(30 މެއި 2024 ގެ ނޫހާއި ގުޅޭ)
ރޭ އެއްގޮތަކަށް ވެސް އޭނާއެއް ނުނިދައެވެ. ރޭގަނޑުދާ ހަތަރުދަމު އޭނާ އިނީ ހޭލައެވެ. ރޭގަނޑުދާ ހަތަރުދަމު ހޭލާ އިނދެ އޭނާ ދެކެމުން ދިޔައީ ދީޕުގެ ލޯބީގެ ރަން ހުވަފެންތަކެވެ. ޚުދު ދީޕު އައިސް އޭނާއާ އިސްތިޤްބާލު ކުރުމަށް ވުރޭ އޭނާއަށް ވަކިން ބޮޑު އުފަލެއް ނެތެވެ. އޭނާ ނޫން މީހަކާ ލޯބީގެ ގޮތުން ނުގުޅޭނެކަމަށް ދީޕު ވަނީ އޭނާ ގާތުގައި ވައުދު ކޮށްފައެވެ. މިއީ މުޅިން މޮޔަކޮށްލުމަށް ފުދޭ ފަދަ ބޮޑު އުފަލެކެވެ. ދީޕު އޭނާ ދެކެ ލޯބިކުރަން ފެށިކަން އެއީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ޚުދު ކަލާނގެ އަޅުކަން ކުރާ މީހާގެ ކުރިމަތީގައި ބޯލަނބާލައިފައި ވަނިކޮށް ފެނުމަށް ވުރެން ވަކިން ބޮޑަށް މިޢުރާޖެއް އޮންނާނެ ވެސް ތޯއެވެ. އެކަމަކުގެ ފަޚުރާއި އުފަލުގައި، އަޅުކަންކުރާ މީހާ މަރުވެ ދިޔުން ވެސް އެއީ ބޮޑު ކަމެއްތޯއެވެ؟
ޝަޝީގެ ހިތް އެފަރާތުން ވަނީ މުޅިން ހިތްހަމަޖެހިފައެވެ. އޭނާ ދީޕާ ވަކިވެގެން މިގައިދުގައި މަރުވެގެން ދިޔަޔަސް ވެސް އެމަރު އެއްގޮތަކަށް ވެސް ގެއްލިގެނެއް ނުދިޔައީހެވެ. އޭނާ މަރުވަމުންދާ ވަގުތުވެސް މިހެން ހިތަށް އަރުވާލައިގެން އޭނާ ހުންނާނީ އުފަލުންނެވެ. އެމީހަކާއި ހުރެ ތިމަން މި މަރުވާ މީހާއަށް އެ މަރުވީ ސަބަބު ރަނގަޅަށް އެނގޭނެއެވެ. އޭނާގެ މި މަރު ފަސޭހަކޮށްލުމަށް ފުދޭ އެއް އުފަލަކީ މިއެވެ.
އެވަގުތު އޭނާގެ މި ޚިޔާލުތަކުގެ ތެރެއަށް ގެއްލިގެން އިނެވެ. މިހެން އިންދާ ކަޅު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އަދި ދިލޭރު ސިންގު ކަނދުރާ އުފުއްލާލައިގެން ހުރެ އެތެރެއަށް ވަދެއްޖެއެވެ. ޝަޝީއަށް އޭނާ ފެނިފައި އަނެއް ފަރާތަށް މޫނު އަނބަރއިލިއެވެ. އޭނާގެ ޚިޔާލުތަކުގެ ސިލްސިލާ ކަނޑައިގެން ހިނގައްޖެއެވެ. އޭނާގެ ޚިޔާލުތަކުގެ މި ސިލްސިލާ ކުނޑިކުނޑިވެގެން ދިޔަކަމަށް ޓަކައި ވަރަށް ރުޅި އަތުވެއްޖެއެވެ. އޭނާ ދިލޭރު ސިންގުގެ މި ބޭއަދަބީ ވަނުމުގެ މައްޗަށް ވަރަށް ރުޅި އަތުވެއްޖެއެވެ.
"ކީއްވީ….؟"
ދިލޭރު ސިންގު އޭނާ ގާތުގައި އެއްޗެއް ބުނަން އުޅެއުޅެ ހުއްޓާ ޚުދު އޭނާ އަހައިލިއެވެ.
"ކޮން އުފަލެއްގައިތޯ މިތަނަށް ތިޔަ ފައިންޕުޅު އެޅުއްވީ…."
"އަހަރެން ކަލެއަށް ވަރަށް ހަމްދަރުދީވަން…" އޭނާ ބުންޏެވެ.
"ތިޔަވަރު އެއްޗެއް ބުނަންތަ މިތަނަށް އައުމުގެ އުނދަގޫ ތިޔަ އުފުއްލީ."
އޭނާ ބުންޏެވެ. "ނޫނޭ. ދަރިފުޅާ. އަހަރެން ހަމަ ހަގީގަތުގައި ކަލެއަށް ވަރަށް ހަމްދަރުދީވަން."
"ދެން…."
"އަހަރެން ކަލޭގެ ތިޔަ ހާލުގެ މައްޗަށް މި ހުންނަނީ އަބަދުމެ ހިތާމަކޮށްކޮށް."
"ދެން އެހެންވީއިރު އަހަރެން މިތަނުން ސަލާމަތްކޮށްދީ."
“އަހަރެން ހަމަ ރަނގަޅަށް ތިޔަހެން ހަދައިފިއްޔާ ކަލޭ ކުރާނީ ކީއް؟"
"ސީދާ ޕޮލިސް އިސްޓޭޝަނަށް ދާނީ."
"އެއީ ކީއްކުރަން؟"
"ބަލަ ކަލެއަށް އެވަރުވެސް ނޭނގޭދޯ؟" އޭނާ ބުންޏެވެ.
"ކަލޭމެން އެންމެން ހައްޔަރުކުރަން. އެހެން ކޮން ކަމަކު؟"
"ބުނަން ޝަޝީ ދަރިފުޅާ!" އޭނާ ނަސޭހަތް ދިނުމުގެ ގޮތުން ބުންޏެވެ.”ތިޔަ ގޮތް ދޫކޮށްލާ. ކަލޭ އަދި ވަރަށް މޮޔަ. ކަލޭ ތިޔަ ކުށް ފިޔަވަޅު އަޅައިގެން ތިޔަ އުޅެނީ ކަލޭގެ މޮޔަކަމުގެ ސަބަބުން. ތާކުންތާކު ލައްވާ ނުލާ ބޮޑާ ހޭކުންތައް އަބަދު ވެސް މީހާ ހަލާކުކޮށް ބަރުބާދު ކޮށްލާނެ."
"ކާކުތަ ކަލެއަށް މަޝްވަރާ ދިނީ އަހަންނަށް މަޝްވަރާ ދޭން އަންނަން…"
"ބަލަގަ ލޯބިވާ ދަރިފުޅާ." އޭނާ ނުހަނު ލޯތްބާއި އޯގާވެރިކަމާއެކު ބުންޏެވެ.
“ކަލޭ ފޮނި ހުވަފެންތައް ދިޔަ ދެކޭމީހާ، އަދި އޭނާގެ ކެހިވެރިކަމުން ފުރިގެންވާ ލޯބީގައި ކަލޭ ހައްޔަރުވެގެން އެކަނި ތިޔަ ގޯސް ކަލެއަށް ހެދިފައި ތިޔަ އިން މީހާ މިހާރު ލަތާ އާ ކައިވެނިވުމަށް ނިމިއްޖެ.”
މިއަޑުއަހައިފައި ޝަޝީގެ ހިތް ފުންމައިގެން އައިސް އޭނާގެ ކަރުތެރެއަށް ތާށި ވެއްޖެއެވެ. “ކަލޭ ތިޔަ ހަދަނީ ދޮގު.”
“އަހަރެން މިބުނަނީ މުޅިން ތެދު.”
“ކަލޭ މިއަދާ ހަމަޔަށް ތެދެއް ބުނީމުތަ؟”
“އެހެން ނޫންނަމަވެސް އަދު މިބުނަނީ ތެދު.” ދިލޭރު ސިންގު، ޝަޝީއަށް ބުންޏެވެ.
“ލަތާ ވަކާލާތުގެ އިމްތިހާނު ފާސްކޮށްފި. މީ މީގެ ދެތިން ދުވަހުގެ ކުރީގެ ކަމެއް. އޭނާގެ ގޭގައި މިކަމުގެ އުފަލުން ޕާޓީއެއް ބޭއްވުނު. މި ޕާޓީގައި ލަތާ އާއި ދީޕުގެ ކައިވެނީގެ ދުވަސް ވެސް އިއުލާނު ކުރެވިއްޖެ. މި އުފާވެރި ދުވަހަކަށް އެކަށައެޅީ މާރިޗު 24 ވަނަ ދުވަސް.”
މިއަޑު އިވިފައި އޭނާގެ ހިތް ރާންރާން އަޅަން ފަށައިފިއެވެ. އޭނާ އަނބުރައިގެންޖެއެވެ. އޭނާގެ މިހާލުން ފައިދާ ހޯދާފައި ދިލޭރު ސިންގު އަނެއް ކުރަފަތް އަޅައިލިއެވެ.
“އޭނާ ކަލޭގެ ޖަޒްބާތާ އެ ކުޅެނީ ހަމައެކަނި އޭނާގެ މަގުސަދަށް ޓަކައި، ދަރިފުޅާ! އެހެން ނޫނީ އޭނާ ކަލެއާ އިންނަން އުޅޭނެތަ؟ ލަތާ ކަހަލަ ތަހުޒީބީ ތަޢްލީމު ޔާފަތާ، މުދާވެރި ބަފައެއްގެ އަންހެންދަރިފުޅެއް ދޫކޮށްލައިފައި ޑާކޫއެއްގެ އަންހެންދަރިފުޅަކާ އިންނަން އުޅެންވީ ވެސް ކީއްކުރަން.”
ދެން އޭނާ ޑްރަމާއީ ގޮތެއްގައި ބުންޏެވެ.
“ކަލެއަށް ފުލުހުންނާ ބެހޭ ގޮތުން އެނގެނީ ކޮން އެއްޗެއް. ކުއްޖާފުޅާ! އެމީހުންގެ މޭގައި ހިތުގެ ބަދަލުގައި އޮންނާނީ ހިލަގަނޑެއް. އެމީހުން އެއްވެސް މީހެއް ދެކެ ލޯތްބެއް ނުވާނެ. ހިތަކާ ނުވާނެ. ތިޖަޒުބާތުގެ ދުނިޔެއާ އެތައް ކޯހެއްގެ ދުރުގައި އެމީހުން ތިބޭނީ. އަދި ދީޕަކީ ޕޮލިސް އިނިސްޕެކްޓަރެއްނު. އޭނާ ހަމައެކަނި އޭނާގެ އިއްޒަތާއި ތަރައްގީއަށް ޓަކައި ކަލެއާ އެކު ލޯބީގެ ނާޓަކު ކުޅެގެން އޭނާގެ ބޭނުންތައް ފުއްދަނީ. ދެން ކަލޭގެ ހުންނަ ޅަކަމާއި މޮޔަކަމާ އެކު އޭނާގެ މައްޗަށް އިތުބާރު ކޮށްގެން އުޅެނީ. އަދި ކަލޭގެ މޮޔަކަމުން އަހަރުމެންގެ އެންމެ ޚާއްސަ ސިއްރުތައް ވެސް ބުނެދީފީމު. އަހަރުމެން އެހާ ހުޝިޔާރުކަމާއި ބުއްދިވެރިކަމާއެކު ފިޔަވަޅު ނޭޅި ނަމަ، އަހަރުމެން އެންމެން ދަންޖައްސާ މަޅިގަނޑަށް ބޯމަހާލަންޖެހުނީހީ ކޮންއިރަކު؟”
އޭނާ އެ ދައްކަނީ ކޮންވާހަކައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ޝަޝީގެ ހިތް މޮޅިވެރިކަމުގެ ފުން ކަނޑެއްގެ ތެރޭގައި ފަތަނީއެވެ. ފީނަނީއެވެ. އޭނާގެ ސިކުނޑި ވަނީ އޭނާގެ ކައިރިއަށް ނައިހެވެ. މިހެންވެ އޭނާގެ ކަންފަތަށް އެއްވެސް ވާހަކައެއް ނީވި ހަމަހިމޭނުން ހުރީއެވެ.
އޭނާގެ ހިތަށްއަރައެވެ. އޭނާގެ ދީޕު ހަމަ މިހާ ބޭމުރުއްވަތްތެރިވެ ހަމަ އެހާ ބޭވަފާ ވީބާވައެވެ. އޭނާ އެދުވަހު އެދެއްކި ހުރިހާ ވާހަކައެއް އެއީ ހަމަ ދޮގުދޯއެވެ. އެއްވެސް ބިންގަލެއް ނެތް، ކެހި ދިނުމުގެ ގޮތުން ދެއްކި ވާހަކަދޯއެވެ. އޭނާގެ ހިތް އަޑުގެ ކޮޅަށް ރޮއިގަތެވެ. ފުރާނަ ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާގެ މައްޗަށް ޚުދު އޭނާ ހަމްދަރުދީ ވާން ފަށައިފިއެވެ. އޭނާގެ ހިތަށްއެރިއެވެ. ދީޕާ އެއްގޮތަކަށް ވެސް އޭނާއަށް ބައްދަލު ނުވެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ ދުވަހަކުވެސް ނުފެނުނު ނަމަ، އަދި އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކުނު ނަމަ ކޮންފަދަ ހެއްޔެވެ. ދެން އޭނާގެ ހިތަށް ދީޕު އެންމެ ފުރަތަމަ ކާނިވަލުން ބައްދަލުވި ދުވަސް ސިފަވާން ފަށައިފިއެވެ. އޭނާގެ އެއްވެސް ހަރަކާތެއް ނެތިއްޖެއެވެ. އޭނާގެ ބޯ އަމިއްލައަށް ގޮސް ކަޅުކޮޓަރީގެ ލަކުޑި ތަނބެއްގައި ޖެހިއްޖެއެވެ. އޭނާގެ ދެލޯހުރީ ހުޅުވިފައެވެ. ނަމަވެސް އެއްވެސް އަލިކަމެއް ނެތެވެ. ޝަޝީގެ ނިކަމެތި އެދުންތަކާ އުންމީދުތަކަށް ހަލާކު ފިޔަވައި އެކައްޗެއް ވެސް މިހާރަކު ނުފެނެއެވެ.
ދީޕު ކޮޅެއްވެސް ނެތްހާ ބޮޑަށް، ފިކުރުބޮޑުވެ ހިތްދަތިވެފައި އޭނާގެ ކޮޓަރީގައި އިނެވެ. އޭނާއަށް މިއޮއް ބޮޑު ދުނިޔޭގައި އޭނާގެ އެދުންތަކާއި އުންމީދުތަކަށް ހަލާކު ނޫން އެކައްޗެއް ވެސް މިހާރަކު ނުފެނެއެވެ.
ޝަޝީގެ ހަނދާންތަކަށް ގެއްލިގެން އޭނާ ރޭގައި އެއްގޮތަކަށް ވެސް ނުނިދައެވެ.
އެވަގުތު އޭނާގެ ލޯވަނީ އަނދައަނދައެވެ. އޭނާގެ ސިކުނޑިވަނީ ފަޅަފަޅައިގެން ގޮސްފައެވެ. ކުއްލިއަކަށް އޭނާގެ މަންމަ ކޮޓަރިއަށް ވަދެއްޖެއެވެ.
“ކޮންކަމަކާތަ ތިޔަ ވިސްނަނީ ދަރިފުޅާ.” އޭނާ އައުމާ އެކު އަހައިލިއެވެ.
“ކަލޭ ފެންވަރާ އެއްޗެހި އަދިވެސް އެހެރީ ފާޚާނާގައި.”
އޭނާ އެކައްޗެއް ވެސް ނުބުންޏެވެ.
“ކަލެއަށް ވެގެން ތިޔަ އުޅެނީ ކީއްތަ؟”
އޭނާ އަދިވެސް ހުރީ ހަމަހިމޭނުންނެވެ.
“ނިކަން އެއްޗެއް ބުނެބަލަ! ހަމަ ތިޔަހެން ބުދެއް ހެން ހުންނަނީތަ؟” އޭނާގެ މަންމަ ނުހަނު ލޯތްބާ އެކު އޭނާގެ ބޯ އޭނާގެ އުނގަށްލައިފައި ބުންޏެވެ.
“އަހަންނަށް ވެސް ބުނެދީބަލަ ތިވެގެން އުޅެނީ ކީއްކަން.”
މިހެން ބުނުމުން ދީޕު އޭނާގެ މަންމަޔާ ދިމާއަށް ނުހަނު ޝަކުވާއިން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ. މިބަލައިލުމަށް ކެތްނުކުރެވިގެން އތަނުން ހިސާބަކަށް ދުރަށް ޖެހިލަމުން ބުންޏެވެ.
“ދުނިޔޭގެ މަސްލަހަތަކީ ވެސް އެއްޗެއް. މިސްމީހުންގެ އުންމީދުތަކާ މެދު ޚިޔާލު ކުރުމަކީ ވެސް ވަރަށް ބޮޑު
ކަމެއް. އަދި އަމުދުން އިޙްސާންތެރިވެދިން މީހުންގެ…
“ހުއްޓާލާ ތިޔަ ވަހަކަ މަންމާ.”
ދީޕު ފޫހިވެގެން އެތަނުން ތެދުވެއްޖެއެވެ.
“ހަވީރު ލަތާ އަންނާނެ. އޭނާ ގާތުގައި ބުނެދޭތި އަހަރެން ހިތާމަކުރަމޭ. އަހަންނަކަށް ގެއިން ބައްދަލުވެވޭކަށް ނެތޭ.
މިރޭ ދެން ގެޔަށް ދެވޭނީ ވަރަށް ލަހުންނޭ. ތާކަށް ޚާއްސަ ޑިއުޓީއަކަށް ދާން ޖެހިއްޖޭ.”
“އޭނާ މިއަދު އަންނާނަމޭ ބުނެފައި އެބައޮތް؟”
“އާނ.” އޭނާ ބުންޏެވެ. “އަހަރެން ވެސް ގޭގައި ހުންނާނަމޭ ބުނިން. އެކަމަކު ކުއްލިއަކަށް ކަމެއް ޖެހުނީ.”
“ގޭގައި އުޅެންޏާ.” އޭނާ ބުންޏެވެ.”ހީވަނީ އަދު ހަވީރު އަހަންނަކަށް ވެސް ގޭގައެއް ނުހުރެވޭނެހެން.”
“ކޮންތަކަށް މަންމަ ދަނީ؟”
“ފައްޅިއަށް.” މަންމަ ބުންޏެވެ.” ކަލެއަށް ދުއާ ކޮށްދޭން.”
މިއަޑު އަހައިފައި ދީޕު ފާޚާނާއަށް ވަދެއްޖެއެވެ.
ގީތާ އޭނާއަށް ނާސްތާ ތައްޔާރުކޮށްދޭން ބަދިގެއަށް ވަދެއްޖެއެވެ.
ނޯތޭޖަށް ގީތާ އާ ބައްދަލު ވެވުނީއްސުރެ އޭނާގެ ރޭދުވާތައް ވޭތިކުރަނީ ވަރަށް ދަތި ހާލެއްގައެވެ. އެފަރާތުން އޭނާ ހިތަށް އަރައެވެ. އޭނާގެ ޒިންމާދާރީތަކެވެ. މިހާރު އެޒިންމާދާރީތަކަށް އޭނާގެ ލޯމަރާލެވޭ ކަހަލައެވެ. އޭނާ އޭނާއަށް ވުރެ ބޮޑަށް މިހާރު ޚިޔާލު ކުރަނީ އޭނާގެ އެކުވެރިންނާ ދޭތެރޭގައެވެ. އެއީ ކޮންކަހަލަ އެކުވެރިންނެއްތޯއެވެ. އޭނާގެ އެންމެ އިޝާރާތަކަށް އެމީހުންގެ ފުރާނަތައް ގުރުބާން ކޮށްލަން ތިބި އެކުވެރިންނެވެ. އެބައިމީހުން ޣައްދާރީކޮށްފާނެ ކަމުގެ ޚިޔާލެއްވެސް އޭނާގެ ސިކުނޑިއަށް ނުވެއްދޭވަރުގެ އެކުވެރިންނެވެ. އޭނާ ރަނގަޅަށް ދެނަހުއްޓެވެ. އޭނާގެ އެންމެ ކުޑަކުޑަ ޣާފިލު ކަމެއް އެއީ އޭނާގެ ގުރުބާނީ އަދި ވަފާތެރި އެކުވެރިންނަށް މަރުގެ ސަބަބަކަށް ވެދާނެއެވެ.
އޭނާގެ އެފަދަ ބޮޑު މިޝަން، އޭނާގެ އެފަދަ މަތިވެރި މަގުސަދު، އޭނާގެ އެފަދަ ފުން އުންމީދުތައް، މިހުރިހާ އެއްޗެއް އެއީ އޭނާއަށް އެންމެ ހިނދުކޮޅެއްގެ ތެރޭގައި އަމިއްލަ އަތުން ފޮހެލުމަށް އެކަށީގެންވާ އެއްޗިއްސެއް ނޫނެވެ. އަދި އޭނާއަކީ އެތައް އިންސާނުންނެއްގެ ފުއްދުންތެރިކަމުގެ ވެސް ޒިންމާދާރެކެވެ. ހަމައެކަނި އޭނާގެ ސަބަބުން މިހާރު ދިރިއުޅެނީ ކިތައް ޚާންދާނު ހެއްޔެވެ. އޭނާގެ ވަޒީފާތަކުގެ ސަބަބުން ތައުލީމު ހާސިލު ކުރާ ވެސް ކިތަންމެ ކުދިންނެކެވެ. އޭނާގެ ފަސްބައިން ކަރުނަ ހިއްކަދިން ކިތައް ސަތޭކަ ހުވަފަތްވެފައިވާ އަންހެނުންނެއް ހެއްޔެވެ. އެތައް ސަތޭކަ ޔަތީމުންގެ ހިތްހަމަޖެހުން ގުޅިފައިވަނީ ހަމައެކަނި އޭނާގެ ނަމާއެވެ.
އޭނާގެ ފަސްބައި ނުވާ ނަމަ އެ ޔަތީމުންނާއި އަދި ހުވަފަތްވެފައިވާ މީހުންގެ ކަންތައް ވީހީ ކިހިނެއް ހެއްޔެވެ؟ އެބައިމީހުންގެ ކަރުނަ ފޮހެދޭނީ ކާކު ހެއްޔެވެ؟ އެބައިމީހުންގެ ފުނޑުފުނޑުވެފައިވާ ހިތްތައް ގުޅުވައިދޭނީ ކާކު ހެއްޔެވެ؟
އޭނާގެ ފިކުރުތައް ވަނީ ބޮއްސުންލައިފައެވެ. އޭނާ އަދި އެއްވެސް ގޮތަކަށް ނުނިންމައެވެ. އާދެ! އޭނާ ކުރާނީ ކީއްކަމެއް ހަދަންވީ ކިހިނެއްކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ.
އަދަކީ އޭނާގެ ގީތާ އާ ބައްދަލުވާން ދާ ދުވަހެވެ. އޭނާ ގީތާ އާ މިއަދު ބައްދަލުވާނެއެވެ. ހިތަށްއަރުވާލީމާ، ހިތް އޭނާގެ ކުރިމަތީގައި ހަލުއި ބުޅަލެއްހެން ފުމެން ފަށައިފިއެވެ. ވަގުތު ވޭތިވެގެން ދާހެނެއް ހިޔެއް ނުވެއެވެ.
ގީތާވެސް އޭނާގެ ދަރިފުޅު ދީޕު ގާތުގައި އަދު ގެއަކު ނޫޅެވޭނެއޭ ހަނޫމާންގެ ފައްޅިއަށް ދުއާ ކުރަން ދަނިއްޔޭ ކިޔައިގެން އުޅެނީ އެހެންވެގެންނެވެ. އޭނާއަކަށް ވެސް މި ވަގުތެއް ވޭތުކުރަން އުޅުނަސް ވޭތުކުރެވޭ ގޮތެއް ނެތެވެ.
އޭނާގެ ހިތުގެ ފައްޅީގެ ދޭވަތާގެ އަލިކަން އޭނާގެ ލޮލަށް ފެންނާނީ ކޮންއިރަކުންބާއޭ ހިތަށް އަރައަރާ ހުއްޓެވެ.
އެކޮޅުން ނޯތޭޖު ރޭގަނޑު ހަތަރުދަމު ނުނިދައެވެ. އަނެއްކޮޅުން ގީތާ ހުރީ ރޭގަނޑުދާ ހަތަރުދަމު ނުނިދައެވެ. މިހެނީ ދެމީހުންގެ އެދުމަކީ އެކައްޗެކެވެ. ދެމީހުންގެ އުންމީދަކީ ވެސް އެކައްޗެކެވެ. އެ ދެމީހުން ބުރުއަޅައަޅާ ތިބީ އެއް މަގުސަދެއްގެ ވަށައިގެންނެވެ. ދެމީހުންމެ ވަނީ ބައްދަލުވުމުގެ އެ ގަޑިއަށް ކެތްތެރިކަމެއް ނެތް ގޮތުގައި އިންތިޒާރު ކޮށްކޮށެވެ.
ލަތާ ރަނގަޅަށް ދެނަހުއްޓެވެ. ދީޕު މިހާރު އިހަށް ކަހަލައެއް ނޫނެވެ. އޭނާ މުޅިން ބަދަލުވެއްޖެއެވެ. އޭނާ ވަނީ ބަދަލުވެފައެވެ. އޭނާގެ ހިތްވަނީ ބަދަލުވެފައެވެ. އޭނާގެ ލޯބި ވަނީ ބަދަލުވެފައެވެ. އޭނާގެ ނަޒަރު ވެސް ވަނީ ބަދަލުވެފައެވެ. ދެން އެތައް ލައްކަ މިންނަތެއް ކުރުމާ އެކުގައި ވެސް އޭނާއެއް ލަތާގެ މީހަކަށް ނުހެދޭނެއެވެ.
އޭނާ ދީޕު އޭނާގެ މީހަކަށް ހެދުމަށް ޓަކައި އެތައް ލައްކަ މިންނަތެއް ކުރާކަށް މިހާރަކު ނުވެސް އެދޭމެއެވެ. އޭނާ ހިމެނެނީ ގަދަބަދަވިކަމުން، އަނެކަކު ތިމާގެ ލޯބިވެރިޔަކަށް ހެދުމަށް ގަދައަޅާ ބާވަތުގެ އަންހެންކުދިންގެ ތެރެއަކު ނޫނެވެ. މިކަމަށްޓަކައި އޭނާ ދީޕުގެ އާ މަގުތަކަށް ހުރަސްއަޅާކަށް މަސައްކަތެއް ނުކުރެއެވެ.
(ނުނިމޭ)
