުރެ އެކައްޗެއް ވެސް ކައިބޮއެއް ނަހަދައެވެ. އޭނާގެ ދެލޯ އަބަދުމެ ވަނީ ކަރުނައިގެ ތެރޭގައި ޣަރަގު ވެފައެވެ. ރޮއިއޮރި އޭނާގެ ހާލު ވެސް ވަނީ ވަރަށް ބޮޑުވެފައެވެ.
ލަތާ ވަނީ ވަރަށް ފިކުރުބޮޑުވެފައެވެ. ލާލާ ހަރްބިންސްލާލް ވެސް ދީޕުގެ މިކުއްލި ގެއްލުމުގެ މައްޗަށް ވަނީ ހަދާނެ ނުހަދާނެއެއް ނޭނގިފައެވެ. އޭނާ އިއުލާނު ކޮށްފައިވަނީ ދީޕު ހޯދައިގެން ގެނައި މީހަކަށް ދިހަ ހާސް ރުފިޔާގެ އިނާމެއް ދޭނޭ ކަމުގައެވެ. ގީތާ އޭނާގެ ދަރިފުޅަށް ޓަކައި އެތައް ނަދުރެއް ބުނެ ދުއާ ކުރިއެވެ. އޭނާ ރަށުގެ ހުރިހާ
ފައްޅިއަކަށް ދުވެދުވެ ހުއްޓާ ކުއްލިއަކަށް ދީޕު އަތުވެއްޖެއެވެ.
ގީތާ އޭނާގެ އަޅުކަން ކުރާ ގޭގައި އޭނާގެ ކަލާނގެތަކުގެ ކުރިމަތީގައި އިށީނދެގެން ދުއާ ކުރެއެވެ.
"ޕުރަބޫ. އަޅުގަނޑުގެ ދީޕަށް ގޮތެއްވެއްޖިއްޔާ އަޅުގަނޑު މޮޔަވެދާނެ."
"އެދީޕު އަޅުގަނޑު ދިރި ދެމެހެއްޓީ، އަޅުގަނޑު އަޅުގަނޑުގެ ހިތުގެ ލޭ ދީދީގެން. ބަގުވާން…"
"އެ ދީޕު ގެންދަވައިގެން އަޅުގަނޑުގެ ދުނިޔެ އަނދިރި ނުކުރައްވާ. އެ ދީޕު ނިވިއްޖިއްޔާ އަޅުގަނޑުގެ ދުނިޔެއަށް އަނދިރިކަން ފެތުރިދާނެ. އަދި އަޅުގަނޑުގެ ހުރިހާ އުއްމީދެއް ފަޅުކަމާއި އަނދިރިކަމުގެ ތެރެއަށް ގެއްލިގެން ހިނގައިދާނެ ޕުރަބޫ…!" އޭނާ ގިސްލަގިސްލައިފައި ބޯތަޅަތަޅައިފައި ރޯން ފަށައިފިއެވެ.
"އަޅުގަނޑުގެ ދީޕާ ނުލައި އަޅުގަނޑުގެ ދެލޯ އަނދިރިވެދާނެ. އަޅުގަނޑަކަށް އެކައްޗެއް ވެސް ނުފެންނާނެ." އޭނާގެ ހިތުން ވޭން އަޅައިފައިވާ ހަޅޭކުގެ އަޑު ނުކުތެވެ.
"ދީޕު…!"
"ކީއްވީ މަންމާ…."
ދީޕު ގޮސް އޭނާގެ މަންމަ އާ އޮޅުލައިގަތެވެ. އޭނާ ފެނިފައި މަންމަ ވީ އުފަލުން މޮޔަވެއްޖެއެވެ. އޭނާ މޮޔައެއް ހެން ދީޕުގެ ގައިގައި ބޮސްދޭން ފެށިއެވެ. އޮޅުލާން ފެށިއެވެ. ލޯބިކުރާން ފެށިއެވެ.
ދެން އޭނާ ބަގުވާނުގެ ކުރިމައްޗަށް ތިރިވިއެވެ.
ޕޮލިސް ކޮމިޝަނަރުގެ ކުރިމައްޗަށް ގޮސްފައި ފުރިހަމައަށް ސިފައިންގެ ގޮތުގައި ދީޕު ސެލިއުޓު ނެގިއެވެ.
އޭނާ ފެނިފައި ޕޮލިސް ކޮމިޝަނަރުގެ މޫނު ފޮޅިގެން އައެވެ. އޭނާ ގޮނޑިން ފުންމައިގެން ތެދުވެފައި ދީޕުގެ ބުރަކަށީގައި އަތުން ޖަހައިލިއެވެ.
"ސާބަސް ދީޕު."
އޭނާ ފަޚުރުވެރިވެލައިފައި ބުންޏެވެ.
"ކަލޭ ކަހަލަ ޒުވާނުން އަހަރެމެންގެ މަހުކަމާގައި ތިބި ނަމަ އަހަރެމެންގެ މަހުކަމާގެ މުޅި ދުނިޔެ ވެސް ބަދަލު ވެގެން ހިނގައިދާނެ." އޭނާ އޭނާގެ ދެކޮނޑުގައި ހިފައިފައި އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި ބައިންދަމުން ބުންޏެވެ.
"ކަލޭގެ ތިޔަ ހިންމަތާއި ކަލޭގެ ތިޔަ ކުޅަދާނަކަމަށް އަހަރެން އުފާކުރަން." އޭނާ ބުންޏެވެ.
"ކަލޭ ނުވާނަމަ އަހަރެމެންނަށް ތީޖް ސިންގާއި ބެހޭ ގޮތުން މިހާރު އެނގިފައިވާ ވަރަށް ވެސް އެއްޗެއް ނުފިލީސް."
"ކަލޭގެ ތިޔަ ރަން ޚިދުމަތްތައް ފުލުހުންގެ މި ދައުރުގެ ތާރީޚުގައި ލިއުން ހައްގީ ރަނުގެ އަކުރުތަކަކުން. ކަލޭގެ ވާޖިބުތައް އަދާ ކުރުމުގައި އަމިއްލަ ފުރާނައަށް ދަންދެން ވެސް ބަލައެއްނުލަމު."
"ތިޔައީ ހައްތާވެސް ތިޔަ ބޭފުޅުންގެ ދީލަތިކަން."
"ނޫނޭ މިއީ ހަމަ ތެދު…."
"މަނިކުފާނު….!" ދީޕު ނުހަނު އަދަބުވެރިކަމާ އެކު ބުންޏެވެ. "އަޅުގަނޑުމެން ތީޖް ސިންގުގެ މަރުކަޒުތަކަށް ހަމަލަދިނުން އެއްގޮތަކަށް ވެސް ލަސްކޮށްގެން ނުވާނެ."
"ޔަގީން…!" ޕޮލިސް ކޮމިޝަނަރު ބުންޏެވެ. "އަހަރެމެންނަށް ކަލޭގެ ހަމަ ކޮންމެ މަޝްވަރާއަކަށް ވެވުނުހާ އަވަހަށް އަމަލު ކުރަން ބޭނުން."
ދެން އެދުވަހު ހަވީރު ފުލުހުންނާއި ސީ.އައި.ޑީ އިންގެ ބޮޑެތި ބޮޑެތި އޮފިސަރުންގެ ސިއްރު މީޓިންގެއް ބޭއްވުނެވެ. ދީޕު ވެސް މި ސިއްރު މީޓިންގައި ބައިވެރިވިއެވެ. ނިމުނީ މިރޭ ފުރިހަމަ އަށް އެންމެ މޮޅަށް ތައްޔާރުވެގެން ފުރިހަމައަށް ހަތިޔާރު އަޅައިގެން ތީޖް ސިންގުގެ މި ސިއްރު މަރުކަޒުގެ މައްޗަށް ހަމަލަ ދިނުމަށެވެ. ފުލުހުންގެ މި ހަމަލައިގެ ވެރިކަން ދިނީ ދީޕަށެވެ.
ފުލުންގެ އަތާއި ތީޖް ސިންގުގެ ކަނދުރާ އާ ދެމެދަކު މިހާރު މާބޮޑު ދުރުމިނެއް ނެތެވެ.
ޕޮލިސް ޕާޓީ ދީޕުގެ ވެރިކަމުގައި ތީޖް ސިންގުގެ މަރުކަޒުގެ މައްޗަށް ރޭގަނޑު ދޭއް ޖެހިއިރު ކާމިޔާބު ހަމަލައެއް ދިނެވެ. އެ މުޅި ހިސާބު ފުލުހުން އެބައިމީހުންގެ އަތްދަށުލިއެވެ. ދެން ދީޕު އޭނާގެ ފަންސާސް ރަހުމަތްތެރިންނާ އެކު ހަތިޔާރު ހިފައިގެން ތީޖް ސިންގުގެ މި ސިއްރު މަރުކަޒަށް ފިޔަވަޅު އެޅިއެވެ. ނަމަވެސް އެތާކުން މަރުގެ ހަމަހިމޭންކަން ނޫން އެކައްޗެއް ވެސް ނުފެނުނެވެ.
ދީޕާއި އޭނާގެ ހުރިހާ ރަހުމަތްތެރިން ހައިރާން ވެއްޖެއެވެ. ހީވަނީ އެތައް ގަރުނަކުއްސުރެ ވީރާނާވެފައިވާ ތަނެއް ހެންނެވެ. ހުސް ހިސާބުގަނޑަކާއި އެތައް ގަރުނުގެ ކުރީގެ މުސްކުޅި އަސަރުތަކެއް ފިޔަވައި އެތާނގައި އެކައްޗެއް ވެސް ނެތެވެ. އިންސާނުން ކީއްކުރަން ހެއްޔެވެ؟ ހީވަނީ އެއްވެސް ފުރާނަ ހުރި އެއްޗެއް ވެސް މިއިން ޒަމާނަކު ވެސް އެތާނގައި އުޅެފައި ނެތް ހެންނެވެ.
ފުލުހުން އާ ބާވަތް ބާވަތުގެ ހަތިޔާރުތަކުން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އެއްޗެއް ފިލުވޭތޯ އެކަށީގެންވީ ހުރިހާ ގޮތަކުން މަސައްކަތް ކުރިއެވެ. ނަމަވެސް އެކައްޗެއްވެސް ނުފިލިއެވެ. ހުރިހާ ތަނަކާއި އެކިއެކި ކަންކަނުގައި ފުލުހުން ޕައުޑަރ ޖަހައިގެން ނިޝާންތައް ހޯދުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއެވެ. ނަމަވެސް ނިޝާނެއްހާ މިންވަރު ވެސް ނުފެނުނެވެ. އެއްވެސް ވައްތަރެއްގެ އަސަރެއް ވެސް ނުފެނުނެވެ. ދެން އެންމެން އެކަކު އަނެކަކަށް ބަލަން ތިބީއެވެ.
އެ ދެމީހުން ހައްޔަރު ކޮށްފައި ތިބި ދެ ކޮޓަރިވެސް ހުއްޓެވެ. އާދެ! ދީޕާއި ޝަޝީއާ ވަކިވަކިން ހައްޔަރުކޮށްފައިވާ ދެ ކޮޓަރިއެވެ. ނަމަވެސް އެއް ތަނެއްގައި ވެސް ޝަޝީއެއް ނުވަތަ އޭނާގެ ނިޝާނެއް ވެސް ނެތެވެ. ދީޕު، އެ އުފުއްލައިލައިގެން އެތަނުން ނުކުތް މޮހޮރެއް ވެސް ނެތެވެ.
ހަގީގަތުގައި ދީޕު، ތީޖު ސިންގުގެ މި ކުޅަދާނަ އަދި ބުއްދިވެރި ކަމުގެ މައްޗަށް އިންތިހާ ދަރަޖައަށް ހައިރާންވިއެވެ.
ދެން އޭނާގެ އިނގިލީގައި ދަތް އަޅައިލިއެވެ.
އޭނާގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ޝަޝީގެ ހަނދާން އޭނާގެ ހިތުގައި ވިކަން ފަށައިފިއެވެ. މިހެން ހިތަށް އަރައިފައި އޭނާގެ ހިތް އޭނާގެ ކުރިމަތީގައި ނުހަނު ބާރަށް ތެޅެން ފަށައިފިއެވެ. އެ ވަހުޝީއިން އެ އަންހެންކުއްޖާ ފަކީރަށް ހެދީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. ދިރިހުއްޓަސް ދިރިހުންނާނީ ކޮންފަދަ ހާލެއްގައި ކަމެއް ވެސް ނޭނގެއެވެ. އެ އަނިޔާވެރިން އޭނާއަށް ދޭނީ ކޮންކޮން ބާވަތެއްގެ އުދަނގޫދެނިވި އަނިޔާއެއް ކަމެއް ވެސް ނޭނގެއެވެ.
ފުލުހުން މުޅި އެ ހިސާބު ރަނގަޅަށް ހޯދާ ބެލިއެވެ. ޖަންގަލީގެ އެކިއެކި ތަންތަން ވަކިވަކިން އަލިފާނަށް ދިނެވެ.
އެހެން ތަންތާނގައި ފުލުހުންގެ ފުރިހަމަ ގާޑް ރައިފަލްތައް ހިފައިގެން ތިއްބެވެ. އެ ވީރާނާ ތަން ފުލުހުން ހަތަރު ފަރާތުން ވަށާލައިގެން ތިއްބެވެ. އައި.ޖީ ސާހަބް އަމުރުކޮށްފައި އޮތީ ދެތިން ދުވަހެއް ކީއްކުރަންތޯއެވެ. އެތައް ހަފުތާއެއް ވަންދެން ވެސް މި ހިސާބުގައި ފޯރިމެރުން ހުއްޓައި ނުލުމަށެވެ.
ދެން އެބައިމީހުން ބައެއް ފުލުހުންގެ އޮފިސަރުންނާއި ދީޕާ އެކުގައި އެތަނުން ހެނދުނު 10 ޖެހިއިރު ޕޮލިސް ހެޑުކުއާޓަރަށް ބޭކާރު ބޭނުމެއް ނުފުދޭ ގޮތުގައި އެނބުރި އަތުވެއްޖެއެވެ.
ދީޕު އެ ވަގުތުން ފެށިގެން އަދި އިހަށް ވުރެން ގަދަފަދަ ވޭންތަކަކާ އެކު ތީޖް ސިންގު ހޯދުމުގައި ދީވާނާވެގެން މޮޔައެއްހެން އެތަން މިތަން ހޯދަން ފަށައިފިއެވެ.
ތީޖް ސިންގާ އޭނާގެ ރަހުމަތްތެރިންގެ މިއަދު ވަރަށް ޚާއްސަ ސިއްރު މީޓިންގ އެއް އެބައޮތެވެ. މި މީޓިންގެ ސިއްރު ކަމާއި އަހުމިއްޔަތު ބޮޑުކަމަށް ޓަކައި އެންމެ ޚާއްސަ ރަހުމަތްތެރިން މެނުވީ މީގައި ބައިވެރިއެއް ވެސް ނުކުރުވައެވެ. މި މީޓިންގައި އެބައިމީހުން ވަރަށް ގިނަ ކަންތައް ނިންމިއެވެ. އަދި އެހާ ގިނަ މުހިންމު ކަންތައްތައް ނިންމަމުން ގެންދިޔައެވެ.
ތީޖް ސިންގު ހުރީ ހިސާބަކަށް ހާސްވެފައެވެ.
ދިލޭރު ސިންގު އޭނާގެ ވާހަކަ ކުރިޔަށް ގެންދަމުން ބުންޏެވެ.
"މައާފު ކުރައްވާ ބޮސް. ތިޔައީ ހައްތާ ވެސް ކަލާގެ އޯގާވެރިކަމާއި ހައްދުން ނައްޓައިފައިވާ ހަމްދަރުދީގެ ނަތީޖާ. މިހާރު އަޅުގަނޑުމެންގެ އެކިއެކި މަރުކަޒުތައް ފުލުހުންނަށް އެ ދަނީ ފެންނަމުން." އޭނާ ކުޑައިރުކޮޅަކަށް ހުއްޓައިލައިފައި ބުންޏެވެ.
"ކަލޭ އެ ދީޕާއި ސުޕްރިންޓެންޑެންޓަކު އެންމެ ފުރަތަމަ ދުވަހު މަރުގެ އަނދަވަޅަށް އެއްލައިލިނަމަކަ ލަވައެއްވެސް ނުކިއުނީސް. ބެރެއް ވެސް ނުޖެހުނީސް. އަނެއްކާ އަނެއްކޮޅުން ދެރަވިކަމަކީ ބޮސް – ކަލާ ދެވަނަ ފަހަރު ވެސް ދީޕު މަރާނުލިކަން. އަދި ކީއް. އޭނާ ހަމައެކަނި ހައްޔަރު ކޮށްލައިފައި ދޫކޮށްލިކަން. ދެން އޭނާ އެ ފިލީ…"
"އެކަމަކު އޭނާއަށް އެ ފިލުނީ ކިހިނަކުން…." ރަންބީރު ސިންގު އަހައިލިއެވެ.
"އޭނާ ފިލުމުގައި ވެސް އަހަންނަށް ފެންނަނީ ޝަޝީގެ ކަންތައް."
"ބަލަ ޚުދު ޝަޝީ އިނީ ހައްޔަރުވެފައެއް ނޫންތަ؟" ރާމް އައުތާރު ބުންޏެވެ.
“ކަލޭ ވެސް ތިޔައީ ފައްކާ އުއްލޫ ނަންބަރު ވަން އެއް." ދިލޭރު ސިންގު ބުންޏެވެ. "ކަލޭއަކަށް ނޭނގޭތަ ޝަޝީ."
އާ ދީޕުގެ ދެ ކޮޓަރީގައި ފަރަގަކަށް ހުރީ ހަމައެކަނި ފާރެއް ކަމެއް."
"އަދި އެ ފާރުގެ ތަންކޮޅެއް މަތީގައި ފެންލައިޓެއް ވެސް ހުންނާނެ." ރާމް އައުތާރު ކުއްލިއަކަށް ބުންޏެވެ.
"އެކަމަކު ތިޔަ ޝަޝީ އަތުކުރީގެ ހަރުފައަކަށް، ގެ ހަލާކު ކުރާ ފަންޏަކަށް ވީއިރު އަހަރެމެން އޭނާ މިހާތަނަށް ދިރިހުއްޓަ ދިނީ ކީއްވެގެންތަ؟"
ރާމް އައުތާރުގެ މި ވިކާލުމަށް ތީޖް ސިންގު ކުއްލިއަކަށް އޭނާ އާ ދިމާއަށް އެނބުރިލިއެވެ.
"ކަލޭގެ ހަށިގަނޑުގެ ގުނަވަނެއްގައި މުލިއްސެއް ޖަހައި ނުވަތަ އެތަނަށް ތަދެއް ވެއްޖެ ނަމަ ކަލޭ ހަދާނީ ކިހިނެއް؟"
"އަޅުގަނޑު އެ މުލިއްސެއް ނުވަތަ ތަދެއް ފިލާތޯ މަސައްކަތް ކުރާނީ ބޮސް." ތީޖް ސިންގުގެ ސުވާލަށް ރާމް އައުތާރު ޖަވާބު ދިނެވެ.
އޭނާގެ މި ޖަވާބުން ތީޖް ސިންގުގެ ތުންފަތް މައްޗަށް ޒަހަރަށް ގެނބިފައިވާ ފަދަ ހިނނިކޮޅެއް ފެތުރިގެން ދިޔައެވެ. އޭނާ ބުންޏެވެ.
"އަހަރެން ހީކުރީ ކަލޭ އެ ގުނަވަނެއް ކަނޑައިފައި އެއްލައިލާނީ ކަމަށް."
"ބައްޔަކީ ބޭހެއް ނެތް ކަހަލަ ބައްޔަކަށް ވެއްޖިއްޔާ އަޅުގަނޑު ރަނގަޅު ކަމުގައި ދެކޭނީ އެ ގުނަވަނެއް ކަނޑައިލައިފައި އެއްލާލުން ވެސް މެ. ބޮސް." ދިލޭރު ސިންގު ޖެހިލުމަކާ ނުލައި ބުންޏެވެ.
"އެހެންތަ….؟" ތީޖް ސިންގު އޭނާ އާ ދިމާއަށް ނިކަމެތިކަމާ އެކު ބަލައިލިއެވެ.
"ބޭހެއް ނެތް ނަމަ، ފަސޭހަ ނުވެއްޖެ ނަމަ އެއީ ކޮންމެ ތާކަށް ޖެހިފައި ހުރި ބައްޔަކަސް ފަރުވާލެއް ނެތްތަ؟”
"ޝައްކެއްވެސް ނެތް."
"އެއީ ވަރިހަމަތަ ތިމާގެ ކަރަކަސް، ތިމާގެ ކަނދުރާއަކަސް، ތިމާގެ ބޮލަކަސް ކަނޑައިލައިފައި އެއްލައިލަންވީއުތަ؟"
ތީޖް ސިންގު ރުޅި އައިސްގެން ފުންމައިގން ތެދުވެއްޖެއެވެ. "ރަނގަޅު ގޮތަކީ އެއީ ހަމަދޯ… އެހެންނު؟"
ތީޖް ސިންގުގެ މި ޖުމުލައަށް ދިލޭރު ސިންގާއި އޭނާގެ ހުރިހާ އެކުވެރިން ފިކުރުބޮޑުވެއްޖެއެވެ.
ދިލޭރު ސިންގު ހިންދިރުވާލަމުން ބުންޏެވެ.
"ލައްބަ… އެކަމަކު…. ނިކަން ބައްލަވާ…ބޮސް… ކަމަކީ ޙަގީގަތުގައި… " އޭނާ ހުއްޓައިލައިފިއެވެ.
"ކަލޭމެން އެންމެންނަކީ ވެސް ހެޔޮކަން ހަނދާން ނައްތާލާ، ފައްކާ ބަތާހަރާމީން…" ތީޖް ސިންގު ދަތްކުނޑިވިކައިލައިފައި ބުންޏެވެ. "ޝަޝީ އެއީ ކާކުކަން ކަލޭމެން ކީއްވެގެންތަ ތިޔަ ހަނދާން ނައްތާލަނީ؟"
އެއީ ކަލޭމެންގެ ސަރުދާރުގެ ހުރި ހަމައެކަނި އެންމެ އަންހެން ދަރިފުޅު. ކޮން ސަރުދާރެއް؟ ކަލޭމެންގެ މި ހަރަކާތް އުފަން ކުރުވި ސަރުދާރު. އޭނާ މަރުވި ވަގުތު ވެސް އެ ދަރިފުޅަށް ޓަކައި ފަސޭހައެއްކޮށް މަރެއްވެސް ނުވެވުނު. އޭނާ މަރުވި ވަގުތު ކަލޭމެން އެންމެންގެ ކުރިމަތީގައި މިހެން ބުނީ، އެ ޝަޝީގެ ލޮލުން ހިތްދަތި ވުމުގެ އެންމެ ކަރުނައެއް އަޔަސް ވެސް ތިމަންނާގެ ފުރާނައަށް ވެސް ދަތިވާނޭ: އެކަމަކު މިއަދު ކަލޭމެންގެ އެސަރުދާރުގެ އަންހެންދަރިފުޅު މަރާލުމަށް އަހަންނަށް ތިޔަ ފާޑުފާޑުގެ ނަސޭހަތް ދެނީ.” އޭނާ ރުޅި އައިސްފައި ބިންމައްޗަށް ކުޅެއްޖެއްސެވެ.
"ކަލޭމެން ވަރަށް ބަތާހަރާމީ. ހެޔޮކަން ހަނދާން ނައްތާލާ. ވިޔާނުދާ ގޮތްކުޑަ."
އޭނާ ރުޅިއައިސްގެން އަވަދިވަނީއެވެ. އޭނާގެ ހުރިހާ އެކުވެރިން ހަމަހިމޭނުން ތިއްބެވެ. ހުރިހާ މީހުންގެ މޫނުގެ ކުލަ ވަނީ ތަޣައްޔަރު ވެފައެވެ. އެންމެންމެ ތިބީ ދެރަވެގެން ހަދާނެ ގޮތެއް ނޭނގިފައެވެ. ތީޖް ސިންގާ ހަތަރުކަޅި ހަމަކޮށްލަން ކެރުނު އެކަކުވެސް ނެތެވެ.
އެންމެ ފަހުން ވަރަށް އުނދަގުލުން ދިލޭރު ސިންގު އިސްދަށަށް ޖަހައިލައިފައި ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ލަދުގެންޖައީމު… އަޅުގަނޑުމެންގެ ކޮށި ވިސްނުމަށް ޓަކައި ވަރަށް ބޮޑަށް
މައާފަށް އެދެން."
"އަޅުގަނޑުމެންނަށް ދެން މައާފު ދެއްވާ ބޮސް…."
"އުހު…." ތީޖު ސިންގު ތުންފަތުގައި ދަތް އަޅައިލައިފައި ބުންޏެވެ. "އަހަރެންގެ އިތުބާރު ނެތް ކަމުގައި ވަނީވިއްޔާ އަހަރެން ހުރި މަގާމަށް ކަލޭމެންގެ ތެރެއިން ކަލޭމެންނަށް ފެންނަ މީހަކު އިސްކުރޭ. މި ހަރަކާތުގެ ހެވަށް ޓަކައި އަހަރެންގެ މަގާމުން ވަކިވާނީ ވަރަށް ވެސް އުފަލާ އެކުގައި. އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި ވެސް އަހަރެން ޖަމާތަށް ޓަކައި މަސައްކަތް ކޮށްދީފާނަން."
"އަޅުގަނޑުމެންނަށް މައާފު ކޮށްދެއްވާ ބޮސް…."
ދެން އެ އެންމެން ތީޖު ސިންގުގެ ފައިތިލަ މައްޗަށް ތިރިވެއްޖެއެވެ.
(ނުނިމޭ)
