ސިޓީ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.

އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ސިޓީ އަށް މި ނަތީޖާ އާއިއެކު ވަނީ 68 ޕޮއިންޓު ލިބިފަ އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ މި ސީޒަނުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކުޅޭނެ ފަހު މެޗެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ސިޓީގެ ފޯވަޑް އުމަރު މަރްމޫޝް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ސިޓީ އާއި ގުޅުނު ފަހުން މަރްމޫޝް އެ ކްލަބަށް ކާމިޔާބުކޮށްދިން އަށްވަނަ ލަނޑެވެ.

އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާރނަޑޯ ސިލްވާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯ ގޮންޒަލޭޒް އެވެ.

ބޯންމަތު އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ޑޭން ޖެބިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލިވަޕޫލް އާއި އާސެނަލް އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުވެފައިވާއިރު ލީގުގައި ބާކީ އެއް މެޗު ކޮންމެ ޓީމަކަށްވެސް އޮތްއިރު އަނެއް ތިން ޖާގައަށް ފަސް ޓީމެއް ދަނީ ވާދަކުރަމުންނެވެ. ސިޓީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުންދާ އަނެއް ހަތަރު ޓީމަކީ ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީގެ އިތުރުން އެސްޓަން ވިލާ އާއި ނޮޓިންހަމް ފޮރެސްޓެވެ. މީގެ ތެރެއިން ނޮޓިންހަމް ފޮރެސްޓަށް 65 ޕޮއިންޓް ލިބިފައިވާއިރު އަނެއް ތިން ޓީމަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *