ކުރިޔަށް އޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް، ސިޔާސީ ޕާރޓީ ތަކުން ކުރިމަތިލާއިރު، ތިމާމެންނަށް ކުރެވޭނެ ކަންތައް ތައްތަކުގެ މައްޗަށް އިޚްލާޞްތެރި ކަމާއި ރޭވުންތެރި ކަމާއިއެކު، މުޅި ޤައުމުގެ ކުރިމަގަށް ތައްޔާރު ކުރެވިފައިވާ ރައްޔިތުންނަށް ޤަަބޫލުކުރެވޭ ފެންވަރުގެ މެނިފެސްޓޯއެއް ހުަށަހަޅާބަޔަކަށް ސިޔާސީ ޕާރޓީ ތައް ވާން އެބަޖެހެއެވެ.
ރައްޔިތުން ނުހަނު ލޯތްބާއިއެކު ހޮވާ ވެރިން، ހޮވުމުން، އެމީހުން ހެދީ ދޮގުކަމާ ރައްޔިތުން ގުބޯ ހެއްދީކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ޤަބޫލުކުރުމަކީ، ޤައުމުގެ ކުރިމަގަށް ޖެހޭ ނުރައްކާތެރި ރަނގަބީލެކެވެ. ދިވެހިރާއްޖޭގެ މިއަދުގެ ރައްޔިތުންނަކީ، ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް، ޢިލްމީގޮތުން ލޯހުޅުވިފައިވާ، ތަހުޒީބު ރައްޔިތެކެވެ. މިކަންވެސް ސިޔާސީ ލީޑަރުން ހަނދާން ނެތިގެން ދާކަމަުގެ އިޙްސާސް ރައްޔިތުން އެބަކުރެއެވެ.
ކުރިޔަށް އޮތް 5 އަހަރަށް ވެރިކަމަށް އަންނަން މަސައްކަތް ކުރާ ކޮންމެ ޕާރޓީ އަކުންވެސް މި ނުރައްކާތެރި ރަނގަބީލުގެ އަޑު ކަނޑުވާލަން އެބަޖެހެއެވެ. "އަމާބުނާތީ ފަރަށްދާ" ބީދައިން ، މެނިފެސްޓޯ ހަދައިގެން ، ދޫހެލުވޭތީ ރައްޔިތުންނަށް ހުވަފެން ދައްކައިގެން ، ވެރިކަމަށް އައުމަށް ސިޔާސީ ޕާރޓީތަކުން ގެންގުޅޭ "ޘަޤާފަތް" ދޫކޮށްލާ ޑިމޮކްރަސީ ގެ އުޞޫލުތަކަުގައި ހިފަހައްޓައިގެން ވެރިކަމަށް އަންނަ ޕާރޓީ ތަކަށް ވާން އެބަޖެހެއެވެ.
ވެރިކަން ހިންގުމަށް ކުރިމަތިލާ ސިޔާސީ ޕާރޓީ ތަކުގެ ވެރިން ހަދަނީ ދޮގުކަން، ދެއްކީ ފޮނި ހުވަފެންތަކެއް ކަން، މަސައްކަތް ކުރެވިފައި ވަނީ ރައްޔިތުން ގުބޯ ހައްދަންކަން މި އެނގެނީ ވެރިކަމަށް އަރާފަހުންނެވެ. ވެރިކަމަށް އައުމަށް ރައްޔިތުންގެ ކުރިމަތީގައި ދެއްކިވާހަކަތަކާ، ވެރިކަމަށް އައުމަށްފަހު ދައްކާ ވާހަކަ ތަކާ އުޑާބިމާހާ ތަފާތު ވުމުން ނެވެ. ކޮންމެ 5 އަހަރެއްހެން ޤައުމު އޮޔާ މިދަނީ މިޙާލަތުގައެވެ. މޫސުމަށް އަރާ ދޮންދޫނީގެ ޘަޤާފަތް ދޫކޮށްލާ، ޒިންމާދާރު ހަރުދަނާވެރިކަމެއް، ކޮށްދެން އަންނަ ބަޔަކަށް ވެގެން ވެރިކަމާ ކުރިމަތި ލާށެވެ. ޢާންމު ރައްޔިތެއްގެ ހައިޘިއްޔަތުން މިވާހަކަ ދަންނަވަން ވެސް ލަދުވެތި ވަމެވެ.
ސިޔާސީ ޕާރޓީ ތައްހިންގުމަށް ފައިސާ ދައުލަތުން ލިބެއެވެ. އެހެންނަމަވެސް ޕާރޓީ ތަކުން ޕާރޓީގެ ތަަރައްޤީ އަށް ކުރި ކަމެއްގެ ޚަބަރެއް، ކިޔާލާ އަޑެއް ނީވެއެވެ. އެ ލިބޭ އެކަށީގެންވާ ގިނަޢަދެއްގެ ފައިސާ ޚަރަދުކުރަނީ ކޮންކަމަކަށް ބާވައޭ ހިތަށް އަރާ އެތައްފަހަރެއް އާދެއެވެ. ފުރަތަމަ ޕާރޓީގެ ތެރެއިން ކުރާ ޚަރަދަށް ވާނުވާ ޕާރޓީގެ މެމްބަރުންނަށް ނޭނގޭއިރު އެޕާރޓީ އިން ވެރިކަމެއްގައި ކުރާ ޚަރަދެއް ރައްޔިތުންނަށް އެނގޭނެ ކަމަކަށް ނުފެނެއެވެ.
ސިޔާސީ ޕާރޓީ ތަކުން، ޕާރޓީ ތަކަށް ބޭނުންވާނެ މީހުން ، އުފައްދަން އެބަޖެހެއެވެ. ސިޔާސީ މީހުންނެވެ. ޕާރޓީގެ މަޤާމްތައް ފުރާނެ މީހުންނެވެ. ޤައުމީ މައްސަލަތައް ހައްލު ކޮށްދޭނެމީހުންނެވެ.
ސިޔާސީ ޕާރޓީތަކުގެ މެންބަރުންވެސް ގެންގުޅެންވީކީ، ހަމައެކަނި ސިޔާސީ މަޤާމަކަށް އައުމުގެ ވިސްނުމެއް ނޫނެވެ. ޕާރޓީގެ ތެރެއިން ވެސް ހޯދަން މަސައްކަތް ކުރަންވީ، ކިޔަވައިގެން ހަރުދަނާ ޕްރޮފެޝަނަލް މަސައްކަތެއް ޤައުމުގައި ކުރުމުގެ ވިސްނުމެވެ. އެއަށްފަހު، ޕްރޮފެޝަނަލް މަސައްކަތްތެރި އަކަށް ވެ ޕާރޓީ އަށް ހިތްވަރުދޭނެ ގޮތްތަކެއް ހޯދަންވީ އެވެ. ދެމެހެއްޓެނިވި ހަރުދަނާ ސިޔާސީ ޕާރޓީ ތަކެއް، އެންމެ ދުވަހަކަށް ނަމަވެސް، އަޅުގަނޑުވެސް ދެކެން ބޭނުމެވެ.
ކުރިޔަށް އޮތް 5 އަހަރަށް މިހާރުއްސުރެ ދުރާލާ ތައްޔާރުވެއްޖެނަމަ، ރައްޔިތުން ޤަބޫލުކުރާ މެނިފެސްޓޯއަކާއި އެކު، ސަރުކާރު ހިންގާނެ ޓީމެއް ރައްޔިތުންނަށް ދައްކައިގެން ޤައުމުގެވެރިކަމަށް ކޮންމެ ޕާރޓީ އަކަށް ވެސް އާދެވިދާނެއެވެ. އޭރުން އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ދެމާނަ ލާފައި ވާހަކަ ނުދައްކާ، ސާފުބަހުން ކަންކަން ހާމަކޮށްދޭ ބަހުގެ އިތުބާރުހުރި، ރައްޔިތުން ހެއްވާލާނެ ލީޑަރަކާއި ލީޑަރުގެ ހަރަކާތްތެރި ޓީމެކެވެ. ޕާރޓީ އެކެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީ ޤަތަކީ، އަމިއްލަ ޕާރޓީ ނުހިންގިގެން އުޅޭ ޕާރޓީ ތަކަކަށް، ސަރުކާރެއް ނުހިންގޭނެ ކަމެވެ. ކުރިޔަށް އޮތް 5 އަހަަރަށް ކުރިމަތި ލާންވީ، ޕާރޓީގެ ހަރުދަނާސިޔާސަތު، ރައްޔިތުނަންށް ދައްކުވައިދީފައެވެ

ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ފުރިހަމަ ލިޔުމެއް. ސިޔާސީ ޕާޓީތަކުގެ ވެރިން ތޮކަންކަމާ ވިސްނުން ވަރަށް މުހިއްމު. ޝުކުރިއްޔާ ޔޫރިމޫ
ޥަރަށް ފުރިހަމަ ލިޔުމެއް.