ކުށްތަކުން ކުދިން ރައްކާތެރި ކުރުމަށް ގޭތެރޭގެ އުސޫލެއް އޮންނަން ޖެހޭ.

ރާއްޖޭގެ ކަންކަން ހިނގަމުން ދާގޮތުން ބެލެނިވެރިންގެ ޒިންމާތައް ވަރަށް ގިނައެވެ. ތަފާތު ނުބައި ކުށްތަކުގައި ދިވެހި ޒުވާނުން ގެނބެމުންދާއިރު ގޭތެރެއިން ކުއްޖާއަށް ރަނގަޅު އުސޫލުތައް ދަސްވާން ޖެހެއެވެ. ބެލެނިވެރިނާއި އެކުގައި ކުދިން އުޅޭއިރު ދަރިފުޅާ ގުޅޭ ކަމެއްގައި ޚިޔާލުތަފާތުވާ ހިސާބެއް ހުރިހާ އެންމެންނަށް ވެސް ދިމާވެފައިވެއެވެ. ބައެއްފަހަރު ގޭތެރޭގެ ގަވާއިދުތަކަކީ އުނދަގޫ ކަމަކަށް ކުދިންނަށް ވެދެއެވެ. ގިނަ ފަހަރަށް އެކަން ނިމެނީ މައިންބަފައިނާއި ކުދިން ޒުވާބަކާއި ހިސާބަށް ގޮސްގެންނެވެ. ތިރީގައި މިވަނީ ބެލެނިވެރިން އާންމުކޮށް އެއްބަސްވާ އުސޫލުތަކެކެވެ. ދޭތެރެ ދޭތެރެއިން އިސްލާހު ގެނެސްގެން ނަމަވެސް އާއިލާއަށް ގަވާއިދުތަކެއް އޮތުމަކީ ރަނގަޅު ޖީލެއް ތަރުބިއްޔަތުކުރަން އެހީތެރިވެދޭނެ ކަމެކެވެ.

ގޭތެރޭގެ ކަންކަމުގައި ފަހުބަސް ބުނަން ޖެހޭނީ މައިންބަފައިން:

ކުދިން ބޭނުންވާގޮތްވެސް ހާމަކުރެވެން ވާނެއެވެ. އެކުދިންގެ ވިސްނުން ހުންނަގޮތް ފާޅުކުރުމުގެ ހުއްދަވެސް ދޭން ޖެހޭނެއެވެ. އެކުދިން ދައްކާވާހަކަ އަޑުވެސް އަހަންވާނެއެވެ. ނަމަވެސް އެންމެ ފަހު ބަސް ބުނަން ޖެހެނީ ބެލެނިވެރިންނެވެ. އެކުދިން ކުޑައިރު ގަވާއިދުތަކަށް އަމަލުކުރަން ދަސްކޮށްދިނުމަށްޓަކައި ބާރުއަޅަން ވާނެއެވެ. އެހެންކަމުން އެކުދިން ބޮޑެތިވާއިރު ގަވާއިދުތަކަށް އަމަލުކުރާ ބަޔަކަށް ވާނެއެވެ.

ގޭގައި އޯގާތެރިކަމާއި އިޙްތިރާމް ވެއްޓެއް އުފެއްދުން:

އިހުތިރާމަކީ ގުޅުންތައް ވަރުގަދަކޮށް ހިފަހައްޓަން އެންމެ މުހިއްމު ކަމެވެ. ޚާއްސަކޮށް އާއިލާއެއްގެ ތެރޭގައި ގޭގައި އުޅޭ މީހުންގެ ކިބައިން އެހެން މީހުންނަށް އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބުމަކީ މުހިއްމު ކަމެކެވެ. އެއީ ގޭގައި އުޅޭ އެންމެންނަށްވެސް ރައްކާތެރިކަމާއި އަރާމުކަމާއި އޯގާތެރިކަން އިހުސާސް ކުރެވޭނެ ގޮތް ހެދުމަށް އެހީތެރިވެދޭ ކަމެކެވެ.

އެކަކު އަނެކަކަށް އަޑުއެހުން:

އާއިލީ ކޯޅުން ކުޑަކޮށް އާއިލީ މުއާމަލާތް ރަނގަޅު ކުރުމަށް ކުރެވިދާނެ މުހިންމު އެއް ގޮތަކީ އަޑުއެހުމުގެ ހުނަރު ގޭގެ އެންމެންގެވެސް ހުރުމެވެ. އާއިލާގެ މެމްބަރުން އާއިލާގެ އެހެން މެމްބަރުންގެ ވާހަކަ ރަނގަޅަށް އަޑުއަހާނަމަ އެމީހުންނަށް މުހިންމު ކަންތައްތަކުގެ ވާހަކަ ދެއްކުމަށް ހިތްވަރު ލިބެއެވެ. އާއިލާތަކުގައި ހަގީގަތުގައި އަޑުއެހުމާ މެދު ފަރުވާކުޑަ ކުރުމަކީ ކުދިން އެހެން މީހުގެ ގާތުގައި އެވާހަކަ ދެއްކުމަށް މަގުފަހި ވާކަމެކެވެ. އޭރުން ކުދިންގެ އިތުބާރު މައިންބަފައިންނަށްވުރެ ބޮޑަށް އެހެން ބަޔަކަށް ކުރެވޭ ގޮތްވެއެވެ. މިއިން ކުދިން ނުކިޔަމަންތެރިކަން އިސްކުރުން އެކަށީގެންވެއެވެ.

އާއިލީ މަސައްކަތްތަކަށް އެހީތެރިވުން:

އާއިލާއެއްގެ ގޮތުގައި މަސައްކަތްތައް ކުރުމަކީ ކުދިންނަށް އަމިއްލަ ނަފްސާއި ވަށައިގެންވާ ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ އަސާސީ ކަންކަން ދަސްކޮށްދޭ ކަމެކެވެ. އުމުރުން ދުވަސްވީ ވަރަކަށް އެކުދިން ބޮޑެތި މީހުންނަށް ވެެގެން އިތުރު މަސައްކަތްތަކެއް ކުރަން ފަސޭހަ ބިންގަލަކަށްވެސް މިކަންވެއެވެ. މި މަސައްކަތްތަކުގައި މައިންބަފައިން ބައިވެރިވާއިރު، އެއީ އާއިލީ މަސައްކަތެއްކަން އެކުދިންނަށް އެނގެއެވެ. އެންމެން އެހީތެރިވަމުންދާނަމަ ކުދިން ބޮޑުވެގެންވެސް އެހެންމީހުންނަށް އެހީތެރިވުމުގެ ފުރުސަތު ބޮޑުވެއެވެ.

ރައްކާތެރި މާހައުލެއް ގޭގައި އޮތުން:

ގޭގައި ރައްކާތެރިކަމާއެކު ތިބުމުގެ މާނައަކީ އާއިލާގެ މެމްބަރުން އެކަކަށްވެސް އަނިޔާއެއް ނުލިބޭފަދަ ކަންކަން ކުރުމާއި އެކަން ކަށަވަރު ކުރުމެވެ.  އޭގެ ތެރޭގައި ފަރުނީޗަރުތަކުން ފުންމާލުމާއި، އޮންލައިންކޮށް ނޭދެވޭ އެއްޗެއް ބަލާލުމާއި، ނުވަތަ މެޗުތަކާއި، އަނިޔާލިބޭފަދަ ކުޅިވަރު ކުޅެން އުޅުން ފަދަ ކަންކަމާއި ދުރުހެލި ކުރުވަން މަސައްކަތް ކުރަން ވާނެއެވެ.

އެއްބަނޑު އެއްބަފާ ދެބެން ބައެއް ފަހަރު ޖަދަލުކޮށް، އެކަމުގެ ސަބަބުން ތަޅާފޮޅުމާއި، ފައިން ޖެހުމާއި، ނުވަތަ ވިކާލުންފަދަ ކަންކަން ހިނގާނެއެވެ. މިއީ ވެސް ރައްކާތެރި ނޫން ކަމެއް ކަމަށް ކުދިންނަށް އަންގައިދޭން ޖެހޭނެއެވެ. އެހެންކަމުން ގޭތެރޭގެ ގަވާއިދުގައި މިކަން ބަޔާންކޮށް ކުދިންނަށް އަންގައިދޭން ވާނެއެވެ.

ސާފުތާހިރުކަން:

ދުޅަހެޔޮ ގޭބިސީއެއް ބެލެހެއްޓުމަށް އެންމެ ރަނގަޅު އެއް ގޮތަކީ  ސާފުތާހިރުކަން ރަނގަޅަށް ބެލެހެއްޓުމެވެ. ކުއްޖާއާއި އުޅޭމާހައުލު ސާފުތާހިރުކަމަކީ ވެސް ޒާތީ ގުޅުންތަކަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ. ސާފުތާހިރުކަން ބެހެއްޓުމާއި ކުދިން ސާފުކޮށް ބެހެއްޓުމަށް ދަސްކޮށްދިނުމަކީ އެންމެން ކާމިޔާބީއަށާއި އަދި ބަލި ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމެކެވެ.

ތެދުބުނަން ދަސްކޮށްދިނުން:

ދޮގުހެދުމަކީ ނުވަތަ ނަޒާހަތްތެރިކަން ކުޑަވުމަކީ ގޭތެރޭގެ މާހައުލު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމެކެވެ. އޭރުން މުޅި ތަނުގައި ވެސް ކަންބޮޑުވުން އިހުސާސް ކުރެވިދާނެ އެވެ. ތެދު ނުބުނުމަކީ އިތުބާރުގެ މައްސަލަތައް އުފެދި ގުޅުންތަކަށް ގެއްލުން ލިބިދާނެ ކަމެކެވެ. ތެދުވެރިވުމަކީ ކޮންމެ މީހަކަށްވެސް ހުޅުވާލެވިގެން ޚިޔާލު ފާޅުކުރެވޭނެ ގޮތް ހެދުމަށް އެހީތެރިވެދޭ ކަމެކެވެ. މިއިން ގޭތެރޭގައި ސުލްހަވެރި އަދި އިތުބާރުކުރެވޭ މާހައުލެއް އުފެދޭނެއެވެ.

ނިދާގަޑި ހަމަޖެއްސުން:

ނިދާއިރު ދުޅަހެޔޮ ސިއްހަތަށް ފައިދާހުރި އުސޫލެއް ގާއިމް ކުރަން ޖެހެނީ ހަމައެކަނި ކުޑަކުދިންނަކަށް ނޫނެވެ. މިއީ އާއިލާގެ އެންމެންނަށް ވެސް ކަނޑައަޅަންޖެހޭ އުސޫލެކެވެ. އާއިލާގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ނިދާ ގަޑިއެއް ކަނޑައަޅައި، ހަފްތާއަކު ހަތް ދުވަހު އެ ވަގުތުގައި ހިފަހައްޓާށެވެ.

ކަމެއް ގޯސްވެއްޖެނަމަ އެކަން ފޮރުވަން މަސައްކަތް ނުކުރުން:

ހުރިހާ އާއިލާއެއްގައިވެސް ސިއްރުތައް ހުރެދާނެއެވެ. ނަމަވެސް އެންމެ މުހިންމީ ސިއްރުތައް ގެއިން ބޭރަށް ނުނެރި ހިފެހެއްޓުމެވެ. ކަމެއް ގޯސްވެއްޖެނަމަ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް އެކަން ފޮރުވަން ނުވަތަ އެކަމާ ގުޅޭގޮތުން ދޮގު ހަދަން މަސައްކަތް ކުރެއެވެ. މައިންބަފައިން ނުވަތަ ދަރިއެއްގެ ކިބައިން އެއްޗެއް ފޮރުވުމުން ޝައްކު އުފެދިދާނެއެވެ. އާއިލާ ތެރޭގައި އިތުބާރު ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި، ކަންކަން ގޯސްވެއްޖެނަމަ އެކަން ފޮރުވަން މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ވީމާ ތެދަށް ކަންކަން ހިއްސާ ކުރެވޭނެ މާހައުލެއް ކުދިންނަށް ފޯރުކޮށްދޭށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *