ކައިވެނީގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަކީ އަޅުކަމެކެވެ. އިސްލާމް ދީނުގައި އޮތީ މައްސަލަތައް ޙައްލުކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގަކީވެސް އެއީއެވެ.
އެހެންކަމާއެކުވެސް ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލަންވާނެއެވެ! އަބަދު މައްސަލަތަކުގެ ތެރޭގައި ދިރިއޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ﷲ ތަޢާލާއީ ރަޙްާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޢަފޫކުރެއްވެވުމުގައި އިމެއް ނެތެވެ. އެމީހަކު ތައުބާވެ ދެންނެވިވަރަކަށް ޢަފޫކުރައްވަވައި ދެއްވަވަތެވެ! އިން ޝާ ﷲ
ނަމަވެސް އިންސާނުން ތަފާތުވާނެއެވެ. އެއީ އިންސާނުން ކަމުގައިވީތީއެވެ. އަބަދު މާފުކުރަންޖެހުމުން ފޫހިވާނެއެވެ. އަބަދު ކުށްކުރާނަމަ ރުޅިގަދަވާނެއެވެ. ކެތްތެރިވާން މަސައްކަތްކުރި ނަމަވެސް ކެތްތެރިކަން ކޮޅުންވެސްލާނެއެވެ.
އަދި ކީއްހެއްޔެވެ؟ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަންވީ، ބައިވެރިޔާ ދެކެ ލޯބިވާކަން ހާމަކުރަންވީ ކަންކަން ގޯހުން ގޯހަށް ދަމުން ގޮސް ކައިވެނި ރޫޅައިލަން އެކަކު ނިންމާ ހިސާބަކުންނޫނެވެ. އެއިރު އޮންނާނީ އެކަމުގެ ވަގުތު ފާއިތުވެފައެވެ. މައްސަލަތައް ޙައްލުކޮށް ލޯބިވާކަން ހާމަކުރަންވީ ކަންކަން އެހާލަތަށް ދިއުމުގެކުރިންނެވެ. މާކުރިންނެވެ!
އަދި ކީއްހެއްޔެވެ؟ ލޯބިވާކަން ހާމަކުރަންޖެހޭނީ ދުލަކުން ނޫނެވެ! ޢަމަލުންނެވެ!
– މުފްތީ މެންކުގެ ދަރުސަކުން
