މިސްކިތްތަކަކީ، އަޅުގަނޑުމެންގެ ލޯތްބާއި އިޙްތިރާމް ލިބިގެންވާ ބިނާ ތަކެކެވެ.

ޔޫރިމޫންގެ ޤަލަމް 13: މިސްކިތްތަކުގެ ޕޮލިޓިކްސް

މިސްކިތްތަކަކީ، އަޅުގަނޑުމެންގެ އިސްލާމީ ދިގުތާރީޚްގައި، ޖަމާޢަތުގެ ނަމާދު ޤާއިމް ކުރެވޭ ﷲގެ ގެކޮޅުތަކެވެ. އަޅުގަނޑުމެންގެ ލޯތްބާއި އިޙްތިރާމް ލިބިގެންވާ ބިނާ ތަކެކެވެ. ގިނަ ދިވެހީން މިސްކިތްތަކަށް ދިއުމަށް ގެއިން ނުކުންނަ ހިސާބުން ފެށިގެން، ނަމާދު ކުރުމަށްފަހު މިސްކިތުން ފޭބުމަށް ދަންދެން، އިޚްތިޔާރު ކުރާނީ މަޑުމައިތިރިކަމާއި ހަމަހިމޭން ކަމެވެ. ޚުޝޫޢަތްތެރި ކަމެވެ. މިއީ ދިވެހީންގެ ޒަމާންވީ އާދައެވެ.

މިސްކިތްތަކުގައި ވާހަދައްކާ ނޫޅެއެވެ. ބޭކާރު ކަންތައް ތަކެއް ނުކުރެއެވެ. އެކަކު އަނެކަކަށް ބަލާލެވޭވަގުތު ހިނިތުން ވުމެއްވެސް ގެންނާނީ މަދު މީހެކެވެ. ޤުރްއާން ކިޔެވުމުގައިވެސް، އަނެކާއަށް އުދަގޫނުވާ މިންވަރަށް މަޑުމަޑުން ކިޔެވުމަށް ލޯބިކުރެއެވެ. މިސްކތްތަކުން ރާއްޖެއިން ފެންނަމުން ދާ ލޯތްބަކީ، ދުނިޔޭގެ އެހެން ޤައުމުތަކުން ނުފެންނަ ޘަޤާފަތަކަށް ވެދާނެއެވެ.  

މި ޘަޤާފަތް މިއަދުވަނީ ބަދަލުވާން ފަށާފައެވެ. ހަލަބޮލި މުޖްތަމަޢުތަކާ އެއްގޮަތަށެވެ. އެހެންދީންތަކުގެ މީހުންވެސް އުޅޭ މަސްހުނި ވެފައިވާ ޤައުމުތަކުން ފެންނަ ގޮތްތަކަށާއި އެއްގޮތަށެވެ. ކުރު ޖުމްލައަކުން ބުނާނަނަމަ، ދިވެހީންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވެމުންދިޔަ ޤަދަރާއި ލޯބީގެ ޘަޤާފަތް ބަވަނަ ވަމުންދާ ދުނިޔޭގެ މިސްކިތްތަކުގެ ޘަޤާފަތާއި ދަނީ ލާމެހެމުންނެވެ.  

މި ޘަޤާފަތް ބަދަލުވުމުގައި ދީނީ ޢިލްމުވެރިންގެ ތެރެއަށް ވަދެގެން އަންނަ ދިވެހި ޢިލްމުވެރިން، ރާއްޖޭގެ މާޙައުލަށް، އަދި ދިވެހީންގެ ވައްޓަފާޅިތަކަށް ވިސްނުމެއްނެތި ވަރަށް ފުޅާކޮށް ދައްކާލާ ބައެއްކަހަލަ ޖުމްލަތައް ހިމެނެއެވެ. މިސާލަކަށް މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރުމަށް އަރާތަނެއް ނޫނެވެ. މިވަރުން ފުއްދާލާނަމެވެ.  

މިސްކިތްތަކުގައި މިއަދު އުފެދެމުންދާ ޕޮލިޓިކްސް ގެ ވައްތަރުތަކަށް ބަލާލާއިރު، މިސްކިތްތަކުން، ޚާއްޞަކޮށް ކުރީސަފުން ތަންކޮޅެއްހިފާ، ނަމާދުތައް ނިމެންދެން އެތަންކޮޅަކީ އޭނާގެ ތަންކޮޅެއްކަމަށް ހަދާ، ނަމާދުން ބޭރުވެ ގެއަށްދާއިރުވެސް، އެތަންކޮޅު އޭނާއަށް ލިބޭ ގޮތަށް ހިފެހެއްޓިފައި ހުންނަ އުޞޫލުތައް އޭނާ ޤާއިމްކުރެއެވެ. ފެންފުޅިއަކުންނެވެ. މުސައްލައަކުން ނެވެ. ބައެއްފަހަރަށް ގާތުގައި އިންނަ މީހެއްގެ އެހީތެރިކަމާއި އެކުގައިވެސް މެއެވެ. އަދި ޖަމާޢަތުގެ ނަމާދުތަކުގައި އެއްތަނެއްގައިނޫނީ ތިބެން ބޭނުން ނުވާ ގްރޫޕްތައް ހިމެނެއެވެ. މިކަންކަން އުފެދިގެން އަންނަނީ، އެކި ދުވަސްވަރަށް ޢާއްމުކޮށް އަންނަ މީހުންގެތެރެއިންނެވެ. މިއީ އެއްވައްތަރެކެވެ.  

ދެވަނަ ވައްތަރަކީ، ސިޔާސީ ޕާރޓީ ތަކަށް ތާއީދު ކުރާ މީހުންގެ ގްރޫޕް ތަކެވެ. މި މީހުންގެ އޮންނަ އެއް ޘަޤަފަތަކީ، ނަމާދުކޮށް ނިމުމަށްފަހު، ނަމާދުން ފޭބުމަށްްފަހު، މިސްކިތުގެ ސަރަޙައްދުގައި ބައެއްފަހަރަށް މިސްކިތުގެ ތެރޭގައިވެސް، އެބަޔަކު އެ ސަޕޯރޓްކުރާބަޔަކު ޕްރޮމޯޓްކުރުމާއި، އެހެން މީހުންނަށް ފާޑު ކިއުމުގެ ޘަޤާފަތެކެވެ. އަދި މި މީހުންގެ ގާތަށް މަޑުނުކުރާ މީހެއްނަމަ، އެއީ، ނުގުޅޭ މީހެއްކަމަށް ބަލާ، އެމީހަކަށް އަމާޒުކޮށް ވަށްބަހުން، އަނެއްބައި ފަހަރަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދިމާކޮށްލައެވެ. އެ ކޮޅުން ޖަވާބު ދާރީ ވެއްޖެނަމަ ޒުވާބެއް ކުރިމަތި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ގުރޫޕް ތައް ބޮޑަށް އުފެދިގެންދަނީ، މިސްކިތުގެ އިމުގެ ތެރޭގައި މަޑުކޮށްލެވެން ހުންނަ މިސްކިތްތަކުގައެވެ. ފާރުބުރި ތަކުގެ މަތީގައެވެ. މިފަދަ ފާރުބުރި ތަކަކީ، އިޖްތިމާޢި ގޮތުންބަލާއިރު މިސްކިތުގެ ގޯތިތެރޭގައި މީހުން މަޑުކޮށްލުމަށް ވަރަށް މުހިއްމު ފާރުބުރި ތަކެކެވެ. ވަކިބަޔަކު މިތަންތަނަށް އަތްގަދަކުރުމުން، މި ފާރބުރި ތަކުގެ އިޖްތިމާއީ ވެށި ގެއްލިދެއެވެ.   

ޖަލުތަކުގައި ދާދާއިން އުފެދެއޭ ބުނާގޮތަށް މިސްކިތްތަކުގައިވެސް ދާދާއިން އެބަ އުފެދެއެވެ. މިއީ މިސްކިތުގެ ހުރިހާ ކަމަކާ ބެހޭ ބައެކެވެ. އެމީހުންގެ ޚިޔާލާ، ވިސްނުމާ ތަފާތުވާ ކޮންމެ ކަމަކާ ބެހިގަތުމަކީ ދާދާއިންގެ އުޞޫލެވެ. ކޮންމެހެން ރަނގަޅެއް ގޯސްވުމެއް އެމީހުންނަކަށް ބޭނުމެއް ނުވެއެވެ. އިމާމުންވެސް މިސްކިތުގައި ތިބެން ބޭނުންނަމަ، ދާދާއިންނަށް ބޯލަނބަން މަޖުބޫރުވާފަހަރުތައް އެބަ އާދެއެވެ.                

ދާދާއިން އުފެދި އެމީހުންގެ ނުފޫޒާއި ބާރު ގިނަފަހަރަށް ގަދަވަމުން މިދަނީ، އެމީހުންގެ ފަަހަތުގައި ސިޔާސީ ބާރެއްވެސް އޮވެގެންނެވެ. ނަތީޖާއަކީ، އިމާމުންނަކީ މިއަދު، ނަގިލިކަހާ އޮޑިއެއްގެ މިސާލުގައިވާ ބައެކެވެ.

މިސްކިތްތަކުގައި މިހާރު ކުރިފަޅަމުންދާ އައު ޘަޤާފަތެއްވެއެވެ. އެއީ މިސްކިތުގެ މައިކް ރަނގަޅު ކުރުމުގެ ޘަޤާފަތެވެ. މައިކް އަބަދު ރަނގަޅުކުރަން ޖެހިިފައިވާ މިސްކިތް އެބަހުއްޓެވެ. މިކަން ކުރަމުންދާއިރު މިސްކިތުގައިމަޑުކޮށްލާ މިކަން ކުރެވޭ ގޮތްބަލާލުމަކީ، ނެތްކަމެއް ނޫނެވެ. ހިތްހަމަޖެހުން ލިބޭ ކަމަކަށް ވެސް ވެދާނެއެވެ. މިވަރުން ފުއްދާާލަމާތޯ އެވެ.  

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *