ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ހުންނާނެއެވެ! މައްސަލަތައް ޖެހޭނެއެވެ. އެކަންކަން ޙައްލުކޮށް އުފާވެރިކަމާއި ތަޤްވާވެރިކަމާއިއެކުގައި ދިރިއުޅުމަކީ ޖިހާދެއްކަމަށް ޢިލްމުވެރިން ސިފަކުރައްވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ކައިވެންޏަކީ ހަމައެކަނި ދެފަރާތުން ސޮއިކޮށް ވެވޭ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމަކީ ދެމަފިރިން އެކުގައި އުމުރަށް ދިރިއުޅޭނެ ކަމުގެ ގަރަންޓީއެއް ނޫނެވެ! އެކަމަށް ގަރަންޓީއަކަށް ވާނީ ދެމީހުންގެ ލޯތްބެވެ! ވަފާތެރިކަމެވެ. އޯގާތެރިކަމެވެ. އެކަކު އަނެކަކަށް އަޅައިލުމެވެ! ކައިވެނި ކާމިޔާބުވާނީ ކުރެވޭ ކައިވެންޏާއެކު ލޯބި ދިރުވައި ދަމަހައްޓައިގެންނެވެ. ލޯބި ދިރުވައި އާލާކޮށް ދެމެހެއްޓޭނީ މިބުނި ކަންތައްތަކުންނެވެ.
ލޯބި ދެމެހެއްޓުމުގެ ގަރަންޓީއަށް ބޭނުންވާ ޝަރުޠުތަކުގެ ތެރޭގައި، އެކަކު އަނެކަކަށް އަޅައިލުމާއި އިޙްތިރާމް ކުރުމާއި ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމާއި އިތުބާރުކުރުމާއި ޤަދަރުކުރުމާއި ދެމީހުންގެ މެދުގައި ގާތް ރަޙްމަތްތެރިކަން ދެމެހެއްޓުމާއި މަރުވުމާއި ހަމައަށް ލޯބިން އެކުގައި އުޅުމަށް ޢަޒުމް ކަނޑައެޅުން ހިމެނެއެވެ.
މިކަންކަން ކައިވެނީގެ އެއްބަސްވުމުގައި ނުލިޔުނު ނަމަވެސް ޚުޠުބާގައި ކިޔައިދެއެވެ. ވީމާ ކައިވެނީގެ ވީޑިއޯ އިން ޚުޠުބާ ގިނަގިނައިން އަޑުއަހާށެވެ! އަދި އެއިގައި ދޭ ނަޞޭޙަތްތަކަށް ފުރިހަމައަށް ޢަމަލުކުރާށެވެ. އެއިރުން ކައިވެނީގެ އުފާވެރިކަމަށް ދުވަހަކުވެސް ފަނޑުވުމެއް ނާންނާނެއެވެ!
– އިސްލާމީ ތިލަފަތުގެ ދަރުސަކުން