އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 އިފްތިތާޙުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026″ (އިންޒެކް 2026) މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ކޮންފަރެންސް އިފްތިތާޙުކޮށްދެއްވީ، ޝަރަފުވެރި މެންމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު ޢާމިޒާއެވެ.
މާލޭ އިސްލާމީ މަރުކަޒުގައި 28 އޮކްޓޫބަރު 2026 ވީ ބުދަ ދުވަހުގެ ހެނދުނު 08:00އިން ހަވީރު07:00 އަށް ކުރިއަށްދާ މި ކޮންފަރެންސް ބޭއްވެނީ "ނާޒުކު ހާލަތްތަކުން އަރައިގަތުމަށް ބޭނުންވާ ވަރުގަދަ އަސާސްތައް: ޒަމާނީ މުޖުތަމަޢުތަކުގައި ނާޒުކުކަމާއި، އިޤްތިޞާދީ ނުފޫޒާއި، އެކުވެރި ރައްކާތެރިކަމުގެ ނިޒާމުތައް ދެނެގަތުން" މި ޝިޢާރުގެ ދަށުންނެވެ.
މި ކޮންފަރެންސް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާހުކުރެވުނެވެ. މި ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމަށާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތު ކުރިއެރުވުމަށްޓަކައި އެ މުއައްސަސާއިން ގެންގުޅޭނެ ސްޓްރެޓީޖިކް މިސްރާބު ބަޔާންކޮށްދޭ ޕްލޭނެކެވެ. މީގެއިތުރުން، މޯލްޑިވްސް ޒަކާތު ހައުސްއިން ހާޞިލުކޮށްފައިވާ ކާމިޔާބީތަކާއި މުއައްސަސާގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތައް ދައްކުވައިދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް މި ރަސްމިއްޔާތުގައި ހުށަހެޅުނެވެ.
މި ބައިނަލްއަޤްވާމީ ކޮންފަރެންސަކީ، އިސްލާމީ އިޖުތިމާޢީ މާލިއްޔަތާއި، ޒަކާތުގެ އިދާރީ ހިންގުމާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުންނާއި، އެކަޑެމިކުންނާއި ކަމާގުޅޭ ފަރާތްތައް އެއް ތަނަކަށް ގެނެވި، ފަގީރުކަން ނައްތާލުމާއި، އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ ޒަމާނީ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް ބޭއްވޭ ކޮންފަރެންސެކެވެ. މިގޮތުން، ޒަކާތް ލިބޭ ފަރާތްތަކަށް އަމިއްލަ ފުދުންތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހާޞިލުކޮށްދިނުމަށްޓަކައި ގުޅިގެން މަސައްކަތްކުރެވޭނެ އުޞޫލުތައް ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
އިންޒެކް 2026 ބެހިގެންވަނީ މައިގަނޑު ތިން ސެޝަނެއްގެ މައްޗަށެވެ. ކޮންމެ ސެޝަނެއްގައިވެސް ބައިނަލްއަޤްވާމީ ކީނޯޓް އެޑްރެސް ހުށަހެޅުމަށްފަހު، ޕެނަލް މަޝްވަރާއެއް ކުރިއަށްދާނެއެވެ.
ފުރަތަމަ ސެޝަން، "ދި އެނާޓޮމީ އޮފް މޮޑަރން ވާލްނަރަބިލިޓީ: ވައި އެންޑް ހައު ފެމިލީސް ފޯލް ބިހައިންޑް"، ގައި ކީނޯޓް އެޑްރެސް ހުށަހަޅުއްވައިދެއްވަނީ މެލޭޝިޔާގެ ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔޫއެސްއައިއެމް) ގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއެވެ. އެކަމަނާގެ ތަޤްރީރުގެ މައުޟޫޢަކީ "ދި ނިއު ފޭސް އޮފް ވާލްނަރަބިލިޓީ: ހައު ސްޓްރަކްޗަރަލް ޝޮކްސް ޑިސްރަޕްޓް ފެމިލީ ސްޓެބިލިޓީ އިން މޮޑަރން މޮނިޓައިޒްޑް އިކޮނޮމީސް"އެވެ.
ދެވަނަ ސެޝަން، "ދި އާކިޓެކްޗަރ އޮފް ރެޒިލިއަންސް: މަލްޓިސެކްޓޯރަލް އެލަޔަންސަސް އެންޑް އިންޓެގްރޭޓެޑް ސޮލިއުޝަންސް"، ގައި ކީނޯޓް އެޑްރެސް ހުށަހަޅުއްވައިދެއްވަނީ މެލޭޝިޔާގެ އިންސީފް ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ ޕްރޮފެސަރ ޑރ. އަދީލް ބިން ޝަހާރުއްދީނެވެ". ދި ޕަވަރ އޮފް ސިނަރޖީ: ވައި އިސްލާމިކް ސޯޝަލް ފައިނޭންސް (ޒަކާތު އެންޑް ވަޤުފް)، ސްޓޭޓް ވެލްފެއަރ ޕްރޮގްރާމްސް، އެންޖީއޯސް، އެންޑް ދި ޕްރައިވެޓް ސެކްޓަރ މަސްޓް އިންޓަރލޮކް ޓު ޕްރިވެންޓް ވާލްނަރަބިލިޓީ" މައުޟޫޢަށް ދެއްވާ މި ތަޤްރީރުގައި އިޖުތިމާޢީ އަދި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށްޓަކައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ.
ތިންވަނަ ސެޝަން، "ފްރޮމް ރެސިޕިއަންޓް ޓު ކޮންޓްރިބިއުޓަރ: އެވިޑެންސް-ބޭސްޑް ސަކްސެސް ސްޓޯރީސް އިން ޕަވަރޓީ އަލެވިއޭޝަން"، ގައި ކީނޯޓް އެޑްރެސް ހުށަހަޅުއްވައިދެއްވަނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ އަލްފާޟިލް ޔޫސުފް ބިން އަޙްމަދެވެ. "ދި މެކްރޯއިކޮނޮމިކްސް އޮފް ގްރެޖުއޭޝަން: ގްލޯބަލް ބްލޫޕްރިންޓްސް ފޯރ ޓްރާންސްފޯމިންގ ވެލްފެއަރ ބެނިފިޝަރީސް އިންޓު އިކޮނޮމިކް އެސެޓްސް" މައުޟޫޢުއަށް ދެއްވާ މި ތަޤްރީރުގައި، ދެމެހެއްޓެނިވި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާއި، މާލީގޮތުން އަމިއްލައަށް ތެދުވުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ.
ކޮންމެ ކީނޯޓް އެޑްރެހަކަށްފަހު އޮންނަ ޕެނަލް މަޝްވަރާއަކީ، ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމަށާއި، މުއައްސަސާތަކުގެ ތަޖުރިބާ ހިއްސާކުރުމަށާއި، ފާހަގަކުރެވޭ ގޮންޖެހުންތަކަށް ޢަމަލީ ޙައްލުތައް ހޯދުމަށް ލިބިގެންދާނެ ފުރުޞަތެކެވެ.
ބައިނަލްއަޤްވާމީ މާހިރުންގެ ޢިލްމީ މަޢުލޫމާތު ބަދަލުކުރުމާއި މުއައްސަސާތަކުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ތެރެއިން، އިންޒެކް 2026 ގެ މަޤްޞަދަކީ، އިޤްތިޞާދީ ނާޒުކުކަމުގެ އަސްލު ސަބަބުތަކަށް ޙައްލު ހޯދައި، މުޅި ރާއްޖޭގެ މުޖުތަމަޢުތައް ބާރުވެރިކުރުވައި، ވަރުގަދަ އަދި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *