ވާހަކަ: ގެއްލުނު ދުނިޔެ (33)

(13 ޖޫން 2024 ގެ ނޫހާއި ގުޅޭ)

ދީޕު މިލައިލައިފައި އޭނާގެ ތަންމަތީގައި އޮތެވެ. ހީވަނީ އެއީ އެތައް މަސްދުވަހެއް ވަންދެން ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ. ގީތާ އޭނާގެ ކައިރީގައި އިށީނދެލައިގެން އިނެވެ. އޭނާގެ ބޯ ވެސް ވަނީ ބޭސް އަޅާ ބަނދެފައެވެ.

ދީޕު ލޯމަރައިލައިގެން ހަމަހިމޭނުން އޮއްވާ ގީތާ ބުންޏެވެ.

“ކަލެއަށް ކަލޭގެ މަންމަގެ މައްޗަށް ޝައްކުވަނީތަ. ދަރިފުޅާ.”

އޭނާ ސާޅީގެ ކަނުން ކަރުނަ ފޮހެލައިފައި ބުންޏެވެ.

“އަދި މި އުމުރަށް ދިޔައިމާ…” އޭނާ ރޮއިގަތެވެ. “އަހަރެން ތިޔަ ކަހަލަ ކަމެއް ކުރާ ނަމަ، އަހަރެންގެ ނިތްކުރީގައި ހުރީހީ ކޮންމެވެސް އެހެން ނަމެއްގެ ހިންދޫރައެއްނު ދަރިފުޅާ!’

“އެހެންނަމަވެސް….”

ދީޕު އަނގަ ހުޅުވައިލުމާ އެކު އޭނާ “ގީތާ” ނަގާ ބޮލުގައި ބޭއްވިއެވެ. އަދި އެ ފޮތް ބޮލުގައި ބާއްވައިގެން ހުރެ ގީތާ ބުންޏެވެ.

“އަހަރެން މި ތާހިރު ފޮތް ގަންދީފާ ބުނަން ދަރިފުޅާ. އަހަރެން ގަންގާ މައްޔާގެ ސާފު ތާހިރު ރާޅުތައް ފަދައިން ސާފު.”

“ކަލޭ އަހަރެންގެ މައްޗަށް ޝައްކު ނުކުރޭ. އިތުބާރު ކުރޭ. މަންމަގެ މި ލަފުޒުތައް މިހާ ތެދު. އެބަސްތަކާ މެދު ބާވަތެއްގެ ޝައްކެއް ކުރަން ވެސް ހެޔޮ ނުވާނެ.”

“މަންމަ ރަނގަޅަށް އަހަރެންގެ ގާތުގައި ނުބުނަން ތިޔަ އުޅެނީ ކީއްވެ؟ އެ މީހަކީ…”

“އެ ގޮތަށް އެ ސިއްރު އޮތަދީ ދަރިފުޅާ. ވަގުތު އައިމާ ދަރިފުޅަށް ހުރިހާ ވާހަކައެއް އެނގިދާނެ.”

ދެން ދީޕު ހަމަހިމޭންވެއްޖެއެވެ. ދީޕު އޭނާގެ މަންމަގެ އެއްވެސް ވާހަކައެއް ދެން ނޭއްސެވެ. ނަމަވެސް އޭނާގެ ހިތަށް ނޫފުރޭ ކަހަލަ ކައްޓެއް ހެރިއްޖެއެވެ. އެ ދުވަހުން ފެށިގެން އޭނާގެ ދުނިޔެ ބަދަލުވެއްޖެއެވެ. އޭނާ ކޮޅެއްވެސް ނެތްހާ ބޮޑަށް ފިކުރުބޮޑުވެ ހިތްދަތިވެ ހަމަހިމޭނުން ހުންނާން ފަށައިފިއެވެ.

ދެން އެދުވަހުގެ ފަހަކުން އޭނާ ލަތާއަކާ ބައްދަލެއް ނުވެއެވެ. އޭނާގެ ސޫރަ ވެސް އޭނާއަކަށް ނުދައްކައެވެ. މަންމައަކާ ވެސް ވާހަކައެއް ނުދައްކައެވެ. ހުނުމާއި ވާހަކަދެއްކުމާ ހުރިހާ ކަމެއް ވެސް ދޫކޮށްލައިފިއެވެ. ގެޔާއި ގެއިން ބޭރުގައި ވެސް އޭނާގެ ގޮތަކީ މިއެވެ.

