ވާހަކަ: ގެއްލުނު ދުނިޔެ (37)

(11 ޖުލައި 2024 ގެ ނޫހާއި ގުޅޭ)

ޕްރެސް އާއި ނިއުސް އެޖެންސީ އިން ތީޖު ސިންގ ގެ މި އަސަރުން ފުރިފައިވާ ހަގީގަތް ހާމަ ކޮށްދެވިފައިވާ ބަޔާންތަކަށް އެބައިމީހުންގެ ކޮލަމްތަކާއި ސަފުހާތަކުން ތަންދިނެވެ. އަދި މައިޒާންތަކާއި މަހެފިލްތަކަށް ދާންދެން ތީޖު

ސިންގު ހާމަކޮށްފައިވާ ނުކުތާތަކާއި ބެހޭ ގޮތުން ބަހުސް ކުރިއެވެ. ސަރުކާރަށް ފާޑު ކިޔެވެ.

ތީޖު ސިންގާމެދު ނިކަމެތިކަމާއި ފޫހިކަމުގެ ޖަޒުބާތުތައް ފޮރުވައިގެން ތިބި ހިތްތައް ވެސް، މިހާރު އޭނާ އާ އެއްބަސްވެއްޖެއެވެ. އެބައިމީހުން، އޭނާ ދައްކައިފައިވާ ވާހަކަތަކުގެ މައްޗަށް ފުރިހަމަ ސަމާލުކަން ދިނެވެ.

ދެން އަނެއް ދުވަހު ސަރިއަތުގެ ކުރިމަތީގައި މިނިކާވަގެއް ހެން ހަޅޭއްލަވަމުން އޭނާ ގެންދިޔައެވެ.

އޭނާ ބުނެއެވެ….

“ސަރުކާރުގެ މެޝީނަރީ އުނީ، ވިޔާނުދަނީ. ހައްގާއި އިންޞާފު ކުރިމަތީގައި ބާއްވައިގެން ހެޔޮ ނިޔަތާއި އީމާންތެރިކަމާ އެކު ކަމެއް ހިންގެމުން ދަނީ ކޮންތަނެއްގައި؟”

އޭނާ ބާރުލައިފައި ބުންޏެވެ.

“ގާނޫނު ހައްދަވަނީ ތިޔަ ބޭފުޅުން. ގާނޫނު ރައްކާތެރިކުރައްވާންވީ ބޭފުޅުން ޚުދް ގާނޫނާއި ކުޅުއްވަނީ. އަޅުގަނޑު އޭގެ ދެތިން މިސާލެއް ދަންނަވާނަން. ރާ މަނާ ކުރުމުގެ ގާނޫނު ފާސް ކުރެވުނު ހިނދު، އޭގެ ނަތީޖާއަކަށްވީ ތަންތަންކޮޅުގައި ރާ ވިއްކާ ތަންތަން ހުޅުވުން. ވިޔާނުދާ ނުލަފާ މީހުންގެ ގެދޮރު ރަނާއި ރިހިން ފުރިގެންދިއުން.

އެހެން އެވީ ކީއްވެގެންތޯ؟ އެހެންވަމުން އެދަނީ ކީއްވެގެންތޯ؟ މިގޮތް މަނިކުފާނު، މަނިކުފާނުގެ ގާނޫނަށް ރައްކާތެރިވާ މީހުން ކުރެން އައްސަވައިގެން އޭގެ ޖަވާބު ހޯއްދަވާ. އާދެ! އޭރުން މަނިކުފާނަށް ހަގީގަތް ހާމަވެ ވަޑައިގަންނަވާނެ…

ނުލަފާ ބަޔަކު މަޖާ ކުރަމުން ގެންދިޔައީ. ތައުލީމު ހާސިލް ކޮށްގެން މިޑްލް ކުލާހާ ހަމަޔަށް ގޮސްގެން ވެސް ރާވިއްކާ ތަންތަން ނުހުޅުވާ ގާނޫނަށް ހުރުމަތްތެރިކޮށް ހިތިހާ ބަޔެއް މަރުވެ ފަނާވަމުން ދިޔައީ. މަނިކުފާނުމެންގެ ގާނޫނު ހަނޑޫ ކޮންޓްރޯލު ކޮށްފި. އެއާއެކު ވަގު ވިޔަފާރި ކުރާ މީހުންގެ ގުދަންތައް ފުރެމުން ދިޔައީ ހަނޑުލުން. އާއްމުން އަދި އިހަށް ވުރެ ވެސް ބޮޑަށް ދިޔައީ އޮރިޔާންވަމުން. ބަނޑަށް ހާންތިވަމުން. އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ވަގުވިޔަފާރި ކުރިއަރަމުން. އެއީ ކީއްވެގެންތޯ…؟ ގާނޫނަށް ރައްކައުތެރިވާ މީހުން ލޯމަރާލައިގެން ތިބޭނީ ކޯންޗެއް ކައިގެން. މިގޮތް ފަހަރެއްގައި ވެސް މަނިކުފާނު ވިސްނަވާވަޑައިގެންނެވީމުތޯ؟”

ތީޖު ސިންގު ދެގަޑިއިރު ވަންދެން ގާނޫނުގެ ފަތިފުށް ހާމަ ކުރަމުން އޭގެ ހެކިތައް ސާބިތު ކުރަމުން ގެންދިޔައެވެ.

ސަރިއަތް އަނެއް ދުވަހަށް ލަސް ކުރެވިއްޖެއެވެ.

ތީޖު ސިންގު އަނެއް ދުވަހު ވާހަކަދައްކަން ފެށިއެވެ.

“އަޅުގަނޑަށް މުދާވެރިއެއްގެ ގެއިން، ޕްރައިވެޓު ސެކެއްޓެރީއެއްގެ ނޯކިރީ ލިބިއްޖެ. އަޅުގަނޑުގެ ހިތުގެ މާފޮޅިގެން ހިނގައްޖެ. އަޅުގަނޑު ރެއާ ދުވާލު އޭނާއަށް ޓަކައި މަސައްކަތް ކުރަމުން ގެންދިޔައިން. ރިޔާސަތުގެ ތަގުރީރުތައް ލިޔަމުން ގެންދިޔައިން. އަޅުގަނޑުގެ އެ ތަގުރީރުތައް ލިޔެވެމުން ދިޔައީ އޭނާގެ ނަމުގައި. ހުރިހާ ތާރީފެއް ލިބެމުން ދިޔައީ އޭނާއަށް. އަދި ތަސްވީރުތަކާއި މި އެޑްރެސްތައް ނޫހުގައި ޗާޕުވަމުން ދިޔައީވެސް އޭނާގެ ނަމުގައި….”

ދެން ތީޖު ސިންގު އޭނާގެ އާސާމީ ބުޅާ ދަރިފުޅުގެ ވާހަކަ ފެށީމާ ހައިކޯޓުގެ މައްޗަށް ހަމަހިމޭންކަން ފެތުރިގެން ދިޔައެވެ. ކޮންމެ އިއްޒަތްތެރިއެއްގެ ހިތުގައި ވަރުގަދަ އެތިފަހަރުތަކެއް އެޅެމުން ދިޔައެވެ.

ދެން އޭނާ ބުންޏެވެ.

“މާތް މަނިކުފާނުއެވެ! ނިކަން އިންސާފުން ވިދާޅުވެ ބައްލަވާށެވެ. އިންސާނެއްގެ ދަރިއަކު ބުޅަލެއްގެ ބަލި ހާލުގެ މައްޗަށް ގުރުބާން ވެގެން ދާހިނދެއްގައި، އެމީހަކަށް ވާނީ ކިހިނެއްތޯ؟ ފަހެ އެފަދަ ދަނޑިވަޅެއްގައި އޭނާގެ ހިތާއި އޭނާގެ ސިކުނޑި އާއި އޭނާގެ ޒަމީރު އޭނާގެ ބާރުގެ ދަށުގައި އޮވެދާނެތޯ….؟”

ސަރިއަތުގެ މަޖްލިސް އަނެއްކާ ވެސް ރޫޅާލެވިއްޖެއެވެ.

