(13 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)
" ދަރިފުޅާ ޒޭނާ. ބައްޕަ ދަރިފުޅުގެ ގާތުގައި ވާހަކައެއް ދައްކާލަން ބޭނުން. ބައްޕަ ވަރަށް ގިނައިން ބުނަމެއްނު ވަޒީރުގެ ބަލިން ފަސޭހަވީ ވަރަށް މޮޅު ބޭސްވެރިއެއްގެ މަސައްކަތުންނޭ. ވަޒީރުގެ އެދުމަށް، އޭނާ މިޝަހަރަށް އައިސް ބައްޕަ އާއިއެކު މިގަނޑުވަރުގައި އުޅެމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެ. އޭނާއަކީ ވަރަށް ރަނގަޅު، އަދި މީހުންނަށް އޯގާތެރި މާތް އަޚުލާގެއްގެ މީހެއް. ބައްޕަގެ އެދުމާއިއެކު އޭނާ މިހާރު މަސައްކަތް ކުރަމުން އެގެންދަނީ މިޝަހަރުގައި ބަލިމީހުންނަށް ބޭސްކޮށްދީ އަދި ބޭސްވެރިކަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ދަސްކޮށްދީ މިޝަހަރުގައި އެކަން ފުޅާކޮށް ދިނުމުގެ މަސައްކަތުގައި. ދަރިފުޅާއި ބެހޭގޮތުން ބައްޕަ ވާނީ އޭނާގެ ގާތުގައި ހުރިހާ ވާހަކައެއް ދައްކާފައި. އަދި ދަރިފުޅުގެ ތިޔަ ބައްޔާއި ބެހޭގޮތުން ވާނީ ހުރިހާ ވާހަކަތަކެއް ބުނެވެސް ދީފައި. މިވާހަކަތައް ކިޔައިދިނުމުން އޭނާ ބޭނުންވަނީ ދަރިފުޅާއި ބައްދަލުކޮށް މިކަމާއި ބެހޭގޮތުން ދަރިފުޅާއި ވާހަކަ ދައްކަން. އޭނާ އެބަހުރި ދަރިފުޅާއި ބައްދަލު ކުރުމަށް އައިސް މިތާ ބޭރުގައި. އޭނާއާއި ބައްދަލު ކުރާނަންތަ؟ "
ރަސްގެފާނުގެ އެވާހަކަތައް އަހަން އިނުމަށްފަހު ޒޭނާ އިސްދަށަށް ޖަހާލިއެވެ. އަދި އެއީ ބައްޕަ ރުހިވަޑައިގަންނަވާ ކަމެއް ކަމުގައި ވާނަމަ އޭނާ އާއި ބައްދަލު ކުރަން އެއްބަސްވިއެވެ.
ޒޭނާ ޝުޢައިބުއާއި ބައްދަލު ކުރުމަށް އެއްބަސްވުމުން ރަސްގެފާނު ބޭރަށް ނުކުމެ ޝުޢައިބު ގާތުގައި އެތެރެއަށް ވަންނަން ބުނުއްވިއެވެ. ނަމަވެސް އޭނާ ކުޑަކޮށް ޖެހިލުންވެހުރެ ރަސްގެފާނުގެ ފަހަތުން ކޮޓަރީގެ އެތެރެއަށް ވަނެވެ. ޝުޢައިބު ކޮޓަރީގެ ތެރެއަށް ވަތް ވަގުތު ކުރިމަތީގަ ގޮޑިއެއްގައި އިން ޒޭނާ އޭނައަށް ފެނުނެވެ. ޝުޢައިބު ޒޭނާ އާއި ދިމާއަށް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލާލިއެވެ. ޝުޢައިބުއާއި ޒޭނާގެ ހަތަރުކަޅި ހަމަވި ވަގުތު ޒޭނާ ވަރަށް ބޮޑަށް ލަދުގަނެ ވަގުތުން އަނެއް ފަޅިއަށް އެނބުރުނެވެ. ޒޭނާ އިސްދަށަށް ޖަހާލައިގެން އަނގައިން ނުބުނެ އިނުމުން ރަސްގެފާނު ވާހަކަ ކުރިޔަށް ގެންދިޔައެވެ.
" ދަރިފުޅާ ޒޭނާ. މިއީ ބައްޕަ ދަރިފުޅުގެ ގާތުގައި ބުނި މީހަކީ. " ޝުޢައިބު " ދެންމެ ބައްޕަ ބުނި މީހަކީ މިއީ. ޝުޢައިބުއާއި އޭނާގެ ދަރިފުޅު އުޅެމުން ގެންދަނީ ބައްޕައާއި އެކު މިގަނޑުވަރުގައި. "
ޝުޢައިބު ފެނުނު ވަގުތު ޒޭނާއަށް ކުއްލިއަކަށް ކަމެއް ހަނދާނަށް އައެވެ. އަދި އިސްދަށަށް ޖަހައިގެން އިނުމަށްފަހު ރަސްގެފާނަށް ނަންގަތެވެ.
" ބައްޕާ، އަޅުގަނޑު ވާހަކައެއް ނަންގަންނަންތޯ؟ ރޭގައި އަޅުގަނޑު ވަރަށް ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރިން. އަދި ރޭގެ ފަތިސް ވަގުތާއި ހަމަޔަށް އަޅުގަނޑަށް ބުނެދޭން ނޭނގޭ ތަފާތު އިހުސާސް ތަކެއް ކުރެވުނު. އަދި ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމުގެ އިހުސާސެއް ކުރުވި. އަޅުގަނޑު ފަތިސް ނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވާލުމަށްފަހު އޮށޯވެ އޮއްވައި ނިދުނީ. އަޅުގަނޑަށް ފަތިހު ހުވަފެނެއް ފެނުނު. އެނގިލައްވާތޯ؟ އަޅުގަނޑަށް ހުވަފެނުގައި ފެނިފައިވަނީ، ވަރަށް ހެޔޮލަފާ ޒުވާނަކު ބައްޕައާއި ބައްދަލު ކުރުމަށް ގަނޑުވަރަށް އައިސް ބައްޕަގެ އަރިހުގައި އުޅުއްވިތަން. ނަމަވެސް ކުއްލިޔަކަށް އޭނާ އަޅުގަނޑުގެ ލޯމަތިން ގެއްލިއްޖެ. އިރުކޮޅަކުން އަޅުގަނޑުގެ ކަންފަތް ދޮށުގައި ވައި އަޑަކުން މީހަކު ބުނާ އަޑުއިވުނު.
" ޒޭނާ، ދެންމެ ކަލެޔަށް ތިޔަ ފެނުނު ޒުވާނާއަކީ ކަލޭގެ ބައްޕަގެ ނަސީބު. އެހެން ބުނި ވަގުތު އަޅުގަނޑަށް ހޭލެވިއްޖެ. "
ޒޭނާ މިހެން ބުނުމަށްފަހު ރަސްގެފާނާއި ދިމާއަށް އެބުރި ނަންގަތެވެ.
" ބައްޕާ، އެއިރުން ފެށިގެން އަޅުގަނޑަށް ކުރެވެމުން މިދިޔައީ ފަތިހު އެފެނުނު ހުވަފެނުގެ އިހުސާސް ކަމުގައި ގަބޫލުކުރެވޭ. އަދި އަޅުގަނޑަށް ގަބޫލު ކުރެވެނީ ބައްޕައާއި ބައްދަލު ކުރުމަށް ގަނޑުވަރަށް އައި މީހަކީ، ޝުޢައިބު ކަމަށް. އޭނާއަކީ ބައްޕަގެ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ފަރާތެއް ކަމުގައި ވެގެން ހިނގައިދާނެ. "
ޒޭނާ މިގޮތަށް ވާހަކަ ދެއްކުމުން ރަސްގެފާނު ވަރަށް ހައިރާންވެ ހުރެ އޭނާ އެދެއްކި ވާހަކައިން ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. އަދި ދަރިފުޅުގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.
" ދަރިފުޅާ، ބައްޕަ ދަރިފުޅާއި މެދު އަދިވެސް އުންމީދު ގެއްލުވައެއް ނުލަން. ބައްޕަގެ އަބަދުވެސް ދުޢާ އަކީ ދަރިފުޅު ތިކަމުން މިންޖުވެ ހެޔޮހާލުގައި ވަރަށް އުފަލުގައި ބައްޕައާއި އެކީގައި ލެހެއްޓެވުން. "
ޒޭނާއާއި ދިމާއަށް މިހެން ބުނުމަށްފަހު ރަސްގެފާނު ޝުޢައިބުއާއި ދިމާއަށް އެނބުރި ބަލާލުމަށްފަހު އޭނާއަށް ނަންގަތެވެ.
" ޝުޢައިބު، ޒޭނާ މިކަމުން ސަލާމަތްކޮށް ދިނުމަށް އަޅުގަނޑަށް އެހީތެރިވެ ދެއްވާ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މިކަމުގައި އެހީތެރި ކަމެއް ވެދެވޭނޭ ހަމައެކަނި ފަރާތަކީ ޝުޢައިބު. "
ރަސްގެފާނު މިގޮތަށް ވާހަދައްކަމުން ދިޔަ ވަގުތު ރަސްގެފާނުގެ ވާހަކަ ހުއްޓުވާ ޒޭނާ ރަސްގެފާނަށް ނަންގަތެވެ.
" ބައްޕާ، ކެތްތެރި ވެލައްވާ. އަދި ހިތާމަ ނުކުރައްވާ. ކޮންމެ އިންސާނަކަށްވެސް ކުރިމަތި ކުރައްވާ ކަންކަމަކީ އެކަމެއްގެ ފަހަތުގައި ބުނެދޭން ނޭނގޭ އެތަކެއް ސިއްރު ތަކެއް ވާނޭ ކަންކަން ކަމުގައިވެސް ވެދާނެ. އަޅުގަނޑުގެ މިހާލަތާއި މެދު ބައްޕަ ވަރަށް ދެރަވެ ހިތާމަ ކުރައްވާކަން އެނގޭ. އެކަމާއިމެދު އަޅުގަނޑުވެސް ނުހަނު ކަންބޮޑުވޭ. ސަބަބަކީ އަޅުގަނޑު މިހާ ނާޒުކު ހާލަތެއްގައި ވަނިކޮށް މިހާލަތާއި މެދު ވިސްނާ ބައްޕަ ބަލިވެ ދާނެތީ. "ބައްޕާ" އަބަދުވެސް ހިތުގެ އަޑީން ގަބޫލު ކުރަންވީ ކަމަކީ މިއީ މިއަދު ބައްޕައަށް ކުރިމަތި ކުރައްވާފައިވާ ވަރުގަދަ އިމްތިހާނެއްގެ ގޮތުގައިކަމަށް. އެކި މީހުން އިމްތިހާނު ކުރައްވާނީ އެކި ގޮތޮގޮތަށް. ހަމަ ގައިމުވެސް މިކުރިމަތި ކުރައްވަވާ އިމްތިހާނު ތަކާއި ކުރިމަތިލާ ކެތްކުރުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ގައިގައި ހުންނަންވާނެ. "
" ނިކަން އަޑު އަޑުއައްސަވާބަލަ! ނަބީ ބޭކަލުންގެ ދިރިއުޅުއްވުމުގައި ކުރިމަތި ކުރެއްވި އިމްތިޙާނު ތަކުން އަޅުގަނޑުމެން އިބުރަތް ޙާސިލް ކުރެއްވުން ކީއްތޯ؟ އިންސާނުންގެ ތެރެއިން ބަލިމަޑުކަމެއް ކުރިމަތިވެ، އެކަމުގެ ސަބަބުން އެންމެ ވަރުގަދަ އިމްތިހާނަކާއި ކުރިމަތި ކުރެއްވި އެއް އިންސާނަކީ "ޢައްޔޫބު ޢަލައިޙިއްސަލާމް. " އެކަލޭގެފާނާއި އޭރު އެކުރިމަތި ކުރެއްވި އެވަރުގަދަ އިމްތިހާނަށް އެކަލޭގެފާނު ކެތްތެރިވެ، އެކަމާއި ކުރިމަތިލެއްވެވި. އިންސާނަކު އެކަމާއި ކުރިމަތި ނުލެއްވި ހިތް ފަޅައިގެން ދާނޭނަމަ އެކަލޭގެފާނުގެ ހިތް ފަޅައިގެން ދާވަރުވެ ލެއްވީސް ނޫންތޯ؟ އާރާއި ބާރާއި ޢިއްޒަތް ލިބިފައި ހުންނެވި ވަގުތު، އަނބިމީހާ ފިޔަވާ އަރިހުގައި ޚިދުމަތުގައި ތިބި އެންމެން އެކަލޭގެފާނު ދޫކޮށް ދިޔައީ. ނަމަވެސް އެކަލޭގެފާނު ﷲ ގެ ރަހުމަތުން އުންމީދު ކަނޑައެއް ނުލެއްވެވި. ބަދަލުގައި އެކަލޭގެ ފާނަށް ލިބުނު ކާމިޔާބީ ބައްޕައަށްވެސް ހަމަ ރަނގަޅަށް އެނގި ވަޑައިގަންނަވާނެ."
" ހަމަ އެގޮތަށް ﷲ ގެ ނަބިއްޔާ ޢިބުރާހީމް ޢަލައިހިއްސަލާމްގެ ވާހަހަކަ ފުޅުވެސް ބައްޕައަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ކައިވެނިފުޅު ބައްލަވައި ވަޑައިގެން ދަރިޔަކު ނުލިބުމުން، އެކަމާއި ހިތާމަ ކުރައްވާ، ޞާލިޙު ދަރިޔަކު ދެއްވުމަށް އެދި އެތަކެއް ފަހަރު ދުޢާ ދެންނެވި. ނަމަވެސް އެކަލޭގެފާނުގެ ގައިބާރު ދެރަވެ މުސްކުޅި އުމުރު ފުޅުގައި އިސްމާޢީލް ޢަލައިހިއްސަލާމް ލިބި ވަޑައިގެންނެވީ. އިސްމާޢީލް ޢަލައިހިއްސަލާމް ތުއްޕުޅު ޢުމުރުގައި، އިބްރާހީމް ޢަލައިއްސަލާމް ޢިމްތިހާނު ކުރެއްވުމުގެ ގޮތުން ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ޢަމުރު ކުރެއްވެވީ މުސްކުޅި ޢުމުރު ފުޅުގައި ލިބިވަޑައިގެންނެވި އެތުއްތު ދަރިފުޅު ގުރުބާން ކުރެއްވުމަށް. އެއީ އެކަލޭގެފާނުގެ ކެތްތެރިކަން ޢިމްތިހާނު ކުރެއްވުމުގެ ގޮތުން. ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނުގެ އެތުއްޕުޅު ދަރިފުޅު ގުރުބާން ކުރަން ނިންމެވި. އެއަށް ފަހު ކަންވީ ގޮތް ބައްޕަޔަށްވެސް އެނގިވަޑައިގަނަވައެއް ނޫންތޯ؟ އެހެންކަމުން އަޅުގަނޑު މެންފަދަ އާދައިގެ އިންސާނުންނަށް ދިމާވާ މިފަދަ ކަންކަމާއި މެދު ކެތްތެރި ނުވެވެންވީ ކީއްވެތޯ؟ "
" ބައްޕާ، އަޅުގަނޑުގެ ހަށިގަނޑުގައި މިބަލީގެ ސަބަބުން ވަރަށް ވޭން އަޅާ. ނަމަވެސް އަޅުގަނޑުގެ ގައިގައި ހިތްވަރު އެބަހުރި. މިކަމުން މިންޖު ކޮށް ދެއްވުން އެދި ﷲ އަށް އަބަދު ދުޢާ ދަންނަވަން. އަޅުގަނޑު ކިތަންމެ ބަލިވީ ކަމުގައި ވީނަމަވެސް ﷲ ގެ ރަޙުމަތާއިމެދު އުންމީދު ކަނޑައެއް ނުލަން. ﷲ ގެ ހެޔޮ ރަހުމަތުން އިރާދަކުރެއްވިއްޔާ އަދި މިބަލީން އެކީ ފަސޭހަވާނެ. ވީމާ ބައްޕަވެސް އަޅުގަނޑު މިކަމުން ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާ ކޮށް ދެއްވާ. މައިންބަފައިން ދަރީންގެ މައްޗަށް ކުރާ ދުޢާ އިޖާބަ ކުރައްވާނެ. "
ޒޭނާގެ ވާހަކަތައް އެގޮތަށް އިވުމުން ރަސްގެފާނަށް ކެތްނުކުރެވިގެން ވަގުތުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އަދި ރަސްގެފާނުގެ ފަހަތުން ޝުޢައިބުވެސް ނުކުތެވެ. ޒޭނާގެ ކޮޓަރީން ނުކުތުމަށްފަހު ރަސްގެފާނާއި ޝުޢައިބު ގަނޑުވަރުގެ ބަގީޗާއަށް ދިޔައެވެ. އަދި ރަސްގެފާނު ޝުޢައިބުއަށް ނަންގަތެވެ.
" ދެންމެ އެހިނގި ކަންކަމަކީ އާކަމެއް ނޫން. ކޮންމެ ރެޔަކުވެސް ޒޭނާގެ އެވާހަކަތައް އަޑުއަހާފައި އަޅުގަނޑު ނުކުންނަން ޖެހެނީ ހިތް ފަޅައިގެން ދާ ވަރުވެގެން. އެނގޭތަ؟ އޭނާއަށް އެހާވަރުގެ ކެކުޅުމެއް ތަހަންމަލް ކުރަމުން ގެންދާއިރުވެސް ދިރިއުޅުމާއި މެދު އުންމީދު ކަނޑައެއް ނުލާ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ ހޭދަ ކުރަމުން އެގެންދަނީ އެގޮތަށް އަޅުކަމުގައި. އަޅުގަނޑަށް ކެތްތެރިވުމަށް ނަސޭހަތްތެރިވެ، އަބަދުވެސް މިސާލު ނަންންގަވަނީ ޤުރުއާނާއި، ނަބީ ބޭކަލުންގެ ވާހަކަ ތަކުން. ޒޭނާގެ އެސާބިތުކަމާއި މެދު އަޅުގަނޑު ހަމަ އަޖައިބު ވަން. "
ރަސްގެފާނުގެ އެވާހަކަތައް އެހުމަށް ފަހު ޝުޢައިބު ނަންގަތެވެ.
" ރަސްގެފާނު، އަޅުގަނޑު މަނިކުފާނުގެ ދަރިފުޅާއިމެދު ފަޚުރު ވެރިވަން. އޭނާ ކިތަންމެ ވޭނެއްގައި އުޅެން ޖެހުނު ކަމުގައި ވިޔަސް އޭނާ ހެއްދެވި ފަރާތާއި މެދު އުންމީދު ކަނޑައެއް ނުލައްވާ. ޒޭނާ ކިހާ ކެތްތެރިތޯ؟ އޭނާގެ އެވާހަކަ ތަކަށް އަޅުގަނޑު އެއްބަސްވަން. އަދި ޒޭނާގެ ވާހަކަ ތަކުގެ އިތުރުން އޭނާގެ އެސާބިތުކަން ފެނި، ޒޭނާ އެބަލިން ރަނޅު ކުރުމަށް އެހީވެ ދިނުމަށް އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއްވެސް ލިބިއްޖެ. ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ޒޭނާ އެކަމުން ސަލާމަތް ކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން. ކަން ބޮޑުވެ ނުލައްވާ. ޒޭނާ އެބުނިހެން ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ރަނގަޅު ވާނެ. އިތުރަށް ދެން ލަސް ކުރާކަށް އަޅުގަނޑު ބޭނުމެއް ނުވޭ. އިރާދަ ކުރެއްވިއްޔާ މާދަމާ ހެނދުނު އަޅުގަނޑު ޒޭނާ އާއި ބައްދަލު ކުރުމަށްފަހު ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން ފަށާނަން. އެންމެ ރަނގަޅުތޯ؟ "
އެކަމުގައި ޝުޢައިބުއަށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދިއުމުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައި ބުނުމަށްފަހު ރަސްގެފާނު ގަނޑުވަރުގެ ތެރެއަށް ވަނެވެ.
ރަސްގެފާނާއި ޝުއަޢިބު ދިއުމުން ޒޭނާ ފެންވަރާލައިގެން އެނދުގައި އޮށޯވެލިއެވެ. އަދި މިރޭ ބައްޕަ ގާތު ދެކެވުނު ވާހަކަ ތަކާއި މެދު ވިސްނާލެވުނެވެ. އޭނާއާއި ދޭތެރޭ ބައްޕަ ވިސްނާ ހިތާމަ ކުރާނޭވަރު ހިތަށްއަރާ އެކަމާއި ވަރަށް ދެރަވިއެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި ހިތްވަރު އެލުވާލާ ރޮއެ ހަދައިފިނަމަ އެބައްޕަގެ ހިތަށް ކުރާނޭ އަސަރު ހިތަށްއެރިއެވެ. ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅި ކަމުގައި ވިޔަސް ބައްޕަގެ ކުރިމަތީގައި ހިތްވަރު އެލުވާނުލާނޭކަން ޒޭނާ ހިތާހިތާ ބުނަމުން ގެންދިޔައެވެ.
މިރޭ ބައްޕައާއި އެކު ޒޭނާގެ ގާތަށް އައިސްހުރި ޝުޢައިބުއާއި ދޭތެރޭ ވިސްނާލެވުނެވެ. އަދި ހިތަށް އެރިއެވެ. ރޭގެ ފަތިހު ހުވަފެނުން ޒޭނާއަށް އަށް ފެނިފައިވާ ޒުވާނަކީ ޝުޢައިބު ކަމުގައި ވެދާނެއެވެ. ހުވަފެނުގައި ފެނިފައިވާ އެޒުވާނާގެ ހުރިހާ ސިފަތައް އޭނާގެ ގައިގައި އެބަ ހުއްޓެވެ. ބައިމަތި ފުޅާ ހެޔޮވަރުގެ ދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ ދޮން އަދި ހެޔޮވަރުގެ ދިގު ތުނބުޅިއަކާއި އާދައިގެ ވަރަކަށް ދިގުކޮށްފައި ހުރި ފަން އިސްތަށި ގަނޑެކެވެ. ބަލާލުމަށް ހުތުރު މީހެއް ނޫނެވެ. ޒޭނާއަށް ޝުއަޢިބު ފެނުނު ވަގުތުން ފެށިގެން ބުނަން ނޭނގޭ ފަދަ އިހުސާސް ތަކެއް ކުރުވިއެވެ. އަދި މިޚިޔާލު ތަކުގައި އޮއްވައި ޒޭނާއަށް ކަމެއް ހަނދާން ވިއެވެ. ޝުޢައިބުގެ ދަރިފުޅު އުޅެނީ ބައްޕައާއި އެކު މިގަނޑުވަރުގައި ކަމުގައި މިރޭ ބައްޕަ ވަނީ ޒޭނާ ގެ ގާތުގައި ބުނެފައެވެ.
ޒޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. " ޝުއަޢިބުގެ އަނބި މީހާ ކޮބައި ބާވައެވެ؟ ހަމަ ގައިމުވެސް އޭނާ ފަދަ ހެޔޮލަފާ މީހެއްގެ އަނތްބަކަށް ވާނީ ވަރަށް ނަސީބު ރަނގަޅު މީހެއް ކަމާއި މެދު ޝައްކެއް ނެތެވެ. " ޝުޢައިބު އާއި ދޭތެރޭ މިފަދަ ޚިޔާލު ތަކެއްގައި ނުނިދި ޒޭނާ އަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭގެއެވެ.
ގެއަށް ދިއުމަށްފަހު މިރޭ ޒޭނާ އެދެއްކި ވާހަކަ ތަކަކާއި ދޭތެރޭ ޝުޢައިބު ވަރަށް ވިސްނިއެވެ. އެހާ ބޮޑު ވޭނެއް ތަހައްމަލް ކުރަމުން ގެންދާއިރުވެސް އޭނާގެ ކިބައިގައި ކެތްތެރިކަމާއި އެކަމާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހިތްވަރު އެބަހުއްޓެވެ. ހުރިހާ ބޭސް ވެރީން އޭނާ އާއި މެދު އުންމީދު ކަނޑާލައިފައި ވީނަމަވެސް އެހިތުގައިވާ އުންމީދަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޒޭނާ އަކީ ބައްޕަޔަކަށް ލިބިފައިވާ ހަރުދަނާ ކިޔަމަންތެރި ދަރިއެއްކަން މިރޭގެ އެވާހަކަ ތަކުން ކިތަންމެ ވަރަކަށް ވެސް އެނގި ހާމަވެގެން ހިނގައްޖެއެވެ. އަދި ޒޭނާގެ އެވާހަތަކުން، ވަރަށް ބޮޑު ހިތްވަރެއް ލިބި ޝުޢައިބުގެ ހިތުގައި ޒޭނާއާއި މެދު ޝައުގުވެރިކަން އުފެދުނެވެ. ދުވަހުގެ މަސައްކަތުގެ ވަރުބަލިކަމާއިއެކު މިޚިޔާލު ތަކުގައި އޮއްވާ ޝުއަޢިބުއަށް ނިދިއްޖެއެވެ.
( ނުނިމޭ )
