(10 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)
ޝުޢައިބު މިހެން ބުނުމުން ރަސްގެފާނު ހިނިތުން ވެލިއެވެ. އަދި ޝުޢައިބުގެ މޫނު މަތީންވެސް ހިތްހަމަ ޖެހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ.
ރަސްގެފާނުގެ ދިރިއުޅުމާއި ގުޅިފައިވާ އެވާހަކަތައް ޝުޢައިބުގެ ގާތުގައި ދައްކާ ނިމުނުއިރު ރަސްގެފާނުގެ ހިތަށް ވަރަށް ހިތްދަތި އަސަރު ތަކެއް ކުރުވާފައިވާކަން ޝުޢައިބު އަށް އެނގުނެވެ. އަދި ރަސްގެފާނު އޭނާގެ ގާތު މިދެއްކި ވާހަކަ ތަކާއިމެދު ކުޑަ އިރުކޮޅަކު ވިސްނާލުމަށް އިނުމަށްފަހު ރަސްގެފާނަށް ނަންގަތެވެ.
" މަނިކުފާނު ތިޔަ ދެއްކި ވާހަކައާއި މެދު އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވެއްޖެ. އަދި މަނިކުފާނު ފަދަ ބޭކަލަކު ތިޔަވަރުގެ ގިލަން ވެރިކަމަކާއި އެކުވެސް، އެހުރިހާ ހިތާމަތަކެއް އެއްފަރާތްކޮށް، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހިތްވަރާއިއެކު ތިޔަގޮތަށް އުޅުއްވުންތީ މަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާއި ކެތްތެރިކަން ހާމަވެގެންދާ ވަރަށް ބޮޑު ހެއްކެއް. ދަރިފުޅާއި މެދު އުންމީދު ކަނޑާ ނުލައްވާ! މިއަދު ތިޔަ ކުރިމަތި ކުރެއްވީ މަނިކުފާނުގެ ހިތްޕުޅުގައި ކެތްތެރިކަން ހުރި މިންވަރެއް ބެއްލެވުމަށް ކުރިމަތި ކުރެއްވެވި ވަރުގަދަ އިމްތިހާނެއް ކަމުގައިވެސް ވެދާނެ. ހިތާމަތަކާއި މުސީބާތްތައް ކުރިމަމިތިވާ ވަގުތު ތަކުގައި ދިރިއުޅުމާއި މެދު މާޔޫސް ވެއްޖެނަމަ އެމީހަކު ދިރިއުޅުމުގައި ކުރިޔަށް ދިއުމަށް ވަރަށްގިނަ ހުރަސްތަކަކާއި ދިމާވާނެ. އެންމެ މޮޅު އިތުރީ އެކަލާނގެ މިންވަރުފުޅަށް ރުހިލައްވައި އެކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރުން. ވީމާ ގިނަގިނައިން ދުޢާކޮށް ތިޔަ ހިތާމަތަކުން މިންޖު ކުރެއްވުންއެދި އެފަރާތުގައި ދަންނަވާ. ދުޢާ އަކީ އެންމެ ވަރުގަދަ ހަތިޔާރު. "
ރަސްގެފާނުގެ އަރިހުގައި މިވާހަކަ މިގޮތަށް ދައްކާ އޭނާ ރަސްގެފާނަށް ހިތްވަރު ދެއްވިއެވެ. އަދި ރަސްގެފާނަށް ނަންގަތެވެ.
" އަޅުގަނޑު ވާހަކައެއް ނަންގަންނަންތޯ؟ އަޅުގަނޑު ޒޭނާއާއި ބައްދަލުވާނޭ ގޮތެއް ހައްދަވައި ދެއްވާފާނަންތޯ؟ މަނިކުފާނު ރުހިލައްވާ ކަމެއްކަމުގައި ވާނަމަ ޒޭނާ ބެއްލެވުމަށްފަހު، އޭނާ އެކަމުން ސަލާމަތް ކޮށްދެވޭތޯ މަސައްކަތް ކުރަން އަޅުގަނޑު ބޭނުން. އަދި މިކަމާއި ރުހިލައްވައިފިނަމަ އެއީ އަޅުގަނޑު އެކަމާއި ވަރަށް އުފާވާނެ ކަމެއް. އަދި ވެވުނު އެންމެ ރަނގަޅަކަށް ތިޔަ ކަމުގައި މަނިކުފާނަށް އެހީތެރި ވާން އަޅުގަނޑު ބޭނުން. "
ޝުއަޢިބު މިހެން ބުނުމުން ރަސްގެފާނު ކުޑަކޮށް ވިސްނާލުމަށް ފަހު އޭނާއަށް ނަންގަތެވެ.
" އެންމެ ރަނގަޅު، މިރޭ ކޮންމެވެސް ވަގުތަކުން ޒޭނާ އާއި ބައްދަލު ކުރަން އަޅުގަނޑާއި އެކު ހިންނގަވާ. އަދި ދަރިފުޅާއި ބައްދަލު ކޮށް އޭނާ އެބަލިން ފަސޭހަ ވުމަށް ކުރެވެން ހުރިކަމެއް ބުނެ ދެއްވާ. އޭރުން އަޅުގަނޑު އެކަމުގައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. "
މިހެން ބުނުމަށްފަހު ރަސްގެފާނާއި ޝުޢައިބު ގަނޑުވަރުގެ އެތެރެއަށް ހިނގައްޖެއެވެ.
ޝުޢައިބު ގަނޑުވަރުގެ އެތެރެއަށް ވަތް މަންޒަރު ބަލަން ދޮރާށި ކައިރީގައި ސާރާ ހުއްޓި ހުއްޓެވެ އަދި އޭނާއަށް ސާރާ ފެނުމުން ވަރަށް ލޯބިން ދަރިފުޅުގެ ބޮލުގައި ބޮސްދިނުމަށްފަހު އެތެރެއަށް ވަނެވެ. ސާރާ މޫނުމަތީން ކަމަކާއި ވަރަށްބޮޑަށް ދެރަވެފައިވާކަން ޝުޢައިބުއަށް ފާހަގަވިއެވެ. އަދި ދަރިފުޅު ސާރާގެ ގާތުގައި ދަރިފުޅު ކަމަކާއި ދެރަވެފައި ހުރީ ކީއްވެތޯ ސުވާލުކުރިއެވެ. އަދި ސާރާގެ މޫނުމަތިން ކަމަކާއި ވަރަށް ބޮޑަށް ދެރަވެފައި ވާކަން ރަސްގެފާނަށްވެސް ފާހަގަ ކުރެވުނެވެ. ރަސްގެފާނު ވަގުތުން ސާރާ ގެނެސް ގާތުގައި ބޭންދިއެވެ. އަދި ސާރާއާއި ސުވާލު ކުރިއެވެ.
" ކާފަގެ ލޯބިވާ ދަރިފުޅު ދެރަވެފައި ތިހުރީ ކީއްވެ؟ "
ރަސްގެފާނު ސާރާގެ ގާތުގައި މިހެން ބުނުމުން ސާރާ ރޯން ފެށިއެވެ. އަދި ދުވެފައި އައިސް ބައްޕަގެ ގައިގައި ބައްދާލިއެވެ. ޝުޢައިބު މިކަމާއި ނުހަނު ކަންބޮޑުވެގެން ސާރާއާއި ސުވާލު ކުރިއެވެ.
" ދަރިފުޅާ ސާރާ. ތިޔަ ވެގެން އުޅޭ ގޮތެއް ބައްޕަގެ ގާތުގައި ބުނެބަލަ. "
ސާރާ ޝުއަޢިބުގެ ގާތުގައި ބުންޏެވެ.
" ބައްޕާ، ސާރާގެ މަންމަ ކޮބާ؟ މިއަދު މަދުރަސާއިން އަޅުގަނޑާއި އެކު އުޅޭ ކުއްޖަކު ބުނީ އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށް. އަދި އޭނާ ގޮވައިގެން މަދަރުސާއަށް ވެސް ދަނީ އޭނާގެ މަންމަ ކަމަށް. އޭނާގެ މަންމަގެ އަތުން މީރު ކާއެއްޗެތި ކައްކައިގެން ކާންވެސްދޭ ވާހަކަ ބުނި. " ބައްޕާ " އޭނާ އަޅުގަނޑު ގާތު މަންމަ ކޮބާތޯ އެހުމުން އަޅުގަނޑު ބުނީ މަންމަ ވީތަނެއް ނޭނގެޔޭ. އަޅުގަނޑުގެ ހުންނަނީ ބައްޕައާއި ކާފަ އެކަންޏޭ. އެހެން ބުނީމަ އޭނަ އަޅުގަނޑާއި ދިމާއަށް ބުނީ މަންމަ ނެތް ކުދީންނަކީ ވަރަށް ނަސީބު ދެރަ ކުދީންނޭ. ބައްޕާ! އަޅުގަނޑުވެސް މަންމަ ބޭނުން. މަންމަ އާއިއެކު ސަކަރާތްޖަހާ މީރު ކާއެއްޗެހި މަންމަގެ އަތުން ކައިހަދަންވެސް ބޭނުން. އަދި ނިދާ ވަގުތު މަންމަ އަޅުގަނޑުގެ ގާތުގައި އޮންނަންވެސް ބޭނުން. މަދުރާސާއަށް ދާއިރު މަންމަ އާއިއެކު ދާން ބޭނުންވޭ. "
ސާރާ މިހެން ބުނުމުން ޝުޢައިބު އިސްދަށަށް ޖަހައިގެން އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އޭނާ އެގޮތަށް އިންތަން ފެނުމުން ސާރާ ރަސްގެފާނަށް ބަލާލުމަށް ފަހު ބުންޏެވެ.
" ކާފާ، އަޅުގަނޑުގެ މަންމަ ނެތީމަ ބައްޕަވެސް ވަރަށް ދެރަވޭ. ބައެއް ރޭރޭ ބައްޕަ ރޯތަންވެސް ފެނޭ. ބައްޕަވެސް މަންމަ ދެކެ ވަރަށް ލޯބިވޭ. ކާފާ! އަޅުގަނޑުގެ މަންމަ ގެނެސް ދީފާނަންތަ. އޭރުން މިގޭގައި އަޅުގަނޑާއި ބައްޕައާއި މަންމަ އަދި ކާފައާއި އެކު ވަރަށް އުފަލުގައި އުޅެވޭނެ. "
ސާރާގެ މިޝަކުވާތައް އިވުމުން ރަސްގެފާނުގެ ކުރިފުޅު މަތީގައި ޝުޢައިބުގެ ހިތްވަރު ގަދަކަން ދެއްކިއެވެ. އަދި އޭނާ ސާރާ ގާތުގައި ބުންޏެވެ.
" ދަރިފުޅާ! ކޮންމެ ކުއްޖަކީވެސް ނަސީބު ރަނގަޅު ކުއްޖެއް. ބައްޕަ ދަރިފުޅު ގާތުގައި ކުރީންވެސް ބުނީމެއްނު. މަންމަ ދަރިފުޅު ގާތުގައި މިވަގުތު ނެތުމަކީވެސް ދަރިފުޅުގެ ނަސީބު ކަމުގައި ވެދާނޭ. ނިކަން ބަލާލަ ބަލަ. ކުރީގައި ދަރިފުޅު ގާތު ކާފައެއްވެސް ނެތެއްނު. މިހާރު ކާފަ މިހާރު އެހުރީ ދަރިފުޅުގެ ގާތުގައި. ކާފަ ދަރިފުޅު ދެކެ ކިހާ ލޯބިވޭ. ދަރިފުޅު ބޭނުންވާ ހުރިހާ ކަމެއްވެސް ކާފަ އެބަ ކޮށްވެސް ދެޔެއްނު. އަދިވެސް އިރާދަ ކުރެއްވިއްޔާ ދަރިފުޅު ދެކެ ލޯބިވާ ކިތަންމެ ބަޔަކު މިގެޔަށް އަންނާނެ. އަދި ވަރަށް އަވަހަށް މަންމައާއި ދަރިފުޅާއި ބައްދަލުވެސް ވާނެ. "
މިގޮތަށް ޝުޢައިބު ސާރާގެ ގާތުގައި ވާހަކަ ދައްކާ އޭނާ ހަމަޔަކަށް އެޅުވިއެވެ. އަދި ރަސްގެފާނުގެ ގާތުގައި މިރޭ މަނިކުފާނު އަރިހަށް އަންނާނޭ ކަމުގައި ބުނުމަށްފަހު ޝުޢައިބު ހިނގައްޖެއެވެ.
ގެއަށް ގޮސް މީގެ އިރުކޮޅެއް ކުރީން ދަރިފުޅު ސާރާ ދެއްކި ވާހަކަ އާއި މެދު ވިސްނުމަށް ޝުޢައިބުއަށް މަޖުބޫރު ވެއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. ސާރާ އެއެދޭ ކަންތައް އޭނާއަށް ކޮށްދިނުމަށް ޝުޢައިބުއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ސާރާއާއި އޭނާގެ މަންމައާއި ބައްދަލު ކުރުވަން ބޭނުން ކަމުގައި ވާނަމަ ޖެހޭނީ އަނބުރާ އަމިއްލަ ޝަހަރަށް ދާށެވެ. އެކަމަކު އެއީވެސް އެންމެ ރަނގަޅުގޮތް ކަމުގައި ވެދާނެ ހެއްޔެވެ؟ އެކަން އެގޮތަށް ކޮށްފިނަމަ އޭނާ ރަސްގެފާނަށް ވެފައިވާ ވަޢުދާވެސް ޚިލާފުވެވުނީއެވެ. އަދި ރަސްގެފާނު އޭނާގެ ފަރާތުން އެދުނު ކަންކަންވެސް ފުއްދާ ނުދެވުނީއެވެ. ކޮންމެ ގޮތަކަށް ކަންވީކަމުގައި ވީނަމަވެސް އަނބުރާ ޝަޙަރަށް ދާކަށް އޭނާ ބޭނުމެއްނޫނެވެ. ދެން އޮތްގޮތަކީ، ސުރައްޔާ ހުރި ތަނަކުން އޭނާ ހޯދާ މިޝަހަރަށް އޭނާ ގެނައުމެވެ. އެއީކީވެސް ފަސޭހަ ކަމެއެއް ނޫނެވެ. ދެން ކުރެވެން އޮތްކަމަކީ މިކަމުގައި ރަސްގެފާނުގެ އެހީތެރިކަމަށް އެދުމެވެ. ކޮންމެ ގޮތެއް ވިޔަސް މިވަރު ބޮޑު ކަމެއްގައި ރަސްގެފާނުގެ އެހީތެރިކަމަށް ނޭދި މިކަން ކުރުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. މިކަމާއި އެކި ގޮތްގޮތަށް ޝުޢައިބު ދިޔައީ ފިކުރު ކުރަމުންނެވެ.
ޖެހިގެން އައި ދުވަހުގެރޭ ޢިޝާ ނަމާދު ކޮށް ނިންމައިގެން ޝުޢައިބު ގަނޑުވަރަށް ދިޔައެވެ. އަދި ރަސްގެފާނާއި ދަރިފުޅު ސާރާ އާއި އެކު ރޭގަނޑުގެ ފަރީއްކޮޅުގައި ބައިވެރިވިއެވެ. ކައި ނިމިގެން ސާރާ އާއިއެކު ބޮޑުފެންޑާގައި މަޑު ކޮށްލައިގެން އިން ވަގުތު ރަސްގެފާނު އެތަނަށް ވަޑައިގެން ސާރާ އާއި ސަމާސާ ކޮށްލެއްވުމަށް ފަހު ކާފަގެ ދަރިފުޅު ދެންނިދަން ދާންވީނޫންހޭ ބުންޏެވެ. ރަސްގެފާނު މިހެން ބުނުމުން ސާރާ ބައްޕަ އާއި ކާފަގެ ގައިގާ ބައްދާލުމަށްފަހު ނިދަން ދިޔައެވެ.
ސާރާ ދިއުމުން ރަސްގެފާނު ޝުޢައިބުއަށް ބަލާލުމަށްފަހު ނަންގަތެވެ.
" ޝުޢައިބު" ސާރާ މިއަދު ކަލޭގެ ގާތު ދެއްކި ވާހަކަ ތަކާއި މެދު އަޅުގަނޑަށް ވަރަށް ވިސްނޭ. ދަރިޔަކު މަޔަކާއި ވަކީން އުޅުމުން ވާނޭ ދެރަ އެންމެ ރަނގަޅަށް އެނގޭނޭ އެކަކީ އަޅުގަނޑު. އަޅުގަނޑުގެ ދަރިފުޅުގެ މަންމަ ނެތުމުން އެކަމާއި ދެރަވެގެން އޭނާ ވަރަށް ގިނައިން އެޝަކުވާ އަޅުގަނޑުގެ ގާތުގައިވެސް އެތައްފަހަރަކު ވަނީ ކޮށްފައި. ހަގީގަތުގައިވެސް ސާރާ އޭނާގެ މަންމަ ނެތުމުން އޭގެ ފަޅުކަން އެދަނީ ވަރަށް ބޮޑަށް އިހުސާސް ކުރަމުން. އެހެންވީމާ ކަލޭ ސާރާގެ މަންމަ އާއިމެދު ވަރަށް ބޮޑަށް ވިސްނާލަން އަޅުގަނޑަށް ފެނޭ. ސާރާގެ މަންމަ އާއި ބެހޭގޮތުން ވަޒީރު ވަނީ އަޅުގަނޑުގެ ގާތުގައި ވަރަށް ގިނަ ވާހަކަތަކެއް ދައްކާފައި. ނަމަވެސް މިއަދު ކަލޭ ސާރާގެ ގާތުގައި ބުނިހެން އޭނާގެ މަންމަ އޭނާ ގާތު ނެތުން ވެސް އެއީ އޭނާގެ ނަސީބު ކަމުގައިވެސް ވެދާނެ. " ޝުޢައިބު " އެކަމަކު އަޅުގަނޑު ވާހަކަ އެއް ނަންގަންނަންތޯ؟ އެހާ ޅަ އުމުރުގައި އެފަދަ ކަންކަމާއި މެދު ސާރާ ވިސްނަން ވެއްޖެ ނަމަ ނަފުސާނީ ގޮތުން އޭނާއަށް ނޭދެވޭ އަސަރު ތަކެއް ކުރަންވެސް ފަށާފާނެ. އަޅުގަނޑު ސާރާ އާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން. ކުރީން ބުނިހެން އުފަން ދަރިޔެއް ނޫނަސް އަޅުގަނޑު ސާރާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އޭނާ އާއި މެދު މިހިތުގައި ޚާއްސަ ލޯތްބެއް ވަނީ އުފެދިފަ. މިއަދު ސާރާ އަކީ އަޅުގަނޑުގެ ދަރިޔެއް. އަޅުގަނޑުގެ ދިރިއުޅުމުގެ ހިއްސާދާރެއް. އެދަރިފުޅަށް ކުޑަ ނަމަވެސް ގެއްލުމެއް ވާކަށް އަޅުގަނޑު ނޭދެން. އޭނާގެ އުފަލަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނު ކަމުގައި ވިޔަސް އަޅުގަނޑު ފަހެއް ނުޖެހޭނަން. "
ރަސްގެފާނުގެ މިވާހަކަ އަޑުއަހަން އިނުމަށްފަހު ޝުޢައިބު ނަންގަތެވެ.
" ރަސްގެފާނު، އަޅުގަނޑުވެސް ސާރާއާއި ދޭތެރޭ ވަރަށް ފިކުރު ބޮޑުވޭ. އޭނާއަށް އަންނަމުން އެދާ ބަދަލާއި ދޭތެރޭ ނުހަނު ކަންބޮޑުވެސް ވޭ. މަނިކުފާނަށް އެނގިލައްވާނޭ ފަދައިން އޭނާގެ މަންމަ ސުރައްޔާ އެހުރީ ވަރަށްދުރު ހިސާބެއްގައި. ސާރާ އޭނާ އާއި ބައްދަލު ކުރުން އޭއީކީ ފަސޭހަ ކަމެއް ނޫނެއް ނޫންތޯ؟ އަޅުގަނޑުވެސް ސުރައްޔާއާއި ސާރާ ބައްދަލުވާން ވަރަށް ބޭނުންވޭ. "
ޝުޢައިބު ވާހަކަ ކުރިޔަށް ގެންދިޔަ ވަގުތު ރަސްގެފާނު އެވާހަކަ ހުއްޓުވުމަށްފަހު ނަންގަތެވެ.
" ސާރާގެ މަންމަ އެޝަޙަރުގައި ހުރިކަމުގައި ވީނަމަވެސް އޭނާ މިތަނަށް ގެނައުން އެއީކީ އަޅުގަނޑަށް އުނދަގޫ ކަމެއްނޫން. އަޅުގަނޑު އަމުރު ކޮށްފިނަމަ އޭނާ ޖެހޭނީ މިތަނަށް އަންނާކަށް ނޫންތޯ؟ ކަލޭގެ މައްސަލައެއް ނެތްކަމުގައި ވާނަމަ ފެށޭ ހަފުތާގައި އޭނާ މިޝަޙަރަށް ގެންނާނަން. އެއްވެސް މައްސަލައެއް އެބަ އޮތްތޯ؟ "
އެސުވާލަށް ޖަވާބު ދެމުން ޝުޢައިބު ރަސްގެފާނަށް ނަން ގަތެވެ.
" އަޅުގަނޑުވެސް ބޭނުންވާ ގޮތަކީތީ. ނަމަވެސް އެވަރުގެ ބޮޑު ކަމެއްގައި މަނިކުފާނުގެ އެހީއަށް އެދެން އަޅުގަނޑަށް ފަސްޖެހެވުނީ. އެންމެ ރަނގަޅު. މަނިކުފާނު ރުހިލައްވާ ގޮތަކަށް ތިކަން ހަމަޖައްސަވާ. އެކަމަކު ސުރައްޔާ ބަހައްޓަންވާނީ ވަކި ތަނެއްގައި. އަޅުގަނޑު އޭނާ ކުރިމައްޗަށް އަރާކަށް އަދި ބޭނުމެއް ނޫން. "
ޝުޢައިބު މިހެން ބުނުމުން ރަސްގެފާނު ނަންގަތެވެ.
"އިތުރަށް ދެން ކަލޭ ސުރައްޔާގެ ކަންކަމާއި ނުވިސްނާ! ދެން ކަން ކުރަންވާ ގޮތް އެނގޭނީ އަޅުގަނޑަށް." މިހެން ބުނުމަށްފަހު ޒޭނާ އާއި ބައްދަލު ކުރުމަށް އޭނާގެ ގާތަށް ދިއުމަށް ޝުޢައިބުގެ ގާތުގައި އެދުނެވެ. އަދި ޝުޢައިބު ރަސްގެފާނާއި އެކު ޒޭނާ ބަހައްޓާފައިވާ ތަނަށް ހިނގައްޖެއެވެ.
ޝުޢައިބު ރަސްގެފާނުގެ އަރިހުގައިގޮސް ޒޭނާ ބަހައްޓާފައިވާ ކޮޓަރީގެ ކައިރީގައި މަޑުކުރިއެވެ. އަދި މުޅިތަނަށް އޭނާގެ ނަޒަރު ހިންގާ ބަލާލިއެވެ. ޒޭނާ ހުރުމަށް ޚާއްސަ ކުރެވިފައިވާ ތަނަކީ ކުޑަ ބަގީޗާ އަކާއިއެކު ވަށައިގެން ރީތި މާގަސްތައް ހައްދާފައިވާ ރީތި ކުޑަ ގަނޑުވަރެކެވެ. ރަސްގެފާނު އޭނާގެ ގާތުގައި ބޭރުގައި މަޑުކޮށްލުމަށް ބުންޏެވެ. އަދި ޒޭނާގެ ކޮޓަރީގައި ޓަކި ޖެހުމަށްފަހު ކޮޓަރިއަށް ވަނެވެ. ޒޭނާ ފެނުނު ވަގުތު އޭނާ އިނީ ނަމާދުކޮށް ނިމިގެން ޤުރުއާން ކިޔަވާށެވެ. ޒޭނާއަށް ރަސްގެފާނު ފެނުމުން ކޮޅަށް ތެދުވެ ބައްޕަގެ ހާލު އޮޅުންފިލުވާ އަދި ކޭން ބައްލަވައިފިންތޯ ސުވާލު ކުރިއެވެ. އެވަގުތު ރަސްގެފާނު އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ދަރިފުޅުގެ ބޮލުގައި ބޮސް ދެއްވިއެވެ. އަދި ދަރިފުޅުގެ ކެތްތެރި ކަމާއި މެދު އަޖައިބު ވެފައިވާ ހާލު އެދެލޯފުޅުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ. ބައްޕައަށް ކޮށްފައިވާ އެއަސަރު ފެނުމުން، ވަރަށް ހިތްވަރު ކޮށްލާފައި ޒޭނާ ބައްޕައަށް ނަންގަތެވެ.
" ލޯބިވާ ބައްޕާ، ރޮއެ ހިތާމަ ނުކުރައްވާ! މިއީ މިއަދު ﷲ ގެ އިރާދަފުޅުގައި އަޅުގަނޑާއިމެދު ލިޔެވިފައިވާ ގޮތް. މިކަމުގައި ޖެހޭނީ ކެތްތެރިވާން. އަޅުގަނޑުގެ ގައިގައި މިކަމުން ސަލާމަތް ކޮށްދެއްވުން އެދި އެކަލާނގެ އަށް ދުޢާ ދެންނެވޭނޭ ހިތްވަރު އެބަހުރި. އަދި އެކަލާންގެ ހެޔޮ ރަހުމަތުން އަޅުގަނޑު އަދި މިކަމުން ސަލާމަތްވެ ބައްޕައާއި އެކު އުފަލުގައި އުޅޭނެ ދުވަސްވެސް ފެންނާނެ. "
ޒޭނާ މިހެން ބުނުމުން ރަސްގެފާނު ލޯފުޅު ފޮހެލެއްވުމަށްފަހު ޒޭނާގެ ގާތުގައި ބުންޏެވެ.
( ނުނިމޭ )
