ބޮޑެތި ލަކުނުތަކާއި، ތެޔޮ ހަންގަނޑެއް ހުންނަ މީހުންނަށް ހަންގަނޑު ސާފުކޮށް ތާޒާކޮށް ބެހެއްޓުމަކީ ވަރަށް އުނދަގޫވާކަމެެވެ. ޓޮމާޓޯ އަކީ މޫނުގެ ހަންގަނޑު ތެޔޮވުން އަދި ކަޅު ވެފައި ހުންނަ މީހުންނަށް ލިބޭ ނިޢުމަތެކޭވެސް ބުނެވިދާނެއެވެ. އަދި ޓޮމާޓޯއަކީ ބޮޑެތި ލަކުނުތައް ފިލުވާލަދީ އަވީގެ ސަބަބުން އަނދާފައިވާ ހަންގަނޑު އަލިކޮށްދީ ސާފުކޮށްދޭން އެހީވާ އެއްޗެކެވެ. ޓޮމާޓޯ އައިސް ކިއުބްތަކުން މޫނަށް ދިމާވާ މައްސަލަތައް ދުރުކޮށް މޫނު ރީތިކޮށް ބެހެއްޓުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެދެއެވެ.
ޓޮމާޓޯގައި ހުންނަ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްގެ މިންވަރު މަތިވުމުގެ ސަބަބުން ހަންގަނޑަށް ރަނގަޅު ގުދުރަތީ ފަރުވާދެވެއެވެ. ގޭގައި އާދައިގެ ޓޮމާޓޯ ފޭޝަލް ކިއުބްސް ތައްޔާރުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
ބޭނުންވާނެ ތަކެތި:
1 ޓޮމާޓޯ (ކޮށާފައި)
މުށެއްވަރުގެ މިންޓް ފަތްކޮޅެއް
1 ތަށި ފެން
1 މޭޒުމަތީ ސަމުސާގެ އެލޯ ވެރާ ޖެލް
އެސެންޝިއަލް އޮއިލް (ބޭނުން ވައްތަރެއް)
ތައްޔާރުކުރާނެ ގޮތް:
ޓޮމާޓޯ ކިއުބްސް، މިންޓް ފަތް އަދި ފެން މިކްސަރަށް އަޅާ ގިރާލާށެވެ.
އޭގެ ތެރެއަށް އެލޯ ވެރާ ޖެލް އާއި އެސެންޝިއަލް އޮއިލް ކޮޅެއް އަޅާފައި އައިސް ޓްރޭއަށް ( އައިސްކިއުބް ބަށްޓަމަށްހުރި) އަޅާފައި ފްރީޒް ކޮށްލާށެވެ.
ދެތިން ގަޑިއިރު ފަހުން ޓްރޭ ނަގައި ޓޮމާޓޯ އައިސް ކިއުބް މޫނުގައި މަޑުމަޑުން އުނގުޅާލާށެވެ. ވަރަށް ނާޒުކު ހަންގަނޑެއް ހުރިނަމަ އައިސް ކިއުބެއް ތުނި މަޑު ފޮތިގަނޑެއްގައި އޮޅާލުމަށްފަހު އުނގުޅާށެވެ.
އާދައިގެ ފެނުން މޫނު ދޮވެލުމަށްފަހު ވަގުތުން ރަނގަޅު މޮއިސްޗަރައިޒާއެއް ނުވަތަ އެލޯވެރާ ޖެލްއެއް އުނގުޅާށެވެ.
ދުވާލަކު އެއް ޓޮމާޓޯ ފޭޝަލް ކިއުބް ބޭނުންކޮށްގެން ބޮޑެތި ލަކުނުތަކާއި، އަނދާފައިވާ އަދި ތެޔޮ ވެފައިވާ މޫނުގެ ހަންގަނޑު ރީތިކުރުމަށްް ބޭނުން ކުރާށެވެ.
އެތަކެތި ހަފްތާއެއްހާ ދުވަހު ސްޓޮކްކޮށް، ބޭނުން ވަގުތެއްގައި އައިސް ކިއުބެއް ބޭނުން ކުރެވިދާނެއެވެ.
