އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ޖެހިޖެހިިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ގޮތުގައި މި އަހަރުގެ ލީގު މެންޗެސްޓާ ސިޓީން މިރޭ ކާމިޔާބުކޮށްފިއެވެ.
ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ ފަހު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ.
މެޗަށް ސިޓީ ނުކުތީ މޮޅުނުވެވިއްޖެނަމަ ލީގު ގެއްލިދާނެކަމުގެ ބިރާ ވެސް އެކުއެވެ. މެޗުން ސިޓީ މޮޅުނުވެ، އާސެނަލުން އެވަޓަން ބަލިކުރި ނަމަ ލީގުގެ ތަށި ލިބޭނީ އާސެނަލަށެވެ.
ސިޓީއާއި ވެސްޓް ހޭމްގެ މެޗު ފެށިތާ ދެވަނަ މިނެޓުގައި ސިޓީންވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕްރިމިއާ ލީގުގެ މި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ފިލް ފޯޑެންއެވެ. މި ލަނޑާ އެކު ދެން ވެސް ފެނިގެންދިޔައީ ސިޓީން ފުލުފުލުގައި ވެސްޓް ހޭމްގެ ގޯލަށް ހަމަލާދެމުންދިޔަ ތަނެވެ.
މެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް ފޯޑެންއެވެ. މި ލަނޑާ އެކު ސިޓީން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލިތަން ފެނިގެންދިޔައެވެ. އަދި، މިއާ އެކު ވެސްޓް ހޭމްއިން ކޮންމެ ވެސް ވަރަކަށް މެޗުގެ ތެރެއަށް ވަދެ ކުޅެވޭތޯ މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ވެސްޓް ހޭމްއަށް ލިބިގެންދިޔަ ފުރަތަމަ ކޯނަރުގައި ސިޓީގެ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ކްލިއާ ނުކުރެވުމުގެ ފައިދާ ނަގައި ވެސްޓް ހޭމްއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކޮށްލިއެވެ. އޯވަހެޑަކުން ވެސްޓް ހޭމްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުހަންމަދު ކުޑޫޒްއެވެ.
ދެވަނަ ހާފު ސިޓީން ދިޔައީ ހަމަލާއަކަށް ފަހު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މި ލަނޑާ އެކު ސިޓީގެ ސަޕޯޓަރުން އުފާފާޅުކުރުން ފެށިތަން ފެނިގެންދިޔައެވެ. މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ސިޓީއަށް ލިބުނެވެ.
މެންޗެސްޓަރ ސިޓީ އިން އިނގިރޭސި ޕްރިމިއަރ ލީގު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށްފައިވާއިރު، މެންޗެސްޓަރ ސިޓީ އަށް ޓޭބަލްގެ ކުރި ލިބެނީ ކުޅުނު 38 މެޗުން ލިބުނު 91 ޕޮއިންޓާއިއެކުއެވެ. އަދި ޓޭބަލްގެ ދެވަނައިގައި އޮތް އާސެނަލް އަށް ކުޅުނު 38 މެޗުން ލިބެނީ 89 ޕޮއިންޓެވެ. ކުޅުނު 38 މެޗުން ލިބުނު 82 ޕޮއިންޓާއި އެކު ލިވަޕޫލް އޮތީ ޓޭބަލްގެ 3 ވަނައިގައެވެ.
މީގެ 136 އަހަރު ކުރިން 1888 ވަނަ އަހަރު އިންގްލިޝް ލީގު ތައާރަފުކުރި ފަހުން އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެކަމަކު، ސިޓީން މިރޭ އެ ވަނީ އެ ތާރީޚު ބަދަލުކޮށްލައިފައެވެ.
