ދެމީހުންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ފޯނުން ވާހަކަދައްކަން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރެއެވެ. މިގޮތަށް އުޅޭތާ އެތައް ދުވަހެއް ފަހުން ކުއްލިއަކަށް ފިރިހެން ކުއްޖާ ބުނީ ދެން އިތުރަށް އޭނާ އާއި ނުގުޅުމަށެވެ. ސަބަބާއިމެދު ސުވާލުކުރަން ފުރުޞަތުވެސް ނުދީ ފޯނުކަނޑައިލީއެވެ.
ފޯނު ކަނޑާލުމުން އަންހެން ކުއްޖާ އޭނާގެ ފޯނަށް ގުޅައިގުޅައިވެސް ފޯނު ނުނެގުމުން އަންހެންކުއްޖާ ރޮއިރޮއި ހަލާކުވާވަރުވިއެވެ. ހީކުރެވުނީ ބޭވަފާތެރިވެ ލަނޑުދިނީ ކަމަށެވެ.
އަނެއްދުވަހު އަންހެންކުއްޖާގެ ފޯނަށް ގުޅުމުން ނެގީ އަންހެން ކުއްޖާގެ ދައްތައެވެ. ނަަގާފައި ބުނީ ކޮއްކޮގެ ޙާލު ވަރަށް ސީރިއަސް ކަމަށާއި އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.
ފިރިހެން ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގޮސް އަންހެން ކުއްޖާ އާއި ބައްދަލުކުރިއެވެ. އަދި ކުރީ ދުވަހު ބުނެވުނު ބަހަށް މާފަށްވެސް އެދުނެވެ. އަދި ސަބަބުވެސް ކިޔައިދިނެވެ. އެއީ އެހައިތަނަށް ފޮރުވާފައި އޮތް ބޮޑު ސިއްރެކެވެ. އޭނާއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް ކަމާއި އެހެން ބުނެވުނީ ގަސްތުގައި ނޫންކަމެވެ. ބޭސްކައިގެން ނިދާފައި ހޭލެވުނީ މިއަދު ކަމެވެ. އަދި ހޭލެވުމާއިއެކު ގުޅިކަންވެސް ކިޔައިދިނެވެ.
އެކަކު އަނެކަކަށްވާ ލޯބި އިތުރުވެގެންދިއައެވެ. ލޯބިން އޮޅުލައިވެސް ގަނެވުނެވެ. ނަަމަވެސް އެވަގުތުވެގެންދިއައީ އަންހެންކުއްޖާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދިއަ ވަގުތަށެވެ. ކައިރީގައި ތިބި މީހުން ދެހަށިގަނޑު ދުރުކޮށްލުވުމާއިއެކު ފިރިހެން ކުއްޖާއަށްވެސް ޖެހުނީ ހަމަ އެހާލެވެ. ހިތްހުއްޓި ހަށިގަނޑާއި ފުރާނަ ވަކިވެގެންދިއައީއެވެ.
އަންހެންކުއްޖާގެ މަންމައަށް އެވަގުތު ބުނެލެވުނެވެ. "އަހަރެންގެ ދަރިފުޅު ފޯނުން ވަރަށް ގިނައިން ބުނާއަޑު އިވެއެވެ. ދެމީހުން މަރުވާނީވެސް އެކުގައިދޯއެވެ. ސުވަރުގޭގައިވެސް އުޅޭނީ އެކުގައިދޯއެވެ! ފެނިގެން މިދިއައީ ދެކުދިން އެކުގައި ދުނިޔެއިން ވަކިވިތަނެވެ. ދުޢާއަކީ ސުވަރުގޭގައިވެސް އެކުގައި ލެއްވެވުމެވެ."
- މިއަދު ނޫހުން ނަގާފައި
