ވާހަކަ: ގެއްލުނު ދުނިޔެ (34)

(20 ޖޫން 2024 ގެ ނޫހާއި ގުޅޭ)

 

“ކަލޭ އަބަދުވެސް އުފާކުރޭ ދަރިފުޅާ. ހިތްހަމަޖެހިގެން ހުރޭ.”

ޝަޝީ ދާން ފެށީމާ އޭނާ އަދިވެސް އެއްފަހަރު ރަނގަޅަށް ހިތްފުރެންދެން ލޯބިކޮށްލިއެވެ. އޭނާގެ ލޯ އިންތިހާދަރަޖައަށް މަސައްކަތް ކޮށްކޮށް ހުއްޓާ ވެސް އެތައް ފަހަރަކު ކަރުނަ އޮހޮރި ލޯހުޅުވި ކަރުނަތައް އޮހެމުން ދިޔައެވެ.

އޭނާ ބުންޏެވެ.

“ނަމަނަމަ ދަރިފުޅާ! ފުލުހުންނަށް މި ޚަބަރުދޭން ކަލެއަށް ވިސްނައިދިނީ އަހަންނޭ ފަހަރެއްގައި ވެސް މީހެއްގެ ގާތުގައި ނުބުނާތި އިނގޭ! އެހެން ނޫނީ ކަލޭގެ ތިޔަ ގުރުބާނީ އެކައްޗަކަށް ވެސް ނުވާނެ! ކަލޭ ތިޔަކުރި މިންނެތް މަސައްކަތަށް އަބަދަށް ޓަކައި ގަނޑުފެން އެޅޭނެ.”

“އެކަމަކު ބައްޕާ…!”

ޝަޝީގެ ލޯ ކަރުނައިން ފުރާލައިފައި ބުންޏެވެ.

“ބައްޕައަށް ދެން ވާނީ ކިހިނެއްތޯ؟”

އޭނާ އެކަން ނުކުރާން އުޅުނެވެ….

“އަޅުގަނޑު ހަމަ ރަނގަޅަށް ދެނަހުރެގެން މަރުގެ އަނގަމައްޗަށް ބައްޕަ ދިޔަކަ ނުދޭނަން. ތިޔައީ ކާކުކަމެއް އުޅެނީ ކޮން ތަނެއްގައި ކަމެއް އެކެއްގެ ގާތުގައި ވެސް ނުބުނާނަން!”

“ކަލޭ އަހަރެންގެ ފިކުރު ދޫކޮށްލާ… ދަރިފުޅާ!”

އޭނާ ޝަޝީ އަށް ދޮގު ހަދައިލައިގެން ހިތްހަމަޖައްސުވައިލިއެވެ.

“އަހަރެން ފުލުހުންނަށް އަތުލެވިދާނެތަ؟ އަހަރެންގެ ހިޔަންޏާ ހަމައަށް ވެސް ފުލުހުންނަކަށް ނާދެވޭނެ.”

އޭނާ ޝަޝީގެ ބުރަކަށީގައި ފިރުމައިލިއެވެ.

“ކަލޭ އެއްގޮތަކަށް ވެސް އަހަރެންގެ ފިކުރު ނުކުރޭ.”

ދެން އޭނާ ޝަޝީ ވަރަށް ސިއްރު ގޮތެއްގައި ފޮނުވައިލައިފައި އޭނާގެ މީހުންގެ ގާތަށް އަތުވެއްޖެއެވެ.

“ދިލޭރު ސިންގު!” އޭނާ އައުމާ އެކުގައި ދިލޭރު ސިންގ އާ މުޚާތަބު ކުރިއެވެ.

“ޔެސް.ބޮސް….!”

އަހަރެމެންގެ އެންމެން އެއްކޮށްލާ.”

“ބުނުއްވި ގޮތެއް ބޮސް.”

ދެން ކުޑައިރުކޮޅެއްގެ ތެރޭގައި ތީޖު ސިންގ ގެ ހުރިހާ އެންމެން އޭނާގެ ކުރިމައްޗަށް އަތުވެއްޖެއެވެ.

އޭނާ ހިތާމައިން ފުރިގެންވާ ނަޒަރަކުން، އެ އެންމެންގެ މައްޗަށް ބަލައިލިއެވެ. ދެން އެ އެންމެންނާ މުޚާތަބު ކުރިއެވެ.

“އެކުވެރިންނޭ! ރަހުމަތްތެރިންނޭ! ކަލޭމެން އެންމެންގެ މޮޔަކަމުން ޝަޝީ އަހަރުމެންގެ ގައިދުން ފިލައިފި.”

މިއަޑު އަހައިފައި، އެންމެން ފިކުރު ބޮޑުވެއްޖެއެވެ. އޭނާ އަނެއްކާ ވެސް އޭނާގެ އެކުވެރިންނާ މުޚާތަބު ކުރިއެވެ.

“މިހާރު މާބުރުތަކެއް ހެން ބޫން އަޅުވައިގެން ވާނެ ކަމެއް ނެތް. ވާންވީހާ ކަމެއް ވެނިމިއްޖެ. ފުލުހުންނަށް އަހަރެމެންގެ ސިއްރު މަރުކަޒުތައް ފިލައިފި. މިހާރު ހަތަރު ފަރާތުން ބިރުވެރިކަން ވަނީ އަހަރެމެން ވަށާލައިފައި.

ދެތިން ގަޑިއެއްހާއިރު ތެރޭގައި ފުލުހުން އަތުވެދާނެ. ވީމާ ކަލޭމެން އެންމެންނަށް އަހަރެންގެ މަޝްވަރާއަކީ،

މިތަނުން ވެވުނުހައި އަވަހަކަށް ފިލައިގެން ދިއުން. އެހެން ނޫނީ ކަލޭމެންގެ ފުރާނަތައް ގެއްލޭނީ ހަމަ ހިލޭ.”

އޭނާ ކުޑައިރުކޮޅަކަށް ހުއްޓާލައިފައި ބުންޏެވެ.

“ހުރިހާ މުދަލާއި ހުރިހާ ސާމާނާއި ގަހަނާތައް އަހަރެން ކަލޭމެންގެ މެދުގައި މި ބަހާލަނީ. އެއިން ކަލޭމެންނަށް އަމިއްލަ މިނިވަން ރަށުތެރޭ ދިރިއުޅުމެއް ފެށިދާނެ. އަހަރެންގެ ލަފާގައި ކަލޭމެން ދެން އެއްގޮތަކަށް ވެސް މިކަހަލަ ދިރިއުޅުމެއް އިޚްތިޔާރު ކޮށްގެން ނުވާނެ. މިހާތަނަށް އަހަރެމެންނަށް އޮޅިފައި މިތިބަ ތެދު މަގަކީ، އަހަރެން ހިތުން އެއީ. އަހަރެން މިހާރު މި ދައްކަނީ.”

“ކަލޭމެން ފައިސާކޮޅާއި މުދާކޮޅު ހިފައިގެން އެތަން މިތަނަށް ފެތުރިގަނޭ. އަމިއްލަ އައު ހަޔާތެއް ފަށާ! މިހާރު އަހަރެމެން، ފުލުހުންނާއި ހަނގުރާމަ ކުރުމަކީ، މުޅިން ބޭކާރު ކަމެއް. ކޮންމެ ގޮތެއްގައި ވެސް އެއީ ފަރުބަދައެއްގައި ބޯތެޅުމުގެ ނަތީޖާ ނޫން އެހެން އެއްވެސް އެއްޗެއް ނުކުންނާނެ ކަމެއް ނޫން. އެއީ އަހަރެމެންގެ މޮޔަކަމުން އަހަރެމެންގެ ހުރިހާ ކަމެއް ކަނޑައެޅިގެން ފާޅު ކުރުން.”

“އެކަމަކު….!” ދިލޭރު ސިންގު، ރާމްއަވްތާރު، ރަންބީރު ސިންގ އާއި ދެން ތިބި މީހުން އެއްޗެއް ބުނަން އުޅެނިކޮށް

އޭނާ އެމީހުންގެ ވާހަކަ މެދުކަނޑައިލިއެވެ.

“އެކަމަކު މިކަމަކު ކިއުމުގެ ބޭނުމެއް ނެތް. މިހާތަނާ ހަމައަށް އަހަރެންގެ ކޮންމެ ވާހަކައެއް ހީލަތަކާ ހުއްޖަތަކާ ނުލައި ތިޔަ ގަބޫލު ކުރަމުން އައި ފަދައިން، އަހަރެންގެ މި ފަހުގެ ނަސޭހަތް ވެސް އަހާ. އަހަރެން ބުނާ އެއްޗެއް މި ބުނަނީ ރަނގަޅަށް ވިސްނާ ހަދާފައި އަދި ކަލޭމެންނަށް އޭގެ ހެވާ ލާބަ ލިބޭނޭ ގޮތް ބަލައިފައި. ފުލުހުންގެ ތެރެއިން އެކަކު ވެސް ކަލޭމެންގެ ތެރެއިން އެކަކު ވެސް ނުދެކޭނެ. މިއީ ހުރިހާ ވައްތަރެއްގެ ލޫޓުމާރަކުން ތައުބާ ވާން އޮތް އެންމެ ރަނގަޅު ދަނޑިވަޅު. އަދި މުސްތަގުބަލުގެ ހަޔާތް އާބާދު ކުރެވެން އޮތް އެންމެ ބާއްޖަވެރި ފުރުސަތު.”

“ރަނގަޅު މާތް ގޮތެއްގައި، ރަށު ތެރޭ ނުވަތަ އަވަށު ތެރޭ ހަޔާތެއް ވޭތި ކުރުމުގެ މަގަކީ އަހަރެން ހިތުން އެންމެ މޮޅު އަދި ރަނގަޅު ވެސް މަގު. މި ނޫން އެހެން ކޮންމެ ގޮތަކީ ވެސް އަހަރެން ހިތުން އެއްވެސް ތާކުން ތާކު ޖެހޭ ގޮތެއް ނޫން. އެއީ މުޅިން ދެކޮޅު ނުޖެހޭ ވިޔާނުދާ ގޮތްގޮތް. އޭގައި ދުއްތުރާލާއި ބޭޒާރާއި ދަންޖެހުމުގެ މަޅިގަނޑު ފިޔަވައި އެއްވެސް ލާބައެއް ނެތް.”

ދެން ތީޖު ސިންގު ގޭންގުގެ އެކި އެތި ވަކިވަކިން ހުރިހާ ރަހުމަތްތެރިންގެ މެދުގައި ބަހައިލިއެވެ. ދެން އޭނާ އަތްޖޯޑުކޮށްލައިފައި ބުންޏެވެ.

“ޒިންދާބާދު އެކުވެރިންނޭ… އަވަހަށް ދޭ. ޚުދާ ޙާފިޒް! ދާ ކޮންމެ ދިމާއަކުން ރަނގަޅު މާތް ދިރިއުޅުމެއް ނަގަން ކަމަށް އަހުދުވޭ. ހަގީގަތުގައި ކަލޭމެންގެ އާ ހަޔާތުގެ ފުރަތަމަ ހަރުފަތަކީ އެ އަހުދު.”

ދެން އޭނާ އެކި ރަހުމަތްތެރިންނާ ވަކިވަކިން ކަރާ ކަރުޖައްސާ ސަލާން ކުރިއެވެ. އެގޮތަށް ކަރާ ކަރުޖައްސަމުން

ގެންދިޔަ ކޮންމެ ފަހަރަކު، އޭނާގެ ދެލޯ ކަރުނައިން ފުރެމުން ދެއެވެ. އެ އުފެދެމުންދާ ބޭގަރާރު ކަރުނަތައް އޭނާ ހިފަހައްޓަ ހިފަހައްޓާ ހުއްޓެވެ.

“ދެން ކަލާ….”

“ކަލޭމެން އަހަރެންގެ ފިކުރު ނުކުރޭ.”

އޭނާ ރަންބީރު ސިންގ އާއި ދިލޭރު ސިންގ އާއި އަދި ރާމް އަވްތާރުގެ ވާހަކަ މެދުކަނޑައިލިއެވެ.

“އަހަންނާ ދޭތެރޭ ކުރިން އެ ހީކުރެވުނީ އަހަރެން ހިތުން ރަނގަޅަކަށް ނޫން. އެއާ ޚިލާފަށް ދެން އަހަންނާ މެދު ވާ ހުރިހާ ގޮތެއް ވާނީ ރަނގަޅަށް. އަހަރެންގެ އީމާނަކީ އެއީ…”

ދެން އޭނާ އޭނާގެ ރަހުމަތްތެރިންގެ ތެރެއިން އެކި މީހުން ވަކިވަކިން ފޮނުވާލައިފައި އޭނާ ވަރަށް ބޮޑަށް ހިތްހަމަޖައްސައިލައިފިއެވެ. އޭނާ ރޭގައި އެ ގަތުލުކޮށްލި އޭނާގެ ޒަމީރު މިވަގުތު ދެވަނަ ފަހަރަށް ދިރިއްޖެއެވެ. ދެން އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހުމާއި އުފާވެރިކަމާ އެކު، އޭނާގެ ކަންތައް ނިމެން އޮތް ގޮތަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ.

ރޭގަނޑުގެ ހަމަ ދިހައެއް ޖެހި ތަނާ ނޯތޭޖުގެ ކަންފަތަށް ފުލުހުންގެ ޖީޕުތަކުގެ އަޑު އިވިއްޖެއެވެ. އެވަގުތު އޭނާ އެ މަރުކަޒުން ބޭޜަށް ނިކުމެއްޖެއެވެ. އޭނާ އެ ހަނދުވަރުދޭ ރޭ ވިދިވިދިގެން ފުލުހުންގެ ހަތަރު ޖީޕު އަންނާތީ ދުއްޓެވެ. އެ ޖީޕުތައް ތަންކޮޅެއް ދުރަށް އައިސް ހުއްޓާލައިފިއެވެ.

އެންމެ ކުރިއަށް އޮތް ޖީޕުގައި ދީޕު އާއި ޝަޝީ ތިއްބެވެ. ނޯތޭޖު އެ ދެކުދިންނަށް ވަރަށް ލޯތްބާ އެކު ބަލައިލިއެވެ. ފުލުހުންގެ އެހެނިހެން އޮފިސަރުން އެބައިމީހުންގެ ޖިޕުތަކުން ފައިބައިފިއެވެ.

އެ އެންމެން މަޑުމަޑުން ފިޔަވަޅު އަޅަމުން އޭނާ އާ ދިމާއަށް އެބަ އާދެއެވެ. ނޯތޭޖު ހަނދުވަރުން ނެއްޓި އަނދިރިއަށް ވަދެއްޖެއެވެ. މިހާރު އޭނާގެ ފިސްތޯލަ އޮތީ އޭނާގެ އަތުގައެވެ. އޭނާ އެތާނގައި ހުރެގެން ވައިގެ ތެރެއަށް ދެތިން ވަޒަން ފޮނުވާލިއެވެ. ދެން ހަތަރު ފަރާތުން ފުލުހުން ބަޑިޖަހާން ފަށައިފިއެވެ. އަދި ހަރަކާތްތެރިކަމާ އެކު ދުވުމަށް ފެށިއްޖެއެވެ.

ނޯތޭޖު އެގޮތަށް އަނދިރީގައި ފިލާ ހުއްޓެވެ. އޭނާ ބޭނުން ނަމަ، އެންމެން ނޫން ނަމަވެސް ހަމަ ގައިމުވެސް އެންމެ މަދުވެގެން ހައެއްކަ ވަރަކަށް ފުލުހުން ފަސޭހަކަމާ އެކު، މަރުގެ ފޮނި ނިދިން ނިންދަވާލެވިއްޖައީހެވެ. ނަމަވެސް އޭނާ ހަމަ ގަސްދުގައި އެހެން ނެހެދީއެވެ. އޭނާގެ ކޮންމެ ފަޔަރެއް ވަޔަށް ކުރަމުން ގެންދިޔައީއެވެ. އަދި އިރުއިރުކޮޅުން ފުލުހުންނަށް އޭނާ އެހެރީ އެކަނި ނޫންކަން ދައްކަމުން ގެންދިޔައެވެ. އާދެ! އޭނާ އެހެރީ އެތައް އެކުވެރިންނަކާ އެކު، ފުލުހުންނާ ކުރިމަތިލަން ނުކުމެ ކަމަށް ހީކުރެވޭ އެތައް ކަމެއް ކުރަމުން ގެންދިޔައެވެ.

އޭނާ ވަރަށް ގިނައިރު ވަންދެން މި ގޮތަށް ފުލުހުން ސިއްސުވަމުން ގެންދިޔައެވެ. ދެން އޭނާ އެއްފަރާތަކުން އައިސް، އޭނާގެ ދަރިފުޅު ދީޕުގެ، ހަމައެކަނި ދީޕުގެ އަތުން ހައްޔަރުވެއްޖެއެވެ. އޭނާ ދީޕާ އެކުގައި ހިސާބަކަށް ތަޅާފޮޅާލާ ވެސް ހެދިއެވެ. އެއީ އޭނާގެ ފިރިހެން ދަރިފުޅު ދީޕުގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަން ބަލައިލުމަށް ޓަކައެވެ. ދެން އޭނާ ދީޕުގެ ކުރިމައްޗަށް އައިސް އޭނާގެ ދެއަތް އުފުލައިލައިގެން ހުއްޓިއްޖެއެވެ. ދީޕު ކުއްލިއަކަށް އައިސް އޭނާގެ އަތުގައި ބިޑި އަޅައިފިއެވެ.

އެވަގުތު އޭނާގެ ދަރިފުޅު ދީޕު އެޅި ބިޑި ބަލައިލައިފައި އުފާވިއެވެ. އޭނާ އެ ބިޑީގައި ކިސްކޮށްލިއެވެ.

ދެން އޭނާ ދީޕަށް ބުންޏެވެ.

“ޒުވާނާއެވެ! ޒިންދާބާދެވެ! ކަލޭ ހަގީގަތުގައި ވަރަށް ހިތްވަރުގަދަވެފައި ނަސީބު ވެސް ގަދައެވެ. ކަލެއަށް އަހަރެން ކަހަލަ ސިންގާއެއްގައި ހިލިހިލާ އަޅާލެވިއްޖެއެވެ. ކަލޭ ނެތް ނަމަ، ތީޖު ސިންގު ގެ މައްޗަށް ފަތަހަ ހޯދޭވަރުގެ އެއްވެސް ފިރިހެންދަރިއެއް އަދި އެއްވެސް މަޔަކަށް ނުވިހެއެވެ.

ދީޕު ވީ އުފަލުގެ ކޮޅެއް ނެތެވެ. އޭނާގެ ހުރިހާ ރަހުމަތްތެރިން އޭނާގެ ބުރަކަށީގައި ޖަހައިލައިފައި ސާބަސް ދެނިކޮށް، ޝަޝީއަށް ތީޖު ސިންގު ފެނިފައި ކުއްލިއަކަށް ހަޅޭއްލަވައިގެންފިއެވެ. މިކަން މާ ބޮޑަށް އެނގުމުގެ ކުރިން، ތީޖު ސިންގު އޭނާގެ ލޮލާއި ބުމަޔާއި އޭނާގެ ބޮލުގެ ހަރަކާތާއި ދުލުގެ އިޝާރާތަކުން އޭނާއަށް މަޑުމަޑުން ހުރުމަށް މަޖުބޫރު ކޮށްފިއެވެ.

ދެން އޭނާ މޭ ފިރުމާލަފިރުމާލާ މަޑުން ހުރެއްޖެއެވެ.

 

ޕޮލިސް އިސްޓޭޝަނުގައި ވަރަށް ހަރަކާތްތައް ހޫނެވެ. ތީޖު ސިންގު ހައްޔަރު ކުރެވުނު ޚަބަރު ހީވީ ފިޔަފަޅައިފައި ހުރި ހެންނެވެ. ރޭޑިއޯގެ އިލެކްޓްރިކު ރާޅުތައް ފަދައިން، މި ޚަބަރު އެންމެ ހިނދުކޮޅެއްގެ ތެރޭގައި މުޅި ރަށަށް ފެތުރިއްޖެއެވެ. އާދެ! ޕޮލިސް އިނިސްޕެކްޓަރު ދީޕު، ތީޖު ސިންގު ހައްޔަރު ކޮށްފިއެވެ.

ހުރިހާ ތަނެއްގެ ފޯނުތަކުން ރަނގަބީލު ވޭވޭ ހުއްޓެވެ. ހުރިހާ ތަނެއްގައި ވެސް ދެކެވެނީ މި ވާހަކައެވެ. ނޫސްތަކާއި މަޖައްލާތަކުގެ އިދާރާތައް މިހާރު ހުރީ އެންމެ ކަމަކަށް ޓަކައެވެ. އާދެ! ތީޖު ސިންގު ހައްޔަރުވެއްޖެ ޚަބަރު އެއީ ތެދު ޚަބަރެއް ކަމުގެ ޖަވާބު މީސްތަކުންނަށް ދިނުމަށް ޓަކައެވެ. ޕޮލިސް އިސްޓޭޝަނުގައި ވަނީ އާއްމުންނާއި ޚާއްސުންގެ ބޮޑު ކަނޑެކެވެ. އެންމެން އުފާވެފައި އެ ތިބީ ތީޖު ސިންގު ހައްޔަރު ކުރެވުނު ކަމަށް ޓަކައެވެ. މުޅި ރަށުގެ ޓައުން ހިސާބުގަނޑުގެ ފުލުހުން ގެއިންނާއި، ސިފައިންގޭތަކުން އަބަދު ހުންނަނީ ފޯނު ވޭވެއެވެ. ވަކިވަކިން ޖަވާބު ދިނުމަށް ދަތިވެއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *