(30 މާރޗް 2025 ގެ ނޫހާއި ގުޅޭ)
ޖެހިގެން އައި ދުވަހުގެ ހެނދުނު ޝުޢައިބު ވަޒީރާއި އެކު ރަސްގެފާނާއި ބައްދަލު ކުރުމަށް ދަރުބާރަށް ހިނގައްޖެއެވެ. ގަނޑުވަރުގެ ތެރެއަށް ނަޒަރު ހިންގާލާ ކޮންމެ ދިމާއަކުން އޭނާއަށް ލިބެމުން ދިޔައީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. މީގެ ކުރީން ދުވަހަކުވެސް ހުވަފެނަކުންވެސް ދެކެފައިނުވާ މި ފުރިހަމަކަން ފެނުމުން، ރަސްކަލެއްގެ ގަނޑުވަރެއް ފުރިހަމަ ވެގެންވާނޭ ހުރިހާ ފުރިހަމަކަމެއް މިގަޑުވަރުން އޭނާއަށް ފެނިގެންދިޔައެވެ.
ޝުޢައިބުއާއި ރަސްގެފާނު ބައްދަލުވެއްޖެއެވެ. ރަސްގެފާނު ފެނުމުން އޭނާ ވަރަށް ޖެހުލުންވިއެވެ. އަތްފައި ފިނިވާ ގޮތްވިއެވެ. އޭނާގެ މޫނުމައްޗާއި ހަރަކާތައް އަންނަމުން ދިޔަ ކަންކަން ރަސްގެފާނާއި ވަޒީރަށްވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން ވަޒީރު އޭނާގެ ގާތުގައި ހާސްނުވުމަށާއި، މިތަނުގައި ޝުޢައިބު ބިރުގަނެ ޖެހިލުންވާންޖެހޭ އެއްވެސް ކަމެއް ނުހިނގާނޭ ކަމަށް ވަރަށް ސިއްރުން ބުނެދިނެވެ.
ރަސްގެފާނާއި ބައްދަލު ވުމުން ރަސްގެފާނު ޝުޢައިބު ކޮނޑާއި ކޮނޑު ޖައްސާ ސަލާން ކުރިއެވެ. އަދި ޝުއައިބުވެސް ރަސްގެފާނަށް އަދަބު އިޙްތިރާމް އަދާކުރިއެވެ. ރަސްގެފާނު އޭނާގެ ގާތުގައި އިށީނުމަށް ބުނެ ގާތުގައި ހުރި މަހުމާ ޖަހާފައިވާ ގޮޑިއަށް އަތުން އިޝާރާތް ކުރިއެވެ. އަދި އޭނާ އިށީނުމުން ރަސްގެފާނުވެސް ޖެހިގެން ހުރި ގޮނޑީގައި އިށީނުމަށްފަހު، ޝުޢައިބުއާއި ދަރިފުޅުގެ ހާލު އޮޅުންފިލުވިއެވެ. ޝުޢައިބު ވަރަށް އަދަބުވެރިކަމާއި އެކު، އޭނާ އާއި ދަރިފުޅުޅުގެ ހާލު ރަނގަޅުކަމަށް ރަސްގެފާނަށް ނަންގަތެވެ.
ރަސްގެފާނު ވަރަށް ފަރުވާތެރި ކަމާއިއެކު ޝުޢައިބުގެ މޫނަށް ބަލަން އިނުމަށްފަހު ވާހަކަ ކުރިޔަށް ގެންދިޔައެވެ.
" ޝުޢައިބު، ކަލެޔާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ވަޒީރު ވަނީ އަޅުގަނޑަށް ކިޔައިދީފަ. އަޅުގަނޑު ދެކޭގޮތުގައި ވަޒީރަކީ، ހަމައެކަނި އަޅުގަނޑުގެ އިސް ވަޒީރެއްވެސް ނޫން. އޭނާ އަކީ އަޅުގަނޑު އެންމެ އިތުބާރުކުރާ، އަދި އަޅުގަނޑުގެ އާއިލާއަށް ވެސް އެންމެ ހެޔޮއެދޭ ފަރާތް. ވީމާ އޭނާ އަޅުގަނޑުގެ ގާތުގައި ކޮންމެ ވާހަކައެއްވެސް ދައްކަމުން ގެންދާނީ އެކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތާއި ނުބައިގޮތް ބެލުމަށްފަހު. ވަޒީރަކީ އަޅުގަނޑު ވަރަށް ލޯބިވާ އަދި އާއިލާގެ މީހެއްގެ ގޮތުގައި އަބަދުވެސް ބަލަމުން އަންނަ ގާތް މީހެއް. "
" އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކަލެޔަކީ އަޅުގަނޑުގެ ވިސްނުމުގައި ހުރި ކަންކަމުގެ އިތުރުން، އަދި ކަލެޔާއިމެދު މިއުންމީދު ކުރެވޭ ކަންކަމުގައި ކުރިޔަށް ދެވިދާނޭ ފެންވަރާއި ގާބިލު ކަން ލިބިފައިވާ މީހެއް. އަޅުގަނޑު ކަލެޔާއި މެދު ރުހުނު އެންމެ ފުރަތަކަމަކީ ކަލޭގެ ރިވެތި އަޚުލާގު. އަދި އިންސާނިއްޔަތަށްޓަކައި ކުރަމުން ތިޔަ ގެންދާ އަގުހުރި ބުރަ މަސައްކަތް. ކަލެޔަކީ ކުޅަދާނަ ބޭސްވެރިއެއްކަން މިއަދު ސާބިތު ވެއްޖެ. "
" ސަބަބަކީ ކަލެޔަށް އެނގިފައި ވާނޭހެން، މީގެ ދުވަސްކޮޅެއް ކުރީން ވަޒީރު ވަނީ ވަރަށް ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެގެން ގޮސްފައި. މުޅި މިކަރައިން ބޭސްވެރިކަމަށް މޮޅުހެން ހީވާ ހުރިހާ ބޭސްވެރިންގެ ގާތުން އޭނާގެ ބައްޔަށް ފަރުވާ ހޯދުމަށް އައީ ކެނޑިނޭޅި މަސައްކަތް ކުރަމުން. ނަމަވެސް ހުރިހާ އެންމެންގެ ފަރާތުންވެސް ލިބެމުން ދިޔައީ އަޑުއަހަން ބޭނުންނުވާ ހަމަ އެންމެ ޖަވާބެއް. އެބަލިން އޭނާ ރަނގަޅު ނުކުރެވޭނޭ ކަން. އަދި އެވޭނުގައި އޭނާ ދުނިޔެ ދޫކުރާނީ ކަމުގެ ޚަބަރު. އެވަގުތުވެސް އަޅުގަނޑަށް ބަޔާންކުރަން ދަތިވާ ވަރުގެ ތަދެއް ހިތުގައި އުފެދުނު. އެކަމަކުވެސް އަޅުގަނޑު އޭނާއާއިމެދު އުންމީދު ކަނޑައެއްނުލަން. އޭނާ މުޅި މިކަރައިގެ ހުރިހާ ހިސާބެއްގައި ދަތުރު ކުރުމަށްފަހު ކަލެޔާއި ބައްދަލުކުރި. އަދި ކަލެޔަށް ލިބިފައިވާ ބޭސްވެރިކަމުގެ ތިޔަ ޢިލްމުގެ ބޭނުންކޮށްގެން، ވިސްނުން ތެރިކަމާއިއެކު އެކަން ކާމިޔާބު ކޮށްފި. ވުމާއިއެކު ކަލޭގެ ތިޔަ ގާބިލު ކަމާއިމެދު އަޅުގަނޑު އެއްގޮތަކަށްވެސް ޝައްކެއް ކުރާކަށް ބޭނުމެއް ނޫން. "
" ޝުޢައިބު، ކަލެޔަށް ތިޔަ ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެބަޖެހޭ. ތިޔަ ކަމުގައި ކުރިޔަށް ދިއުމަށް އަޅުގަނޑުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދާނެ. ޝުޢައިބުއަކީ، ކުރިޔަށް މިއޮތް ދުވަސްތަކުގައި އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަމަށްވެސް ވަރަށް މުހިންމު ފަރާތެއް ކަމުގައި ވެގެންވެސް ހިނގައިދާނެ. "
ރަސްގެފާނުގެ މިވާހަކަތައް ކަނުލާ އަޑުއަހަން އިނުމަށްފަހު ޝުޢައިބު ރަސްގެފާނަށް ނަންގަތެވެ.
" ރަސްގެފާނު، މަނިކުފާނު އަޅުގަނޑާއި ބެހޭގޮތުން ތިޔަ ދެއްކެވި ވާހަކަތަކަށް އަޅުގަނޑު ވަރަށް އިހުތިރާމް ކުރަން. އަދި އަޅުގަނޑު ފަދަ ރަށްފުށުގެ އާދައިގެ ދިރިއުޅުމެއް އުޅެމުންއައި މީހަކު މިގަނޑުވަރަށް މިގޮތަށް ގެނެސް ތިޔަފަދަ ގާތްކަމަކާއިއެކު ހިތުމަކީ މަނިކުފާނުގެ ހިތުގައި އަޅުގަނޑާއި މެދު ހާއްސަ ކަމެއް އޮތްކަމުގެ ހެއްކެއް. އަދި ތިޔަ ދެއްކެވި މަދު ވާހަކަ ތަކުންނާއި ބަސްމަގުގައި ތިޔަހުރި އޯގާތެރި ރާގުން، މަނިކުފާނު ތިޔައީ ރައްޔިތުންނަށް ވަރަށް އޯގާތެރި ރަސްކަލެއްކަން އަޅުގަނޑަށް ފާހަގަ ކުރެވިއްޖެ. އަދި ވަޒީރުވެސް މަނިކުފާނާއި ބެހޭގޮތުން އަޅުގަނޑު ގާތުގައި ވަނީ ބައެއް ވާހަކަތައް ބުނެވެސް ދީފައި. "
" ރަސްގެފާނު، އެއްވެސް އިންސާނަކު އެމީހެއްގެ ދިރިއުޅުމާއި މެދު މާޔޫސް ނުވާހާ ހިނދަކު އަދި ކަމަކަށް އެދި އުންމީދު ކުރާހާ ހިނދެއްގައި، އެމީހަކަށް ދިރިއުޅުމުގެ ކަންކަމުގައި ކުރިޔަށް ދިއުމަށް ނޭނގިވެސް އެތައް މަގުތަކެއް ކޮށެވިގެންދާނެ. އަޅުގަނޑަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ވަޒީރަކީވެސް އެފަދަ ހިތްވަރުގަދަ ކެރިގެން ކަންކަމާއި ކުރިމަތި ލެއްވި ބޭފުޅެއް. ބަލީގެ ޝިކާރައަކަށްވެ، އެތައް ވޭނެއް އެހަށިގަނޑުގައި އަޅަމުން ގެންދިޔައިރުވެސް މަނިކުފާނުގެ ތިޔަ ހިތްވަރާއި އެކު އެވޭނުން މިންޖުވުމަށް ދިޔައީ އެތަކެއް މަސައްކަތެއް ކުރަމުން. އޭނާގެ އެހިތްވަރުން އޭގެ ބަދަލު ލިބުނު ގޮތް ކިހާ ފޮނިތޯ؟ "
" ރަސްގެފާނު، ވަޒީރު އެބަލިން ފަސޭހަވެފައި އެވަނީ ހަމައެކަނި އަޅުގަނޑުގެ މަސައްކަތުން އަދި އަޅުގަނޑުގެ މޮޅުކަމުންނޭ ބުނެވޭނޭ އެއްވެސް ޖާގައެއް ނެތް. އިރާދައިގަ އޭނާ އެކަމުން މިންޖުވުމަށް ލިޔެވިފައި އޮތުމުން އެކަން އެގޮތަށް ހަމަޖެހިގެން އެދިޔައީ. ކޮންމެ ކަމަކަށް އެދިގެންވެސް އަޅުން ކުރަން ޖެހޭނީ މަސައްކަތް. ގިނަގިނައިން ﷲ އަށް ދުޢާކުރާ އަޅުންނަށް އެކަލާނގެ ރަހުމަތުގެ ބެއްލެވުމުން ބައްލަވާނޭކަން މިއީ އެންމެނަށްވެސް އެނގި ހާމަވާ ކަމެއް ނޫންތޯ؟ އަޅުން ކުރާނީ މަސައްކަތް. ޝިފާ ދެއްވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ."
ޝުޢައިބުގެ މިވާހަކަތަށް ވަރަށް ޝައުގު ވެރިކަމާއި އެކު އަޑުއައްސަވަން ރަސްގެފާނު އިންނެވިއެވެ. އަދި އޭނާ އެދެއްކި ވާހަކަތަކާއި މެދު އިރުކޮޅަކު ވިސްނާލުމަށް އިނުމަށްފަހު ޝުއަޢިބުއަށް ނަންގަތެވެ.
" ހަގީގަތުގައިވެސް ވަޒީރު ކަލެޔާއި ބެހޭގޮތުން އަޅުގަނޑުގެ ގާތުގައި ދައްކާފައި ހުރި ވާހަކަތަކަކީ ތެދެއްކަން މިރޭގެ ތިޔަ ވާހަކައިން އަޅުގަނޑަށް ގަބޫލު ކުރެވިއްޖެ. ކަލެޔަކީ އަޅުގަނޑު ބޭނުންވާ ކަހަލަ ގާބިލު ތެދުވެރި މީހަކަށް ވެދާނޭ ކަމުގެ އުންމީދު މިހިތުގައި އެބައޮތް. އަދި އެޔަގީންކަންވެސް ހިތުގައި އުފެދިއްޖެ. "
" ޝުޢައިބު، މިރޭ އަޅުގަނޑު ކަލެޔާއި މިބައްދަލު ކުރީ މިވަގުތު އަޅުގަނޑު ބޭނުންވާ ހުރިހާ ވާހަކައެއް ކަލޭގެ ގާތުގައި ދައްކާކަށެއް ނޫން. ނަމަވެސް ކަލެޔާއި ބައްދަލުކޮށް ބައެއް ކަންކަން އޮޅުން ފިލުވާލުމަށް ބޭނުންވާތީ. އެކަމަކު ކަލޭގެ ދުލުން މިރޭ އިވިގެން މިދިޔައީ މީގެ ކުރީން މިގޮތަށް ބައްދަލު ކުރި އެއްވެސް މީހެއްގެ ފަރާތުން އިވިފައި ހުރި ބަސްތަކެއްނޫން. ކަލެޔަކީ އަޅުގަނޑުގެ ކުރިމަގަށް ވަރަށް މުހިންމު ފަރާތެއްކަން މިރޭ ގަބޫލު ކޮށްފިން. ވީމާ މިރޭ ކަލެޔަށް ވަރަށް ޚާއްސަ މުހިންމު ކަމެއް ހުށަހެޅުމަށް ބޭނުން. އަޅުގަނޑުގެ އެދުމަކީ މިކަން ޝުޢައިބު ގަބޫލު ކުރުން. "
ރަސްގެފާނު މިހެން ބުނުމުން، އެއީ އަނެއްކާ ކޮން ކަމެއްތޯ ޝުޢައިބު ރަސްގެފާނާއި ސުވާލުކުރިއެވެ. އަދި ރަސްގެފާނު އޭނާގެ ގާތުގައި ކަމަކު އެދިލައްވައިފިނަމަ އެކަމަކީ އޭނާއަށް ކުރެވޭނެވަރުގެ ކަމެއްކަމުގައި ވާނަމަ ހަމަ އުފަލާއިއެކު އެންމެ ފުރިހަމައަށް އެކަމެއް ކުރެވޭތޯ ބަލާނޭ ކަމުގައި ބުނެ ޔަގީންކަން ދިނެވެ.
" ޝުއަޢިބު، އަޅުގަނޑު ކަލޭގެ ގާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. ހަމަ ގައިމުވެސް ކަލެޔަކީ ވަރަށް ކުޅަދާނަ ބޭސްވެރިއެއް. އެހެންކަމުން އަޅުގަނޑު ކަލޭގެ ގާތުން އެދޭ އެދުމަކީ އަޅުގަނޑާއި މިއާއިލާގެ ޚާއްސަ ބޭސްވެރިއެއްގެ ގޮތުގައި ހުރެދިނުން. އަދި ކަލެޔަށް އެކަން ފުރިހަމަ ގޮތުގައި ކުރެވިދާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރަން. "
ރަސްގެފާނު މިގޮތަށް އެވަރުގެ ބޮޑު ހުށަހެޅުމެއް ހުށަހެޅުމުން އެކަމާއިމެދު ޝުޢައިބު ވަރަށް ބޮޑަށް ހައިރާން ވިއެވެ. އަދި އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އޭނާ ފަދަ މީހަކު ރަސްކަލެއްގެ ޚާއްސަ މީހެއްގެ ގޮތުގައި ބަހައްޓަން ބޭނުންވާނީ ރަސްގެފާނުގެ ހިތުގައި އޭނާއާއި މެދު ވަރަށް ޚާއްސަ ކަމަކާއި އިތުބާރެއް އޮތުމުންކަން ގައިމެވެ. އެވަގުތު ޝުއަޢިބު ރަސްގެފާނުގެ އަރިހުގައި ދެންނެވިއެވެ.
" ރަސްގެފާނު، މަނިކުފާނު އަޅުގަނޑުގެ ގާތުން ތިޔަ އެދިލެއްވީ ވަރަށް ބޮޑު ކަމަކާއި ހަވާލު ވުމަށް. އަދި ތިޔަ ފަދަ ބޮޑު ކަމެއް އަޅުގަނޑާއި ހަވާލު ކުރާނީ މަނިކުފާނުގެ ހިތުގައި އަޅުގަނޑާއި މެދު ވަރަށް ބޮޑު އިތުބާރަކާއި ޔަގީން ކަމެއް އޮތުމުން. "
" މަނިކުފާނުގެ ތިޔަ ހުށަހެޅުމަށް އަޅުގަނޑު އެއްވެސް ގޮތަކަށް ނޫނެކޭ ބުނާކަން ބޭނުމެއް ނޫން. ނަމަވެސް އަޅުގަނޑު މިހިސާބަށް ދުރު ދަތުރެއް ކޮށްފައި މިއައީ މިތަނުގައި ވަޒަން ވެރިވުމަށް ނިންމައިގެނެއް ނޫން. ވީމާ ތިޔަފަދަ ބޮޑު ކަމަކާއި ހަވާލުވާއިރު ވިސްނަން ޖެހޭ ބައެއް ކަންކަން އެބަހުރި. ތިޔަކަމާއިމެދު ވިސްނާލުމަށް އަޅުގަނޑަށް ވަގުތު ކޮޅެއް ދެއްވަފާނަންތޯ؟ "
ޝުޢައިބުގެ އެވާހަކަތައް އަޑު އެއްސެވުމަށްފަހު ރަސްގެފާނު އޭނާއަށް ނަންގަތެވެ.
" ކަލެޔާ ބެހޭގޮތުން ވަރަށްގިނަ ވާހަކަތައް ވަޒީރުވަނީ އަޅުގަނޑަށް ކިޔާދީފައި. ރަނގަޅަށް ވިސްނާލާފައި މާދަމާ ޖަވާބެއް ދިނަސް އެންމެ ރަނގަޅު. އަދި ޝުޢައިބުގެ ޖަވާބަކަށް އަޅުގަނޑު އިންތިޒާރު ކުރާނަން."
އެދުވަހުގެ ބައްދަލުވުން ނިމުމުން ޝުޢައިބު އެނބުރި ދިޔައެވެ. އަދި ރަސްގެފާނު އެހުށަހެޅި ކަންތަކާއި މެދު އޭނާ ވަރަށް ބޮޑަށް ވިސްނިއެވެ. ރަސްގެފާނު އެހުށަހެޅި ކަންތައް އެންމެ ފުރިހަމަޔަށް އޭނާއަށް ކުރެވިދާނޭ ބާވައެވެ. އަމިއްލަ ވަޒަން ދޫކޮށް މިހާދުރު ހިސާބަކަށް ދިރިއުޅުން މިހެން ބަދަލު ކުރުން މީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެދާނެ ހެއްޔެވެ. އެންމެ ބޮޑަށް އޭނާގެ ހިތް ނުތަނަސްވާ ސަބަކީ މިހާ ދުރު ހިސާބަކަށް ދިރިއުޅުން ބަދަލުކުރުމުން އޭނާގެ ދަރިފުޅަށް އެދަރިފުޅުގެ މަންމައާއި ބައްދަލު ނުވާނޭތީ އެކަމުގެ ހިތާމައެވެ.
ނަމަވެސް އެދުވަހު އެކި ގޮތް ގޮތަށް ވިސްނުމަށް ފަހު ޝުޢައިބު ގޮތެއް ނިންމިއެވެ. ވަޒީރު ބުނިހެން އެއްވެސް މީހަކަށް އެމީހެއްގެ ނަސީބު އަތުގައި ހިފާނޭ ވަގުތެއް ބުނެދޭކަށް ނޭނގޭނޭއެވެ. ވީމާ މިހާ ދުރު ހިސާބަކަށް ދަތުރުކޮށް މިވަރުގެ ކަމަކާއި ކުރިމަތިލުން މީ އޭނާގެ ނަސީބު ކަމުގައިވެސް ވެދާނެއެވެ. އަދި މިކަމަކީ ބޮޑު އިމްތިހާނެއް ކަމުގައިވެސް ވެދާނެއެވެ. އެކި މީހުން އިމްތިހާން ކުރައްވާނީ އެކި ގޮތްގޮތަށެވެ. މިއީ އޭނާއަށް ކުރިމަތި ކުރުވި ބޮޑު އިމްތިހާނެއް ކަމުގައި ބަލައި ރަސްގެފާނުގެ އެހުށަހެޅުން ގަބޫލު ކުރުމަށް ނިންމިއެވެ.
ޝުޢައިބު ފުރުމުގެ ކުރީން ސުރައްޔާގެ ބައްޕަގެ ގާތުގައި ސުރައްޔާއާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި މެދު ބައްޕަ ވަރަށް ބޮޑަށް ވިސްނަމުން ގެންދިޔައެވެ. އަދި އޭނާ ޝުއަޢިބު އާއި ދޭތެރޭ އެހާ ރަހުމް ކުޑަކޮށް ކަންތައް ކޮށް އޭނާ އެފަދަ ވިޔާނުދާ އަމަލުތަކެއް ކުރުމުން ވެސް އޭނާގެ ހިތުގައި ސުރައްޔާއާއި މެދު ނަފުރަތު ކަމެއް ނެތުން އެއީ އޭނާގެ ހެޔޮލަފާކަމާއި ކެތްތެރިކަން ވިސްނި ބައްޕަގެ ހިތުގައި ސުރައްޔާއާއި މެދު ހަމްދަރުދީ އުފެދުނެވެ. އަދި ސުރައްޔާ އާއި ބެހޭގޮތުން ޝުޢައިބު ބައްޕަގެ ގާތުގައި ދެއްކި ވާހަކަ ތަކާއި ދިން ނަސޭހަތާއިމެދު ވިސްނުމަށްފަހު ސުރައްޔާގެ އެހަޑި އަމަލުތަކުގެ ބަދަލު ކޮންމެވެސް ސިފައެއްގައި އޭނާއަށް ދައްކާނޭކަން ގަބޫލު ކުރިއެވެ. އަދި އޭނާ ކޮންމެ ފަދަ ވިޔާނުދާ އަމަލުތަކެއް ކުރިކަމުގައި ވިޔަސް އޭނާއަށް މަޢާފު ކޮށް އަނބުރާ ގެޔަށް ގެނައުމަށް ނިންމިއެވެ. އަދި ހަމަ އެރޭ ސުރައްޔާ ހޯދައިގެން ގެއަށް ގެނައެވެ.
ސުރައްޔާ ގެޔަށް ގެނައުމަށްފަހު، ޝުޢައިބު އޭނާއާއި ބައްދަލުކުރަން ގެޔަށްއައި ވާހަކަ ބައްޕަ ބުންޏެވެ. އަދި އޭނާއާއި ބައްދަލު ނުވުމުން، ދުރު ހިސާބަކަށް ދަރިފުޅު ގޮވައިގެން ފުރަން އުޅޭކަމުގައި ސުރައްޔާ ގާތުގައި ބުނެދިނުމަށްވެސް ޝުޢައިބު އެދިފައިވާ ވާހަކަ ބުންޏެވެ. ސުރައްޔާ އާއި ދޭތެރޭ އޭނާގެ ހިތުގައި އެއްވެސް ނަފުރަތުކަމެއް ނެތްކަމަށާއި، އަދި ކޮންމެވެސް ދުވަހަކުން ސުރައްޔާއަށް ދަރިފުޅާއި ބައްދަލު ވާނޭ ކަމުގައި ޝުޢައިބު ވަނީ ބައްޕަ ގާތުގައި ބުނެފައެވެ. މިހެން ބުނުމަށްފަހު ބައްޕަ އެތެރެއަށް ވަނެވެ.
ބައްޕަ ޝުޢައިބު އާއި ބެހޭގޮތުން މިދެއްކި ވާހަކަތައް އަޑު އަހާފައި ސުރައްޔާ ވަގުތުން ފެންކަޅިވިއެވެ. އަދި މޮޔަވެފައިވާ މީހެއް ފަދައިން ޝުއަޢިބު ތިމަންނާއަށް މަޢާފު ކުރާށޭ ބުނެ ގިސްލާ ރޯން ފެށިއެވެ.
ބައްޕަގެ އެވާހަކަތައް އެގޮތަށް އަޑު އިވުމުން އެވާހަކަތަކަކީ ސުރައްޔާއަށް އަޑުއަހަން ފަސޭހަވި ވާހަކަތަކެއް ކަމުގައި ނުވިއެވެ. އަދި އޭނާ ޝުޢައިބު އާއި ދޭތެރޭ ކަންތައް ކުރެވިފައިވާގޮތް ހިތަށްއަރާ އެކަމާއި ދެރަވެ ވަރަށް ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އަދި އޭނާއަށް ޝުޢައިބު އާއި ދޭތެރޭ އެއިރު ކަންކުރެވުނު ގޮތް ހިތަށް ސިފަވަމުން ދިޔައެވެ.
( ނުނިމޭ )