މިހާރު މީސްތަކުންގެ ހިތްތަކުގައި ތީޖު ސިންގު ގެ އިއްޒަތާއި އޭނާގެ ގަދަރު އުފުލިގެން ހިނގައްޖެއެވެ.

އަނެއް ރޭ ދީޕު މަޑުމަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ ހައްޔަރުކޮށްފައި ހުރި ކޮޓަރީގެ ކައިރިއަށް ހިނގައްޖެއެވެ. އޭނާ ގޮސް ތަޅުގައި އަތްޖައްސާލައިފައި، އޭނާގެ ޖީބުން ތަޅުދަނޑި ހަމަ ނެގުމާ އެކު ތީޖު ސިންގު އެތެރޭން އެތަޅުގައި ހިފައިފިއެވެ…. އޭނާ ބޯހަލުވައިލިއެވެ.

“ތިޔަހެން ނޫޅޭ ކަލޭ….”

“އަހަރެން ކަލޭ އެއްގޮތަކަށް ވެސް ތިޔަހެން ހެދިޔަކަ ނުދޭނަން. ކަލޭ ކަލޭގެ ފަރުޟު ހަނދާން ކުރޭ!. . އަދި ކަލޭގެ ފަރުޟު އަދާކުރޭ….”

ދީޕު އެދިމާއަށް ތިރިވެއްޖެއެވެ. އޭނާ ރޯން ފެށިއެވެ. އަދި އޭނާ އެދިމާ ބިންމަތީގައި އިށީނދެފައި، އޭނާގެ ބައްޕަގެ ފައިގައި ހިފިއެވެ.

“ބައްޕާ! ބައްޕައެއްގެ ފަރުޟު ދަރިފުޅަށް ޓަކައި އަދާކޮށްދީފީމު. ދެން މިހާރު ދަރިފުޅެއް އޭނާގެ ފަރުޟުން އެއްކިބާ ކުރައްވަން ނޫޅުއްވާ…”

“ކަލެއަށް ތިޔަ ގޯސް ވާހަކަ ބުނެދިނީ ކާކު…؟”

“އަޅުގަނޑަށް ތިޔަ ވަރަށް އަނިޔާ ދެއްވަން ނަހައްދަވާ….” ދީޕު ތީޖު ސިންގުގެ ފައިތިލަ ކަރުނައިން ތެންމާލައިފައި ބުންޏެވެ.

“އަޅުގަނޑަށް ބައްޕަ، ބައްޕަގެ ދަރިފުޅާއޭ ގޮވާ ނުލައްވާ ތިޔަ ހިތުގައި ޖައްސަވަނީ ވަރަށް ވެސް ބޮޑަށް…”

ދީޕުގެ މި ލަފުޒުތައް ތީރެއް ކުރަފަތެއް ހެން ތީޖު ސިންގު ގެ މެޔަށް ހެރިގެން ހިނގައްޖެއެވެ. އޭނާ ދަގަނޑު ތޭރިތަކުގެ ތެރޭން އޭނާގެ ދެއަތް ބޭރަށް ނެރެފައި ދީޕު އޭނާގެ މޭގައި ޖައްސާލަން ގަސްދު ކުރިއެވެ.

“އަހަރެންގެ މިއޮތް ފަދަ ގުރުބާނީ ތިޔަހެން ނަގާލަން ނަހަދާ. ދަރިފުޅާ.” އޭނާ ކަރުތެރެ ފުރިފައިވާ އަޑަކުން ބުންޏެވެ.

“މިކަޅު ކޮޓަރިއާ ހަމައަށް ޚުދު އަހަރެންގެ ދެފައިން ހިނގައިފައި މިއައީ ހަމައެކަނި ދަރިފުޅުގެ މުސްތަގުބަލް އަލިކޮށް އުޖާލާ ކޮށްދިނުމަށް ޓަކައި. ދަންޖައްސާ މަޅިގަނޑަށް ބޯ ބޭނުމުން ވެސް އަހަންނަށް ދަރިފުޅަށް ޓަކައި އެއްވެސް ކަމެއް ކޮށް ނުދެވުނު ނަމަ މިއީ ދެން ކޮން ފައިދާއެއް ހުރި ކަމެއް….” އޭނާ ދީޕަށް ނަސޭހަތް ދިނެވެ.

“ދަރިފުޅު ދަރިފުޅުގެ ފަރުޟު އަދާ ނުކޮށް ތިޔަ ހަދަނީ ވަރަށް ވެސް ބޮޑު މޮޔައެއް. ގާނޫނުގައި ހިފަހައްޓާ. އަދި ކީއް. އަހަންނަށް ޓަކައި އެކަށައެޅޭ ގާނޫނުގެ ނިޔާއަކަށް އިންތިޒާރު ކުރޭ.”

ދީޕު އޭނާގެ ބައްޕަ ދޫކޮށްލަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ މި އެދުމެއް ބައްޕަ ގަބޫލެއް ނުކުރިއެވެ. ބައްޕަ އޭނާއަށް މަޝްވަރާ ދިނީ، އޭނާ ބެލެހެއްޓުން ކޮންމެވެސް އެހެން މީހަކަށް ދިނުމަށެވެ.

އެއީ އެބާވަތުގެ ޚިޔާލެއް، ދެން ފަހަރެއްގައި ވެސް ނުއުފެއްދުމަށް ޓަކައެވެ.

ދެން ދީޕު އެހެން ހެދީއެވެ. ތީޖު ސިންގުގެ ކަސްޓަޑީ ގެ އިންޗާރޖް އެހެން އިނިސްޕެކްޓަރަކާއި ހަވާލު ކޮށްފިއެވެ. މިގޮތުން އޭނާގެ ހިތާއި ސިކުނޑީގައި އުފެދެމުންދާ ވަރުގަދަ ހައިޖާނުން ސަލާމަތް ވެއްޖެއެވެ.

އަނެއް ދުވަހު ތީޖު ސިންގު ސަރިއަތުގެ މަޖުލިހަށް ކުރިމައްޗަށް ހާޒިރު ކުރެވުނުއިރު، އޭނާ ވަނީ ދީޕުގެއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެހެން ކޮންމެވެސް މީހެއްގެ ބެލުމުގެ ދަށުގައެވެ.

އޭނާ ސަރިއަތުގެ މަޖުލިހާ އަނެއްކާ ވެސް މުޚާތަބު ކުރިއެވެ. އެންމެ ފުރަތަމަ އޭނާގެ ކަންތައް ހިނގާފައި އޮތް ގޮތް ކިޔައިދިނީއެވެ. ދެން ސާފު ބަހުން ބުންޏެވެ.

“އަޅުގަނޑުގެ ހިތާއި ސިކުނޑި އަޅުގަނޑު މި އުނދަގޫތަކުގެ ތެރެއަށް ވައްޓާލައިގެން މި ހިނގުނީ ވަރަށް ވެސް ކުށް މަގަކުން ކަން އަޅުގަނޑު ދެނަހުރިން. އަޅުގަނޑަށް ހިނގުނު މަގު ނުބައޭ އަޅުގަނޑަށް ދެންނެވުނީ އަޅުގަނޑު ޑާކޫ އަކަށް ވެގެން މުޅި ގައުމުގެ ހުރިހާ ތަދަކަށް ބޭސް ނުކުރެވުނީތީ. އަދުވެސް އެގޮތަށް އެތައް ހާސް އެތައް ލައްކަ ނޯތޭޖެއް ދެއިރުވަރު ކާލާނެ އެތިކޮޅެއް ހޯދުމުގައި ބިކަ ހާލުގައި ތެޅިތެޅި އެބަތިބި. އަދި މިއަދުވެސް ހަމަ އިހެކޭ ވެސް އެއްގޮތަށް އާސާމީ ބުޅާތަކާއި ވިލާތުގެ ކުއްތާތައް ހަމަ އެގޮތަށް ކައިބޮއި މަޖާ ނަގަމުން އެބަދޭ. އަދުވެސް މައުސޫމު އެތައް ލޮޓަސްމާތަކެއް އިހެކޭ ވެސް އެއްގޮތަށް ބަނޑުހައި ކަމުގައި ބަލިވެ ހާލެއް ނެތިގެން ތިބެ ފުރާނަ

ދޫކުރަމުން އެބަގެންދޭ. ހަމަ އިހެކޭ ވެސް އެއްގޮތަށް މިއަދުވެސް އިންސާނުންގެ އަގަކީ، އެއްވެސް އެއްޗެއް ނޫން.

އަދުވެސް ކަންތައް ހުރީ އަޅުގަނޑު ތީޖު ސިންގަކަށް ނުވެ ނޯތޭޖަކަށް ހުރިއިރު ވެސް ކަންތައް ހަމަ ހުރި ގޮތަށް.

“ކުށްވެރިންނަށް ހަމައެކަނި އަދަބު ދީ ދަންޖައްސާ ހަދާހާ ދުވަހަކު މިހިރަ ކަންތައްތައް މިގޮތަށް ދެމި އޮންނާނެ.

އާދެ! ކުށް ކުރެވެނީ ކީއްވެގެންތޯ އާ މީސްތަކުން ކުށްވެރިންނަށް ވަމުންދަނީ ކީއްވެގެންތޯ ނުފިލުވޭހާ ހިނދަކު މިނޫން އެއްވެސް ގޮތެއް ނުވާނެ.”

އޭނާ ޖަޖް އާ މުޚާތަބު ކުރިއެވެ.

“މަނިކުފާނު މިހާރު ދަންޖައްސަން ނިޔާކަނޑައަޅުއްވައަޅުއްވާ މުސްކުޅިވެއްޖެނޫންތޯ…މަނިކުފާނު ފަދައިން އަދިވެސް އެތައް ބަޔަކު ތިޔަ ގޮނޑީގައި އިށީނދެގެން މުސްކުޅިވަމުންދާނެ…ތިޔަ ގޮތަށް އެތައް ގަރުނެއް ވޭތިވެގެން ހިނގައިދާނެ. ނަމަވެސް ދުނިޔޭގެ ނިޒާމު ބަދަލުކޮށްލެވިގެން މެނުވީ ތިޔަ ކުޅިވަރެއް ނުހުއްޓޭނެ.”

އޭނާ އަޑުގެ ކޮޅަށް ބުނެލިއެވެ.

“ގާނޫނު ހަމައެކަނި އަދަބު ދީގެން ނިޔާ އިއްވަނީ ކީއްވެގެންތޯ؟ އޮރިޔާމުން ހުރި މީހަކު ނުބެހެއްޓޭތޯ. ބަނޑުހައިވެގެން އޮވެ މީހަކަށް ނިދަން ނުޖެހޭތޯ. އެއްވެސް މީހެއްގެ ދަރިއެއް ބަނޑުހައިވެގެން ހާލެއް ނެތިގެން އޮވެ މަރުނުވެވޭތޯ ތިޔަ ބޭފުޅުންގެ ގާނޫނު މަސައްކަތް ނުކުރަނީ ކީއްވެގެންތޯ. އެގާނޫނު ޢިސްމަތްތެރިންނަށް ރައްކާތެރި ނުވަނީ ކީއްވެގެންތޯ؟ އެ ގާނޫނުން ޒުވާންކަން ބާޒާރުމަތީގައި ފޭރުނަދެނީ ކީއްވެގެންތޯ؟ ޢިސްމަތްތެރިކަން ވިއްކާ މީހުންނަށް ލައިސަން ދޫކުރަނީ ކީއްވެގެންތޯ…؟

“އެންމެ ރަނގަޅު. ތިޔަ ބޭފުޅުންގެ ގާނޫނަކީ ކޮބައިތޯ؟ ގަންނާކުރައްވާ ލަދުން އިސް އުފުލައިލަން ނުކެރޭ. ފާޅުގައި ޒިނޭއަށް ހުކުން ކުރާ ތިޔަ ގާނޫނު ދެކެ ތިޔަ ބޭފުޅުންނަށް ލަދުވެތިވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ.

“މަނިކުފާނު އެންމެ ފުރަތމަ އާއްމުންނަށް ކާބޯތަކެއްޗާއި ފޭރާމުގެ އިންތިޒާމް ކޮށްދެއްވަ ބައްލަވާ! އޭރުން މިކަހަލަ ކޯޓުތައް ފަޅުނުވެ ހުރޭތޯ ބައްލަވާ ބައްލަވާ.”

“ހައިބަނޑުން އުފެދޭނީ ހައްތަހާވެސް ކުށް. ބޯހިޔާ ކޮށްލަން ނުލިބޭ ތަންތަނުން އުފެދޭނީ ހައްތަހާ ވެސް ވަގުންނާއި ފޭރޭ މީހުން. ބަލިތަކުގެ ފަނިތަކަށް ބޭސް ނުކުރެވެންޏާ، ޖަރާސީމުތައް ބޮޑުވަމުން ގޮސް އެންމެ ފަހުން ޖަމާތާއި ސޮސައިޓީގެ ހަށިގަނޑަށް ޖުޒާމް ބަލި ޖެހިދާނެ. ދެން އެ ޖުޒާމަށް ބޭސް ކުރެވޭނީ ހަސްފަތާލުތަކަކުން ނޫން. އަދި ކީއް. ޖަލުޚާނާތަކަށް ގޮސްގެން.

“ރަނގަޅަށް ހަނދުމަފުޅު ކުރައްވާ. މަނިކުފާނުމެންގެ ޖަލުތައް ކުށްވެރިން ކުރަނީ އަކީ އިސްލާހެއް ނޫން. އަދި ކީއް. ކުށްވެރިން ކުރަނީ ތަރައްގީ. ޖަލަށް އަންނަހާ ބަޔެއް ނުލަފާ މީހުންނަށް ކުށްވެރިންނަށް ހަދަހަދައިފައި ބޭރަށް ފޮނުއްވަނީ. އެއީ ބޭރަށް ނުކުމެގެން އިހަށް ވުރެން ވެސް ބޮޑަށް ކުށް ކޮށްގެން އަނެއްކާ ވެސް އެތަނަށް އެނބުރި އަންނަން. އަދި މި އޮއިވަރު މިގޮތަށް އަބަދު ހިންގަން.

“ކުށްތަކުގެ ސަޒާއަށް އައު ގާނޫނުތައް ނުހައްދަވާ އަދި ކީއްތޯ ކުށް އުފެދެނީ ކޮންތަނެއްގައި ކިހިނެއް ވެގެންކަން ފުރަތަމަ ހޯއްދަވާ އެއަށްފަހު، އެ ކޮންތަނެއްގައްޔާއި ކީއްވެގެންކަމުގެ ބޭސް ކުރައްވާ. އޭރުން މަނިކުފާނަށް އައު ގާނޫނުތަކާއި ގަވާއިދުތަކެއް ހައްދަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ.”

ތީޖު ސިންގު ވާހަކަދައްކަމުން ގެންދެއެވެ. ސަރިއަތުގެ މަޖުލިހަށް އޮތީ ހަމަހިމޭންކަން ފެތުރިފައެވެ. އާދެ! ތީޖު ސިންގުގެ ވާހަކަދައްކަދައްކާ އޮއްވާ ވެސް މީސްތަކުންގެ ހިތުގެ ތެޅުމުގެ އަޑު އިވޭހާވެސް ހަމަހިމޭންކަން ފެތުރިފައެވެ.

ސަރިއަތުގެ މަޖުލިސް އަނެއްކާ ވެސް ރޫޅާލެވިއްޖެއެވެ. އަނެއް ދުވަހުގެ ނޫސްތަކުގައި ޝާއިއު ކުރެވުނު ބަޔާންތައް ދެކެފައި ގާނޫނަށް ވެސް ކާލިއަޅާލަން ޖެހުނެވެ. އެބަޔާންތަކުގެ ސަރިއަތް ނިންމަން އިންތިހާ ދަރަޖައަށް ދަތިވި މިއީ އެންމެ ފުރަތަމަ ފަހަރު ކަމުގައި ވެއްޖެއެވެ. ތީޖު ސިންގުގެ ނަސީބުގެ ނިޔާ ކަނޑައަޅާނީ ކިހިނެއްތޯ އެންމެންވެސް ވިސްނާން ޖެހިއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *