މުޅި ދިވެހިރާއްޖެ މިއަދު އޮތީ ސިޔާސީ ވެފައެވެ. ސިޔާސީ ބޭފުޅުންގެ މަސައްކަތުންނެވެ. ކޮންމެ މީހެއްގެ ގާތުގައި ވެސް މިއަދު އެންމެ ހިގަނީ، އެމީހެއްްގެ ސިޔާސީ ޕާރޓީ އެވެ. ސިޔާސީ ލީޑަރެވެ. ތެދުބުންޏަސް ދޮގުހެދިޔަސް މިއަދު އެވަރެއް ނެތެވެ. ހެޔޮކަމެއް ކުރިޔަސް ޚިޔާނާތްތެރިވިޔަސް ހަމަ މިވަރެވެ. އަނބި ދަރިންވެސް އަންނަނީ އަމިއްލަ ސިޔާސީޕާރޓީ އާއި ސިޔާސީ ލީޑަރުގެ ފަހަތަށެވެ. ބައެއްގެ ހިތުގައި ކަމަކަށް ލޯބި އުފެދޭނީ މިހާކަށް ވަރަށެވެ. އެހެންނަމަވެސް ރައްޔިތުން ޤަބޫލުކުރާ އެއް އުޞޫލެއް އޮވެއެވެ. އެއީ ކޮންމެ މީހެއްގެ ޕާރޓީއަކީ، ނުވަތަ ލީޑަރަކީ، އެހެން މީހުންވެސް ޤަބޫލުކުރާ ރިވެތި އަޚްލާޤެއް އުޞޫލުތަކެއް ޤަބޫލުކުރާ ދަމަހައްޓައިދޭ ބަޔަކަށް ކޮންމެ މީހެެއްގެވެސް ލީޑަރ ނުވަތަ ޕާރޓީ ވުމެވެ.
ސިޔާސީ ޕާރޓީތަކަކީ، ޚާއްޞަކޮށް، ރިޔާސީ އިންތިޚާބު ކާމިޔަބުކުރުމަށް ވާދަކުރާޕާރޓީ ތަކަކީ އަދި ލީޑަރުންނަކީ، ކާމިޔާބު ވިޔަސް އަދި ނުވިޔަސް ޤައުމުގެ މަޞްލަހަތު ރައްކައުތެރިކޮށް، މާތްވެގެންވާ އިސްލާމް ދީނާއި ޤާނޫނު އަސާސީ ޙިމާޔަތްކޮށް، ޤަވާޢިދުތަކާއި ރިވެތި އުޞޫލުތައް ޤައުމުގައި ދެމެހެއްޓުމުގައި ރައްޔިތުންނަށް ރިވެތި ނަމޫނާއަކަށް ވާންޖެހޭ މީހުންނެވެ. ބޭފުޅުންނެވެ. މިއީ ޕާރޓީއަށް، ލިޑަރަށް ތާއީދުކުރާ ކޮންމެ ރައްޔިތަކުވެސް އެދޭނެ ގޮތެވެ.
ސިޔާސީ ޕާރޓީތަކަށް ރައްޔިތުންގެ ތާއީދު އޮންނަ ގޮތަށްބަލާއިރު، ޢާއިލާތައްވެސް މި އޮންނަނީ ޕާރޓީއާއި ލީޑަރުންގެ މެދުގައި ބެހިފައެވެ. ފިރިމީހާއާއި އަންހެނުންވެސް ދެޕާރޓީގައެވެ. ދަރިންވެސް އެކި ދަރިން އެކި ޕާރޓީގައެވެ. އާދައިގެ ގޮތަކަށްވެސް ނޫނެވެ. މިއަދު ބައެއް ޢާއިލާ ތަކަށް ހަމަޖެހުމެއް ނުލިބުމުގެ އަޞްލަކީވެސް، ޢާއިލާގެ ތެރޭގައި ޕާރޓީގެ ލޯބި، ލީޑަރގެ ލޯބި އިމުން ބޭރުވެފައި ވުމެވެ. ޗެނެލް އެއް ބެއްޔަސް ކޮންމެ މީހަކުވެސް ބަލަން ބޭނުންވަނީ، އެމީހަކު ލޯބިކުރާ ޕާރޓީއެއް ގެ މެމްބަރެއް، ލީޑަރެއްގެ މޮޅުވާހަކައެއް އިވޭ ޗެނެލް އެކެވެ.
ކުރުގޮތަކަށް މިދަންނަވާ ލެވުނީ، ޤައުމުގައި މިއަދު ސިޔާސީޕާރޓީތަކާއި ލީޑަރުންގެ ނުފޫޒު ޤައުމު ތަމްސީލު ކުރާ މިންވަރެވެ. ސިޔާސީ ޕާރޓީ ތަކުންނާއި ލީޑަރުން މިއަދު ބައްލަވަންވީކީ ރައްޔިތުންގެ ނާޖާއިޒް ފައިދާއެއް ނުވަތަ ހަމްދަރުދީ އެއް ލިބިގަތުމަކަށް ނޫނެވެ.
ތެދުބަހުން ރައްޔިތުންނަށް ކަންކަން ހާމަކޮށްދެއްވުމަށެވެ. ޙަޤީޤަތުގެ މައްޗަށް ވާހަކަ ދެއްކެވުމަށެވެ. ވާހަކައެއް ރައްޔިތުންނަށް ހާމަކޮށްދެއްވާނަމަ، އެކަމެއް ހާމަކުރައްވާ ދޫކޮށްލެއްވުމުގެ ބަދަލުގައި، އެހެން އެކަން ދަންނަވާލަން ޖެހުނު ސަބަބުވެސް ހާމަކުރެއްވުމަށެވެ. ސިޔާސީ ކޯޅުންތަކުގައިވެސް އަޚްލާޤީ މިންގަނޑުތަކެއް ހިފަހައްޓަވަން އެބަޖެހިލައްވައެވެ. ޝަޚްޞިއްޔަތާއި އަބުރަށްވެސް ވިސްނަވާ ލެއްވުމާއި އެކު، ާލުގައެވެ. ތިމާއާށް ރައްޔިތުން ދީފައިވާ ޤަދަރާއި އިހްތިރާމަކީ، ސިޔާސީ މައިދާނުގައި ލިބޭނެ އެންމެބޮޑު ރައުސުލްމާލު ކަމުގެ ހަނދާން ނައްތަވާ ނުލައްވާށެވެ. ސިޔާސީ ކުރިމަގު އޮތީ މިދެންނެވި ރައުސުލްމާލުގައެވެ.
