ކާށިފެން އުކާނުލާށެވެ.

ދިވެހިން ކާށި ބޭނުންކުރަނީ ތަފާތު އެއްޗިހި ކެއްކުމުގައެވެ. ގިނަފަހަރު ކާށި ފަޅާލުމަށްފަހު އޭގެ ފެން އުކާލަނީއެވެ. ނަމަވެސް ކާށިފެން އުކާނުލާށެވެ. އެއީ އެކި ގޮތްގޮތުން އިންސާނާގެ ހަށިގަނޑަށް ފައިދާކުރުވާ އެއްޗެކެވެ. ވީމާ ދެންފަހަރަކުން ކާށިފެން އުކާލުމުގެ ބަދަލުގައި އެފެން ނުބައި ކަމުގައިވާނަމަ ފިނިކޮށްގެންނަމަވެސް ބޯލާށެވެ.

ކާށިފެނުން ހަށިގަނޑުގައި ފެން ހުންނަންޖެހޭ މިންވަރު ރަނގަޅުކޮށްދެއެވެ. ހަކުރާއި އެކިއެކި ރަހަތައް އިތުރުކޮށްގެން ބޯ ތަފާތު އެނާޖީ ބުއިންތަކާއި އަޅާކިޔާއިރު، ކާށި ފެނުގައި ކެލޮރީމަދެވެ. ޕޮޓޭސިއަމް، ސޯޑިއަމް އަދި މެގްނީޒިއަމްއަކީ ކާށި ފެނުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑުގައި ފެން އުފެދޭ މިންވަރު އަދި ފެން ހުންނަންޖެހޭ މިންވަރު ކާށިފެނުން ރަނގަޅުކޮށްދެއެވެ.

ގިނަ މީހުންނަށް އެމީހުންގެ ކާނާގައި އެކަށީގެންވާ ވަރަށް ޕޮޓޭސިއަމް މަދުކަމަށް ފާހަގަކުރެވެއެވެ. މި މިނަރަލް އަކީ ކުޑަކަމުދާތަކެތި މެދުވެރިކޮށް ހަށިގަނޑުން އިތުރު ލޮނު ނުވަތަ ސޯޑިއަމް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވީމާ ކާށި ފެނުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކާށިފެނުން ލޭމައްޗަށް ދިއުން ހުންނަ މީހުންގެ ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ. ނަމަވެސް ލޭގެ ޕްރެޝަރަށް ބޭސް ބޭނުންކުރާނަމަ ޕްރެޝަރު މާ ބޮޑަށް ދަށްވެދާނެތީ ކާށި ފެނުން ދުރުހެލިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެއެވެ. މިކަމާ ބެހޭގޮތުން ޑޮކްޓަރާއި މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެހެން މޭވާގެ ޖޫސްތަކުގައި ރަހަމީރުކުރުމަށްޓަކައި އިތުރުކޮށްފައިވާ ހަކުރު ހުރުމުން ކެލޮރީ ގިނައިން ހުރެދާނެ އެވެ. އަނެއްކޮޅުން ކާށި ފެނުގައި ކެލޮރީ މަދުވުމުން ފޮނި ބުއިންތަކަށް ލޯބިކުރާ މީހުންނަށް މިއީ ރަނގަޅު ގޮތެކެވެ. ކާށި ފެނަކީ %94 ފެނެވެ. އެހެންކަމުން ކާށިފެނުގައި ފެޓްސް އަދި ކޮލެސްޓްރޯލެއް ނުހުރެއެވެ.

އެމެރިކާގައި %11 ފިރިހެނުންނާއި %6 އަންހެނުންގެ އުމުރުގައި މަދުވެގެން އެއްފަހަރު ކިޑްނީގައި ހިލަ އުފެދޭ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީޒް އިން ފާހަގަ ކުރެއެވެ. އެކަންކަން ހުއްޓުވުމަށް ހަށިގަނޑަށް ބޭނުންވާ ފެން ބުއިމަކީ މުހިންމު ކަމެކެވެ. ކާށި ފެން ބުއިމަކީ، ބެލެންސް ޑައިޓްގެ ބައެއްގެ އިތުރުން ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކާށި ފެނުން ކުޑަކަމުދާތަކެތީގައި ހުންނަ ޕޮޓޭސިއަމް، ކްލޮރައިޑް އަދި ސައިޓްރޭޓް ނައްތާލުން އިތުރުވެގެންދެއެވެ.

ދުޅަހެޔޮ ހަންގަނޑެއް ލިބުމަށްޓަކައި ކާށިފެން އެހީތެރިވެދެއެވެ. ކާށިފެން ހަންގަނޑުގައި ޖަހާ ބިއްސާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. އަދި ކާށި ފެން ބޭނުންކުރުމަކީ އެންޓިއޮކްސިޑެންޓް ސިސްޓަމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *