(9 މެއި 2024 ގެ ނޫހާއި ގުޅޭ)
އޭނާ ޝަޝީގެ ބޯމަތީގައި ލޯބިން ފުރިގެންވާ ގޮތެއްގައި އަތް ފިރުމައިލުމާ އެކު އޭނާ ތެޅިގެންފައި އެހެން ފަރާތަކަށް ހިނގައްޖެއެވެ. އަދި ބުންޏެވެ.
"އަހަރެން ކަލޭމެންގެ އެންމެން މަތިން ހަނދާން ނުކުރާ ނަމަ، އަހަރެން ކަލޭމެން އެންމެންގެ ޚިޔާލު ނުކުރާ ނަމަ، މިއަލިފާނުގައި އަނދަންވީ ކީއްވެ؟ އަހަންނަށް ނޭނގޭ ކަލޭމެންގެ އޮތީ ކޮން ކަމެއް؟ އަހަރެންގެ އެންމެ އިޝާރާތެއް ކަލޭމެން އެންމެން ދަންޖައްސާ މަޅިގަނޑާ ހަމައަށް ގެންދިއުމަށް ފުދޭ." އޭނާ ފޫހިވެފައި ބުންޏެވެ. "ކަލޭ އަހަރެންގެ ހިތުގައި ފާރު އުފައްދާ ބަހައްޓާފައި މަލަން ޖަހަން އުޅޭނެ ކަމެއް ނެތް."
"ވަރަށް ބޮޑު މޮޔައެއް ކަލޭ ތިޔައީ." ތީޖް ސިންގުގެ ތެރޭގައިވާ ނޯތޭޖު "މަރު" ވެއްޖެއެވެ. ދެން ކުއްލިއަކަށް ޑާކޫ
ތީޖް ސިންގު ފުންމައިގެން ތެދުވެފައި ބުންޏެވެ. "ކަލޭގެ މޮޔަކަމުން ދުރުހެލި ނުވިއްޔާ ވާނީ ކިހިނެއްކަން ދެނަހުރީމުތަ؟"
"ދެނަހުރިން." އޭނާ ފޫހިވެލައިފައި ބުންޏެވެ. "އަހަންނަށް މަރަށް ވުރެ ވަކިން ބޮޑު ކޮން ބިރެއް ކަލެއަށް ގެންނެވޭނީ. އަހަރެން އަބަދު މިހުންނަނީ މަރަށް އިންތިޒާރު ކޮށްކޮށް. މިކަހަލަ ދިރިއުޅުމަކަށް ވުރެ މަރު ހާސް ބަޔަށް ރަނގަޅު. ކަލެއަށް އަހަރެން މަރާލައިގެން އަހަންނަށް ދެވޭނީ އައު ހަޔާތެއް. އަހަރެން ކަހަލަ ހިތް އަނދާ މީހުންނަށް މިޢުރާޖަކަށް އަދި ޝަރާބަކަށް ވާފަދަ އައު ހަޔާތެއް…!"
"އޯހް….!"
ތީޖް ސިންގު ރުޅިއައިސް ރަތް ވެއްޖެއެވެ.
"ޢިޝްގުގެ ހޫނުން ކަލޭގެ ދެލޮލުގެ ފެންވެސް ހިކިފައިވާ ކަމަށް ހީވޭ. އަންހެނެއްގެ ގުދުރަތީ ނިޔަނެތިކަމާއި ލަދުވެތިކަމާ ހުރިހާ އެއްޗެއް ކަލެއަށް ޢިޝްގުގެ ގުރުބާން ގާހަށް ތިހިރީ ރަނގަޅަށް ގުރުބާން ކުރެވިފައި."
އޭނާ ނުހަނު ބާރަށް ހަޅޭލަވައިގަތެވެ.
"ކަލޭ ދެން އެންމެ ފަހަރަކު ވެސް އަނގަ ހުޅުވާލައިފިއްޔާ އަހަރެން ކަލޭގެ ދޫ ދަމައިގަންނާނަން. ލަދުކުޑަ! ގޮތްކުޑަ!"
އޭނާ ރުޅިއައިސް ރަތްވެގެން ހުރެ ދަތްކުނޑި ވިކާލައިފައި ޝަޝީގެ ކަޅު ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. އޭނާ ދިއުމަށް ފަހު ޝަޝީގެ ދެލޮލުން ކަރުނައިގެ ސައިލެއް އޮހޭން ފެށިއެވެ. އޭނާ ރުއީއެވެ. ރަނގަޅަށް ހިތުގެ އަޑިން ރުއީއެވެ. އޭނާގެ މުޅި ހަށިގަނޑު އޭނާގެ ކަރުނައިން ފޯވަންދެން ރުއީއެވެ. ދެން ކަރުނައިގެ ވާރޭ ވެހެން ފެށިއެވެ.
ނަމަވެސް ކަރުނައިގެ މިވާރޭއަކަށް ވެސް އޭނާގެ ހިތުގައި ރޯވެފައިވާ އަލިފާނެއް ނިއްވައެއް ނުލެވުނެވެ. އެއީ ދީޕުގެ ހަނދާނުގައި އޭނާގެ ހިތުގައި އަނދައަނދާ ހުރި އަލިފާނެވެ. އޭނާ އެގޮތަށް ރޮމުން ގެންދިޔައެވެ. އޭނާގެ ހަށިގަނޑު ނަގާލަމުން ގެންދިޔައެވެ.
އެކޮޅުން އޭނާގެ ފުރާނަ ނަގާލަމުން ގެންދަނީއެވެ. އަނެއް ކޮޅުން ތީޖް ސިންގު ރުޅިއައިސް ރަތްވެގެން އޭނާގެ މީހުންނަށް ބުނަނީއެވެ.
"މިފަހަރު އަހަރެމެން އެ ޖަނަވާރުގެ ދަރި އިނިސްޕެކްޓަރު ދީޕާ މެދު އެއްވެސް އޯގާވެރި ކަމެއް ބަހައްޓައިގެން ނުވާނެ. ކަލޭމެން ދޭ! އެގޮތަކުން މިގޮތަކުން ދިރިހުއްޓާ ނުވަތަ މަރާލައިގެން ނަމަވެސް މަގޭ ކުރިމައްޗަށް އޭނާ ގެނޭ! އަހަރެން ހިތުގެ އަލިފާން ނިއްވަން ގަސްދު ކުރަނީ އޭނާގެ ލެއިން."
އޭނާ ރުޅި އައިސްގެން ތުރުތުރު އަޅައަޅާ ހުއްޓެވެ. މޫނު ވަނީ ރަތްވެފައެވެ. ލޮލުން ހުރީ ލޭތިކި ތަޅަތަޅައެވެ. އޭނާގެ ނޭވާ ހުރީ އުފުރި އަރައިފައެވެ. އެމީހުންނަކަށް މިތާނގައި ތިބޭކަށް ނުކުރުނެވެ.
އެންމެން ދުވެ ހިނގައްޖެއެވެ. އެތަން މިތަނަށް އެ ހުރިހާ މީހުން އެ ފެތުރިގަތީ ދީޕު އަތުލައި ގަތުމަށެވެ. ނޯތޭޖުގެ ހިތާއި ސިކުނޑިން މުޅި ހަޔާތުގެ އެންމެ ފަޅި ސިކުންތަކަށް ޓަކައި ވެސް ގީތާގެ ޚިޔާލެއް ފިލައިގެނެއް ނުދެއެވެ.
ނަމަވެސް މިއަދު އޭނާއަށް އެވީ ކީއްކަމެއް ވެސް ނޭނގެއެވެ. އަދި ވަކިން ބޮޑަށް އޭނަގެ މަތިން ހަނދާންވާން ފަށައިފިއެވެ. އޭނާގެ ހަނދާނުގައި ބޭގަރާރުވާން ފަށައިފިއެވެ. ގީތާ ހަނދާންވަމުން ދެއެވެ. އޭނާ ހިތަށް އަރައެވެ.
މިވެސް ގުދުރަތުގެ ނިޒާމެއް ބާވައެވެ. އަނބިމީހާގެ އެންމެ ދަޅައެއް ސިކުންތަކަށް ފެނުމަށް ފަހު، ދެން އެއްގޮތަކަށް ވެސް މި ނުފެނުނީއެވެ. އެތައް ލައްކަ މަސައްކަތާއި މިންނަތަކަށް ފަހު ވެސް މެއެވެ. ވީ ތަނެއް ވެސް ނޭނގުނެވެ. ވީ ކިހާ ހިސާބެއްގައި ކަމެއް ވެސް ނޭނގެއެވެ. މިހާރު އޭނާ އަމިއްލައަށް އޭނާގެ މި މަސައްކަތާ މެދު ރުޅިއަންނަނީއެވެ. އެ މަސައްކަތުގެ ސަބަބުން އެ އުޅެނީ އެތައް މަސައްކަތެއް ކޮށްގެން ވެސް އޭނާއަށް ގީތާ ނުފެނިގެންނެވެ.
ރަށުތެރޭގެ ދިރިއުޅުމަކީ އޭނާ އެއްގޮތަކަށް ވެސް އުޅޭހިތްވާ ދިރިއުޅުމެއް ނޫނެވެ. މޭކަޕެއް ކޮށް ނުވަތަ މޫނު ނިވާކޮށްގެން މެނުވީ އޭނާއަށް އާއްމުންގެ ތެރެއަށް އައިސް އުޅޭކަން ނުކެރެއެވެ. އަދި ބޮޑެތި މަގުތަކާއި ގޯޅިތަކާއި ބާޒާރުގައި ވެސް އުޅޭކަށް ނުކެރެއެވެ. މިއަދަކީ، އޭނާގެ މި ހަޔާތާ މެދު އެންމެ ފުރަތަމަ ރުޅިއައި ފަހަރެވެ. ފޫހިވި ފަހަރެވެ. އޭނާގެ ތުންތުޅެން ފަށައިފިއެވެ.
"މިއީ ކޮންކަހަލަ ދިރިއުޅުމެއް- މި ދިރިއުޅުމުގެ ސަބަބުން، އަހަރެން ބައްދަލުވާންވީ އަމިއްލަ މީހުންނަކާ ބައްދަލެއް ވެސް ނުވެއެވެ. ފާޅުގައި އެމީހުން ހޯދާކަށް ވެސް ނޫޅެވޭ.”
އޭނާ ދެވަނަ ފަހަރަށް ޚިޔާލުތަކުގެ ތެރެއަށް ގެއްލެން އުޅެނިކޮށް ދިލޭރު ސިންގު އަތުވެއްޖެއެވެ.
"ބޮސް!" އޭނާ އައުމާ އެކު، ނުހަނު އަދަބުވެފައި ކަނދުރާ ލަނބާލިއެވެ.
"ކިހިނެއްވީ؟"
"ދީޕު ދިރިހުއްޓާ އަތުނުޖެހިއްޖިއްޔާ އޭނާ…” ދިލޭރު ސިންގުގެ ޖުމުލަ ފުރިހަމަ ނުވެގެން އުޅެނިކޮށް ނޯތޭޖު ކުއްލިއަކަށް ސިއްސައިގެން ގޮސްފައި، އޭނާގެ ސިކުނޑިއަށް މި ނުކުތާ އަތުވެއްޖެއެވެ. އެ އިންސްޕެކްޓަރަށް ވެސް ކިޔަނީ ދީޕެވެ. އަދި މަގޭ ދަރިފުޅަށް ވެސް ކިޔަނީ ދީޕެވެ. ކޮންމެ ގޮތެއް ކަމުގައި ވިޔަސް ދެނަން ހަމަ ގައިމު ވެސް އެއްގޮތެވެ.
"ދީޕު…."
އޭނާގެ ހިތާހިތުން މި ނަމުގައި ކިސް ކޮށްލިއެވެ. ދެން އޭނާ ތެޅިގެންފައި ބުންޏެވެ.
"އުނހު! ދިލޭރު ސިންގު! ކަލޭމެން އޭނާގެ ކިބައިން އޭނާގެ ފުރާނަ އަތުނުލާ ވެވުނު ގޮތަކަށް ހައްޔަރުކޮށްގެން އަހަރެން ކައިރއަށް ގެނޭ! އޭނާގެ މަރުން އަހަރެމެންނަށް އޮތް ފައިދާ ވަރަށް ކުޑަ. އޭނާގެ ހަޔާތުން އަހަރެމެންނަށް އޮތް ފައިދާ މާ ބޮޑު. ވީމާ ކަލޭމެން އޭނާގެ ފުރާނަ ހިފަން އެއްގޮތަކަށް ވެސް މަސައްކަތް ނުކުރޭ. ވަނީވިއްޔާ ދިރިހުއްޓާ ގެނޭ. އެގޮތް އެކަށީގެން ނުވަންޏާ ފުރާނަ ހިފަން އުޅުމުގެ ބޭނުމެއް ނެތް."
"ވެރީ ގުޑް ބޮސް!"
މިހެން ބުނެފައި ދިލޭރު ސިންގު ހިނގައްޖެއެވެ. ނޯތޭޖު އަނެއްކާވެސް އޭނާގެ ހިތާމަތަކުގެ ތެރެއަށް ގެއްލިއްޖެއެވެ.
އޭނާ ވަރަށް ގިނައިރު ވަންދެން މި ގޮތަށް ޚިޔާލު ކުރަން އިނެވެ. ދެން އޭނާ ވަރުގަދަ އަޒުމަކާ އެކު ފުންމައިގެން ތެދުވެއްޖެއެވެ. ވެވުނު ގޮތަކުން މިއަދު އަހަރެން، އަހަރެންގެ ގެއްލުނު ދުނިޔެ ހޯދާނަން. މިހެން ބުނެފައި ނޯތޭޖު ވަރަށް ހަލުއި ކަމާ އެކު، ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.
ގީތާ އޭނާގެ ވާން އުޅޭ ޅީދަރިފުޅަށް ޓަކައި ގަހަނާ އާއި ހެދުން ތައްޔާރު ކުރުމުގައި ވަނީ މަޝްޣޫލު ވެގެންނެވެ. ކޮންމެ ދުވަހަކު ހެން ބާޒާރަށް ގޮސް އޭނާގެ ދީޕުގެ އަލަތު އަނބިމީހާއަށް ހެދުން ގަނެއެވެ. ގަހަނާތައް ހައްދުވަނީ އެހެން ތަނެއްގައެވެ. ލާލާ ހަރްބިންސް ލާލުގެ ހިތުގެ އަޑީގެ އެދުމަކީ، އޭނާގެ ދަރިފުޅަށް ވަކާލާތުގެ ސެޓުފިކެޓު ލިބުމާ އެކު، އަވަހަށް އެ ދެކުދިންގެ ކައިވެނިވުމެވެ. އޭނާގެ މިއެދުމުގެ ވާހަކަ އޮތީ ގީތާއާ ވެސް ދައްކާފައެވެ. އާދެ! ލަތާގެ ކައިވެނި ދެން ލަސްކުރާކަށް އޭނާ ނޭދެއެވެ. އޭނާ ވަނީ އޭނާގެ ބަލި ހާލާ މެދު ވަރަށް ފިކުރުބޮޑުވެފައެވެ. އޭނާއަށް ހީވަނީ މާގިނަ ދުވަސްތަކެއް ވަންދެނެއް ދެން އޭނާއަކަށް ދިރިއެއް ނުހުރެވޭނެ ހެންނެވެ. މިހެންވެ އޭނާގެ ދަރިފުޅުގެ ކައިވެނި ދުނިޔޭގައި ހުއްޓައި ވީހާ އަވަހަކަށް ކުރުމަކީ، އޭނާގެ އެއްމެ ބޮޑު އެދުމެވެ. މިއީ ލަތާގެ އެލް.އެލް.ބީގެ އެންމެ ފަހު އަހަރެވެ. މިހާރު އޭނާ އިމްތިހާނު ކޮށްފިއެވެ. ދެން އޮތީ ހަމައެކަނި ނަތީޖާ ފާޅު ކުރުމެވެ. މިހާރު ދުވާލުގެ ދިހަގަޑިބައި ވެދާނެއެވެ. ދީޕު ވަނީ އޭނާގެ ޑިއުޓީއަށް ގޮހެވެ. ގޭގައި އެއްވެސް ނޯކަރެއް ނެތެވެ. މިހެންވެ ގީތާ ބޭރަށް ދާން ނުކުތީ އޭނާގެ ފުލެޓު ތަޅުލައިފައެވެ. ރަށުގައި ހުރި އެންމެ މަޝްހޫރު އަތްކަންކުޜާމީހާގެ ގާތަށް މިއަދު އެދަނީ އޭނާގެ ޅީދަރިފުޅަށް ހާރު ހައްދާށެވެ. އޭނާ ވަނީ، އަދު ކޮންމެހެން ވެސް އެހާރު ނިންމައިދޭނެ ކަމަށް ވައުދު ކޮށްފައެވެ. ގީތާ މަގުމައްޗަށް ނުކުމެ ޓެކުސީއެއް ގެނުވައިގެން، އެ ޓެކުސީގައި ކޮންމެވެސް ދިމާއަކަށް ހިނގައްޖެއެވެ.
ނޯތޭޖު ރަށުގެ އާންމު އަހުލުވެރިއެއްގެ މޭކަޕު ކޮށްގެން، ގީތާ ހޯދަން އެތަން މިތަނަށް ހިނގަން ނުކުމެއްޖެއެވެ. އޭނާ އެ އަތްކަންކުރަންމީހާގެ ދުއްކާނަށް ހިނގައްޖެއެވެ. އޭނާއަށް އެ ދުއްކާނަށް ދެވުނުއިރު ގީތާ އެ ދެއްކާނުގެ އަނެއް ފަރާތުގެ ދޮރުން ބޭރަށް ނުކުތީއެވެ. ދެން ކުރިމަތީގައި އޮތް ޓެކުސީއަކަށް އަރައިގެން ކޮންމެވެސް ދިމާއަކަށް ދުއްވާލައިފިއެވެ.
ނޭތޭޖަށް ގީތާގެ ތަންކޮޅެއް ފެނުނެވެ. އޭނާގެ ހިތުގައި ހިސާބަކަށް ޝައްކެއް އުފެދުނެވެ. އެއާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. އޭނާ ދުއްކާން ތެރެއަށް އަނެއްކާ ވަދެއްޖއެވެ. އޭރު ޓެކުސީ ވަރަށް ދުރަށް ހިނގައްޖެއެވެ. ކައުންޓަރަށް ގޮސް އޭނާ އެއްސެވެ.
"އެ ދިޔަ ޝިރީމަތީގެ އެޑްރެސް ދަންނަމުތަ ކަލޭ."
"ކޮން ޝިރީމަތީއެއް؟"
"އެދިޔަ ޝިރީމަތީ."
"ހަމަ ދެންމެ މި ދުއްކާނުން ނުކުމެގެން އެ ދިޔަ ޝިރީމަތީ."
"އެއީ ކީއްކުރަންތަ." އޭނާ ސުވާލު ކުޅައެވެ.
"ކަލޭ އޭނާގެ އެޑްރެސް ހޯދުމުގެ ބޭނުމަކީ ކޮބާ؟"
"އެއީ، އަހަރެންގެ ތިމާގެ މީހެއް. އަހަރެން މއީ މިރަށަށް ވަރަށް އާ މީހެއް. އޭނާގެ އެޑްރެސް އަހަންނަށް މިއަދު ހޯދަން މިޖެހުނީ އެތައް ދުވަހަކަށް ފަހު، ބައްދަލުވާން ކޮންމެހެން ބޭނުންވެގެން. އެހެން ނޫނީ ފަހުން އޭނާ ވަރަށް ގިނަ އެއްޗެހި ކިޔާނެ. އަހަރެން މާދަން ކާންޕޫރަށް ދަން."
މީނާއަކީ، ގީތާގެ ހަމަ ތިމާގެ މީހެއްކަން އެ ދުއްކާން ދާރަށް ރަނގަޅަށް ޔަގީންވުމަށް ފަހުގައި، އޭނާއަށް ގީތާގެ އެޑްރެސް ބުނެދިނެވެ.
ނޯތޭޖު ދުއްކާންދާރަށް ޝުކުރިއްޔާ އަދާކުރިއެވެ. ދެން އޭނާ ދުއްކާނުން ބޭރަށް ނުކުމެއްޖެއެވެ.
ގީތާގެ ފުލެޓުގެ ރަނގަބީލު ވަރަށް ބާރަށް ޖެހޭން ފަށައިފިއެވެ. އެތައް އިރެއް ވަންދެން އެބަ ޖެހެއެވެ. ގީތާ މިއައިސް އުޅޭ މީހެއްގެ ގޮތްކުޑަކަމުގެ މައްޗަށް އެއްޗެހި ގޮވަމުން އަތުވެއްޖެއެވެ. އޭނާ ދޮރު ހުޅުވާލިއިރު، ކުރިމަތީގައި
ހުރީ ބީރައްޓެއްސެކެވެ. އެ ބީރައްޓެއްސަކު ކުއްލިއަކަށް އޭނާ އެއްފަރާތަކަށް ދަމައިގެންފިއެވެ. އަދި އެތެރެއަށް ވަދެއްޖެއެވެ. ކޮޓަރިތެރެއަށް ވަނުމާ އެކު، ދޮރުލައްޕާ ތަންޑު އަޅައިފިއެވެ.
އޭނާ ހަޅޭއްލަވައި ގަންނަން އުޅެނިކޮށް އެމީހަކު އޭނާ އާ ހިފައިގެންފައި ކަނާއަތުން އޭނާގެ އަނގަމަތީގައި އަތްއަޅައިފައި ވައަތުން އޭނާގެ މޭކަޕު ނަގައފިއެވެ.
އޭނާގެ މޭކަޕު ނެގުމާއެކު ތެޅިގެންފައި އޭނާގެ އަތުގެ ތެރެއިން މިނިވަން ވެއްޖެއެވެ.
"ކާކު…ކަލާތޯ….!"
އޭނާގެ އަނގައިން މިހެން ބުނެވުމާ އެކު އޭނާގެ ދެފައިގައި އޮޅުލައިގަތެވެ. އަދި ރޯން ފެށިއެވެ.
ގީތާ ރޮމުން ރޮމުން ގޮސް ގިސް ވެސް ނުލެވޭ ވަރު ވެއްޖެއެވެ. އޭނާ ރޮނީއެވެ. ނަމަވެސް އޭނާގެ ލޮލުގައި ވަނީ އެތަކެއް އުފާތަކުގެ މޭވާތަކެވެ. ނޯތޭޖަށް ވެސް ވަނީ އެ ހާލު ޖެހިފައެވެ. އެ ދެމީހުން، ދުނިޔެ އާ ދުނިޔޭގައިވާހާ އެއްޗަކުން އެއްކިބާ ވެގެން މޮޅިޔާއި އުފާވެރިކަމުގެ ކަނޑަކަށް ފީނަފީނާ ތިއްބެވެ. އަދި އުފާކޮށްކޮށް ތިއްބެވެ.
ގީތާ މޮޅި އާއި އުފަލުގެ މި ކަންތައްގަނޑަށް ގެނބިގެން ހޭނެތިއްޖެއެވެ. ނޯތޭޖު އޭނާގެ ހޭނެތުމުގެ މައްޗަށް ވަރަށް ބޮޑަށް ބިރުގެންޖެއެވެ. ވަރަށް ފިކުރުބޮޑުވެގެން ހުރެ އޭނާ ފަސްބައިން ވިހެން ފަށައިފިއެވެ. އޭނާ ގީތާ ނަގައިގެން ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. ދެން ފިނިފެން ފުޅިއެއް ހޯދަން ވެގެން އަނެއް ފަރާތަށް ހިނގައްޖެއެވެ.
އެތަނަށް ގޮސްގެން ފިކުރުބޮޑުވެފައި ހުރި ވަރުން އޭނާއަކަށް އެއްވެސް އެއްޗެއް ނުލިބުނެވެ. ދެން އޭނާ ބާލިދީއަކަށް ފެން އަޅައިގެން ގެނައެވެ.
(ނުނިމޭ)