ނޯތޭޖު ރޭގަނޑުދާ ހަތަރުދަމު ނުނިދައެވެ. އޭނާ ރޭގަނޑުދާ ހަތަރުދަން ހޭލާ ހުރެގެން ވޭތިކުރެއެވެ. އޭނާ މުޅި ރޭގަނޑު ފިކުރު ކުރަނީއެވެ. އޭނާ، އޭނާގެ ޚާންދާނަށް މުޅި ހަޔާތުގައި ވެސް އެހީއެއް ވެފައެއް ނެތެވެ. އޭނާގެ ދަރިފުޅުގެ ހަޔާތު އާބާދުކޮށް ފުރިހަމަކޮށްދިނުމުގައި އޭނާގެ އެއްވެސް އެހީއެއް ނެތެވެ. ބައްޕައެއްގެ ލޯތްބާއި ބައްޕައެއްގެ އޯގާވެރިކަމަކީ ކޮންފަދަ އެއްޗެއް ހެއްޔެވެ؟ މީގެ އެއްވެސް އަސަރެއް އޭނާގެ ދަރިފުޅަކަށް އެއްގޮތަކަށް ވެސް އަދި އިހުސާސް ކުރެވިފައެއް ނެތެވެ. އޭނާގެ ދަރިފުޅުގެ ހަޔާތް ބިނާ ކުރުމުގައި އެއްވެސް އަތެއް ދީފައެއް ނުވެއެވެ. ބައްޕައެއްގެ އެއްވެސް ފަރުޟެއް ފުރިހަމަ ކޮށްފައެއް ނުމެ ނެތްމެއެވެ.

އޭނާގެ ދަރިފުޅު، އޭނާގެ ކުރިމަތީގައި ޚުދު އެދަރިފުޅު އަމިއްލައަށް ދިރުއުޅުން ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އޭނާ އާ އެއްވެސް އެހީއެއް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ހިތަށް އެރިއެވެ. އޭނާ ހައްޔަރުވެއްޖެއްޔާ އޭނާގެ ދަރިފުޅުގެ އިއްޒަތާއި ޝަރަފުގައި އިތުރު ހަތަރު ހަނދު ވިދައިގަންނާނެއެވެ. އަދި އޭނާއަށް ގަދަރު ކުރުން އެކަށީގެންވާ ތަރައްގީއެއް ލިބޭނެއެވެ. އޭނާ ހަމަ ކުއްލިއަކަށް ފުލުހުންގެ ނުހަނު މަތީ ދަރަޖައަކަށް ހިނގައިދާނެއެވެ. ދެން އޭނާގެ ހިތްވަރުގަދަކަން މުޅި ރަށުގައި އަޑުއަރައިގެން ދާނެއެވެ. ނޫސްތަކާއި މަޖައްލާތަކުގައި އޭނާގެ ނަމުގެ ސުރުޚީތައް ވިދާނެއެވެ. ރަށުގެ ކޮންމެ ނޫހެއްގައި އޭނާގެ ތަސްވީރު ޗާޕު ކުރުން ފަޚުރެއް ކަމުގައި ދެކޭނެއެވެ. އޭނާގެ ކިބައިން ނޫސް ރިޕޯޓަރުން އިންޓަވިއު އަތުލާނެއެވެ. ދެން އެ އިންޓަވިއު އެބައިމީހުންގެ ނޫސްތަކުގައި ނުހަނު ކުލަގަދަކޮށް ޝާއިއު ކުރާނެއެވެ.

އޭނާ ހިތަށްއެރިއެވެ. ދަރިފުޅުގެ ހަޔާތް އާލާވުން އޮތީ، އިއްޒަތްތެރިވުން އޮތީ، ހަމައެކަނި އޭނާ ހައްޔަރުވުމުންނެވެ. މިހެން ހިތާފައި އޭނާ އޭނާގެ ދަރިފުޅުގެ އަތުން ހައްޔަރު ވުމަށް ނިންމައިފިއެވެ. މި ގޮތުން މިހާ ތަނަށް އޭނާގެ ހަޔާތުގެ ފުރިހަމަ ނުވެ އޮތް އެންމެ ބޮޑު މަގުސަދު ފުރިހަމަ ކުރުމަށް ތައްޔާރު ވެއްޖެއެވެ.

އޭނާގެ ހިތާއި އޭނާގެ ސިކުނޑި އާއި އޭނާގެ ޒަމީރު މުޅި ރޭގަނޑު ހަތަރުދަމު ހަނގުރާމަ ކޮށްކޮށް އޮތެވެ. ހިތާ ބުނާ އެއްޗެއް ސިކުނޑި ގަބޫލު ކުރެއެވެ. ނަމަވެސް އޭނާގެ ޒަމީރެއް ހިތާއި ސިކުނޑި ކިޔާ އެއްޗަކަށް އާމީނެއް ނުކިޔައެވެ. އެދޭ މަޝްވަރާތަކަށް އަބަދު ޖަދަލު ކުރަމުން ގެންދެއެވެ.

އޭނާގެ ޒަމީރު ބުނެއެވެ…

“ކަލޭ ތިހުރިހާ ކަމެއް ކުރަނީ އަމިއްލަ އެދުމަށް ޓަކައެވެ. ކަލޭގެ މަގުން ތިޔަ އެއްކިބާ ވަނީ، ހަމައެކަނި ކަލޭގެ ދަރިފުޅަށް ޓަކައެވެ. ކަލޭ ތިޔަ ގޮތަށް ތިޔަ ނިންމަނީ ހަމައެކަނި ކަލޭގެ ދަރިފުޅުގެ ތަރައްގީ އާއި ބާއްޖަވެރި ކަމަށް ޓަކައެވެ.

ދީޕު އެއީ، ދަރިފުޅެއް ނޫން ނަމަ، މިހާރު ކަލޭ ތިޔަ ނިންމި ކަހަލަ ނިންމުމެއް ފަހަރެއްގައި ވެސް ނުނިންމީމުހެވެ.

ކަލޭ ތިޔައީ މުޅިން ވެސް އަމިއްލަ އެދުމައިގެން އުޅޭ މީހެކެވެ. ކަލޭ ތިޔައީ ޣައްދާރީއެކެވެ. ކަލޭ ތިޔަ ފަދަ މަލާމާތް ކުރުން އެކަށީގެންވާ ނިންމުމެއް ނިންމުމުގެ މައްޗަށް ތިޔަ މަޖުބޫރުވީ ހަމައެކަނި ކަލޭގެ ހިތް ބުނި އެއްޗެއް އަޑުއަހައިގެންނެވެ. ކަލޭގެ ތިޔަ ފިޔަވަޅުން ކަލޭގެ ޕާޓީއަށް ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށް ވެސް ވިސްނައެއް ނުލަމުއެވެ. އަދި ކަލެއަށް އެ ޖާނު ގުރުބާން ކުރާ އެކުވެރިންނަށް ޖެހޭނީ ކޮން ހާލެއް ކަމުގެ މައްޗަކަށް ކުޑަކޮށް ވެސް ޚިޔާލެއް ނުކުރަމުއެވެ. އެ އެކުވެރިންނަކީ ކޮންމެ ހިނދެއްގައި، ކޮންމެ ވަގުތެއްގައި، ކަލޭގެ އެންމެ ކުޑަކުޑަ އިޝާރާތެއްގެ މައްޗަށް އެބައިމީހުންގެ ކަނދުރާތަކުން ކަތިވެގެން ދިއުމަށް ތައްޔާރަށް ތިބި އެކުވެރިންނެވެ. ކަލޭ ހަމައެކަނި އެބައިމީހުންނަށް ޣައްދާރީ ކުރުމުގެ މައްޗަށް ތިޔަ ތައްޔާރު ވަނީ މުޅިން ވެސް އަމިއްލަ ބޭނުމަކުއެވެ. ކަލޭ ކިހާ ވިޔާނުދާ ހެއްޔެވެ. ކަލޭ ކިހާ އަމިއްލަ އެދުން ބޮޑުހެއްޔެވެ. ކަލޭ މިހާރު ގާއިމު ކުރަމުންގެންދާ ކުށުގެ މިސާލަށް ވުރެ ވަކިން އަރާ ހުރި މިސާލެއް ދުނިޔޭގައި މިހާ ތަނާ ހަމައަށް އެއްވެސް މީހަކު ގާއިމު ކޮށްފައެއް ނެތެވެ. އަދި މުސްތަގުބަލުގައި ވެސް މީހަކު ތިޔަފަދަ ކުށެއް ކުރާނެ ކަމަކަށް ހިޔެއް ނުވެއެވެ.

ކަލެއަށް ހޭވެރިކަން ތިޔަވީ އަމިއްލަ ގެ އަނދަން ފެށީމައެވެ. ކަލޭގެ ގެ، ކަލޭގެ ނަޒަރުން ދުރުގައި ވީހާ ހިނދަކު ކަލޭ ތިޔަ ބާވަތުގެ ވިސްނުމެއް ފަހަރެއްގައި ވެސް ނުވިސްނަމުއެވެ. ޝަޝީގެ ހިތުގެ މައްޗަކަށް ވެސް ކަލޭ ފަރުވާލެއް ނުބެހެއްޓީމުއެވެ. އޭނާގެ އެއްވެސް ވާހަކައެއް ކަލޭގެ ވިސްނުމަށް ނައީ، އެއީ ކަލޭގެ އަމިއްލަ ކަމަކަށް ނުވާތީއެވެ. ކަލޭގެ އަމިއްލަ ކަމެއް ދެމެދަށް އައުމުން ކަލޭގެ އެފަދަ ބޮޑު މަގުސަދާއި ކަލޭގެ އެފަދަ ބޮޑު ވާޖިބުގެ މައްޗަށް ހަމަ ފާޅުގައި ދެނަހުރެގެން އެންމެ ނިކަމެތިކޮށް ކަންތައް ކުރުމުގެ މައްޗަށް ތިޔޮއްގެން ތައްޔާރުވީއެވެ. ކަލޭ ތިޔައީ ޣައްދާރީއެކެވެ. ގޮތްކުޑައެކެވެ. ވިޔާނުދާއެކެވެ. އަމިއްލަ އެދުމާ ހުރެ އަވަދިވާ މީހެކެވެ.

މިހެން ބުނެފައި އޭނާގެ ޒަމީރު އޭނާގެ މޫނަށް ކުޅުޖެއްސެވެ. އޭނާ ޒަމީރުގެ މި މަލާމާތުގެ މައްޗަށް ވަރަށް ބޮޑަށް ރުޅިއަތުވެއްޖެއެވެ. އަދި ރުޅި އައިސްގެން އޭނާގެ މުށްކެވިއްޖެއެވެ.

އޭނާ މޮޔަވެގެން އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. ނުހަނު ބާރަށް ހަޅޭއްލަވައެވެ.

“އަހަރެން ކަލޭގެ އެއްވެސް ވާހަކައެއް އަހާކަށް ބޭނުމެއް ނޫން. ކަލޭ ތިޔަ ދައްކާ ހުރިހާ ވާހަކައަކީ ވެސް އެއްވެސް މާނައެއް ހުރި ވާހަކަތަކެއް ނޫން. އެއީ މާނައެއް ނެތް ވާހަކަތަކެއް ކަމަށް ނުވި ކަމުގައި ވިޔަސް ވެސް އަހަރެން ކަލޭގެ މަޝްވަރާތަކަށް އަހަރެންގެ ކަންފަތް ބީރު ކުރަން. ކަލޭގެ ހުރިހާ މަޝްވަރާތަކެއް ބޮލާލާ ޖަހައިފައި، އަހަރެން އަމަލު ކުރަނީ އަހަރެންގެ ހިތް ބުނާ ގޮތަށް. އަހަރެންގެ ސިކުނޑި އަހަންނަށް މަޝްވަރާ ދޭގޮތަށް.

ކަލޭ ތިޔައީ އަހަރެންގެ ދުޝްމިނެއް. އަހަރެންގެ ދެ ރަހުމަތްތެރިންނަކީ އަހަރެންގެ ހިތާއި ސިކުނޑި. އެ ދެރަހުމަތްތެރިން، ބައްޕައެއްގެ ހިތް ރަނގަޅަށް ދެކޭ. އަދި އިންސާނަކަށް ދިމާވެފައިވާ ދެރަގޮތްތައް ރަނގަޅަށް ދަނޭ.އަދު ކަލޭ! ކަލޭ އަބަދުވެސް ކޮންމެ ހިނދެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް ތިޔަ ދައްކަނީ ހައްތަހާ ވެސް ވިޔާނުދާ ވާހަކަ. ވިޔާނުދާވާހަކަ ވާނީ ވިޔާނުދާވާހަކައަށް. އެއަކަށް އެކަކުވެސް ކަންފަތެއް ނުދޭނެ.

ކަލޭ އިންސާނާގެ މަޖުބޫރީތަކަށް ނަޒަރު އިންކާރު ކުރުމަށް ވަނީ އާދަވެފައި. ކަލޭ އަބަދުވެސް ބާވަތް ބާވަތުގެ ފަލްސަފާތައް ނެރެނީ. އެފަލްސަފާތަކުގައި އެއްވެސް ޖަޒުބާތެއް ނުވޭ. ހިތަށް އަސަރުކުރުވާ ގޮތެއް ނުވޭ. އޭގައި ފުރާނައިގެ ހޫނުކަމެއްވެސް ނުވޭ. އަދި އޭގައި ލޯތްބެއް ފޮނިކަމެއް ވެސް ނުވޭ. ކަލޭ އަބަދުވެސް ޖަޒުބާތުތައް ގަތުލު ކުރަމު. ކަލެއަކީ ކުލަ އާއި ނޫރާއި މީރުވަހުގެ އަޒަލީ ދުޝްމަނެއް.

އަހަންނަށް މިހާރު އަހަރެންގެ މޭގެ އެއްފަޅި، އަހަރެންގެ ފިރިހެންދަރިފުޅުގެ ހަޔާތު އާބާދު ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ބޭނުމެއް ނޫން. އަހަރެން ދަރިފުޅުގެ ލޯބީގައި ކުރާ ކޮންމެ ކަމެއް އެއީ ވާނީ ހައްގު ކަމެއް ކަމުގައި. އެކަމުން މުޅި ދުނިޔޭގައި މިސާލު ޖެހިގެން ތަކުރާރު ވަމުން ދާނެ. އިންސާނުން ކުރާ ކޮންމެ ކަމެއް ކުރަނީ އޭނާގެ އަމިއްލަ ހިތާއި އަމިއްލަ ސިކުނޑިއަށް ހަމަޖެހުން ހޯދައިދިނުމަށް ޓަކައި. އަހަރެން މިކުރާ އަމަލެއް މި ކުރަނީ އޭގައި އަހަރެންގެ ހިތަށް ހަމަޖެހުމާއި، ސިކުނޑިއަށް އަރާމު އެކުލެވިގެންވާ ގޮތުގެ މަތިން. އަހަންނަކީ ގެ ހަލާކު ކޮށްލައިގެން ކުޅިބަލަން ހުންނަ މީހެއް ނޫން. އަދި ކީއް؟ މިހާރު އަހަރެން މިހިރީ އިންސާނުން އެންމެ ފުރަތަމަ ބައްތި ދިއްލާނީ އެބައިމީހުންގެ ގޭގައޭ މިސްކިތުގައި ދިއްލާނީ އެއަށް ފަހުގައޭ، މިގޮތުގައި.”

އަހަރެން މި ދަނީ އަހަރެންގެ ގޭގައި ބައްތި ދިއްލަން. އަހަރެން ގޭގައި އެ ބައްތިއަށް އަލިކަން ދޭން މިދާ ދިއުން އެކަކަށް ވެސް ހުއްޓުވައެއް ނުލެވޭނެ.

ދެން އޭނާގެ ޒަމީރު ގަތުލުކޮށްލިއެވެ. ޒަމީރުގެ މި ގަތުލުގެ މައްޗަށް ހިތާއި ސިކުނޑި އާ ވެގެން ކަކަކަކަ އަޅައިފައި ނުހަނު ބާރަށް ހީނގަތެވެ. ޒަމީރުގެ މިގަތުލުގެ މައްޗަށް އޭނާއަށް ދާއިމީ ހަމަޖެހުމެއް ހާސިލު ވެގެން ހިނގައްޖެއެވެ.

މުޅި ރޭގަނޑު ހޭލާ ހުރުމަށް ފަހު ހެނދުނު ނޯތޭޖު ހަމަ ތަންމަތިން ތެދުވި އިރުވެސް ރޭގައި ނިމުނު ގޮތުގެ މައްޗަށް އޭނާގެ ހިތާއި ސިކުނޑި ވަނީ ހަމަޖެހިފައެވެ.

އޭނާ ތެދުވެގެން އެންމެ ފުރަތަމަ ދިޔައީ ޝަޝީގެ ގާތަށެވެ. ޝަޝީއަށް އޭނާ ފެނުމާއެކު މޫނު އަނެއް ފަރާތަށް އަނބުރާލައިފައި ތެދުވެއްޖެއެވެ.

“މިއީ ރުޅި އަންނަންވީ ވަގުތެއް ނޫން. އަދި ކީއް! ހިނިތުންވާންވީ ވަގުތެއް… ދަރިފުޅާ.” އޭނާ ޝަޝީގެ ކައިރިއަށް ގޮސްފައި ބުންޏެވެ.

“އަހަންނާ ދިމާއަށް ބަލާލަބަލަ. އަހަރެން މިއައީ ކަލެއަށް އަޖައިބު ހައިރާން ހަދިޔާއެއް ހިފައިގެން.”

“ކަލޭގެ އަތުގައިވާ ހަދިޔާތަކުގެ ތެރޭގައި ގަތުލާއި ލޭއޮހޮރުވުމާއި ނޫން އޮތީ ކޮން ހަދިޔާއެއް؟” ޝަޝީ ރުޅިއަރައިގެންފައި ބުންޏެވެ.

“އަހަރެން ގަތުލާއި ލޭގެ ތިޔަ ހޫނު މަސައްކަތުން މިހާރު އަތްދޮވެލައިފިން.”

“ގަތުލާއި ލޭއޮހޮރުވުމަކަށް ނޫން.” ނޯތޭޖު ބުންޏެވެ.

“އަހަރެންގެ ހަދިޔާގައި ކަލެއަށް ގެނައީ ހުސް ހިނިތުންވުން.”

“ހިނިތުންވުމުގެ ބަދަލުގައި އަހަރެންގެ ނަސީބުގައި ލިޔެވިފައި ވަނީ ކަރުނަޔާއި ހިތާމަތައް.”

“އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ މަގޭ ދަރިފުޅާ.” އޭނާ ޝަޝީގެ ބޯމަތީގައި އަތް ފިރުމައިލިއެވެ.”އަހަރެން

މިއައީ، ކަލޭ މި ގައިދުން މިނިވަން ކުރަން…”

“އެޔޯ…؟” އޭނާ ބުންޏެވެ.”ކަލޭ މިހާރު ފުލުހުން ދެކެ ބިރެއް ނުގަންނަމުތަ؟”

“އަހަރެން މިދައްކާ ޥާހަކަ އަޑުއަހާބަލަ…” އޭނާ ޝަޝީގެ މިލައިފައިވާ މޫނު އޭނާގެ ދެއަތުގެ މެދަށް ލާފައި ބުންޏެވެ.

“ކަލޭ ދޭ. ގޮސް ކަލޭގެ ދީޕަށް އަހަރުމެންގެ މި ސިއްރު މަރުކަޒު ހުރި ތަން ބުނެދީ.”

“ތިޔަ ބުނުއްވީ ކީކޭތޯ؟ ބައް…”

ޝަޝީގެ މޫނުން އެއްފަހަރާ އެތައް ކުލައެއް ބަދަލުވެގެން ދިޔައެވެ.

“އަހަރެން ބުނާ އެއްޗެއް މި ބުނަނީ ހަމަ ރަނގަޅަށް.” ނޯތޭޖު ބުންޏެވެ.

“ކަލޭ ދޭ، ދަރިފުޅާ ލަސްނުކުރޭ. ދީޕު މާދަމާ ދުވާލު ދޭއްޖަހާއިރު ނަންބަރު ހަތަރަކަށް ހަމަލާދޭނެ. ކަލޭ އޭނާ ގާތުގައި ބުނޭ. އެތާކުން އެއް ވެސް އެއްޗެއް އަތަކު ނުޖެހޭނޭ. އެޚަބަރު ރޯ ގޯހޭ. ކަލޭ އޭނާ މިރޭ 10 ޖަހާއިރު

މިތަނަށް ގޮވައިގެން ބަހީ.”

ޝަޝީ ވީ އަޖައިބުން އަނގަ ހުޅުވިއްޖެއެވެ.

“އެކަމަކު…”

“ބަހުސް ކުރަންވީކީ ނޫން ދަރިފުޅާ.” ނޯތޭޖު ބުންޏެވެ.

“ކަލޭ ދޭ. އަހަރެން މި ބުނާ ގޮތަށް ހަދާ.” ދެން އޭނާ ނުހަނު ބާރަށް ޝަޝީ އާއި އޮޅުލައިގަތެވެ. އޭނާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *