މިހާރު ހުރި ވަޒީފާއިން ދަށްވަޒީފާއަކަށް ބަދަލުވުމުން ނުވަތަ ވަޒީފާއިން ރިޓަޔަރ ވުމުން ނުވަތަ ކުރަމުންއައި މަސައްކަތެއް ހުއްޓި ވަޒީފާ ގެއްލުމަކީ ކޮންމެ މީހަކުވެސް ދިރިއުޅުމުގައި އެންމެ ކަންބޮޑުވާވާ އެއް ތަޖުރިބާ އެވެ. އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ފާޅުކަން ބޮޑު މާލީ އުނދަގުލުގެ އިތުރުން ތިމާގެ މޫޑާއި އެހެންމީހުންނާއި އޮންނަ ގުޅުންތަކާއި ނަފްސާނީ އަދި ޖަޒުބާތީ ސިއްހަތަށްވެސް ވަޒީފާ ގެއްލުމުން ނިހާޔަތަށް އަސަރުކުރެއެވެ.
ވަޒީފާތަކަކީ ގިނަ ފަހަރަށް ހަމައެކަނި ފައިސާހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިންސާނެއްގެ ދިރިއުޅުމުގެ މުހިއްމު އެހެންކަންކަންވެސް ހިމެނޭ ކަމެކެވެ. އެގޮތުން އެއީ އޭނާގެ އަމިއްލަ ނަފްސު ދެކޭ ގޮތާއި، އެހެން މީހުން އެމީހަކާއިމެދު ދެކޭގޮތާއިމެދުވެސް ނުފޫޒު ފޯރުވާ ކަންކަމެވެ. އަދި އެއީ އިޖުތިމާޢީ ޙާއްސަކަމެއް ލިބުމުގެ އިތުރުން ދިރިއުޅުމުގެ މަޤްޞަދެއް ހިމެނޭ ކަމެއް ކަމުގައި ބެލެވޭކަމެކެވެ. ކުއްލިއަކަށް ވަޒީފާއިން ވަކިވެގެން ދިއުމަކީ މާޔޫސްކަމެއް ކުރިމަތިވެދާނެ ކަމެކެވެ. އަދި ތިމާގެ އައިޑެންޓިޓީއާ މެދު ސުވާލު އުފެދި މުސްތަގުބަލުގައި ވާނެ ގޮތަކާ މެދު ހާސްވެ ކަންބޮޑުވާނެކަމެކެވެ.
ވަޒީފާ ގެއްލުމުގެ ސްޓްރެސްއާ ކުރިމަތިލާންޖެހުމުން ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް އަމިއްލަ ނަފްސަށް ވިސްނައިދޭންވީ އެއީ ތިމާގެ ދިރިއުޅުމުގެ މައްޗަށް ކޮންޓްރޯލް ކުރެވޭނެ އިހުސާސެއްކަމަށެވެ.
ވަޒީފާ ނެތްކަމުގައިވިޔަސް ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިޙްތިރާމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވާނުލާ ދުވަހުން ދުވަހަށް ކުރެވޭނެ އެހެންކަމެއް ހޯދާށެވެ.މީގެ އިތުރުން ކޮންމެވެސް ބަޔަކާއިއެކު އެކުވެރިކަމާއިއެކު މަސައްކަތެއް ހޯދާ އިޖްތިމާއީ ނެޓްވޯކެއް ގާއިމްކުރެވޭތޯ ބަލާށެވެ.
އެކިމީހުން ވަޒީފާގެއްލުމުން ހިތާމަކުރަނީ އެކިގޮތްގޮތަށް ކަމަށްވީއިރު ވަޒީފާ ގެއްލުމުން ސިއްހަތަށް ގެއްލުންވާވަރަށް ހިތާމައިގެ އަމަލުތައް ނުބަހައްޓާށެވެ. މަސައްކަތެއް ނުކޮށްހުރުމުން ސިނގިރޭޓްބުއިން ނުވަތަ ޖަންކް ފުޑް ގިނައިން ކެއުން ފަދަ އާދަތަކަށް މީހާ ހުށަހެޅޭއިރު މިކަންކަމުން ދުރުވެވޭތޯ މަސައްކަތް ކުރާށެވެ.
އަމިއްލައަށް އެޑްޖަސްޓްވާން ވަގުތު ދޭށެވެ. ވަޒީފާ ގެއްލުމުން ހިތާމަކޮށް ވަޒީފާނެތް ހާލަތަށް އެޑްޖަސްޓް ވުމަކީ ވަގުތު ނަގާނެ ކަމެކެވެ. ތިމާއަށް އިޙްސާސް ކުރެވޭ އެއްޗެއް ވިސްނައި އެކަމަށް ވަގުތުދީ ނޭދެވޭ އިޙްސާސްތައް ވެސް ފާއިތުވާން ދޫކޮށްލާށެވެ.
ތިމާގެ އިޙްސާސްތަކުގެ ވާހަކަ ލިޔެލާށެވެ. ވަޒީފާއިން ވަކިވުމުން ނުވަތަ ވަޒީފާ ނެތިގެން އުޅޭ ކަމުގެ އިހުސާސް ކުރެވޭ ހުރިހާ ކަމެއް ފާޅުކޮށްލާށެވެ. ހަގީގަތް ގަބޫލުކުރާށެވެ. ވަޒީފާ ގެއްލުމާއި ވަޒީފާ ނެތުމަކީ ކިހާ އުނދަގޫ ކަމެއްކަން ގަބޫލުކުރުން މުހިންމު ނަމަވެސް، އެ ހާލަތު ގަބޫލުކުރަން މަސައްކަތް ކުރާށެވެ. އެކަން ކުރިވަރަކަށް ދިރިއުޅުމުގެ ދެން އޮތް މަރުހަލާއަށް ކުރިއަށް ދެވޭނެއެވެ.
އަމިއްލަ ނަފްސު ފަރުވާކުޑަކުރުމުން ދުރުހެލިވާށެވެ. ވަޒީފާއެއް ނެތް އިރު އަމިއްލަ ނަފްސަށް ފާޑުކިޔަން ނުވަތަ ކުށްވެރި ކުރަން ފެށުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އަމިއްލަ ނަފްސު ދަށްކޮށްލުމުން ދުރުހެލިވުން މުހިންމެވެ. އާ ވަޒީފާއެއް ހޯދަން އުޅޭއިރު ތިމާގެ އަމިއްލަ އިތުބާރު އޭގެ ޒާތުގައި ދެމިއޮތުމަށް ބޭނުންވާނެ އެވެ.
ވަޒީފާ ގެއްލުމަކީ ވަގުތީ ގޮތުން ކުރިމަތިވާ ނާކާމިޔާބީއެއްގެ ގޮތުގައި ވިސްނާށެވެ. ގިނަ ކާމިޔާބު މީހުންނަކީ ކެރިއަރުގައި ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވި މީހުންނެވެ. ވީމާ އެމީހުންގެ ތަޖުރިބާއިން ކަންކަން ދަސްކޮށް، އަލުން މަސައްކަތްކުރާށެވެ. ތިބާއަށްވެސް އެކަން ކުރެވިދާނެއެވެ.
